އާލާ: ރައީސްގެ ސްކޮލޮޝިޕް ލިބުނު ގުރުއާން ހިތުދަސް ދަރިވަރު

ގުރުއާން ހިތުދަސްކުރުމުގެ އިތުރުން، މަތީ ސާނަވީގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނުމަކީ، އާދައިގެ ކަމެއް ނޫނެވެ. އާލާ އަޒްމަތު ޖަމީލަށް އެ ފަރުހާއި ޝަރަފާއި ހިތްހަމަޖެހުން ވެސް ވަނީ ލިބިފަ އެވެ. އަރަބި މީޑިއަމްގެ އޭ ލެވެލް ކަމަށްވާ ޝަހާދާ ސާނަވިއްޔާގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނި، އާލާއަކީ ރައީސްގެ ސްކޮލޮޝިޕް ލިބުނު ހަތް ދަރިވަރުންގެ ތެރެއިން އެއް ދަރިވަރެވެ.


އާލާ، 18، ބުނީ ޝަހާދާ ސާނަވިއްޔާއިން މަތީ ނަތީޖާއެއް ހޯދަން ބުރަ މަސައްކަތެއް ކުރި ކަމަށެވެ. ޓާގެޓް ކުރީ ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ކިޔެވޭ ގޮތަށް ލިބޭ ރައީސްގެ ސްކޮލަޝިޕަށެވެ. އެކަމަކު އެހާ ބޮޑު އުއްމީދެއް އޭރު ނެތެވެ.

ގުރުއާން ހިތުދަސްކުރީ ފަސް އަހަރުގެ ތެރޭގައި

އެހެން ދަރިވަރުންނާ އާލާ ތަފާތަކީ ގުރުއާން ހިތުދަސްކުރުމެވެ. އެކަން އޭނާ ކުރީ ފަސް އަހަރުގެ ތެރޭގަ އެވެ. ގުރުއާން ކިޔެވުމުގެ ބިންގާ އާލާ އެޅީ ފަލާހު ގުރުއާން ކްލާހުންނެވެ. އޭގެ ފަހުން 2010 ގައި ގުރުއާނާ ބެހޭ މަރުކަޒުގެ ކްލާހުގައި ބައިވެރިވި އެވެ. އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި 500 ހާފިޒުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ހިމެނިގެން ފަސް އަހަރުގެ ތެރޭގައި އޭނާ ވަނީ ގުރުއާން ހިތުދަސްކޮށްފަ އެވެ.

"ބައެއް ފަހަރު ފަތިސް ގަޑީގައި ވެސް ކިޔަވަން. އެކަމަކު އެ ގަޑީގައި ކިޔެވުމަކީ ގަވައިދުން ކުރެވުނު ކަމެއް ނޫން. ގުރުއާން ކްލާހުގައި އިންނަ ގަޑީގައި ހަމަ ސީދާ އެކަމަށް އަމާޒުކޮށްގެން މަސައްކަތްކުރީ،" އާލާ ބުންޏެވެ.

ފަސް އަހަރުގެ ތެރޭގައި ގުރުއާން ހިތުދަސްކުރުމަށް ފަހު، ގުރުއާން މުރާޖައާކުރުމަށް އެއް އަހަރު ނެގި އެވެ. ހިފްޒު ކޮމިޓީގައި އެއްވެސް ކުށަކާ ނުލައި ގުރުއާން ހިތުން ކިޔައިދީ ނިންމީ 2016 ގަ އެވެ.

އަބަދުވެސް މޮޅު ދަރިވަރެއް

އާލާ ޕްރީ ސްކޫލް ފުރިހަމަކުރީ މާފަންނު މަދަރުސާގަ އެވެ. އޭގެ ފަހުން ގްރޭޑް 1-12 އަށް އަރަބިއްޔާ ސްކޫލުން ކިޔެވި ދަރިވަރު ބުނީ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކިޔަވައިދޭ އެއްޗެއް ކަވަރުކުރުމަށް ކަމަށެވެ. މިސާލަކަށް ޓެސްޓަށް ދާއިރު، އެ އެއްޗެއް އެހާ ރަނގަޅަށް ދަސްނުވެ އޮތަސް އެ ފިލާވަޅެއް ކިޔާފައި އޮވެއްޖެ ނަމަ ނަގައިގަނެވޭނެ ކަމަށް އޭނާ ބުންޏެވެ. ދެން ރަނގަޅަށް ނަގައިނުގަނެވޭ އެއްޗެހި ދަސްކުރަމުން އައީ އިތުރު އެހީ ބޭނުންކޮށްގެންނެވެ.

އަރަބި މީޑިއަމްގެ އޯ ލެވެލް ނުވަތަ ޝަހާދާ އިއުދާދީ އަރަބިއްޔާގައި ހަދަނީ ގްރޭޑް 9 ގަ އެވެ. ސާނަވީ ފަށަނީ ގްރޭޑު 10 އިންނެވެ. އެހެންވެ 10 ގައި އިތުރު އިމްތިހާނެއް ނޯވެ އެވެ. އެކަމަކު ރާއްޖޭގައި އާންމުކޮށް ހަދާ އޯ ލެވެލްގެ އިނގިރޭސި އާއި ދިވެއްސާއި އެސްއެސްސީ އަރަބި އަދި ކެމްބްރިޖް އަރަބި ފަސްޓް ލެންގުއޭޖުގައި އާލަ ބައިވެރިވި އެވެ. އޭގެ ތެރެއިން އިނގިރޭސި އާއި ދިވެހިން އޭ ސްޓާ، އެސްއެސްސީ އަރަބިން އޭ އަދި ފަސްޓް ލެންގުއޭޖް އަރަބިން ސީއެއް ހޯދި އެވެ. އެކަމަކު ޖުމްލަ އަށް މާއްދާގައި ބައިވެރިނުވާތީ ގައުމީ ގަދަ ދިހެއްގައި ނުހިމެނެ އެވެ.

ގްރޭޑު 10 ގައި އާލާ 18 ވަރަކަށް މާއްދާ ކިޔެވި އެވެ. އެކަމަކު އެއް އަހަރު ކިޔަވާ މާއްދާތައް ވެސް ހުރުމުން ކޮންމެ އަހަރަކު ވެސް މާއްދާތަކުގެ އަދަދުތައް ބަދަލުވެ އެވެ.

ޝަހާދާ ސާނަވިއްޔާގައި 15 މާއްދާ ކިޔެވި އެވެ.

އިންޓަ ސްކޫލު ގުރުއާން މުބާރާތާއި ވާހަކަދެއްކުމުގެ ގައުމީ މުބާރާތްތަކުގައި ބައިވެރިވެ އެކި ވަނަތައް ވެސް އާލާ ވަނީ ހޯދައިފަ އެވެ. އޭނާ ބުނި ގޮތުގައި ވަކި ޕްލޭނެއް ނެތި ކިޔަވާ ނަމަ އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ދިއުމުގެ ފުރުސަތު އޮވެ އެވެ.

"ޕްލޭން ކޮށްގެން ކިޔެވުން ވަރަށް މުހިއްމު،" ސްކޫލުގެ ސީނިއަ ޕްރިފެކްޓް ކަމާއި މިދިޔަ އަހަރު ހައުސް ކެޕްޓަންކަން އަދާކުރި ދަރިވަރު ބުންޏެވެ.

މިހާރު އޭނާ އަންނަނީ ގައުމީ ޔުނިވާސިޓީން ސައިކޮލޮޖީގެ ޑިގްރީއަށް ކިޔަވަމުންނެވެ. ރައީސްގެ ސްކޮލަޝިޕްގައި ކިޔަވަން ދާނެ ޔުނިވާސިޓީއެއް އަދި ކަނޑައެއްނާޅަ އެވެ. އޭނާ ބޭނުންވަނީ ސައިކޮލޮޖީ، އިސްލާމީ ނަޒަރިއްޔާތަކުން ކުރިއަށްދާށެވެ. އެހެންވެ ކޮވިޑް-19 ގެ ހާލަތަށް ފަހު ރާއްޖެއިން ބޭރަށް ގޮސް، އެ ދާއިރާއިން އޭނާ ކިޔަވާނެ އެވެ.