ނަޝީދުގެ "ދެ ރަދުން": އިލްމީ އެތައް ދާއިރާއަކާ ގުޅޭ ފޮތެއް

މާޒީވެ ދިޔަ ދުވަސްތަކާއި ޒަމާންތަކުގެ މައްޗަށް ނަޒަރު ހިންގައި ފިކުރު ކުޅައުމަކީ ބައެއް ބުއްދިވެރީން މުސްތަގުބަލުގެ މައްޗަށް އިބުރަތެއް ހޯދަން ކޮށްއުޅޭ ކަމެކެވެ. ޝައްކެއްވެސް ނެތެވެ! ތާރީޚަކީ މުނިއަވަސް ފިލުވާން އެދުނު ކަތަކަށް އެހާމެ މުނިއަވަސް ފިލަނިވި، އިބުރަތެއް ހޯދާން އުޅެފި ކަތަކަށް އެހާމެ އިބުރަތެއް ލިއްބައިދެނިވި އެއްޗެކެވެ. ވީމާ، އަޅުގަނޑުގެ ނަޒަރުގައި ތާރީޚާ ގުޅޭ ކޮންމެ ފޮތަކީ ވެސް އިބުރަތާއި ހިކުމަތުން ފުރިފައިވާ ގުޅިއެކެވެ.


އާދެ! ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވާ "ދެ ރަދުން" ފޮތް އަޅުގަނޑު ކިޔައިފީމެވެ. މި ފޮތަކީ ރާއްޖޭގެ ތާރީޚުން ފާހަގަކުރެވޭ ވަރަށް މުހިންމު ދުވަސްވަރެއްގެ މައްޗަށް ލިޔުއްވާފައިވާ ތަންގީހީ ފޮތެއްކަމުގައި އަޅުގަނޑު ދެކެމެވެ. މައިގަނޑު ގޮތެއްގައި މި ފޮތުގައި އަލިއަޅުއްވާލައްވާފައިވަނީ މީލާދުން 1800ގެ އަހަރުތަކުގައި ރާއްޖޭގެ ދާހިލީ ސިޔާސަތުތައް އެނބުރެމުން ދިޔަ ގޮތާއި އެކަމަށް މެދުވެރި ކުރުވި ސަބަބުތަކާއި އެކަންކަމުގެ ސަބަބުން ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިރާއްޖޭގެ ސަރުކާރާ އުފެދިގެން ދިޔަ ގުޅުންތަކުގެ މައްޗަށެވެ.

"ދެރަދުން" ފޮތް ލިޔުއްވި ރައީސް ނަޝީދު.

އާދެ! "ދެ ރަދުން" ފޮތަކީ އިލްމީ އެތައް ދާއިރާތަކަކާ ގުޅިފައިވާ ފޮތެކެވެ. ޕޮލިޓިކަލް ސައިންސާއި އިންޓަނޭޝަނަލް ރިލޭޝަންސް، އިކޮނޮމިކްސް އަދި ސޯޝިއޮލޮޖީ ފަދަ ދާއިރާތަކުން ކުރިޔަށްދާން އެދޭ ކޮންމެ މީހަކަށްމެ އެމީހެއްގެ ދާއިރާއާ ގުޅޭ ގޮތުން ދިރާސާކުރުމަށް ހެޔޮ މަންޒަރެއް ދައްކުވައިދޭނެ އަދި އެތައް މައުލޫމާތެއް ލިއްބައިދޭނެ ފޮތެއްކަމުގައި އަޅުގަނޑު ދެކެމެވެ. ފަހަރުގައި މިހެން ދެންނެވުމުން ބައެއް ބޭފުޅުން މާލާމާތް ވެސް ކުރައްވަފާނެ އެވެ. ދުނިޔޭގެ މަލާމާތެއް، ފުރައްސާރައެއް ނުލިބި އުޅެވިދާނެ ކަމަށް ދުށުމަކީ ހޭޖެހޭ އެކަކު ވެސް ދެކޭނޭ ގޮތެއް ނޫނެވެ.

މޫނަކަށް ކަނދުރާއަކަށް ނުބަލައި މި ފޮތަށް ނަޒަރު ހިންގާއިރު، ލިޔުންތެރިޔާ ދިވެހި ދަރިކޮޅުތަކުގެ ވާހަކަ ދައްކަވާއިރު ކުށް ހުރިކަން ފާހަގަކުރެވެ އެވެ. އަޅުގަނޑަކީ ދަރިކޮޅުތަކުގެ އިލްމަށް ޝައުޤުވެރިކަން ހުންނަ މީހަކަށް ވާތީ އެކަން ސަމާލުކަމަށް އައީ އެވެ. މިސާލަކަށް ފޮތުގެ 53 ވަނަ ސަފުހާގައި ވަނީ "ކޮރުބަންޑާރައިންގެ މަންމާފުޅަކީ ފަސްމަންދޫ ހަކުރާތަކުރުފާނުގެ ބޭފުޅެކެވެ. ފަސްމަންދޫ ހަކުރާތަކުރުފާނުގެ އެއް ކައިވެނިފުޅަކީ ބޮޑުހަނދޭގިރިތަކުރުފާނުގެ އަތިރީކަމަނާފާނާ ކުރެވުނު ކައިވެނިފުޅެވެ. އިބްރާހިމް ރަސްގެފާނާއި ކޮރުބަންޑާރައިންނާއި ބޮޑު ހަނދޭގިރިތަކުރުފާނަކީ ތިން ބޭންނެވެ. ކަޅުބަންޑާރައިންގެ އަނބިކަނބަލުން ދޮންބީނާގޭ އައިމިނަތުދީދީގެ ބައްޕައަކީ ފަސްމަންދޫ ހަކުރާތަކުރުފާނަށް މުނިކާފަ ވިދާޅުވާ ފަސްމަންދޫ އަލީ ދޮށިމޭނާމަނިކުފާނެވެ. މާންދޫގޭދީދީގެ ކާފާފުޅަކީ ދޮންބީނާގޭ އައިމިނާދީދިއާ އެއްބަފާ ޚަތީބު މުޙައްމަދުމަނިކުފާނެވެ."

މި ޕެރެގްރާފުގައި ވަރަށް މައްސަލަ އެބަ އުޅެ އެވެ. ކޮރުބަންޑާރައިންގެ މަންމާފުޅަކީ ފަސްމަންދޫ ހަކުރާތަކުރުފާނުގެ "އަތިރީކަމަނާގެ" ބޭފުޅެކެވެ. ދެން އޮތް ޖުމްލައިގެ ރަނގަޅު ގޮތަކީ، ނޮޅިވަރަމް ބޮޑު ހަނދޭގިރިތަކުރުފާނަކީ އިބްރާހިމް ރަސްގެފާނާއި ކޮރުބަންޑާރައިންގެ ބޮޑުބޭބޭފުޅުކަމުގައި ބަޔާންކުރުމެވެ. މިއީ ތިން ބޭން ކަމުގައެއް ނުވެ އެވެ. ދެން އޭގެ ފަހުން އޮތް "ދޮންބީނާގޭ އައިމިނަތުދީދީގެ ބައްޕައަކީ ފަސްމަންދޫ ހަކުރާތަކުރުފާނަށް މުނިކާފަ ވިދާޅުވާ ފަސްމަންދޫ އަލީ ދޮށިމޭނާމަނިކުފާނު" ކަމުގައި ބަޔާންކުރައްވާފައިވާއިރު، ފަސްމަންދޫ ހަކުރާތަކުރުފާނަކީ މި އަލީ ދޮށިމޭނާމަނިކުފާނުގެ ކާފަ އެވެ. މުނިކާފައެއް ނޫނެވެ. އަދި މާންދޫގޭ ދީދީގެ ކާފަކަމުގައި އެ ވިދާޅުވާ ޚަތީބު މުހައްމަދު މަނިކުފާނާއި ދޮންބީނާގޭ އައިމިނާދީދިއާ އެއްބަފާ ކަމެއް އެނގޭކަށް ނެތެވެ.

އެނގެން އޮތް އެންމެ ގާތް ގޮތަކީ މި ޚަތީބު މުޙައްމަދުމަނިކުފާނުގެ މަންމަ ކަމުގައިވާ، ފަނޑިޔާރު ޢައިޝާމަނިކުފާނު، ހޮޅި އާއިލާގެ ދެބޭންނާ ކައިވެނިބައްލަވައިގަތް ކަމެވެ. މި ފަނޑިޔާރު އައިޝާމަނިކުފާނު، ހޮޅި މުޙައްމަދު ވެލާނާތަކުރުފާނާ ފުރަތަމަ ކައިވެނިބައްލައިގަނެގެން އުޅުއްވަނިކޮށް، 1752 ގައި، ހޮޅިން އައިސް، ކޮރުބަންޑާރައިންނާ އެކު އެ ތަކުރުފާނު ކަންނަންނޫރަށް ގެންދިޔައީ އެވެ. އޭގެ ފަހުން އެތަނުގައި އަވަހާރަވީ އެވެ. ދެން މީގެ ފަހުން، އެ ތަކުރުފާނުގެ ހުވަފަތް އަނބިކަބަލުން ކަމުގައިވާ، މި ފަނޑިޔާރު ޢައިޝާމަނިކުފާނު ކައިވެނިބައްލަވައިގަތީ ގެއްލުނު ފިރިކަލުންގެ އެއްބަނޑުއެއްބަފާ އަޚުކަމުގައިވާ ކުޑަ ހަކުރާ އަލިމަނިކުފާނާ އެވެ. މި ކުޑަ އަލިމަނިކުފާނާއި ދޮންބީނާގޭ އައިމިނާދީދީގެ ބައްޕަކަމުގައިވާ ފަސްމަންދޫ އަލީ ދޮށިމޭނާމަނިކުފާނާ ދެބޭންގެ ދެދަރި އެވެ. މި ދެ އަލީ ވެސް އަވަހާރަވީ، ގިޔާސުއްދީން ރަދުންނާ އެކު ހައްޖަށް ވަޑައިގެން އުޅުއްވަނިކޮށް 1773 ގަ އެވެ.

އިސްވެ ނަންގަނެވުނު ކުށްތަކުގެ ސަބަބުން، ލިޔުންތެރިޔާގެ މައިގަނޑު ބަހުސް ކަމަށްވާ، މާންދޫގޭ ދީދީއަކީ ފަސްމަންދޫ އާއިލާއާ ގުޅިފައިވާ ބޭފުޅެއްކަން، މި މައިގަނޑު ޕޮއިންޓަކަށް ޝުބުހާއެއް ނާދެ އެވެ. އަސްލު ރަނގަޅެވެ. ފަރްއުގައި މައްސަލަ އުޅެނީ އެވެ. އަދި، އިސްވެ ދެންނެވުނު ދާއިރާތަކާއި މި ފޮތާ ގުޅޭ ކަމަށް އަޅުގަނޑުގެ ކޮށި ބުއްދިގަނޑަށް ވިސްނުނީ ކީއްވެކަމާ މެދު ވެސް ހުލާސާ ނަޒަރަކުން ދަންނަވާނަމެވެ.

މި ފޮތުގައި އެ ދުވަސްވަރުގެ އިމްޕޯޓް އެކްސްޕޯޓު އޮތް ގޮތާއި އޭގެ އަގުތަކާ އަދި މުޅި ދިވެހި އިގްތިސާދަށް އަންނަމުން ދިޔަ ބަދަލުތަކުގެ ވާހަކަތައް ފެންނާން އެބަ ހުއްޓެވެ. ވެރިކަމުގެ ދާއިރާގައި އަތިރީގެ އާއި ކަކާގެޔާ ދެމެދު އުފެދުނު އަދާވާތްތެރިކަމާއި އެކަމުގެ ސަބަބުން މި ދެ އާއިލާއިން ވެރިކަމަށް ފޫގަޅައިގެން ތިއްބެވި ބޭބޭފުޅުން ނެރުއްވުމުން ގެންދެވި ސިޔާސީ ހިކުމަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވައިފައިވެ އެވެ. އަދި މި ދެންނެވި ބޭބޭފުޅުން އެބޭފުޅުންގެ ކޮޅު، މޮޅު ކުރެއްވުމަށްޓަކައި އެދުވަސްވަރު މި ސަރަޙައްދުގައި އޮތް ބޭރު ގައުމުތަކާ ބަދަހިކުރައްވަމުން ގެންދެވި ގުޅުންތަކުގެ މައްޗަށް ނަޒަރު ހިންގާފައިވެ އެވެ.

އަޅުގަނޑުމެންގެ މި ރާއްޖޭގައި އެކިއެކި އިލްމީ މައުލޫތަކުގެ މައްޗަށް އިންތިގާދީ ވިސްނުމަކުން ވިސްނާ ދިރާސާތައް ހެދިފައި ހުރިލެއް ވަރަށް މަދެވެ. "ދެ ރަދުން" މި ފޮތަކީ ރާއްޖޭގެ ތާރީހުގެ ވަރަށް މުހިންމު ދުވަސްވަރެއްގެ މައްޗަށް މި ދެންނެވި ފަދަ ވިސްނުމުގެ ނަޒަރަކުން ހައްދަވާފައިވާ މުހިންމު ދިރާސާއެކެވެ. ޝައްކެއްވެސް ނެތެވެ! ތާރީޚުގެ ކޮންމެ ހާދިސާއަކީ އެކި ނަޒަރުތަކުން ވިސްނާ ރަޢުޔު ނެރެވޭނެ ހާދިސާތަކެކެވެ. ކަމުގެ އެންމެ އަސްލާ އެއްގޮތް ބޮޑު މަންޒަރެއް ފެނިގެންދާނީ ވެސް ހުރިހާ ދިމާލަކުން ވިސްނާ ނަޒަރު ހިންގާ އޭގެ މައްޗަށް ބަހުސުތައް ކުރެވިގެންނެވެ.

އަލާ ދީދީ: އޭނާ އަންނަނީ އެވޭލާ އަދި މި ޒަމާނުގެ ތާރީހާއި ސަގާފަތް ދިރާސާކުރަމުން.

ރައީސް ނަޝީދު ލިޔުއްވާފައިވާ "ދެ ރަދުން" މި ފޮތަކީ އަޅުގަނޑު މި ދެންނެވި ފަދަ އިލްމީ މައުލޫތަކުގެ މައްޗަށް އިންތިގާދީ ދިރާސާތައް ކުރުމަށް މިއަދުގެ ލިޔުންތެރިންނާއި ލިޔުންތެރިކަމުގެ ޝައުގުހުރި ކުދިންނަށް ހިތްވަރެއް ލިބޭނެ އަދި މަގު ދައްކައިދޭނެ ފޮތެކެވެ. ކޮންމެ އަހަރަކުމެ، ދިވެހި އެތައް ދަރިވަރުންނެއް ބޭރުގެ ޔުނިވާސިޓާތަކުންނާއި ދިވެހި ރާއްޖޭގެ ކޮލެޖުތަކުން ދަސްވެނިވެގެން އެކުދިންގެ ހިދުމަތުގެ ދައުރުގެ ތެރެއަށް ވަދެ އެވެ. ޕޮލިޓިކަލް ސައިންސާއި އިންޓަނޭޝަނަލް ރިލޭޝަންސް، އިކޮނޮމިކްސް އަދި ސޯޝިއޮލޮޖީ ފަދަ އެތައް ދާއިރާއެއްގެ ދަސްވެނިންނެވެ. ކޮންމެ ކުއްޖަކު ވެސް އެ ކުއްޖަކު ކިޔެވި ދާއިރާއިން ދިވެހިރާއްޖެއާ ގުޅޭ ގޮތުން އިލްމީ ދިރާސާތައްކޮށް ޝާޢިއުކުރެވޭ ނަމަ ދިވެހި ތާރީހާއި ސަގާފަތު އަދި ދިވެހި އެކި ގުޅުންތަކުގެ މައްޗަށް އާ ވިސްނުންތަކާއި ނަޒަރިއްޔާތުތައް ގެނެވޭނެ އެވެ. އަދި ދިވެހި ފޮތްތެރިކަމަށް އޮތް ލޯބި އިތުރުކުރެވޭނެ އެވެ. ފަޅުވެފައިވާ ދިވެހި ފޮތްހަރުގަނޑުތަކަށް އާ ދިރުމެއް ލިބިގެންދާނެ އެވެ. އެއީ މިއަދުގެ ޖީލު ކުރަން ޖެހިފައިވާ ގައުމީ މުހިންމު މަސައްކަތެއް ކަމާ މެދު ކުޑަ ވެސް ޝައްކެއް ނެތެވެ.

އެޑިޓަރުގެ ނޯޓް:

މ. ރީހުއްސަބާ، އަހުމަދު އަލާ ދީދީ އަކީ މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުގެ ރިސާޗް އެނަލިސްޓެކެވެ. އޭނާ އަންނަނީ ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތް އަދި ނަސަބުނާމާ ދިރާސާކުރައްވަމުންނެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ފުރަތަމަ ޑިގްރީ ކޯސްތަކުގައި ދިވެހި ތާރީހު ވެސް ކިޔަވައިދެއްވައިފަ އެވެ.

އަޙުމަދު އަލާ ދީދީ