ރިޕޯޓް

ކެންސަރު ހުރި ކުޑަ ދަރިފުޅާ މެދު ބައްޕައެއްގެ ޝުކުރުވެރި ހިތް

އައްކި ހޮސްޕިޓަލުގައި ހޭދަކުރި ދުވަސްތަކުގެ ފޮޓޯތަކަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ކުރެހުމެއް، އޭނާގެ ބައްޕަ ލިޔުނު ޅެމަކާ އެކު ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް އިން ޝާއިއުކުރި ފޮތަކުން ނަގާފައި. ކުރެހުން: މަރިޔަމް ރަފްހާ އަބްދުﷲ

ޑޮކްޓަރު ކެންސަރުގެ ނަންގަތް އިރަށް ހަސަން ފާއިޒަށް ބުނެވުނީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އައްކި އަށް ކެންސަރެއް ނުޖެހޭނެއޭ އެވެ. ދަރިފުޅު ބަލި ނުވިޔަސް ގަވާއިދުން ޑޮކްޓަރަށް ދައްކަމުން ގެންދިޔަ ފަރުވާތެރި ދެމަފިރިއަކަށް އެފަދަ ޚަބަރެއް ލިބިދާނެ ކަމަށް ފާއިޒަށް ވިސްނިފައި ނެތީ އެވެ. ކުޑަކުއްޖަކަށް ކެންސަރު ޖެހިދާނެކަން ވެސް ޚިޔާލަށް ގެނެވިފައި ނެތީ އެވެ. އެކަމަކު ފިރިހެން ދަރިފުޅުގެ ދެވަނަ އުފަން ދުވަހާ އެކުއެކީގައި އައި ގަދަ ހުމުގެ ހަގީގަތް ހޯދުމުގެ ދަތުރުގައި މީގެ ދެ އަހަރު ކުރިން ފާއިޒަށް މަޖުބޫރުވީ އައްކި އަށް ނިއުރޯބްލާސްޓޯމާ ޖެހި ސްޓޭޖު ހަތަރަކަށް ގޮސްފައި ހުރިކަން ގަބޫލުކުރާށެވެ.

އައްކި، 4، މިހާރު ހުރީ ދެވަނަ ފަހަރަށް ކެންސަރުން މިންޖުވެފަ އެވެ. އެ ހިސާބަށް އޭނާ ގެންނަން 35 ފަހަރު ހޭނައްތައި 12 އޮޕަރޭޝަންކޮށް ތަކުރާރުކޮށް ކީމޯތެރަޕީ އާއި ރޭޑިއޭޝަން ދިނުމުގެ ވޭން ކުޑަކުޑަ ދަރިފުޅު ތަހައްމަލްކުރި ގޮތް ފާއިޒަށް ކިޔައިދެވެނީ ނުހަނު އުނދަގުލާއި ގަދަ ހިތްވަރުންނެވެ. އެކަމަކު އައްކި އަށް ކެންސަރު ޖެހުނީތީ އޭނާގެ ޝަކުވާއެއް ނެތެވެ. ހިތް އޮތީ ދަރިފުޅާ އެކު ހޭދަކުރެވޭ ވަގުތުތަކާ މެދު ޝުކުރުން ފުރިފަ އެވެ.

އައްކިގެ ކެންސަރު އަނބުރާ އަތުވެދާނެތީ ކިތަންމެ ބިރު ހީވިޔަސް ފާއިޒަށް އިހުސާސްކުރެވެނީ އޭނާއަކީ ނަސީބުވެރިއެއް ކަމެވެ. ދަރިއަކު ނުލިބިގެން ފަސް އަހަރު ވަންދެން ކުރި މަސައްކަތުން އައްކި ލިބުނުކަން ވެސް އޭނާ އަށް ފުދެ އެވެ.

"އައްކި އަހަރެމެންނަށް މަންމާއޭ، ބައްޕާއޭ ކިޔާ ގޮވާލި. އަހަރެމެންނާ އެކު ސަކަރާތް ޖަހައި، ކައި، ދަތުރު ގޮސް، ޕޫލަށް ގޮސް، ފޮތް ކިޔާ، ނަމާދުކޮށް، ބައިވަރު ކަންތައްތައް ކޮށްފި. ޑައިގްނޯޒްކުރުމުގެ ކުރިންނާއި ފަހުން ވެސް ވަރަށް އުފާވެރި ހަނދާންތަކެއް ލިބިއްޖެ. އެހެންވީމާ ހަމަ އަލްހަމްދުލިއްލާހި،" ފާއިޒު ބުންޏެވެ.

އެކަމަކު ހަނދާނުން ނުފޮހެވޭނެހާ ހިތްދަތި ތަޖުރިބާތަކެއް ވެސް އައްކިއާ އެކު ފާއިޒުގެ ދެމަފިރިން ކޮށްފި އެވެ. ބަލި ދެނެގަތުމާއި ފަރުވާ ހޯދުމުގެ ދަތުރުގައި ޅަ ދަރިފުޅަށް ޖައްސަން ޖެހުނު ހާލުން ކުރި އަސަރު ފާއިޒަށް ރަނގަޅަކަށް ބަޔާންކޮށެއް ވެސް ނުދެވެ އެވެ.

"މަޑުން ނޯންނާތީ އައްކި ހިފަހައްޓަން އައްކިގެ ގައި މައްޗަށް ވެއްޓިގެން އަހަރެން އޮންނަން. ދެ ނަރުހުން ތިބޭނެ ދެ އަތުގައި ހިފަހައްޓައިގެން، އަނެއް ނަރުސް އުނަގަނޑުގައި ހިފަހައްޓައިގެން، އައްކިގެ މަންމަ ހުންނާނެ ފައި ތިލައިގައި ހިފަހައްޓައިގެން. އެ ވަރު ކަމެއް ދަރިފުޅަށް ޖައްސަން ގަދަކަމުން އޭނާ ހިފަހައްޓައިގެން ހުންނަ އިރު ބައްޕައެއްގެ ހިތަށް... މައިންބަފައިންގެ ހިތަށް ...،" އަރު ބެދި ވާހަކަ ކުރިއަށް ނުގެންދެވިގެން ފާއިޒު ހުއްޓާލި އެވެ.

އެންމެ ހިތްދަތި މަންޒަރު: ހޭނެއްތުން

އެހެން ކުދިންނާ އޭނާ ތަފާތުކަން އައްކި އަމިއްލަ އަށް ވެސް ދަނެ އެވެ. ޑޮކްޓަރު ބުނާ ބަސް އަހަން ޖެހޭނެ ކަމާއި ބޭނުން އިރަކު ކޮންމެކޮންމެ އެއްޗެއް ނުކެވިދާނެކަން ގަބޫލުކުރެ އެވެ. އެކަމަކު ހޮސްޕިޓަލުގައި ހޭދަކުރި ދުވަސްތަކުގެ ވާހަކައެއް އައްކި ނުދައްކަ އެވެ. އޭނާގެ ބޮލާއި ބުމައިގެ އިސްތަށިތައް ފައިބާފައި ހުންނަ ފޮޓޯތައް ބަލާކަށް ބޭނުމެއް ނުވެ އެވެ.

"އެކަމާ ބެހޭ ގޮތުން ވާހަކަދައްކައިފިއްޔާ އައްކި އަނގަޔަކުން ވެސް ނުބުނާނެ. ވާހަކަ ބަދަލުކޮށްލާނީ. އެއީ އެ ވާހަކަ ދައްކަން ބޭނުން ނުވާތީ،" ފާއިޒު ބުންޏެވެ.

އައްކި ކެންސަރުން ސަލާމަތްކުރުމުގައި ފާއިޒުގެ ދެމަފިރިން އެތައް ގުރުބާނީއެއް ވެއްޖެ އެވެ. ރާއްޖެ އިން ބޭރުގައި ދިގު މުއްދަތެއް ހޭދަކޮށް މާލީ، ޖިސްމާނީ އަދި ނަފްސާނީ އެތައް ބުރައެއް އުފުލައިފި އެވެ. ދަރިފުޅު ތަހައްމަލްކުރި އުނދަގުލާއި ވޭން ބަލަން ކެތްކޮށްފި އެވެ.

"އައްކި ބައެއް ދުވަސް ދުވަހު ރޮމުން ގޮސް ހިނދިގެން އަޑު ވެސް ނާންނާނެ. ތިއޭޓަރަށް ގެންދާ އިރު ވެސް 'ނޯ، ނޯ' އޭ ކިޔާފައި ރޯނެ. އަދިވެސް މި ނިމުނީއެއް ނޫން. ބްލަޑް ޓެސްޓް ހަދަން ކަށި ކޮއްޕާ ކޮންމެ ދުވަހަކު ހަމަ އެ ވަރަށް ރޮއޭ،" ފާއިޒު ބުންޏެވެ.

އައްކި ހޮސްޕިޓަލުގައި އޮތް މަންޒަރެއް ސިފަކޮށްދޭ ކުރެހުމެއް، އޭނާގެ ބައްޕަ ލިޔުނު ޅެމަކާ އެކު ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް އިން ޝާއިއުކުރި ފޮތަކުން ނަގާފައި. ކުރެހުން: މަރިޔަމް ރަފްހާ އަބްދުﷲ

ހިތަށް އެންމެ ތަދުވި ކަމަކީ، ފާއިޒު ބުނިގޮތުގައި، އައްކި ހޭނެއްތުމެވެ. ކުރި އޮޕަރޭޝަންތަކަށް ވުރެ އެ ކަމާ މެދު އޭނާ މާ ކަންބޮޑުވި އެވެ. ދެން އިތުރަށް ހޭނައްތައިފި ނަމަ އެކަމަށް ހޭނި، ދުވަހަކު ވެސް ހޭ ނުނެއްތޭ ފަދަ ހާލަތަކަށް އައްކި ހިނގައިދާނެ ކަމަށް ޑޮކްޓަރަށް ފެންނަންދެން ތަކުރާރުކޮށް ހޭނެއްތި އެވެ. އޮޕަރޭޝަންގެ އިތުރުން ޓެސްޓުތައް ހެދުމަށާއި ރޭޑިއޭޝަން ދިނުމަށެވެ.

"ޑޮކްޓަރުން ފެންނަ ހިސާބުން ފެށިގެން އައްކި ރޯނީ. މާސްކު އެޅުވީމަ އޮންނާނީ ނޭވާ ހިފަހައްޓާލައިގެން. އެއީ އައްކި އަށް އެނގޭ ނޭވާލީމަކަން ހޭނެތެނީ. ހޭނެތިގެންދާ އިރު ލޯ ބޮޑުވެލާފައި އެ ވާ ގޮތް އެއީ ހަމަ ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވޭ ކަމެއް،" ފާއިޒު ބުންޏެވެ.

"ކޮންމެ ފަހަރަކު ގަދަކަމުން ގެންދަނީ ވެސް، މާސްކު އަޅުވަނީ ވެސް، ގެ އަށް އަންނަނީ ވެސް ރޮއެރޮއެ އޮއްވާ."

ފަސް އަހަރު ނުވާތީ އައްކި އަދި "ކެންސަ ސަވައިވާ"އަކަށް ނުވެ އެވެ. އެކަމަކު މި ވާހަކަ ކިޔައިދޭން ފާއިޒު ބޭނުންވީ ކެންސަރު ބަލީގެ ކުދިން ތިބި އެހެން އާއިލާތައް އުޅެނީ އެކަނި ނޫން ކަމާއި އެ މީހުންނެކޭ އެއްފަދަ ތަޖުރިބާތައް ކުރާ އެހެން މައިންބަފައިން ވެސް އުޅޭކަން އަންގައިދީ ހިތްވަރެއް ދިނުމުގެ އުއްމީދުގަ އެވެ.

އިމްތިހާނެއް

އައްކިގެ ގަދަ ހުމާއި ލޭގެ ވަރުގަދަ އިންފެކްޝަންގެ ސަބަބު ރާއްޖެ އިން ދެނެނުގަނެވި ސްރީ ލަންކާ އަށް ދިޔުމުން ތަކުރާރުކޮށް ހެދި ސްކޭންތަކަކަށް ފަހު އެނގުނީ އޭނާގެ ހިތާއި ކިޑްނީއާ ވަރަށް ކައިރީގައި 70 މިލިމީޓަރުގެ ޓިއުމަރެއް އިން ކަމެވެ. ކެންސަރަށް ވެދާނެ ކަމަށް ޑޮކްޓަރު ބުންޏަސް އައްކި އަށް ކެންސަރުގެ ނުރައްކަލެއް އޮވެދާނެ ކަމަކަށް ފާއިޒު ފުރަތަމަ ގަބޫލެއް ނުކުރެ އެވެ. އެކަމަކު ބަޔޮޕްސީން އެކަން ކަށަވަރުވެ، އޭނާ އަށް ކުރިމަތިވީ ހަނދާނުގައި ބަހައްޓަން ބޭނުން ނުވި ހިނދުކޮޅެކެވެ.

"ކުޑަ ސިކުންތުކޮޅެއް ތެރޭ ވަރަށް ބައިވަރު އެއްޗެހި ހިތަށްއެރި. ކޮން ކަމެއް އަހަންނަށް މިސް ވެގެން ހެއްޔޭ މިހާ ހިސާބަށް ދާން މި ޖެހުނީ؟ ކީއްވެގެން ހެއްޔޭ އައްކި އަށް ކެންސަރު ޖެހެންވީ؟" ފާއިޒު ބުންޏެވެ.

"ކުޑަކުދިންނަށް ކެންސަރު ޖެހޭކަން ވެސް އޭރަކު ހަގީގަތުގައި ނޭނގޭ. އެހެންވީމާ އަލިފުބާ ޖަހައިގެން ކުޑަކުއްޖަކު ކިޔަވަން ފަށާ ގޮތަށް ކެންސަ ކިޔެވީ. ނިއުރޯބްލާސްޓޯމާއަކީ ކޮބައި ކަމާއި ކެންސަރު ބަލީގެ ކުޑަކުއްޖަކު ގޮވައިގެން އުޅޭނެ ގޮތާއި އެކަހަލަ ކުޑަކުއްޖެއްގެ ފަރާތުން ކަންކަން ދެނެގަންނާނެ ގޮތް ދަސްކުރީ."

އައްކިގެ ޓިއުމަރަކީ ކެންސަރު ކަމުގެ ހިތާމަވެރި، ބޮޑު ޚަބަރުގެ ނަފްސާނީ ބުރަ ފާއިޒު އުފުލީ އެކަންޏެވެ. އަނބިމީހާ އަށް ލިބިދާނެ ސިހުމަކާ ހެދި އޭނާ ގާތު ކެންސަރުގެ ވާހަކަ ނުބުނެ ސިއްރުކުރީ އެވެ. އެހެން މީހެއްގެ ފަރާތުން އަންހެނުންނަށް އެނގިދާނެތީ އިތުރު މީހަކާ ވެސް ހިއްސާއެއް ނުކުރެ އެވެ. ފުރަތަމަ ސާޖަރީ އަށް ފަހު އައްކި އޮތް ގޮތް ފެނިފައި އަންހެނުން ހޭނެތިގެން ވެއްޓުނު ދުވަހު، އެއީ ރަނގަޅު ނިންމުމެއްކަން ފާއިޒަށް އިތުރަށް ޔަގީންވި އެވެ. އައްކިގެ މަންމަ އަށް ކެންސަރުގެ ޚަބަރު އޭނާ ދިނީ އެކި ފަހަރުމަތިން އެ ވާހަކައިގެ ތަންތަންކޮޅު ކިޔައިދީގެންނެވެ.

"އަހަރެންގެ ހުރިހާ ވެސް ދުއާއަކީ ދުނިޔޭގެ އެހެން އެއްވެސް މަޔަކު ބަފަޔަކު މި ތަޖުރިބާ ކުރަން ނުޖެހުން. މީކީ ބޮޑު މީހަކު ވެސް، މިސާލަކަށް އައްކިގެ ބަދަލުގައި ތިމަންނަ އަށް ޖެހުނު ނަމައޭ، އެހެން ބުނާ ވަރުގެ ވެސް ބައްޔެއް ނޫން،" ފާއިޒު ބުންޏެވެ.

އައްކިގެ މުހިއްމު ނާރެއްގެ ވަށައިގެން ޓިއުމަރު އުފެދިފައި އިނުމުން، ނާރަށް ގެއްލުމެއް ލިބިދާނެތީ ޓިއުމަރު ނެގުން ވީ، އުނދަގޫ އަދި ނުރައްކާތެރި ކަމަކަށެވެ. އެކަމަކު ކީމޯތެރަޕީ އަށް ފަހު ހަ ގަޑި އިރުގެ ސާޖަރީއަކުން ޓިއުމަރުގެ 30 ޕަސެންޓު ނެގުނެވެ. ފަނަރަ ޕަސެންޓް ނެގުނަސް އެންމެ ރަނގަޅު ކަމަށް ޑޮކްޓަރު ބުނެފައި އޮއްވާ އޭގެ ދެ ގުނަ ނެގުނުކަން އެއީ ކާމިޔާބީއެކެވެ.

ކެންސަރާއި ކެންސަރުގެ ފަރުވާއާ އެކު އައްކިގެ ބޯން މެރޯ ހަލާކުވެފައި ހުރުމުން ދެން މަސައްކަތް ފެށީ ބޯން މެރޯ ޓްރާންސްޕްލާންޓް ހަދާށެވެ. އެކަމަށް ޗެންނާއީ އަށް ގޮސް ހުއްޓާ ފާއިޒަށް ލިބުނީ ހިތާމަވެރި ދެވަނަ ޚަބަރެވެ. ބައްޕަ މަރުވީ އެވެ.

ޑޮކްޓަރު ލަފާ ދިނީ އައްކިގެ ބޯން މެރޯ ނަހަދައި ބޭސް ކެއުމަށެވެ. އެއާ އެކު ފާއިޒުމެން އެނބުރި ލަންކާ އަށް ދިޔައީ އެވެ. އެ ބޭސް ބޭނުންކުރާ އިރު އައްކި އަވިން ރައްކާތެރިކުރަން ޖެހޭތީ، ގިނަ ވަގުތު އަވި ނުދޭ ގެއެއް ހޯދައިގެން އެ މީހުން އުޅެމުން ދިޔައީ އަނދިރީގަ އެވެ.

ސެޕްޓެމްބަރު 2018ގައި، އައްކި ކެންސަރުން ސަލާމަތްވީ ކަމަށް ނިންމި އެވެ. އެކަމަކު ދުވަސްކޮޅެއް ފަހުން ފެނުނީ އެ އުފާވެރިކަން ބަދަލުކޮށްލި ނިޝާނެކެވެ.

"ކުޑަކުއްޖެއްގެ ގައި ހޫނުވުން އެއީ މާ ބޮޑު ކަމަކަށް ނުވިޔަސް އައްކިގެ ގައި ހޫނުވުން މި އޮތީ އަހަރެމެންގެ ދިރިއުޅުން އެއްކޮށް ބަދަލުކޮށްލި ގައި ހޫނުވުމަކަށް ވެފައި. އެހެންވީމާ އައްކި އަށް ކިތަންމެ ކުޑަ ކަމެއް ވިޔަސް އަހަރެމެންނަށް ވަރަށް ފަސޭހަ އިން ނޯޓިސް ކުރެވޭ،" ފާއިޒު ކިޔައިދިނެވެ.

"އެއް ދުވަހަކު ހެނދުނު ހޭލާފައި އައްކި ފިޔަވަޅު އެޅި ގޮތަކުން އަހަރެމެންނަށް، ކޮންމެވެސް ކަމެއް އެބަ އުޅޭހެން ހީވީ. ދެން ވަގުތުން ޑޮކްޓަރަށް ދައްކައިގެން ބެލި އިރު ޓިއުމަރު އެކްޓިވޭޓްވެފައި ހުރީ."

ކުރިއަށް ވުރެ ބާރުގަދަ ކީމޯއެއް އައްކި ފެށި އެވެ. ފާއިޒު މަސައްކަތް ފެށީ ޓިއުމަރު ނެގޭނެ ހޮސްޕިޓަލެއް ހޯދާށެވެ. އެކި ގައުމުތަކުގެ ހޮސްޕިޓަލްތަކަށް އައްކިގެ ލިޔުންތައް ފޮނުވައިގެން އިންޑިއާގެ ދެ ހޮސްޕިޓަލަކުން ރަނގަޅު ޖަވާބެއް ލިބުނެވެ. ފާއިޒުމެން ދިޔައީ ބެންގަލޫރަށެވެ.

އެޗްސީޖީ ހޮސްޕިޓަލުގައި 15 ޑޮކްޓަރުންގެ ޓީމަކުން 12 ގަޑި އިރުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށް އެންމެ ފަހުން އައްކިގެ ޓިއުމަރު އެއްކޮށް ކަހަލަ ގޮތަކަށް ނެގި އެވެ.

"ޑޮކްޓަރު ބުނީ ވަރަށް އުނދަގުލުން އެތިއެތިކޮޅުން ނެއްޓީއޭ. އެ މީހުން އަހަންނަށް ދެއްކި ޓިއުމަރުގެ ފޮޓޯ. ވިސްނާ، ރިހާކުރު ބޮނޑިއެއްގެ އެތިއެތިކޮޅު ޓްވީޒަރަކުން ނައްޓުވާނެ ގޮތް. ހަމަ އެ ގޮތަށް ނެއްޓުވީ،" ފާއިޒު ކިޔައިދިނެވެ.

މަހެއް ފަހުން ބޯން މެރޯ ޓްރާންސްޕްލާންޓް ހެދި އިރު އައްކިގެ ހާލު ގޯސްވެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ. ކުއްލިއަކަށް ހޮޑަށް ލޭ ލާން ފަށައި ހިތުގެ ވިންދު އިންތިހާ އަށް އަވަސްވެ ނޭވައެއް ނުލެވުނެވެ.

"ބައެއް ފަހަރު ހިތަށްއެރި، އިންނާލިއްލާލި ވައިންނާ އިލައިހި ރާޖިއޫން ކިޔަން ޖެހުނީ ބާވައޭ. އަންހެނުން ގާތު ބުނިން ނުބަލާ މަޑުމަޑުން އިންނާށޭ. އަހަރެމެން އެ ތަނަށް ދިޔައީ ކާމިޔާބުކުރަން. އެކަމަކު އެނގޭ ނާކާމިޔާބީއަކީ ވެސް އޮންނާނެ އެއްޗެއްކަން. އެކަމަކު އަލްހަމްދުލިއްލާހި. ރަނގަޅުވަމުން، ރަނގަޅުވަމުން ގޮސް 45 މިނިޓް ތެރޭ ހަމައަކަށް އެޅިއްޖެ،" ފާއިޒު ކިޔައިދިނެވެ.

މިދިޔަ އަހަރުގެ ކުޑަ އީދު ދުވަހަށް ވި ޖޫން 5ގައި އައްކި ހޮސްޕިޓަލުން ދޫކޮށްލި އެވެ. އޭގެ ފަހުން އެނބުރި ލަންކާ އަށް ގޮސް ރޭޑިއޭޝަން ދީ، އަށް މަސް ވަންދެން ބޭސް ކައި މިދިޔަ މާޗް މަހު އައްކިގެ ފަރުވާ ވަނީ ފުރިހަމަކޮށްފަ އެވެ. މިހާރު ކުރަން ޖެހޭ ކަމަކީ ހަ މަހުން ސްކޭން ހަދައި ލޭ ޓެސްޓުކުރުމެވެ. އެ ބެލުންތައް އައްކިގެ އުމުރު ދުވަހަށް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ފާއިޒު ދެކެ އެވެ. ފާއިޒުގެ ބަހުން ނަމަ އޭނާގެ އާއިލާ އަށް މި ދިމާވީ އުމުރަށް "އަހަރެމެން އޭގެ ބިރުވެރިކަމުގައި، އޭގެ ދަށުގައި ތިބެން ޖެހޭ" ބައްޔެކެވެ.

"މިހާރު ވެސް އައްކި ކުޑަކޮށް ގައި ހޫނުވެލާހެން ހީވިޔަސް، ގޮތަކަށް ފިޔަވަޅެއް އަޅައިލިޔަސް، އަހަރެން ވަގުތުން ޑައިގްނޯޒްވި ދުވަހަށް ގެންދޭ. ވަގުތުން ހަމަ އެ ދުވަހު އެ ކުރެވުނު އިހުސާސްތައް ކުރެވޭ. އަހަރެމެން ދެން އަބަދުވެސް އުޅޭނީ މީގެ ހިޔަނީގައި،" އޭނާ ބުންޏެވެ.

އެކަމަކު އެ ފިކުރުގެ ކުރިއަށް ފާއިޒު ނެރެނީ އައްކިގެ ސަބަބުން ދިރިއުޅުމަށް އައި ފުރިހަމަކަމެވެ. އޭނާގެ ފުށުން ލިބޭ އުފާތަކެވެ.

"ދަރިއަކު ނުލިބެނީސް މާތް ރަސްކަލާނގެ ކިބަފުޅަށް އަހަރެމެން ދުއާކުރީ މަންމާއޭ ބައްޕާއޭ ކިޔާފައި ގޮވާލާނެ ދަރިއަކު ދެއްވާތޯ. ފަސް އަހަރު ފަހުން ވިޔަސް މާތް ރަސްކަލާނގެ އަހަރެމެންނަށް އެކަން ފުރިހަމަކޮށްދެއްވައިފި. އެހެންވީމާ އަހަރެމެން ކެތްތެރިވާން ޖެހޭ. އައްކި އަށް ކެންސަރު ޖެހުނަސް މިއީ ހަމަ އިމްތިހާނެއް،" ފާއިޒު ބުންޏެވެ.

"ހަގީގަތުގައި ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުގެ ޕޮޒިޓިވް ސައިޑު އަހަރެމެންނަށް ނުފެންނަނީ. ނުވަތަ މާ އަވަހަށް ބޯގޮއްވާލެއްވެނީ."

ކުރެހުން: މަރިޔަމް ރަފްހާ އަބްދުﷲ

އެންމެ ކުޑަމިނުން ތަދުވެއޭ ވެސް ނުބުނެވޭނެ

އައްކިގެ ކެންސަރު އެނބުރި އައިކަން އެނގުނީ އޭނާ ފިޔަވަޅު އެޅި ގޮތާ މެދު ހިތްހަމަނުޖެހުމުން ޑޮކްޓަރަށް ދެއްކީމާކަން ފިލާވަޅެއްގެ ގޮތުގައި އެހެން މީހުންނަށް ބުނެދޭން ފާއިޒު ބޭނުންވެ އެވެ. އޭނާގެ ނަސޭހަތަކީ ދަރިއެއްގެ ކިބައިން ކަންބޮޑުވާ ކަހަލަ ކުޑަ ކަމެއް ފެނުނަސް ހަގީގަތް ހޯދަން މަސައްކަތްކުރުމަށެވެ.

ފާއިޒު އެދެނީ ކުޑަކުދިންގެ ކެންސަރުތަކަށް އެންމެން ވެސް ހޭލުންތެރިވުމަށެވެ. ކެންސަރު ޖެހެނީ މައިންބަފައިންގެ ނުވަތަ ކުއްޖާގެ ކުށަކުން ނޫންކަން ދަނެ އޯގާތެރިވުމަށެވެ. އެފަދަ ބަދު ބަސްތަކުން އޭނާ ފަދަ މީހުންގެ ހިތުގައި ނުޖެއްސުމަށެވެ. ހުރި ދަރި އަށް ކެންސަރު ޖެހުނީމާ ދެން އަވަހަށް އިތުރު ދަރިއަކު ހޯދަންވީ ނޫންހޭ ނުބުނުމަށެވެ.

ފާއިޒު ބުނީ ކުޑަކުދިންނަށް ޖެހޭ ކެންސަރުތަކަށް ހޭލުންތެރިކުރުމަށް މި މަހު ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފޭސްބުކް ފްރޭމް އޭނާގެ 900 ފޭސްބުކް ރައްޓެހިންގެ ތެރެއިން ތިރީހަކަށް މީހުން ބޭނުންކުރާތީ ވެސް އުފާވާ ކަމަށެވެ. އެކަމަކު އެ އަށް ވުރެ ގިނަ މީހުންގެ ތަރުހީބު ލިބޭނެ ނަމައޭ އޭނާގެ ހިތަށްއަރަ އެވެ.

"އެ ފްރޭމަކީ ވަރަށް ކުޑަކުޑަ އެއްޗެކޭ ހީވެދާނެ. އެކަމަކު އެއީ އަހަރެމެންނަށް ވަރަށް، ވަރަށް ބޮޑު އެއްޗެއް. ބިލިއަން ޑޮލަރަށް ވުރެ އަގުހުރި އެއްޗެއް. އެ ފްރޭމުން އަހަރެމެންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ. އަހަރެމެންނާ އެކީގައި މީހުން ވާ ކަމާއި އެ މީހުން މި ކަމަށް ހޭލުންތެރިވަމުންދާކަން އެނގޭ،" ފާއިޒު ބުންޏެވެ.

އޭނާގެ ޝުކުރު އާއިލާ އަށާއި ހާލު ބަލަމުން ގެންދާ ރައްޓެހިންނަށާއި ކެންސަ ސޮސައިޓީ މެދުވެރިކޮށް ކެންސަ ސަޕޯޓު ގްރޫޕުން ލިބުނު އާ ރަހުމަތްތެރިންގެ ލޯތްބާއި އަޅާލުމަށެވެ. އާސަންދަ އާއި އެންސްޕާ އާއި މާލީ އެހީތެރިކަން ދިން އެންމެންނަށެވެ. މަސައްކަތަށް ނުނިކުތަސް ޝަކުވާއެއް ނެތި މުސާރަ ދެމުން ގެންދިޔަ، އޭނާ ވަޒީފާ އަދާކުރާ ކުންފުންޏަށެވެ.

ކުޑަކުއްޖަކަށް ކެންސަރު ޖެހުމަކީ އަދި ވަކިން ބޮޑު ކަމެއްކަން ބުނެދޭން ފާއިޒު ބޭނުންވެ އެވެ. މަންމަ އާއި ބައްޕަގެ އަޅާލުން ވެސް ބޭނުންވާނެ ކަމާއި ދެ މީހުން ކުރެ އެކަކު ވެސް ދަރިފުޅު ދޫކޮށްލާފައި ގޮސްގެން ނުވާނެ ކަމެވެ. ކެންސަރަކީ ބޮޑު މީހަކަށް އެކަނިމާއެކަނި ވެސް ފަރުވާ ހޯދައިގެން ގެއަށް ދެވިދާނެ ބައްޔަކަށް ވިޔަސް ކުޑަކުޑަ ކުއްޖަކަށް އެންމެ ކުޑަމިނުން ތަދުވެއޭ ވެސް ނުބުނެވޭނެ ކަމެވެ.

"ދަރިއަކަށް ކެންސަރު ޖެހުނީމާ މަންމަ އާއި ބައްޕަ އުޅޭނީ ދުނިޔެއާ ނުބައްދަލު ފަރުބަދައެއް ބޮލަށް ލައިގެން. ޗައިލްޑްހުޑް ކެންސަރުގެ ތަފާތަކީ އެއީ. ދަރިފުޅު ނުބުނާނެ އެކައްޗެކޭ ވެސް. ދަރިފުޅުގެ ހުރިހާ އިހުސާސްތަކެއް ދެނެގަންނަން ޖެހޭނީ މަންމަ އާއި ބައްޕަ އާއި ކައިރީގައި ތިބޭ މީހުން،" ފާއިޒު ބުންޏެވެ.

ފާއިޒު އައްކިއާ ބެހޭ ގޮތުން ލިޔުނު ޅެމެއް

17 ކޮމެންޓް, 260 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 96%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢާއިޝާ

26 September 2020

ﷲ ތިޔަ ހިތްވަރުގަދަ ދެމަފިރިންނަށް ހެޔޮ ރަޙްމަތް ލައްވާ ތުއްތު ދަރިފުޅަށް ޝިފާ ދެއްވުން އެދި ތިޔަ ކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި.. ޤުރުއާނަކީވެސް ޝިފާއެއް, ވީމަ ޝިފާގެ އާޔަތްތަށް ކިޔަވާ ޒަމްޒަމް ފެން ނުވަތަ އާދައިގެ ފެން ނަަމަވެސް ދެއްވުމަށް ފެނޭ.. ﷲ ގެ ރަޙުމަތްފުޅުން ހީވެސް ނުކުރާހާ ފަސޭހައިން ކުޑަ ކުޑަ ދަރިފުޅުގެ ބައްޔައް ޝިފާ ދެއްވާ, ތިޔަ ދެމަފިރިންގެ އުއްމީދުތަކުގައި ކުލަ ޖެހިދާނެ, އިން ޝާ ﷲ.

The name is already taken The name is available. Register?

އަހުމަދު އިބްރާހިމް

26 September 2020

ތެދެކެވެ.ދުނިޔެއަކީ އިމްތިޙާނެކެވެ.އިމްތިޙާނުން ފާސްވާ މީހުންނަށް އޮތީ އުފަލާއި ހަމަޖެހުމެބެ.ފާސްނުވި މީހުންނަށް އޮތީ އޭގެ އިދިކޮޅެވެ.ﷲ ތިބާއަށާއި ތިބާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވައި ތިޔަ ކުރާ ދަތުރުގައި ބަރަކާތްލައްވައި ތިޔަ ދެމަފިރިންގެ ދެދޮލުގެ ނޫރު ކަމުގައިވަ ދަރިފުޅުގެ ބައްޔަށް އަވަސް ޝިފާއެއް ދެއްވާށިއެވެ.

The name is already taken The name is available. Register?

ދިޔާޝް

26 September 2020

އަހަންނަކީ ވަރަށް ހިތަވަރުގަދަ ފިރިހެނެއް. އެކަމް މި ލިޔުމުގެ ކޮންމެ ލަފްޒަކުން ހީވީ އަހަރެންގެ ހިތަށް ހަންޖަރެއް ހަރަމުން ދިޔަހެން. ލޮލުން ފައިބަމުން ދިޔައީ ކަރުނަ. އައްކިގެ މަންމަ ބައްފަ ފަދަ ހިތްވަރު ގަދަ ކުއްޖެއް އައްކިވެސް ތީ. ހާދަ ރަނގަޅު ދެމަފިރިންނޭ.

The name is already taken The name is available. Register?

އާދަނު ދޯ

26 September 2020

މާތްރަސްކަލާކޮ، އުޑާއިބިމުގެވެރި ރަސްކަލާކޮ، ފުރާނަތަކުގެވެރި އިލާހު، ފާއިޒުގެ ދަރިފުޅަށް ހެޔޮރަހުމަތް ލަށްވާ މިބަލިން ސަލާމަތްކުރަށްވާށި، މިފަދަ ހުރިހާއެންމެންނަށް ހެޔޮރަހުމަތް ލަށްވާ ކެތްތެރިކަން ދެއްވާށި. އެހީތެރިވެދިން ހުރިހާފަރާތް ތަކަށް ހެޔޮރަހުމަތް ލަށްވާށި، އާމީން ޔާރައްބުލް އާލަމީން

The name is already taken The name is available. Register?

އާންމު މީހެއް

26 September 2020

މި ހަބަރު ކިޔަމުން ދިޔައިރު ލޮލުން ކަރުނަ އާދޭ. ވަރަށް ދެރަވެއްޖެ މިކަހަލަ ކަމެއް ދިމާވީމަ. ހިތާހިތުން ދުއާ ކުރެވޭ ހަބަރުނިމޭ އިރު އުފާވެރި ގޮތަކަށް ނިމޭތޯ. އިންޝާﷲ ދެރަގޮތެއް ނުވާނެ. އަބަދުވެސް ހެޔޮ ގޮތްތައް ވުމަށް އެދެވެނީ.

The name is already taken The name is available. Register?

ހިތް ކުދިކުދިވެއްޖެ!

26 September 2020

ޔާ ﷲ، ފާއުޒު ގެ ދަރިފުޅަށް ކެންސްރު ބަލިން، ފުރިހަމަ ޝިފާ މިންވަރު ކުރައްވަވައި، އެ ދަރިފުޅަށާއި، ފާއިޒުގެ ދެމަފިރިންނަށް ކެތްތެރިކަމާއި، ސާބިތުކަން މިންވަރު ކުރައްވާފާނދޭވެ! އާމީން

The name is already taken The name is available. Register?

ސުލޭ

26 September 2020

ހަސަނުގެ ދެމަފިރިންނަކީ ހަމަ ހަގީގަތުގަވެސް ނަމޫނާއެއް. މަޔަކު ބަފަޔަކަށް ދަރިއަކަށްޓަކާ ގުރުބާން ވެވޭނީ ތިވަރަށް. ހަސަނަކީ މޮޅު އިލެކްޓްރިކަލް އިންޖިނޭރެއް. އެކަމަކު ދަރިފުޅަށްޓަކައި ހުރިހާ ކަމެއް ދޫކޮށްލާފަ ތިވީ ޤުރުބާނީ އަކީ ލަފުޒަކުން ބަޔާންކޮށްދެވޭނޭ ކަމެއް ނޫން. މާޝާ ﷲ. އައްކި ކެންސަރ ބަލިން ސަލާމަތްކަންމަތީ ލަހައްޓަވާށި.

The name is already taken The name is available. Register?

ނާ

26 September 2020

އަވަސް ސިފާއެަް މިންވަރު ކުރައްވާށި.ދުއާއަކީ އެފަދަ ބައްޔެއް އެއްވެސް މީހަކައް ނުޖެހުން.އާމީން.

The name is already taken The name is available. Register?

ަައާޝޯހު

26 September 2020

ހަ މަ ރަނގަޅަށްވެސް ރޮވިއްޖެ. ދުއާ އަކީ ކެންސަރު ބަލިން ތި ކުޑަކުޑަ ދަރިފުޅު މުޅި އު މުރަށް ސަލާ މަތްވުން. ޭ

The name is already taken The name is available. Register?

ސއނާ

26 September 2020

މިލިއުމަކީ ވަރަށް އަސަރާވޭންހުރި ލިޔުމެއް. ނަމަވެސް ކުއްޖާގެ އަސްލުނަން އެއްފަހަރު ނަމަވެސް ލިޔުންތެރިޔާވެސް ، ބައްޕަވެސް ބުނުއްވާފަނެތުމަކީ ދެރަކަމެއް. ދަރިންނަށް ލޯބިންވެސް ގޮވާ ހަރުކުރެވޭ ނަންތަކާ ސިއްހަތާ ބަލުމަޑިކަމާ ގުޅުމެއްވޭ. ކުޑަދަރިފުޅަށް ދާއިމީ ޝިފާއަކަށް އެދެން،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454