ރީތީ ރާއްޖެ، ގޮނޑީ ދިވެހިން!

ހެނދުނު ދުވެ ނިންމާފައި ބައެއް ދުވަސް ދުވަހު އޭނާ ފުރަތަމަ މިސްރާބު ޖަހަނީ ގެޔަކަށް ނޫނެވެ: ކޮތަޅެއް ހިފައިގެން ގުދުވަނީ ކުނި ހޮވާށެވެ.


ހުސް ކުންޏެވެ. ހުޅުމާލޭގެ ރީތި ބީޗު، ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު އުފާ ހޯދާ ދޮންވެލިގަނޑާއި އެތަނާ ޖެހިގެން އެއްގަމުގައި އޮންނަ ސަރަހައްދު، ގިނަ ފަހަރަށް ބަލައިލަން ވެސް ނުކެރެ އެވެ. އިށީނދެވޭ ގޮތަށް ހުންނަ ތަންތަންކޮޅުން ފެށިގެން މުޅި ސަރަހައްދަށް ނަޒަރު ހިންގާލިޔަސް ފެންނާނީ، ކަރުދާހު ކޮފީ ތަށިތަކާއި ފެން ހުސްކުރި ފުޅިތަކާއި އެކި ވައްތަރުގެ ދަޅުތަކާއި، ޕްލާސްޓިކް ކޮތަޅު ފަދަ، އެތައް އެއްޗެކެވެ.

އެއީ އަހަރެމެން ދިވެހިންގެ އާދަ އެވެ. ވަކި އުމުރެއް، ވަކި ފަންތިއެއް ނެތެވެ. "ޒަމާނީ ޒުވާނުން" ފެށިގެން އުމުރުން ދުވަސްވީ ހަރު މީހުން ވެސް، އެ މީހުންގެ ވަގުތު ހޭދަކުރުމުގެ ބައިވެރިންތައް އުކާލަނީ އެ ހުންނަ/އެ ތިބޭ ތަނަކަށެވެ.

"މިއީ ބޮޑު ވެއްޖެ ކަމެއް،" އަދާކުރާ ވަޒީފާގެ ގޮތުން ނަން ޖަހައިގެން ވާހަކަ ދައްކަން ބޭނުންނުވާ، އެ ދުވުންތެރިޔާ ބުންޏެވެ.

ކުރީ ދުވަހަކު އޭނާ ކުނި ހޮވަން އޮއްވާ ދަންނަ މީހަކު ގޮވާލާފައި، "ކޮން ކަމެއް ކޮށްލަނީތޯ" ސުވާލުކުރި އެވެ.

"ކައިރީގައި ހުރި ޑަސްބިން ދައްކާލަފައި އަހަރެން ބުނީ ކުނި އުކަން މާ ދުރަށް ދާން ޖެހޭތީ އުކާލާފައި ހުރި އެތިކޮޅު ހޮވާލަނިއްޔޭ،" އޭނާ ކިޔައިދިނެވެ.

"ކުނިތައް އަޅާފައި ހުރި ތަނާ ޖެހިގެންނޭ އޭރު އެ ބޮޑު ޑަސްބިން އެ ހުރީ. އެ ޑަސްބިންއަށް އުކާނުލަން ވައްޓާ އެލަނީ ފައި ބުޑަށް. ދެން ފިކުރެއް، ހިޔާލެއް ނެތި އެ ނައްޓާލަނީ."

ހުޅުމާލެ ބީޗު ސަރަހައްދުގައި ތިބެފައި ދަމުން ކުނިތައް އުކާލާފައި --ފޮޓޯ/ސޯޝަލް މީޑިއާ

ޖެހުނު ތަނަކަށް ކުނި އުކާލުމުގެ މައްސަލަ މިހާރު ވަރަށް ބޮޑު ވެއްޖެ އެވެ. އެކަން ކުރަނީ ބިދޭސީ މަސައްކަތު މީހުންނެއް ނޫނެވެ. ކޮފީ ތައްޓާއި ކާ އެއްޗެހި ހިފައިގެން ހުޅުމާލެ ބީޗު ފުރާލަނީ ދިވެހިންނެވެ. ގްރޫޕް ހަދާފައި މޫދަށް އެރޭށާއި ވެޑިން ޑްރެސްގެ ފޮޓޯތައް ނަގާށާއި ކުޑަކުދިންގެ ޕާޓީތައް ބާއްވަނީ ދިވެހިންނެވެ. އެހެންކަމުން މި ހަޑިހުތުރު އަމަލުގެ ބައިވެރިންނަކީ އަހަރެމެން ދިވެހިން ނޫން ދެން އެހެން ބައެއް ކަމަށް ނުބަލާށެވެ.

ޕްލާސްޓިކް ކުންޏާ މެދު ގައުމީ ފެންވަރެއްގައި ވާހަކަ ދައްކަމުން އަންނަ ދުވަސްވަރެއްގައި އަދި އެފަދަ ކުނިބުނިން ރާއްޖޭގެ ތިމާވެއްޓަށް އޮތް ނުރައްކަލުގެ އާ މައުލޫމާތުތައް އަބަދުވެސް އިވެމުން އަންނަ ޒަމާނެއްގައި، އާންމުންގެ މިހާ ބޮޑު ފަރުވާކުޑަކަމެއް ފެނުމަކީ، ގައުމީ މައްސަލައެކެވެ. މާލެ އާއި ހުޅުމާލޭގެ މަގުތަކާއި ޕާކްތަކާއި ކިތައްމެ ކުޑަކުޑަ ހުސް ޖާގައެއް ނަމަވެސް، ކުނިބުނިން އޮންނަނީ ފުރިފަ އެވެ. ސާފުކުރާ ބަޔަކަށް ވެސް ބޮޑު އުނދަގުލަކަށް ވާ މިންވަރަށް އާންމުންގެ މުޑުދާރުކަން މިއޮތީ ފެތުރިފަ އެވެ.

ތިމާވެއްޓާ ބެހޭ ތަޖުރިބާކާރުންނާއި ތިމާވެށީގެ ހިމާޔަތުގައި އުޅޭ ހަރަކާތްތެރިން ބުނަނީ ޖެހުނު ތަނަކަށް ކުނި އުކާލުމުގެ އާދަ ނައްތާނުލެވި، ސާފުތާހިރުކަން ބޮޑުނުކުރެވޭނެ ކަމަށެވެ. އަދި ސާފުތާހިރުކަމަށް ސަމާލުކަން ނުދެވި، ތިމާވެށި ހިމާޔަތް ނުކުރެވުމަކީ ވެސް، އެ މީހުންގެ ތަކުރާރު ވާހަކައެކެވެ.

ކޮފީ ތަށިތައް ޖެހުނު ތަނަކަށް އުކާލުމަކީ، ކޮފީގެ މި ޒަމާނުގައި "ކޮފީވުމު"ގެ ބަޔަކަށް ވަނީތޯ، ބައެއް މީހުން ސުވާލުކުރެ އެވެ. އަނެއްކޮޅުން ކޮފީ ޒަމާނާ އެކު ތިމާވެއްޓަށް ލޯބިކުރުމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ. އެހެންކަމުން މި ޒަމާނުގެ ދެ ޖިންސްގެ ޒުވާނުން މަޖާކޮށްފައި އޭގެ ފަހުން މާހައުލު ކިލަނބުކޮށްލުމުގެ އާދައަކީ ނުރައްކާތެރި މެސެޖެކެވެ. "އަހަރެމެންނަށް ވަރިހަމަ" ވުމުގެ ނުބައި ވިސްނުމެވެ.

ހުޅުމާލޭ ބީޗުގައި އާންމުން އުފާކޮށްލަނީ: ރީތިކޮށް މާހައުލު ބޭއްވުމުގެ ފައިދާ އޮތީ ވެސް ހަމަ އެންމެންނަށް .-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

ތިމާވެއްޓަށް ލޯބިކުރާ އަދި ގޯސް ކިތައްމެ ކުޑަ ކަމެއް ވެސް ނުކޮށް ވޭތޯ ބަލާ މީހުންގެ ޓްވިޓާތަކާއި ސޯޝަލް މީޑިއާގެ އެހެން ވަސީލަތްތައް އެ އޮތީ ފޮޓޯތަކުން ފުރިފަ އެވެ. މި ލިއުމުގައި ވެސް ބޭނުންކޮށްފައި އެ ވަނީ، "ކޮންމެ ގޮތެއް ވަރިހަމަ ނޫން" މީހެއްގެ ޓްވިޓާ ފޮޓޯތަކެވެ.

ފޭސްބުކްގައި އަންހެނަކު މިއަދު ވަނީ އޭގެ އެއް މަންޒަރު ދައްކާލައިފަ އެވެ. އޭނާ ލިއުނު ގޮތުގައި ކައިވެނީގެ ފޮޓޯތައް ނަގަން ދިޔަ ބަޔަކު ކައިބޮއި ހެދި އެއްޗެހިތައް އުކާލާފައި ދިޔައީ އެވެ. އެ ކުނިތައް ހޮވީ، އޭނާ ބުނި ގޮތުގައި، މޫދަށް އެރެން ދިޔަ "ދޮން މީހެކެ"ވެ.

ދުވެ ނިންމާފައި ގެއަށް ދިއުމުގެ ކުރިން ކުނި ހޮވާ ޒުވާނާ ދެކޭ ގޮތުގައި ކިތައްމެ ވަރަކަށް ބުންޏަސް ގަބޫލުނުކުރާ "ބޯހަރު ޒުވާނުން" ގިނައީ އެވެ.

ސީރިއަސް މައްސަލައެއް ކަން ޔަގީނެވެ. ސާފުތާހިރުކަމަކީ އޭގެ ޒާތުގައި ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ހުޅުމާލޭ ބީޗު ސަރަހައްދަށް އެންމެން ވެސް ނުކުންނަނީ އެ ހިތްހަމަޖެހުން ހޯދާށެވެ. ސާފުތާހިރު، ރީތި ހިސާބުގަނޑެއްގައި ތިބެ ވަގުތު ހޭދަކޮށްލާށެވެ. އޭގެ ފަހުން މުޅި ތަން ގޮނޑަކަށް ހަދާލުމުގެ ހައްގެއް އެއްވެސް މީހަކަށް ލިބިގެންނެއް ނުވެ އެވެ.