ހުޅުމާލޭ ބީޗު ސަރަހައްދު ބޭނުންކުރި ބަޔަކު ކުނިތައް އުކާލާފައި: މިއީ ރާއްޖޭގައި އާންމު މަންޒަރެއް -ފޮޓޯ/ސޯޝަލް މީޑިއާ
17 އޮކްޓޯބަރ 2020 - 15:03
ހެނދުނު ދުވެ ނިންމާފައި ބައެއް ދުވަސް ދުވަހު އޭނާ ފުރަތަމަ މިސްރާބު ޖަހަނީ ގެޔަކަށް ނޫނެވެ: ކޮތަޅެއް ހިފައިގެން ގުދުވަނީ ކުނި ހޮވާށެވެ.
ހުސް ކުންޏެވެ. ހުޅުމާލޭގެ ރީތި ބީޗު، ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު އުފާ ހޯދާ ދޮންވެލިގަނޑާއި އެތަނާ ޖެހިގެން އެއްގަމުގައި އޮންނަ ސަރަހައްދު، ގިނަ ފަހަރަށް ބަލައިލަން ވެސް ނުކެރެ އެވެ. އިށީނދެވޭ ގޮތަށް ހުންނަ ތަންތަންކޮޅުން ފެށިގެން މުޅި ސަރަހައްދަށް ނަޒަރު ހިންގާލިޔަސް ފެންނާނީ، ކަރުދާހު ކޮފީ ތަށިތަކާއި ފެން ހުސްކުރި ފުޅިތަކާއި އެކި ވައްތަރުގެ ދަޅުތަކާއި، ޕްލާސްޓިކް ކޮތަޅު ފަދަ، އެތައް އެއްޗެކެވެ.
އެއީ އަހަރެމެން ދިވެހިންގެ އާދަ އެވެ. ވަކި އުމުރެއް، ވަކި ފަންތިއެއް ނެތެވެ. "ޒަމާނީ ޒުވާނުން" ފެށިގެން އުމުރުން ދުވަސްވީ ހަރު މީހުން ވެސް، އެ މީހުންގެ ވަގުތު ހޭދަކުރުމުގެ ބައިވެރިންތައް އުކާލަނީ އެ ހުންނަ/އެ ތިބޭ ތަނަކަށެވެ.
"މިއީ ބޮޑު ވެއްޖެ ކަމެއް،" އަދާކުރާ ވަޒީފާގެ ގޮތުން ނަން ޖަހައިގެން ވާހަކަ ދައްކަން ބޭނުންނުވާ، އެ ދުވުންތެރިޔާ ބުންޏެވެ.
ކުރީ ދުވަހަކު އޭނާ ކުނި ހޮވަން އޮއްވާ ދަންނަ މީހަކު ގޮވާލާފައި، "ކޮން ކަމެއް ކޮށްލަނީތޯ" ސުވާލުކުރި އެވެ.
"ކައިރީގައި ހުރި ޑަސްބިން ދައްކާލަފައި އަހަރެން ބުނީ ކުނި އުކަން މާ ދުރަށް ދާން ޖެހޭތީ އުކާލާފައި ހުރި އެތިކޮޅު ހޮވާލަނިއްޔޭ،" އޭނާ ކިޔައިދިނެވެ.
"ކުނިތައް އަޅާފައި ހުރި ތަނާ ޖެހިގެންނޭ އޭރު އެ ބޮޑު ޑަސްބިން އެ ހުރީ. އެ ޑަސްބިންއަށް އުކާނުލަން ވައްޓާ އެލަނީ ފައި ބުޑަށް. ދެން ފިކުރެއް، ހިޔާލެއް ނެތި އެ ނައްޓާލަނީ."
ހުޅުމާލެ ބީޗު ސަރަހައްދުގައި ތިބެފައި ދަމުން ކުނިތައް އުކާލާފައި --ފޮޓޯ/ސޯޝަލް މީޑިއާ
ޖެހުނު ތަނަކަށް ކުނި އުކާލުމުގެ މައްސަލަ މިހާރު ވަރަށް ބޮޑު ވެއްޖެ އެވެ. އެކަން ކުރަނީ ބިދޭސީ މަސައްކަތު މީހުންނެއް ނޫނެވެ. ކޮފީ ތައްޓާއި ކާ އެއްޗެހި ހިފައިގެން ހުޅުމާލެ ބީޗު ފުރާލަނީ ދިވެހިންނެވެ. ގްރޫޕް ހަދާފައި މޫދަށް އެރޭށާއި ވެޑިން ޑްރެސްގެ ފޮޓޯތައް ނަގާށާއި ކުޑަކުދިންގެ ޕާޓީތައް ބާއްވަނީ ދިވެހިންނެވެ. އެހެންކަމުން މި ހަޑިހުތުރު އަމަލުގެ ބައިވެރިންނަކީ އަހަރެމެން ދިވެހިން ނޫން ދެން އެހެން ބައެއް ކަމަށް ނުބަލާށެވެ.
ޕްލާސްޓިކް ކުންޏާ މެދު ގައުމީ ފެންވަރެއްގައި ވާހަކަ ދައްކަމުން އަންނަ ދުވަސްވަރެއްގައި އަދި އެފަދަ ކުނިބުނިން ރާއްޖޭގެ ތިމާވެއްޓަށް އޮތް ނުރައްކަލުގެ އާ މައުލޫމާތުތައް އަބަދުވެސް އިވެމުން އަންނަ ޒަމާނެއްގައި، އާންމުންގެ މިހާ ބޮޑު ފަރުވާކުޑަކަމެއް ފެނުމަކީ، ގައުމީ މައްސަލައެކެވެ. މާލެ އާއި ހުޅުމާލޭގެ މަގުތަކާއި ޕާކްތަކާއި ކިތައްމެ ކުޑަކުޑަ ހުސް ޖާގައެއް ނަމަވެސް، ކުނިބުނިން އޮންނަނީ ފުރިފަ އެވެ. ސާފުކުރާ ބަޔަކަށް ވެސް ބޮޑު އުނދަގުލަކަށް ވާ މިންވަރަށް އާންމުންގެ މުޑުދާރުކަން މިއޮތީ ފެތުރިފަ އެވެ.
ތިމާވެއްޓާ ބެހޭ ތަޖުރިބާކާރުންނާއި ތިމާވެށީގެ ހިމާޔަތުގައި އުޅޭ ހަރަކާތްތެރިން ބުނަނީ ޖެހުނު ތަނަކަށް ކުނި އުކާލުމުގެ އާދަ ނައްތާނުލެވި، ސާފުތާހިރުކަން ބޮޑުނުކުރެވޭނެ ކަމަށެވެ. އަދި ސާފުތާހިރުކަމަށް ސަމާލުކަން ނުދެވި، ތިމާވެށި ހިމާޔަތް ނުކުރެވުމަކީ ވެސް، އެ މީހުންގެ ތަކުރާރު ވާހަކައެކެވެ.
ކޮފީ ތަށިތައް ޖެހުނު ތަނަކަށް އުކާލުމަކީ، ކޮފީގެ މި ޒަމާނުގައި "ކޮފީވުމު"ގެ ބަޔަކަށް ވަނީތޯ، ބައެއް މީހުން ސުވާލުކުރެ އެވެ. އަނެއްކޮޅުން ކޮފީ ޒަމާނާ އެކު ތިމާވެއްޓަށް ލޯބިކުރުމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ. އެހެންކަމުން މި ޒަމާނުގެ ދެ ޖިންސްގެ ޒުވާނުން މަޖާކޮށްފައި އޭގެ ފަހުން މާހައުލު ކިލަނބުކޮށްލުމުގެ އާދައަކީ ނުރައްކާތެރި މެސެޖެކެވެ. "އަހަރެމެންނަށް ވަރިހަމަ" ވުމުގެ ނުބައި ވިސްނުމެވެ.
ހުޅުމާލޭ ބީޗުގައި އާންމުން އުފާކޮށްލަނީ: ރީތިކޮށް މާހައުލު ބޭއްވުމުގެ ފައިދާ އޮތީ ވެސް ހަމަ އެންމެންނަށް .-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
ތިމާވެއްޓަށް ލޯބިކުރާ އަދި ގޯސް ކިތައްމެ ކުޑަ ކަމެއް ވެސް ނުކޮށް ވޭތޯ ބަލާ މީހުންގެ ޓްވިޓާތަކާއި ސޯޝަލް މީޑިއާގެ އެހެން ވަސީލަތްތައް އެ އޮތީ ފޮޓޯތަކުން ފުރިފަ އެވެ. މި ލިއުމުގައި ވެސް ބޭނުންކޮށްފައި އެ ވަނީ، "ކޮންމެ ގޮތެއް ވަރިހަމަ ނޫން" މީހެއްގެ ޓްވިޓާ ފޮޓޯތަކެވެ.
ފޭސްބުކްގައި އަންހެނަކު މިއަދު ވަނީ އޭގެ އެއް މަންޒަރު ދައްކާލައިފަ އެވެ. އޭނާ ލިއުނު ގޮތުގައި ކައިވެނީގެ ފޮޓޯތައް ނަގަން ދިޔަ ބަޔަކު ކައިބޮއި ހެދި އެއްޗެހިތައް އުކާލާފައި ދިޔައީ އެވެ. އެ ކުނިތައް ހޮވީ، އޭނާ ބުނި ގޮތުގައި، މޫދަށް އެރެން ދިޔަ "ދޮން މީހެކެ"ވެ.
ދުވެ ނިންމާފައި ގެއަށް ދިއުމުގެ ކުރިން ކުނި ހޮވާ ޒުވާނާ ދެކޭ ގޮތުގައި ކިތައްމެ ވަރަކަށް ބުންޏަސް ގަބޫލުނުކުރާ "ބޯހަރު ޒުވާނުން" ގިނައީ އެވެ.
ސީރިއަސް މައްސަލައެއް ކަން ޔަގީނެވެ. ސާފުތާހިރުކަމަކީ އޭގެ ޒާތުގައި ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ހުޅުމާލޭ ބީޗު ސަރަހައްދަށް އެންމެން ވެސް ނުކުންނަނީ އެ ހިތްހަމަޖެހުން ހޯދާށެވެ. ސާފުތާހިރު، ރީތި ހިސާބުގަނޑެއްގައި ތިބެ ވަގުތު ހޭދަކޮށްލާށެވެ. އޭގެ ފަހުން މުޅި ތަން ގޮނޑަކަށް ހަދާލުމުގެ ހައްގެއް އެއްވެސް މީހަކަށް ލިބިގެންނެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރު
18 October 2020
މި ލިޔުން ކިޔާފަ ކޮމެންޓުކުރާ ގިނަ ބަޔަކަށް ލިޔުމުގެ އަސްލު ޕޮއިންޓު އޮޅިފައިވަނީ. އެހެންވެ މައްސަލައިގެ އެކިކަހަލަ ހައްލު އެތިބަގެން ކިޔައިދެނީ. ބަލަގަ މައްސަލައަކީ ދިވެހިންގެ އަޚްލާޤޭ. މިކަން ދިވެހިން ކިބައިން ފިލުވާނެ އައިޑިޔާ ކިޔާބަލަ
ޣުޒުރުބެ
18 October 2020
ރީތީ ރާއްޖެ، ގޮނޑީ ދިވެހިން! ޜަނގަޅު ގޮތަކީ އެ މް ޑީ ޕީ މީހުން ގޮނޑީ
ޙިނި
18 October 2020
އަވަށު އޮފީސް ރައް ކުރިއަރުވާ ކޮމެޓީ އޮތްއިރު ތިކަހަލަ މައްސަލަތައް މާރަންގަޅައް ހައްހުވޭ. ކޮމިއުނިޓީ މޮބިލައިޒް ކޮއްލައިގެން މުހިންމު ކަންކަން ނިްނމައިފައިވޭ. މިހާރު ސިޓީކައުސިލާ ލާމަރުކަޒީ ގެނައިމަ ހަރުދު ކޮއްފަ ރިޒަލްޓެއް ނުނެރެވޭ.
އިބްރާހީމްސ
18 October 2020
ކޮންމެ ހަފްތާއަކު މިފަދަ އާޓިކަލެއް ގެނެސްދިނުން އެދެން. ރައްޔިތުންގެ ހޭލުންތެރިކަން ދަށްވީމަ ވާކަންތައް. އެންމެ ފަހުގެ ފޯނު ގަތަކަސް ތަހުޒީބު މީހަކަށް ނުވެވޭނެ.
ހުވާ
18 October 2020
ހަގީގީ މައްސަލައަކީ ހުރިހާކަމެއްވެސް ބޭރުމީހުން އަތްމައްޗަށް ދޫކޮށްލާފައި އޮތުން. ގިނަ ރިސޯޓުތަކާއި ގެސްޓް ހައުސްތަކުން ކުނިއަޅަނީ ކަނޑަށް. އޭގެތެރޭގައި މޫދު ތަޢައްޔަރުވާނެ އެއްޗެއް ހުރިތޯ ބަލާނެ މީހަކު ނުހުރޭ. ރިސޯޓުތަކުގައި އިސްކޮށް ތިބޭނީ އަވަށްޓެރި ގައުމުތަކުގެ މީހުން. ކުނި އުކާލަން ދަނީވެސް އެއިން ގައުމެއްގެ ބަޔަކު. ރާއްޖޭގެ ކަނޑުތައް ތަޢައްޔަރުވެ، ފަރުތައް ހަލާކުވެ، ކަނޑުގެ ދިރުންތައް ނެތިދިޔަޔަސް އެމީހުންނަށް ކީއްތަ؟ ޖީބުތައް ބަރިވާނެ ވިއްޔާ!
ހާމިދޫ
18 October 2020
ކަންނެތްކަމުން ބޭރު މީހުންނަށް ހުރިހާކަމެއް ދޫކޮށްލައިގެން ތިއުޅެނީ. އެންމެފަހުން ކުނިއަޅާފަ އެކަންތައްވެސް ތިކަނޑާލަނީ އެމީހުންގެ ބޮލަށް
ސޭޓޫ
18 October 2020
ތިކަހަލަ ބޯހަމަނުޖެހޭ މީހުން ގިނަކަމުން ކަންކަން ރަނގަޅުނުވަނީ. އެމީހުންގެ ފަރާތުން ޖީބަށް ވަންނަ ބައި ހަމަ ބޮޑީހެން ހީވަނީ.
ރައްޔެތު.
18 October 2020
ބައެއް މީހުންނަށް ކޮމެންޓު ތަކުން ގޯސް މިވަނީ ސަރުކާރު. އެއީކަންނޭގެ އެން މެ ގިނައިން ކުނި އަޅާ މީހުން.
ދެރަ
18 October 2020
ފަރުދީ ޒިންމާވެސް ނޭގޭހާ ގިނަ ދިވެހިން ޖާހިލު، ކުޑަ ޅަ ދަރިންނަށްވެސް ދަސްކޮށްދެނީ، ސާފްކުރާ މީހުން ކުރާނެ ކަމަށް، ޒުވާނުން ބުނެލާނީ ވެމްކޯ މީހުން ކުރާނެ، އެޗްޑީސީން ކުރާނެ. ސިޓީ ކައުންސިލުން ކުރާނެ، ކަމަކު ދޯ ސާފް ކުރަން މީހުން ތިބެނީ، ހަޑި ވެފަ އޮތްވާފެނި މީހަކު އެއްޗެއް ބުނި ނަމަ އެކަން އެކުރީ "ބަންގާޅީން" މީ ހާލަތަކީ... މުހްތަމަޢު އިސްލާހުވާނީ ފަރުދީ ޒިންމާ އަދާކޮށްގެން، އެއީ ޔަގީން ކަމެއް.
Huawei Mate 20 X
18 October 2020
އަސްލު ދިވެހިން އުޅެން އެއްމެ ރަގަޅު ގައުމަކީ ސޮމާލިޔާ.
ާއުނިމާ
18 October 2020
ކުނި އެޅުމަކީ ޤާނޫނީ ގޮތުން ބޮޑު ޖޫރިމަނާއެއް ކުރެވޭކަމެއްގެ ގޮތުގައި ހަދާންވީ
ބައިތުލްހަރު
18 October 2020
ކޮންތާކު އުޅެފައި ތިޔައީ. މިހާރުވެސް އެއީ ކުށެއް. މަގުމައްޗަށް ކުޅުޖެހުމަޖީވެސް ކުށެއް
ާަބޫލޫބޭ
18 October 2020
ޢޭރުން އަދުރޭގެ ކުދިންކޮޅު ކޯފާވެދާނެ.
މަރިޔަމް ވަހީދާ
18 October 2020
ކުނިކޮޅު ހޮވާލުމަށްފަހު އެ ކުނިކޮޅު ފޮޓޯނަގާ އިންސްޓަގްރާމާ ޓުވިޓަރާ ފޭސްބުކާ ދެންޖެހުނުތަކަށްނުލަންޏާ ކަމެއްކުރާކަމަކަށްނުވެޔޯލަ.