ރިޕޯޓް / ތައުލީމް

ދެ ބެސްޓްފްރެންޑުންގެ ވާދަވެރިކަން، މޮޅު ނަތީޖާއާ ހަމައަށް

ސާއިފާ (ކ) އާއި ނަބާ: އޯ ލެވެލް އާއި އޭ ލެވެލްގައި ވެސް އެކަކު އަަނެކަކުގެ އެހީތެރިން

23 ނޮވެމްބަރ 2020 - 11:54

4 comments
happy icon 87%

މަރިޔަމް ސާއިފާ ރަޝީދާއި ނަބާހް ރަޝާ އިސްމާއިލްގެ މި ގާތް ރަހުމަތްތެރިކަން ފެށުނީ ކަލާފާން ސްކޫލުގެ ގްރޭޑު ހަތަކުންނެވެ. ކްލާހުގައި އިށީންނަ ތަން ބަދަލުވި ދުވަހެއްގައި ކައިރިކައިރިން ދެ ދަރިވަރުންނަށް ޖާގަ ލިބުމާ އެކު، އެކަން ވީ އާ ރަހުމަތްތެރިކަމަކަށް އޮތް ފުރުސަތަކަށެވެ. ސީއެޗްއެސްއީން މިދިޔަ އަހަރު އޭ ލެވެލް ނިންމުމާ ހަމައަށް ފާއިތުވި ހަ އަހަރު ދެ ދަރިވަރުން ހޭދަކުރީ އެއް ކްލާހެއްގަ އެވެ.

ދެ ޒުވާނުން ބުނާ ގޮތުގައި، ކިޔެވުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ވެސް އެކަކު އަނެކެއްގެ ފަރާތުންނެވެ. އޯ ލެވެލް އާއި އޭ ލެވެލްއިން ވެސް ދެ އާއިލާ ފަހުރުވެރިވާ ފަދަ ނަތީޖާތަކެއް ލިބުނީ، އެ މީހުން ބުނާ ގޮތުގައި، ދެ ދަރިވަރުންގެ މެދުގައި އޮތް ވާދަވެރިކަމާއި އެހީތެރިކަމެވެ. ކިޔެވުމާ އެއްވަރަށް ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ވެސް ފުރިހަމައަށް ބައިވެރިވި އެވެ.

ސާއިފާ (ކ) އާއި ނަބާ: އެކުވެރިކަން ފެށުނީ ގްރޭޑް ހަތެއްގައި

ސާއިފާ ބުނާ ގޮތުން، ނަބާއަކީ ކުރިއަށް ދާން ހިތްވަރާ އެކު މަސައްކަތްކުރާ އޭގެ ދެ ވަނައެއް ނެތް ފަދަ ރަހުމަތްތެރިއެކެވެ. ނަބާ، އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ސިފަކުރަމުން ބުނީ "އެއީ ވަރަށް ގޮތުގައި ހުންނަ، ހިތްވަރުގަދަ އަންހެނެއް" ކަމަށެވެ. ސިއްހީ ގޮތުން ކުރިމަތިވި އުނދަގޫތަކާ އެކު ވެސް ފަސްޖެހުމެއް ނެތި ކުރިއަށްދާތަން ފެނުމަކީ ނަބާއަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް އޭނާ ދެކެ އެވެ.

"ދެ މީހުންގެ މެދުގައި ފްރެންޑްލީ ވާދަވެރިކަމެއް އޮންނާނެ. ކިޔެވުމަށް އެހީތެރިވުމާއި، އެކަކަށް އެނގޭ އެއްޗެއް އަނެކަކަށް ކިޔައިދީ، ދެ މީހުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް އޮންނާނެ ވާދަވެރިކަން،" ސާއިފާ ބުންޏެވެ.

ކަމަކާ ދެރަވެއްޖެ ނަމަ ނުވަތަ ކަމެއް ކުރިމަތިވެއްޖެ ނަމަ ވެސް ނަބާ ދަނީ ސާއިފާގެ ގެއަށެވެ. އެ ގެއަށް ގޮސް، އަދި ގާތް އެހެން ރަހުމަތްތެރިންނާ އެކު ކައްކައި އެ ހޭދަކުރި ވަގުތުތައް މަތިން ހަނދާން ނައްތާނުލެވޭނެ ކަމަށް ދެ މީހުން ވެސް ބުނެ އެވެ.

ސާއިފާ، އެންމެ ބޮޑު ސަމާލުކަން ދަމުނަމާދަށް

އުފަން ރަށް، ސ. ހުޅުދޫން ގްރޭޑު އެކެއް ނިންމުމަށް ފަހު ސާއިފާ ބަދަލުވީ މާލެއަށެވެ. އެއަށް ފަހު ގްރޭޑު 2-10 އަށް ކިޔެވީ ކަލާފާން ސްކޫލުންނެވެ. އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަން އަދާކުރި އެވެ. އޭނާ 2017 ގެ އޯ ލެވެލް ނިންމީ ރާއްޖޭގެ ހަތަރު ވަނައިގަ އެވެ.

އޯ ލެވެލްގައި އޭނާ އަމާޒު ހިފީ އެއްވަނަ އަށެވެ. އެކަމަކު ހަތަރު ވަނަ ލިބުމަކީ، އޭ ލެވެލްގައި ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން އެއްވަނައަށް ދަތުރުކުރަން ލިބުނު ހިތްވަރެއް ކަމަށް ސާއިފާ ދެކެ އެވެ.

އޯ ލެވެލް އަށް ފަހު ސީއެޗްއެސްއީގައި އޭ ލެވެލް ފެށީ ވެސް ރައީސްގެ ސްކޮލަޝިޕް ހޯދުމުގެ އުއްމީދުގަ އެވެ. ނުވަ އަހަރު އުޅުނު ކަލާފާނު ސްކޫލާ ތަފާތު މާހައުލަކަށްވެ އާ ކުދިންނާ ދިމާވުމުން އެންމެ ފުރަތަމަ ވެސް އަޒުމް ކަނޑައެޅީ ހުރިހާ ވަގުތެއްހެން ކިޔަވަން ހުސްކުރާށެވެ. އެކަމަކު ދެ އަހަރު ނިންމާލީ ކިޔެވުމާ އެކު އިތުރު ހަރަކާތްތަކުން ވެސް ވިދާލައިގެންނެވެ.

ސާއިފާ، އޭނާގެ މަންމައާ އެކު: ކުޑައިރު ބައްޕަ މަރުވުމުން ސާއިފާ ބަލައި ބޮޑުކުރީ މަންމަ އެކަނި

ސާއިފާ ބުނީ އޭ ލެވެލްގައި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ ވަގުތު މެނޭޖްކުރުން ކަމަށެވެ. ކިޔަވަން ވަގުތު ހުސްކުރަން އޭނާ ގުރުބާންކުރީ ރައްޓެހިންނާ އެކު ހޭދަކުރާ ވަގުތެވެ.

"އޭ ލެވެލްގައި އުއްމީދުކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް އަސްލު ލިބުނީ. ވަރަށް އުފާވި،" އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނިވާސިޓީން ލޯ އެންޑް ޕޮލިޓިކްސް ކިޔަވަން ނިންމައިގެން ހުރި ދަރިވަރު ބުންޏެވެ.

އޭނާއަށް އޭ ލެވެލްގެ ނަތީޖާ އެންމެ ފުރަތަމަ ލިބުނުއިރު ދިވެއްސާއި ބިޒްނަސް އިން އޮތީ އޭއެކެވެ. އެކަމަކު ރީޗެކަށް ލުމުން އެ ދެ މާއްދާގެ ނަތީޖާ އޭ ސްޓާއަށް ބަދަލުވެ، ރައީސްގެ ސްކޮލަޝިޕް ކަށަވަރުވި އެވެ.

ސާއިފާ ބުނީ ކިޔެވިއިރު އެންމެ ބޮޑު ސަމާލުކަން ދިނީ ދީނީ ކަންތައްތަކަށް ކަމަށެވެ. ސުންނަތްތަކުގެ ތެރެއިން ދަމުނަމާދަށް އޭނާ ދިން ސަމާލުކަން ހާއްސަ ގޮތެއްގައި ފާހަގަކުރި އެވެ.

ޕާސްޓް ޕޭޕަރުތައް ގިނަގިނައިން ހަދައި ފަރިތަކުރި އެވެ. ސުވާލުތައް އަންނާނެ ގޮތް ގޮތާއި ޖަވާބު ދޭން ޖެހޭ ގޮތް އަމިއްލައަށް ރިސާޗުކޮށްގެން ދަސްކުރި އެވެ.

ސާއިފާއަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސްކޮލަޝިޕްގެ ލިޔުން ހަވާލުކުރައްވަނީ.-- ފޮޓޯ: ރައީސް

ދިވެހި ބަހުގެ އެކަޑެމީން 2017 ގައި ބޭއްވި ވާހަކަދެއްކުމުގެ ގައުމީ މުބާރާތުން ލިބުނު އެއްވަނަ އާއި ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ކިޔެވޭ ރައީސްގެ ސްކޮލަޝިޕަކީ ސާއިފާގެ ހަޔާތުގެ ބޮޑެތި ކާމިޔާބީތަކެވެ.

ސާއިފާ ގްރޭޑު އެކެއްގައި އުޅެނިކޮށް އޭނާގެ ބައްޕަ ވަނީ މަރުވެފަ އެވެ. އެއާ އެކު، އޭނާ ބަލައި ބޮޑުކުރީ މަންމަ އެކަންޏެވެ.

"ވަރަށް ހިތްވަރު ގަދަ މީހެއް މަންމައަކީ. އެކަމަކު މަންމަ ވަނީ ވަރަށް ރަނގަޅަށް ޒިންމާ އަދާކޮށްފައި. މަންމައަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ސާއިފާ ބުންޏެވެ.

ނަބާގެ އަމާޒު: ފުރަތަމަ ވެސް ސްކޮލަޝިޕަށް

އަމީރު އަހުމަދުން ޕްރީ ސްކޫލު ފަށައި ސީއެޗްއެސްއީން ކިޔެވުން ނިންމާލި ނަބާ އެންމެ ބޮޑު އުއްމީދަކީ ރާއްޖެއިން ބޭރަށް ގޮސް ކިޔެވޭނެ ސްކޮލަޝިޕެވެ. ހަޔާތުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ވެސް، އޭ ލެވެލްގައި ދެ މާއްދާއިން އޭ ސްޓާ އާއި ހަތަރު މާއްދާއިން އޭ ހޯދައިގެން ހައި އެޗީވާސް ސްކޮލަޝިޕްގެ ހައްގުވެރިޔަކަށް ވުމެވެ.

"އޭ ލެވެލް ހެދި މައިގަނޑު ސަބަބަކީ ވެސް ސްކޮލަޝިޕް ހޯދުން. މަތީ ތައުލީމް ހާސިލްކުރަން ބޭރަށް ދިއުމަކީ އެންމެ ކުޑައިރުއްސުރެ ވެސް ބޭނުންވެފައި ހުރި ކަމެއް. މާލީ ހާލަތު ހުރި ގޮތުން ސްކޮލަޝިޕާ ނުލައި ބޭރަށް ކިޔަވަން ނުދެވޭނެކަން އެނގޭ،" މާލެއަށް އުފަަން ނަބާ ބުންޏެވެ.

"އެހެންވެ ވަރަށް ބުރަކޮށް މަސައްކަތްކުރިން ސްކޮލަޝިޕް ހޯދަން. އެކަން ހާސިލްވުމަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ."

ނަބާ (ކ) އާއި ސާއިފާ: އެކުވެރިކަމުގެ ފައިދާ ކިޔެވުމަށް ވެސް ބޮޑު

ސާއިފާއަށް ފަސޭހައީ މީހަކަށް އެއްޗެއް ކިޔައިދީގެން ކިޔަވާށެވެ. ނަބާއަށް ފަސޭހައިން ދަސްވަނީ މީހަކާ އެކީގައި، އަޑުއަހައިގެން ކިޔެވުމަށެވެ. އެހެންވެ އެ ދެ މީހުން އެއްކޮށް ކިޔެވުން ވީ ފަސޭހަ ކަމަކަށެވެ.

"ދެ މީހުން ވެސް ސްކޮލަޝިޕަށް އަމާޒުކޮށް ކިޔެވީ. އެއީ ދެ މީހުން އެއްކޮށް ބޭރަށް ކިޔަވަން ދާން،" މެންޗެސްޓާ ޔުނިވާސިޓީގައި ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް އިން ފުރަތަމަ ޑިގްރީ ހަދަން ނިންމައިގެން ހުރި ދަރިވަރު ބުންޏެވެ.

ނަބާ ބުނި ގޮތުގައި ކިޔެވިއިރު ނަމާދުކޮށް، ދުއާކުރަން އޭނާ ހާއްސަ އިސްކަމެއް ދިނެވެ. އެއީ ކިޔަވަން ފަސޭހަވެ، ރަނގަޅު ނަތީޖާ ލިބުމުގެ އެހީތެރިކަމެއް ކަމަށް ފާހަގަކުރި އެވެ. ދެން އެންމެ ބޮޑު ސަމާލުކަމެއް ދިނީ ކުރީގެ ޕޭޕަރުތައް ހަދާށެވެ.

ނަބާ އާއި ސާއިފާ މިހާރު މަސައްކަތް ކުރަމުން އަންނަނީ އިކޮނޮމިކް މިނިސްޓްރީގަ އެވެ. ދެ ޒުވާނުންގެ ވެސް އުއްމީދަކީ މަތީ ތައުލީމަށް ފަހު އެނބުރި ގައުމަށް އައިސް ގައުމަށް ހިދުމަތްކުރުމެވެ. އަދި ދެ މީހުންގެ ރަހުމަތްތެރިކަން ހަމަ އެގޮތުގައި ދެމެހެއްޓުމެވެ.

4 ކޮމެންޓް, 172 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 4%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބިކާރީ ބްރަދަރ

24 November 2020

ތިޔަދެކުދިންނަށް އިތުރު ކާމިޔާބު މިންވަރު ކުރައްވާށި. އަޒުމެއް އޮވެގެން ކުރިމަތި ލައިފިނަމަ ކާމިޔާބީ އާއި މަންޒިލަށޢް ވާސިލްވުމަކީ ވާނެކަމެއްކަން ތިޔަދެކުދިން ސާބިތު ކޮށްދީފި. ދެކުދިންގެ މައިންބަފައިންނަށްވެސް މަރުހަބާ.

The name is already taken The name is available. Register?

ާއައިނާ

24 November 2020

އަހަހަ ހަރެން ވެސް ތިފަދަ އުއްމީދު ކުރިން އެކަމަކު މާލޭގަ ނޯކިރީ ކުރަން ޖެ ހުނީ ކިޔަވަން އައިސް.

The name is already taken The name is available. Register?

އަހަރެން ބުނި ވާހަކަ

24 November 2020

އަހަރެން ބުނަން ވާހަކައެއް.. ދުވަހަކުވެސް އަންހެނެއް އެހެން އަންހެނެއްގެ ކާމިޔާބީއަކަށް ހެޔޮ ހިތުން އުފަލެއް ނުވާނެ! މީ 100 ޕަސެންޓް އެއްޗެއް

The name is already taken The name is available. Register?

2293

24 November 2020

ކަންތައް ތައް ހިއްސާ ކުރަމުން ގޮސް ދެބެސްޓް ފުރެންޑުން އެކަކާ ރައްޓެހިނު ވާތި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!