ދުނިޔެއަށް މުސީބާތަކަށް ވެފައިވާ ކޮވިޑް-19އާ ދެކޮޅަށް ކާމިޔާބު ވެކްސިންތަކެއް އުފައްދައި އޭގެ ބޭނުންކުރަން ފަށަން ތައްޔާރުވަނީ އެވެ. އެކަމަކު މި ވެކްސިންތަކަށް ފިނިހޫނުމިނުގެ މައްސަލަ ވަރަށް ބޮޑަށް އެބަ އޮތެވެ. ކޮވިޑްގެ ސަބަބުން ޖެހުނު ހާލުން އަރައިގަންނަން އުންމީދަކަށް ވެފައިވާ ވެކްސިން ލިބުނަސް، އެ ރައްކާކޮށްފައި ބެހެއްޓޭނެ ފިނިހޫނުމިން ހުރި އާލާތްތައް ނެތުމަކީ ނިތްކުރިން ދާ ނުހިކޭ ހޫނު ކަަމަކަށް ވަނީ ވެފަ އެވެ.

ޓްރަޔަލްތައް ނިންމާލާފައިވާ ފައިޒާ އާއި ބައޮންޓެކްގެ ވެކްސިންގެ އިތުރުން އިއްޔެ ކާމިޔާބީ އިއުލާނުކުރި މޮޑާނާ ވެކްސިނަށް ބަލާއިރު އެންމެ ފަސޭހައިން ގެންގުޅެން އޮތް ވެކްސިނަކީ މޮޑާނާގެ ވެކްސިނެވެ. އަނެއް ވެކްސިނަކީ މައިނަސް 60-90 ޑިގްރީސެލްސިއަލްގައި ބަހައްޓަންޖެހޭ ވެކްސިނެކެވެ. އެކަމަކު މޮޑާނާގެ ވެކްސިން މައިނަސް 20 ޑިގްރީސެލްސިއަސްގައި ބެހެއްޓިދާނެ އެވެ. މިއީ ޕޯލިއޯ ވެކްސިން ފަދަ އާންމު އެހެން ބައެއް ވެކްސިންތައް ވެސް ބަހައްޓާ ފިނިހޫނުމިން ކަމަށް ވާތީ މި ވެކްސިން ގެންގުޅުމަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ވެސް ބޮޑު ކަމަކަށް ނުވާނެ އެވެ. އަދި އޮކްސްފޯޑުގެ ވެކްސިނަކީ ވެސް ޕްލަސް 2-8 ޑިގްރީސެލްސިއަސްގައި ބެހެއްޓޭ އެއްޗަކަށް ވުމުން މިއީ ވެސް ފަސޭހައިން ގެންގުޅެވޭނެ ވެކްސިނެކެވެ. ރަޝިއާ އިން އިއުލާނުކޮށްފައިވާ ސްޕަންޓިކް ވެކްސިން ގެންގުޅެން ޖެހެނީ މައިނަސް 18 ޑިގްރީސެލްސިއަސްގަ އެވެ.

ކޮވިޑަށް ހެދި ކާމިޔާބު ބައެއް ވެކްސިންތައް ގެންގުޅެވޭނެ އެކަށީގެންވާ ވަސީލަތްތައް ނެތީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި އެކަންޏެއް ނޫނެވެ. އަލްޓްރާކޯލްޑް ފްރީޒަރަކީ އެމެރިކާ ފަދަ ގައުމުތަކުގައި ވެސް އާންމު އެއްޗެއް ނޫނެވެ.

ރާއްޖެ އާއި މި ސަރަހައްދުގެ ގައުމުތަކުން ވެސް ވެކްސިނަށް އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މިއީ ހޫނު ސަަހަރައްދަކަށް ވާތީ ގޮންޖެހުން އިތުރު ވެސް ވާނެ އެވެ.

ފިނިކޮށް ބަހައްޓައިގެން ވެކްސިން ޓްރާންސްޕޯޓްކުރުން

ވެކްސިނެއް އުފައްދައި އެ ބޭނުންކުރުމުގެ ހުއްދަ ލިބުނަސް އާންމުންނާ ހިސާބަށް އެ ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ބުރަ އެވެ. ވެކްސިން އުފައްދާ ފެކްޓަރީތަކުން އެ ނެރެ ޓްރަކްތަކުގައި ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި ފާމަސީތަކަށް ގެންދިއުމާއި އެ ތަންތަނުން އާންމުނަށް ވެކްސިން ދިނުމުގައި ވެސް ވެކްސިންތަކުގެ ޓެމްޕަރޭޗަރު ވަކި ވަރެއްގައި ހުންނަން ޖެހޭނެ އެވެ. މިއީ "ކޯލްޑް ޗެއިން" އެވެ. މި ޗެއިން ނިމޭނީ ފެކްޓަރީން ގޮސް ވެކްސިން ދިނުމާ ހަމައަށެވެ.

ކޮވިޑް-19 އާ ދެކޮޅަށް އުފެއްދި ބައެއް ވެކްސިންތަކުގެ މައުލޫމާތު -- ބީބީސީ
ކޮވިޑް-19 އާ ދެކޮޅަށް އުފެއްދި ބައެއް ވެކްސިންތަކުގެ މައުލޫމާތު -- ބީބީސީ

ކޮވިޑަށް ހެދި ގިނަ ވެކްސިންތަކަށް ވަރަށް ފިނީގައި ގެންގުޅެން ޖެހޭއިރު ބޮޑެތި ބައެއް ހޮސްޕިޓަލްތަކުގައި އެކަން ކުރެވިދާނެ އެވެ. އެކަމަކު ވެކްސިން ދޭންޖެހިފައިވާ މީހުންގެ އަދަދަށް ބަލާއިރު އެހާ ގިނަ ވެކްސިން ރައްކާކޮށްފައިވާ ބަހައްޓާނެ ކެޕޭސިޓީއެއް ނުހުންނާނެ އެވެ. މިއީ އަދި ވަރަށް މަދު ފެކްޓަރީތަކެއްގައި ހަދާ ވެކްސިނަކަށް ވުމުން، ރައްކާކޮށްފައި ބެހެއްޓެން ނެތް ވަރަކަށް އެހެން ގައުމަކަށް ވެކްސިން ގެންދިއުން އެއީ އިސްރާފަކަށް ނޫނީ ނުވާނެ އެވެ. ވެކްސިން ގެންނަން ޖެހޭނީ އެ ގައުމެއްގައި އެ ގެންގުޅެވޭނެ ވަރަކަށެވެ.

އެކި ވެކްސިން ޕްރޮގްރާމްތަކަށް، ވެކްސިން ފްރީޒަރުތައް ހޯދާފައި ހުއްޓަސް މިހާރު ކުރިމަތިވެފައި މި އޮތީ އާންމު ހާލަތެއް ނޫނެވެ. އެހެންވެ، މިހާރު ހުރި ފްރީޒަރުތަކުގެ އިތުރުން އެތައް ބައިވަރު ފްރީޒަރެއް ހޯދަން ޖެހޭނެ އެވެ. މީގެ އިތުރުން މި ފިނިމިނުގައި ވެކްސިން އުފުލޭނެ ރެފްރިޖެރޭޓެޑް ޝިޕިން ކޮންޓެއިނާ ވެސް އިތުރަށް ހޯދައިގެން ނޫނީ މިހާރު ވެކްސިނަށް އޮތް ޑިމާންޑަށް ކުޅަދާނައެއް ނުވާނެ އެވެ.

ކޮވިޑް ވެކްސިން އަޅަން ޖެހޭނީ ވެސް އެ ވެކްސިން ބަހައްޓަންޖެހޭ ގަދަ ފިންޏަށް ކުޅަދާނަވާ ވަރުގެ ބިއްލޫރި ފުޅި ނުވަތަ ވަޔަލްގައި ކަމަށް ވާއިރު މީގެ ސަޕްލައި ވެސް ތާށިވާނެ އެވެ. ތަޖުރިބާކާރުން ވިދާޅުވަނީ ވެކްސިން އުފައްދަންޖެހޭ މިންވަރަށް ބަލާއިރު ވެކްސިން ފުޅީގައި ޖަހާ ރަބަރު މަތި ވެސް ހޯދަން ދަތިވާ ވަރަށް ބޭނުންވާނެ ކަމަށެވެ. ދެން އެއާ އެކު ޑިމާންޑް ބޮޑުވާނީ ވެކްސިން ދިނުމަށް ބޭނުންވާ ސިރިންޖާއި ރައްކާތެރިކަމުގެ އާލާތްތަކުގެ އެވެ.

ވަރަށް ގިނަ ވެކްސިނަކީ އެއްތަނުން އަނެއްތަނަށް އުފުލާއިރު ފްރީޒްކޮށްގެން ގެންގުޅޭ އެއްޗިއްސެވެ. އަލްޓްރާކޯލްޑް ނުވަތަ މައިނަސް 60-80އާ ދެމެދު ވެކްސިން ގެންގުޅެވޭނެ ގޮތް ސަބް-ސަހާރަން ގައުމުތަކުގައި ގާއިމުކުރި އެވެ. އެއީ އީބޯލާ ފެތުރެން ފެށުމުން އެ ބައްޔާ ދެކޮޅަށް ބޭނުންކުރާ ވެކްސިން ވެސް މިހާ ފިނިކޮށް ގެންގުޅެން ޖެހުމުންނެވެ. އެހެންވެ މިދިޔަ ފަސް ވަރަކަށް އަހަރު ތެރޭގައި ވަނީ "އާކްޓެކް" ކިޔާ ތަރުމޯޒެއް ފާޑުގުގެ އީޖާދަކުން މިކަމަށް ހައްލު ހޯދައިފަ އެވެ.

އެކަމަކު މިއީ އެތައް މިލިއަން ބަޔަކަށް ބޭނުންވާ ވެކްސިނެއް ސަޕްލައިކުރުމުގައި އަގުބޮޑު ޓެކްނޮލޮޖީއެއް ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. މި ޓެކްނޮލޮޖީ ބޭނުންކުރުމަށް ވުރެ، ހޫނު ޓެމްޕަރޭޗަރުގައި ގެންގުޅެވޭ ވެކްސިނެއް ހޯދުން ބައެއް ގައުމުތަކަށް މާ އެކަށީގެންވާ ކަމަށް ވަނީ ބެލެވިފަ އެވެ. މީގެ އެންމެ ތަރުމޯޒެއްގެ އަގު 2،000 ޑޮލަރަށް އަރަ އެވެ. އަދަދު ނުކުރެވޭހާ ގިނަ ބަޔަކަށް ބޭނުންވާ ވެކްސިނަށް މީގެ އެތައް ބައިވަރު އެއްޗިއްސެއް ބޭނުންވާނެ އެވެ. ކޮވިޑް ފެތުރެން ފެށިއިރު ވެންޓިލޭޓަރަށް ޑިމާންޑް ބޮޑުވެ ތާށިވި ގޮތަށް ވެކްސިން ފްރީޒަރަށް ޖެހޭ ބޭނުން ވެސް އެ ހިސާބަށް ދިއުން އެކަށީގެންވެ އެވެ.