ވިޔަފާރި

2020: ވިޔަފާރީގެ މުޅިން ތަފާތު ތަޖުރިބާތަކެއް

ސްކޮޓް އެކްސްޗޭންޖު ފިހާރަ. މިއީ ކުރިން ފައިސާ މާރު ކުރާ ތަނެއް. މިހާރު ތަރުކާރީ އާއި މޭވާ ވިއްކާ--ފޮޓޯ:އަހުމަދު އަވްޝަން އިލިޔާސް/މިހާރު

ކޮވިޑާ ގުޅިގެން މުޅި މާލެ ހުއްޓުމަކަށް އައިސް އެތައް ބައެއްގެ އާމްދަނީ އަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އައި ތަން އެންމެ ކައިރިން ބަލަމުން ދިޔައީ ވިޔަފާރިވެރިންނެވެ. ބޮޑެތި ކުލިތައް ދައްކައިގެން ހިންގަމުން އައި ތަންތަން ބަނގުރޫޓުވެގެން ދިޔައީ ބަލަބަލަ ތިއްބަ އެވެ. ބޮޑެތި ބައެއް ފިހާރަތަކުގައި މީގެ ނުވަ މަސް ކުރިން ބަންދު ބޯޑު އެޅުވި ގޮތަށް އަދިވެސް ބައެއް ތަންތަން ހުރީ ހަމަ އެގޮތަށެވެ.

އެ އަޑިގަނޑުން ސަލާމަތްވާން އެކި ވިޔަފާރިވެރިން އެކި އުކުޅު ބޭނުންކުރި އެވެ. ކުރިން ފައިސާ މާރުކުރަމުން ތަންތަނުގައި ތަރުކާރީ އާއި މޭވާ ވިއްކައިގެން ވިޔަފާރި ސަލާމަތް ކުރި މަންޒަރު ފެނުނެވެ. ހެދުން ވިއްކާ ތަންތަނާއި ބައެއް ފޮތް ފިހާރަތައް ކަންމަތީ ފިހާރަތަކަށް ބަދަލުވިތަން ފެނުނެވެ. އަދި ވަކި ވައްތަރެއްގެ އުފެއްދުންތަކަށް ހާއްސަ ބައެއް ތަންތަން ވެސް އެކި އެކި ސާމާނު ވިއްކާ ތަންތަނަށް ބަދަލުވީ އެވެ!-- ހަމަ އެހެންމެ، ހުރިހާ ތަނަކުން ވެސް ޑެލިވަރީގެ ހިދުމަތް ވެސް ދޭން މަޖުބޫރުވެގެން ދިޔަ އެވެ.

މިދިޔަ އަހަރަކީ، ދިވެހި ވިޔަފާރިވެރިން ދުވަހަކު ވެސް ކޮށްފައި ނުވާ ވަރުގެ ހިތި ތަޖުރިބާތަކެއް ކުރި އަހަރެކެވެ. ހަމަ އެހެންމެ، ބައެއް އެހެން މީހުން އަމިއްލަ ސަލާމަތަށް ކުދިކުދި މަސައްކަތްތައް ފަށައި ކާމިޔާބު ވެސް ހޯދި އެވެ.

ކުދި ވިޔަފާރިތަކެއް ފެށިގެން ދިޔަ

ކޮވިޑްގެ ހާލަތުގެ ކުރިން ވެސް ރާއްޖެ އަށް ތަފާތު އޮންލައިން ވިޔަފާރިތައް ދިޔައީ އަންނަމުންނެވެ. އެކި މީހުން ގޭގޭގައި އެކިއެކި މަސައްކަތްތައް ފެށި އެވެ. ކޭކު އެޅުމާއި ކާ އެއްޗެހި ވިއްކުމާއި ހެދުން ވިއްކުމާއި ތަރުކާރީ/ މޭވާ ވިއްކުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އަދި އާންމުންނަށް ބޭނުންވާ އަސާސީ ތަކެތި ޑެލިވާ ކޮށްދިނުމުގެ ހިދުމަތް ވެސް ބައެއް މީހުން ފެށި އެވެ. އެކަން ވަރަށް ޑިމާންޑް ވެސް ބޮޑުވެގެން ދިޔަ އެވެ.

ދިމާޓަކީ ވެސް މިދިޔަ އަހަރުގެ ތެރޭގައި އޮންލައިން ވިޔަފާރި ފެށި ބައެކެވެ. ނަސީބު ދިމާކުރިގޮތުން އެ ވިޔަފާރި ތައާރަފް ކުރެވުނީ ރައްޔިތުންނަށް އެންމެ ބޭނުންވި ދަނޑިވަޅުގަ އެވެ. މާލެ ލޮކްޑައުން ހާލަތަށް ދިއުމާ އެކު އެ މީހުންގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެގެން ވެސް ދިޔަ އެވެ.

ސްކޮޓް އެކްސްޗޭންޖު ފިހާރަ. މިއީ ކުރިން ފައިސާ މާރު ކުރާ ތަނެއް. މިހާރު ތަރުކާރީ އާއި މޭވާ ވިއްކާ--ފޮޓޯ:އަހުމަދު އަވްޝަން އިލިޔާސް/މިހާރު

ދިމާޓުގެ އޮފިޝަލަކު ވިދާޅުވީ، އެ ވިޔަފާރި ފަށައިގެން ދިޔަ ދުވަސްވަރާއި ކޮވިޑްގެ ހާލަތާ ދިމާވުމުގެ ސަބަބުން ދިމާޓަށް އޯޑަރުތައް ކުއްލިއަކަށް އޯވަލޯޑުވި ކަމަށެވެ. އެގޮތުން ތިން މަސް ދުވަހުގެ ތެރޭގައި އަންޒާދާކުރި ވަރަށް ވުރެ 90 ޕަސެންޓް އިތުރަށް އޯޑަރުތައް ގިނަވި އެވެ. މިހެން ވުމުގެ ސަބަބުން ޑެލިވަރީ ކުރުމަށް އުނދަގޫވެ، ތަކެތި އުފުލަން ވޮލަންޓިޔަރުން ހޯދަން ދިމާޓަށް މަޖުބޫރުވި އެވެ.

"ޑެލިވަރީ ކުރާ ސްޓާފުންނަށް ވަރަށް ބޮޑަށް ބާރު ބޮޑުވި. އޯޑަރުތައް ތިން ހަތަރު ދުވަހަށްވާ ވަރަށް އެއް ދުވަހުން އާއި. މިހެންވެ ޖެހުނީ އިތުރު މީހުން ޑެލިވަރީ އަށް ނެރޭން،" އޭނާ ވިދާޅުވި އެވެ.

ދިމާޓު ފެށީ އެންމެ ހަތަރު ޑެލިވަރީ ސްޓާފުންނާ އެކު އެވެ. އެހެން ނަމަވެސް މާޗު މަހު މާލެ ލޮކްޑައުން ކުރުމުގެ ސަބަބުން ޑިމާންޑު އިތުރުވެ، މިވަގުތު އެތަނުގައި 10 ޑެލިވަރީ ސްޓާފުން އެބަ މަސައްކަތް ކުރެ އެވެ. ލޮކްޑައުންގެ ހާލަތަށް ފަހު، އޭރު ވިޔަފާރި ކުރަން ފެށި ގިނަ މީހުން ރިޕީޓް ކަސްޓަމަރުންނަށްވި އެވެ. މިއާ އެކު ވިޔަފާރި އިތުރަށް ފުޅާ ވެގެންދިޔަ އެވެ.

"މިހާރު ވެސް ޑެއިލީކޮށް އަދި ވީކްލީކޮށް ވިޔަފާރި ކުރާ އެތަށް ކަސްޓަމަރުން އެބަތިވި،" އޭނާ ވިދާޅުވި އެވެ.

އޭސް އާޑްވެއާ--ފޮޓޯ:އަހުމަދު އަވްޝަން އިލިޔާސް/މިހާރު

ދިމާޓު ފަދަ އޮންލައިން ވިޔަފާރި ކުރާ ފަރާތްތަކަށް ކޮވިޑްގެ ހާލަތުވީ ވިޔަފާރި ކުރި އަރުވަން އެންމެ ރަނގަޅު ވަގުތަށެވެ. މިގޮތަށް ފައިދާވި އަނެއް ވިޔަފާރި އަކީ ކާބޯތަކެތި ރެސްޓޯރެންޓްތަކުން ޑެލިވަރީ ކޮށްދޭ އަވަސް ފުޑް އެޕް އެވެ.

ލަންކާގެ ބަޔަކު ރާއްޖޭގައި ހިންގާ އަވަސް ފުޑް އެފްލިކޭޝަނަކީ ވަރަށް ބޮޑަށް ޑިމާންޑް ބޮޑުވެގެން ދިޔަ އެޕެކެވެ. މާލޭގައި ކޮވިޑް ފެތުރެން ފަށާއި ލޮކްޑައުންގެ ހާލަތަށް ދިޔައިރު އަވަސް ފުޑްގައި ތިބި 3،000 ވަރަކަށް ކަސްޓަމަރުން 33،000 އަށް އިތުރުވި އެވެ. އަވަސް ފުޑްގެ މާކެޓިން މެނޭޖަރު ތިރު ގަނޭޝަން ވިދާޅުވީ ލޮކްޑައުންގައި އާއި އޯޑަރުތަކަށް ކޭޓާ ކުރުމަށް ކުރިން ޑެލިވަރީ ކުރަން ތިބި 10 މީހުން 30 މީުހންނަށް އިތުރު ކުރަން ޖެހުނެވެ.

"ތަފާތު ވިޔަފާރިއެއް ކުރުމުގެ ބޭނުމުގައި ރާއްޖެ އަށް މި ފުޑް އެޕް ގެނައީ. ކޮވިޑްގެ ހާލަތުވީ، ވިޔަފާރި ފުޅާ ކުރަން ލިބުނު ރަނުގެ ފުރުސަތަކަށް،" އޭނާ ވިދާޅުވި އެވެ.

މިގޮތަށް މާލެ އާއި ހުޅުމާލޭގެ ރެސްޓޯރެންޓްތަކުން ތަކެތި ޑެލިވަރީ ކުރާ އަނެއް އޮންލައިން ވިޔަފާރިއަކީ ހުގް އީޓްސް އެޕްލިކޭޝަން އެވެ. އެ ވިޔަފާރީގެ އެއް ޕާޓްނަރު ކަމުގައިވާ މުހައްމަދު އަރަފާތު ވިދާޅުވީ، އެ އެޕްލިކޭޝަން ތައާރަފް ކުރީ މިދިޔަ އަހަރުގެ މާޗް 22 ގައި ކަމަށެވެ.

އޮކްސިޖަން ރެސްޓޯރެންޓް.--ފޮޓޯ:އަހުމަދު އަވްޝަން އިލްޔާސް/މިހާރު

އޭރު އުންމީދު ކުރީ އެއް މަސް ތެރޭ 2،500 ވަރަކަށް މީހުން އެޕްލިކޭޝަން ޑައުންލޯނު ކުރާނެ ކަމަށެވެ. އެހެން ނަަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން މާލެ ލޮކްޑައުން ކުރުމުން ހުގް އީޓްސް އެޕްލިކޭޝަން ޑައުންލޯޑު ކުރި މީހުންގެ އަދަދު 10،000 އަށް އިތުރުވި އެވެ.

"އަޅުގަނޑުމެންނަށް އެންމެ އުނދަގޫވީ، ލިބޭ އޯޑަރުތައް ޑެލިވާ ކުރަން. ލޮކްޑައުންގެ ހާލަތު ކަމުން އިތުރު ޑެލިވަރީ ކުރުމަށް އިތުރު ސްޓާފުން ނަގަން ވެސް އުނދަގޫވި. ބައެއް ފަހަރު ޑެލިވަރީ ލަސްވުމުން ކެންސަލް ވެސް ކުރަން ޖެހުނު،" އޭނާ ވިދާޅުވި އެވެ.

އަރަފާތު ވިދާޅުވީ، އެ ވިޔަފާރި ފަށައިގެން އިރު މިކަހަލަ ބޮޑު ޑިމާންޑެއް އަންނާނެ ކަމަށް ތައްޔާރުވެފައި ނެތް ކަމަށެވެ. އެހެން ނަމަވެސް މިހާރު އެފަދަ ހާލަތަކަށް ވަރަށް ރަނގަޅު ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުލި ދައްކައިގެން ހިންގާ ފިހާރަތަކުން އޮންލައިނަށް

ކޮވިޑާ ގުޅިގެން ކުރިމަތިވި، ދަތި ހާލަތުގައި އާންމުންނަށް ފިހާރަތަކަށް ދާން އުނދަގޫވި އެވެ. މިއާ އެކު މާލޭގެ ބޮޑެތި ސުޕަމާޓުތަކާއި އެހެން ތަކެތި ވިއްކާ ފިހާރަތަކަށް ވެސް ވިޔަފާރީގެ މޮޑެލް ބަދަލުކުރަން މަޖުބޫރުވި އެވެ. ވީބީ އާއި ރެޑްވޭވް ފަދަ ތަންތަނުން ވެސް އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ ގޮތަށް ވެބްސައިޓަށް ބަދަލު ގެންނަ އެވެ. އަދި ކިތަންމެ ކުޑަ އެއްޗެއް ވެސް ޑެލިވަރީ ކުރެވޭނެ ގޮތަށް ވިޔަފާރީގެ މަސައްކަތްތައް ބަދަލުކޮށްލި އެވެ.

ރެޑްވޭވްގެ ފިހާރައެއް: އޮންލައިންގެ ވިޔަފާރި ފުޅާވެގެން ދިޔަ

ލޮކްޑައުނާ އެކު ރެޑްވޭވްގެ ފިހާރަތަކުގެ މުވައްޒަފުން ބޭނުންކޮށްގެން ތަކެތި ޑެލިވަރީ ކުރުމުގެ މަސައްކަތް ފެށި އެވެ. ގާތްގަނޑަކަށް 4،000 މުވައްޒަފުން ހިމެނޭ އެކުންފުނީގައި ގިނަ އަދަދަކަށް ވެހިކަލްތައް ވެސް ހުރުމާ އެކު ޑެލިވަރީ އޮޕަރޭޝަން ކުއްލިއަކަށް ފަށަން މާބޮޑު އުނދަގުލެއް ނުވި އެވެ. އަންދާޒާ ކުރި ވަރަށް ވުރެ ގިނައިން އޯޑަރުތައް ވެސް އެބޮޑު ޓީމަށް ވެސް ނުތަކާ ވަރަށް ގޭގެއަށް ތަކެތި ޑެލިވަރީ ކުރަން ޖެހުނެވެ.

މި ހުރިހާ ދަތިތަކާ އެކު ވެސް ރެޑްވޭވުން ވަނީ މަހެއްހާ ދުވަހެއްގެ ތެރޭގައި ޑެލިވަރީ އޮޕަރޭޝަން ހަމައަކަށް އަޅުވައިލައިފަ އެވެ. އެ ފިހާރައިން ބުނީ މިހާރު ވެސް އޮންލައިންކޮށް ތަކެތި ޑެލިވަރީ ކުރާ ކަމަށެވެ. މިހާރު ރެޑްވޭވުގެ އޮންލައިން ކަސްޓަމަރުންނަކީ އެ ސުޕަމާޓުގެ މުހިއްމު ބަޔެކެވެ.

ރެޑްވޭވުގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު އަލީ ނާއިފު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް ރެޑްވޭވުން މަސައްކަތް ކުރާނީ އޮންލައިންކޮށް ވެސް ތަކެތި ވިއްކަން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ހުރާ ކަސްޓަމަރުންނަށް ވެސް ހިދުމަތްދޭން. ގުޅައިގެން ނޫނީ އޮންލައިން ކޮށް އަދި ފިހާރަ އައިސް ވިޔަފާރި ކުރާ ބޭނުންވާ ކަސްޓަމަރުންނަށް ވެސް ވީހާ ވެސް ފަސޭހަ ކަމާ އެކު ހިދުމަތް ދޭން،" އޭނާ ވިދާޅުވި އެވެ.

މިގޮތަށް އޮންލައިން ވިޔަފާރި ފެށި އަނެއް ފިހާރަ އަކީ އޭސް ހާޑްވެއާ އެވެ. ރައްޔިތުންނަށް އެންމެ އުނދަގޫ ހާލަތުގައި ވެސް ތަކެތި ފަސޭހަކަމާ އެކު ލިބޭނެ މަގު ފަހި ކުރުމަށްޓަކާއި އޭސް ހާޑްވެއާ އިން ވެސް ވަނީ ލޮކްޑައުން އައުމުން މަދު ދުވަސްކޮޅެއްގެ ތެރޭގައި އޮންލައިންކޮށް ތަކެތި ގަނެވޭނެ ގޮތް ފަހިކޮށްދީފަ އެވެ. އޭސް ހާޑްވެއާގެ މަކެޓިން މެނޭޖަރު އަލީ ރަޒާން ވިދާޅުވީ، އޮންލައިންކޮށް އެފިހާރައިން ވިއްކާ ތަކެތި ގަތުމަށް ހުޅުވައިލުމުން އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

ލޮކްޑައުންގެ ހާލަތުގައި ހުރިހާ އެންމެންނަށް ވެސް އޮންލައިންކޮށް ނުވަތަ ގުޅައިގެން ތަކެތި ގަންނަން މަޖުބޫރުވި އިރު ޖުލައި މަހު ލޮކްޑައުންގެ ހާލަތު އުވާލުމަށް ފަހު ވެސް ގިނަ އަދަދެއްގެ ކަސްޓަމަރުން ފިހާރައަށް ދިއުމުގެ ބަދަލުގައި އިހްތިޔާރު ކުރީ އޮންލައިންކޮށް ވިޔަފާރި ކުރަން ކަމަށް ރަޒާން ވިދާޅުވި އެވެ.

ރެސްޓޯރެންޓް ވިޔަފާރިތަކަށް ބަނަ އަހަރެއް

މާލޭގައި އަބަދުވެސް ފުރިފައި އޮންނަ ރެސްޓޯރެންޓްތަކަށް މިއަހަރު ވަނީ ހީނުކުރާ ނުކުރާ ވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިވެފަ އެވެ. މާލޭގައި އެންމެ ފަސޭއިން ރަނގަޅު އާމްދަނީއެއް ހޯދޭ މި ވިޔަފާރީގެ މަންޒަރު ކޮވިޑާ ގުޅިގެން ވަނީ އެއްކޮށް ބަދަލުވެފަ އެވެ. ހަތަރު މަހެއްހާ ދުވަހަށް ގިނަ ރެސްޓޯރެންޓްތަކަށް އެއްވެސް އާމްދަނީ އެއް ނުލިބި ބަންދުކޮށްފައި ބަހައްޓަން ޖެހުނެވެ. މިކަމުގެ ސަބަބުން އަދިވެސް ގިނަ ރެސްޓޯރެންޓްތަކަށް ތިބީ ކޮވިޑްގެ ބިޔަ ވިލާގަނޑުން ސަލާމަތް ނުވެވިފަ އެވެ. އަދިވެސް ބައެއް ރެސްޓޯރެންޓްތައް ހުރީ ހުޅުވޭނެ ގޮތް ނުތިފަ އެވެ. އަނެއް ބައި ތަންތަން ހުޅުވި ނަމަވެސް މީގެ ކުރިން ލިބުނު އާމްދަނީ ހޯދަން ވަނީ ނުކުޅެދިފަ އެވެ.

ލެމަންގްރާސް ރެސްޓޯރެންޓެއް-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރެސްޓޯރެންޓް ވިޔަފާރި ހިންގާ ލެމަންގްރާސްގެ އޮޕަރޭޝަންސް މެނޭޖަރު އަބްދުﷲ އާތިފް ވިދާޅުވީ 2020 ގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދެތިން އަހަރު ބޭނުންވާނެ ކަމަށެވެ. ސަބަބަކީ އާމްދަނީއެއް ނުލިބި އެތައް ދުވަހަކު ތިބެން ޖެހުމެވެ.

މާލޭގެ ރެސްޓޯރެންޓްތަކަށް ބޮޑު އާމްދަނީއެއް ޓޫރިސްޓުންގެ ފަރާތުން ވެސް ލިބެ އެވެ. އެހެން ނަމަވެސް ޓޫރިސްޓުންނަށް މާލެއަށް އެރޭނެ ގޮތް ހަމަޖެހިގެންދިޔައީ ޑިސެންބަރު މަހުން ފެށިގެންނެވެ. މިއާ އެކު ކުރިއަށް އޮތްތަނުގައި ރެސްޓޯރެންޓް ވިޔަފާރި ވެސް ކުރިއަރާނެ ކަމަށް އާތިފް އުންމީދު ކުރައްވަ އެވެ.

މިދިޔަ ވިހި އަހަރު ދުވަހު ނުލިބޭ ވަރުގެ ގެއްލުމަކާ ކޮވިޑާ ގުޅިގެން ކުރިމަތިވި އިރު 100 އަށް ވުރެ ގިނަ ބިދޭސީ މުވައްޒަފުން ވެސް ފޮނުވައިލަން ލެމަން ގްރާސް އަށް ޖެހުނެވެ.

"މިއީ ވިޔަފާރިއަށް ބަނަ އަހަރެއް. އަދިވެސް ލިބުނު ގެއްލުމުން އަރައި ނުގަނެވޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ގިނަ ދުވަސްވީ އެއް ރެސްޓޯރެންޓް ކަމަށްވާ ސިންފަނީގެ ޑިރެކްޓަރު އިޝާނާ ވަލީދު ވިދާޅުވީ، 2020 ވަނަ އަހަރު ނިމުނު އަނެއްކާ ވެސް ރެސްޓޯރެންޓްތަކަށް ވަންނަ މީހުން އިތުރުވެ، ލިބޭ އާމްދަނީ އިތުރުވާން ފަށައިފައިވާ ކަމަށެވެ.

"2020ގައި ބޮޑުބައި ރެސްޓޯރެންޓްތައް ހުރީ ބަންދުކޮށްފައި. އެހެންވެ ބޮޑެތި ގެއްލުންތަކާ ކުރިމަތިވި. މިހާރު އަނެއްކާ ވެސް ރެސްޓޯރެންޓްތަކަށް ވަންނަ މީހުން މިވަނީ އިތުރުވެފައި. އެހެން ކަމުން 2021 ގައި ކުރެވޭ އުންމީދު ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.

މި ނިމުނު އަހަރު ކުރިމަތިވި ކޮވިޑްގެ ބޯ ވިލާގަނޑުގައި ނުޖެހޭ ވިޔަފާރިއެއް މަދުވާނެ އެވެ. އެތައް ވިޔަފާރިއެއް ބަނގުރޫޓުވެގެންދިޔަ އިރު ސަލާމަތްވީ ހާލަތު އަވަހަށް ދެނެ ގަނެ، ވިސްނުންތެރި ބަދަލުތައް ގެނައި ވިޔަފާރިތަކެވެ. ހާއްސަކޮށް އާ ގޮތްތައް ބޭނުންކޮށް އޮންލައިން ވިޔަފާރިތަކަށް ބަދަލުކޮށްލައި ފަސޭހަ ކަމާ އެކު ޑެލިވަރީ ކުރަން ފެށި ވިޔަފާރިތައް މި ބޮޑު އަޑިގަނޑުން އަރައިގަތެވެ. މި ލިބުނު ގެއްލުންތަކާ އެކު ވެސް ގިނަ ވިޔަފާރިތަކުގެ އުންމީދު މި ފެށުނު އަހަރަށް ބޮޑެވެ.

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކީސް

03 January 2021

"ލަންކާގެ ބަޔަކު ރާއްޖޭގައި ހިންގާ އަވަސް ފުޑް އެފްލިކޭޝަނަކީ ވަރަށް ބޮޑަށް ޑިމާންޑް ބޮޑުވެގެން ދިޔަ އެޕެކެވެ." އަނެއްކާ ފޭސްބުކްޓީމްއިން މިރާއްޖޭގަ ޑެލިވަރީއެއްނުކުރޭބާ؟

The name is already taken The name is available. Register?

ކަކުނިބޯ

03 January 2021

"ލަންކާގެ ބަޔަކު ރާއްޖޭގައި ހިންގާ އަވަސް ފުޑް އެފްލިކޭޝަނަކީ ވަރަށް ބޮޑަށް ޑިމާންޑް ބޮޑުވެގެން ދިޔަ އެޕެކެވެ." ލަންކާމީހުން ހިންގަނީ އެޕް އެވެސް ޑެލިވަރީކުރާ ދިވެހިން ހިންގަނީ ވިޔަފާރި އެވެސް ޑެލިވަރީކުރަނީ. ދޫނިރާއްޖެ ހަމަ އެގޮތުގައި ބަންގާޅިފުޝިން މީހަކުއައިސް ދޫނިރާއްޖޭގެ ރުކުންވެއްޓޭކާށި ހޮވަގެން ވިއްކަނީ ދިވެހިންނަށް. މީކޮންކަހަލަ ޤައުމިއްޔަތެއް އޮންނަ ރައްޔިތެއް އުޅޭތަނެއްތަ އަދި ރައްޔިތުންދެކެ ކޮންކަހަލަ ލޯތްބެއްވާ ވެރިންތަކެއްތަ؟

The name is already taken The name is available. Register?

ބަބުލޫ

01 January 2021

މމ މިހާރު އިންސަޓްރާ މުން ވިޔަފާރިކުރާ މީހުން ވަރަށް ގިނަ، އެއްވެސް ރެގިއުލޭޝަނަކަށް ނުފެތި އޮތް އެވިޔަފާރި މީހުން ހިތުހުރި ގޮތަކަށް އޭތި މީތި ވިއްވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454