ރިޕޯޓް / ގެނބުން

ނާއިލްގެ ހަޔާތުގެ ކުރު 22 އަހަރުން، 44 ދުވަސް

ނާއިލް އޭނާގެ ބުޅާ "ޖޯ"އާ އެކުގައި: މުޅި ދަތުުރުމަތީގައި އޭނާ އުޅުނީ ބުޅާ ގޮވައިގެން

އޭނާ އެންމެ ކުރަން ބޭނުންވި އެއް ކަމަކީ، ދޯންޏަކަށް އަރައި މަސްވެރިންނާ އެކު މަސް ބޭނުމެވެ. މޫދުގައި ޑައިވްކޮށްލާ، ކަނޑު އަޑީގެ ރީތިކަން ދެކިލުމެވެ. ހަޔާތުގެ އެންމެ ފަހު ދެ މަސް ދުވަހުގެ ތެރޭގައި އަބްދުﷲ ނާއިލް ވަނީ އެކަންކަން ކޮށްފަ އެވެ. ގިނަ ރަށްރަށަށް ދަތުރުކޮށް، މީގެ ކުރިން ނުކުރާ އެތައް ކަމެއް އެ ދުވަސްތަކުގައި ނާއިލް ކުރި އިރު، އެ ހުރިހާ ކަމެއް ވަނީ ވީޑިއޯ ވެސް ކޮށްފަ އެވެ.

މީގެ ދެ އަހަރު ކުރިން، ކ. ތަނބުރުދޫގައި ރާޅާއަޅަން އުޅެނިކޮށް، 22 އަހަރުގެ ނާއިލް މަރުވީ، ޓީވީއެމްގެ ޓްރެވެލް ޝޯއަކަށް ޝޫޓު ކުރަން އުޅުމުގެ ތެރޭގަ އެވެ. ރަށްރަށުގެ ރީތިކަމާއި ދިރިއުޅުން ދައްކައިދޭ އެ ޕްރޮގްރާމްގެ ހޮސްޓަކީ ވެސް އޭނާ އެވެ. އެހެންވެ، އޭނާގެ ހަޔާތުގެ އެންމެ ފަހު ދުވަސްތައް، އެ ޕްރޮގްރާމުން ވަރަށް ރީތިކޮށް ކިޔައިދެ އެވެ. އެކަމަކު ނާއިލް މަރުވުމާ އެކު ޓީވީއެމުން ވަނީ ޕްރޮގްރާމް ކެންސަލްކޮށްފަ އެވެ.

ދެ އަހަރު ފަހުން، އެ ވީޑިއޯތައް ފެންނަ ޑޮކިއުމަންޓްރީ ޓީވީއެމުން ރޭ ގެނެސްދިނީ ނާއިލްގެ ހަނދާނެއްގެ ގޮތުން، އޭނާއަށް ދޭ ޓްރިބިއުޓެއްގެ ގޮތުގަ އެވެ. އެކަމަކު ނާއިލްގެ އުފާވެރި މިޒާޖާއި އޭނާ ކުރި ތަޖުރިބާތައް ފެނުނީ އަސަރުން ފުރިގެންވާ ގޮތެއްގަ އެވެ.

"ސަލްޓަންސްގައި ނަގާނެ ވަރަށް ރީތި ރާޅު. އެހެންވެ، މި ބަލަނީ ވަރަށް ހިތްގައިމު ރާޅުކޮޅެއް އަޅާލަން ލިބޭނެ ކަމަށް،" ތަނބުރުދޫގައި އޮންނަ، ރާޅާއެޅުމަށް އެންމެ މަޝްހޫރުތަން، "ސަލްޓަންސް"އަށް ފޭބުމުގެ ކުރިން، ނާއިލް ބުނެ އެވެ.

ބޯޑުގެ ކުރީގައި ކެމެރާ ހަރުކުރާ ތަނާއި އެއަށް ފަހު މޫދަށް ފުންމާލައި، ބޯޑު މަތީގައި ފަތާފައިދާ މަންޒަރު ވެސް ވީޑިއޯތަކުން ފެނެ އެވެ. އެކަމަކު އޭގެ ވިއްސަކަށް މިނިޓް ފަހުން، ދެން އިވެނީ ނާއިލް ގެއްލުނު ހަބަރެވެ.

"ޔުއަ ވޭވް އިޒް ވެއިޓިން" ކުރަހާފައިވާ ފާރެއް ކައިރިން ނާއިލް ހިނގާލާފައި ދަނީ

އޭނާ ފެނުނީ، ކޯސްޓް ގާޑުން އޭނާ ހޯދަން މަސައްކަތް ކުރަނިކޮށް، ދެ ގަޑިއިރެއްހާއިރު ފަހުން ތަނބުރުދޫއަށް ލައްގާފައި އޮއްވަ އެވެ.

ރައްކާކުރެވުނީ އޭނާގެ އުފާވެރި ހަނދާންތަކެއް

ޓީވީއެމް އިން ހިންގާ "މޯލްޑިވްސް ޓީވީ"އަށް ހާއްސަކޮށްގެން ޓްރެވެލް ޝޯ ތައްޔާރުކުރީ، ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، މީހުންގެ ދިރިއުޅުމާއި ރަށުގެ ރީތިކަން ގެނެސްދޭ ގޮތަށެވެ. ޝޯގެ ފުރަތަމަ އެޕިސޯޑަށް، ނާއިލް އާއި އިތުރު ދެ މީހުން ހިމެނޭ ކުރޫއެއް، ކ. ތުލުސްދުއަށް ފުރީ ފެބުރުއަރީ، 22 ގަ އެވެ.

ޝޯ ގެނެސްދީފައިވަނީ ނާއިލްގެ އަޑު އަޅައިގެންނެވެ. ރަށާ މެދު އޭނާއަށް އިހުސާސްކުރެވޭ ގޮތާއި ތަޖުރިބާތައް އޭނާ ކިޔައިދެ އެވެ. އިރުއޮއްސޭ މަންޒަރުގެ ފުރިހަމަކަމާއި ކަނޑު އަޑީގެ ރީތިކަމާއި މަސައްކަތާ ގުޅޭ ގޮތުން ރަށުގެ މީހުންނާ އޭނާ އިންޓަވިއު ކުރެ އެވެ.

"ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ އެންމެ ފުރަތަމަ މޫދު އަޑީގައި މިލީ ނޭވާ. ހީވަނީ މުޅިން އެހެން ދުނިޔެއެއްގައި އުޅެވޭހެން. ވަރަށް ތަފާތު ކަމެއް މިއީ،" ކ. ހިންމަފުށީގައި އޭނާ ކުރި އެންމެ ފުރަތަމަ ޑައިވަށް ފަހު ނާއިލް ބުނެ އެވެ.

ކ. އަތޮޅުގެ ތިން ރަށަކަށް ކުރި ދަތުރުގައި، މި ނޫނަސް ގިނަ ކަންކަން އޭނާ އަލަށް ތަޖުރިބާ ކުރި އެވެ. އެ ހުރިހާ ކަމެއް އޭނާ ވީޑިއޯގައި ކިޔައިދިނީ، ވަރަށް އުފާވެރި ކަމެއްގެ ގޮތުގަ އެވެ.

ހަޔާތުގައި ނާއިލް ކުރި ފުރަަތަމަ އަދި އެންމެ ފަހު ޑައިވަށް ފަހު މައްޗަށް އަރައި އުފާ ފާޅުކުރަނީ: ކުރަން ބޭނުންވި ގިނަ ކަންކަން އެ ދަތުރުގައި އޭނާ ވަނީ ކޮށްފައި

އޭނާއާ އެކު ރަށްރަށަށް ދަތުރު ކުރި ޝޯގެ ޕްރޮޑިއުސަރު، ރީޝާ ޝަރީފް (އިއްޔަ) ބުނިގޮތުގައި ރަސްމީކޮށް ވީޑިއޯ ނަގާ ވަގުތުތަކުގައި ނޫނަސް، ކެމެރާ އޮންކޮށްފައި ހުރުމުން ނާއިލްގެ ވަރަށް ގިނަ ވީޑިއޯތައް ވަނީ ނެގިފަ އެވެ. އޭނާ ބުނެލާ މާނަ ފުން ބަސްތަކާއި މަޖާ ވާހަކަތައް ވީ ފަހުން ވަރަށް އަސަރު ގަދަ އެއްޗެއްސަށެވެ.

"އެއް ފަހަރަކު އޭނާ ބުނެފައިވޭ މިއީ އެކްޝަން ޝޯއެއް ނަމަ ތިމަންނަ މިހާރު ހުންނާނީ މަރުވެފައޭ ވެސް. އޭރު މަޖަލަކަށް ބުނެލި އެއްޗެހި ނަމަވެސް، ފަހުން ވީޑިއޯތައް ބަލާލައި އަޑުއެހުމުން ވަރަށް އެހެން މާނަތައް ވެސް ނެގޭ،" އިއްޔަ ބުންޏެވެ.

އެކަހަލަ އެހެން މަންޒަރަކަށް އޭނާ ފާހަގަކުރީ، ރަށެއްގައި ނާއިލް ރާޅާ އަޅަން ދަނިކޮށް ފާރުގައި ކުރަހާފައި ހުރި ގްރެފިޓީއެކެވެ. "ޔުއަ ވޭވް އިޒް ވެއިޓިން" ނުވަތަ "ކަލޭގެ ރާޅު އޮތީ އިންތިޒާރުގައި"އޭ ބުނެ ގްރެފިޓީ ކުރަހާފައިވާ ފާރު ކައިރިން ނާއިލް ހިނގާލާފައި ދާ މަންޒަރު ވީޑިއޯއިން ފެންނައިރު، އިއްޔަ އާއި ކެމެރާމަނަށް ވަރަށް އަސަރު ގަދަ އެވެ.

"ޝޯ އޭރު ކެންސަލް ކުރި ނަމަވެސް، އަލުން މި ވީޑިއޯތައް ބެލުން ވީ ވަރަށް ވަރަށް އުނދަގޫ ކަމަކަށް،" އިއްޔަ ބުންޏެވެ.

އޭނާ ބުނިގޮތުގައި މުޅި ޝޯއިން ވެސް ނާއިލްގެ މަޖާ މިޒާޖާއި ހުނަރުވެރިކަން ފެނެ އެވެ. އޭނާއަކީ އިނގިރޭސި ބަހުން ޅެން ލިޔާ މޮޅު ޅެންވެރިއެކެވެ. އެ ދަތުރުގައި ދިއްފުށި ކައިރީގައި އޮންނަ ފިނޮޅަކަށް ގޮސް، 101 ރަށުގެ އިރުއޮއްސޭ މަންޒަރު ބަލައި އެކަމާ މެދު ލިޔަން ބޭނުންވާ ކަމަށް ބުންޏެވެ. އެ ޅެންފޮތަށް އޭނާ ދޭން ބޭނުންވި ނަމަކީ ވެސް "101 ސަންސެޓްސް" އެވެ.

ތަނބުރުދޫ މޫދަށް ފޭބުމަށް ފަހު ނާއިލް ބޯޑުމަތީގައި ފަތާފައި ދަނީ. މިއީ އޭނާގެ ހަޔާތުގެ އެންމެ ފަހު މަންޒަރަކަށް ވީޑިއޯކޮށްފައިވާ މަންޒަރު

އެ އުއްމީދުގައި ނާއިލަށް ދަތުރު ކުރެވުނު ތިން ރަށުން ވެސް އިރުއޮއްސޭ މަންޒަރު ތަޖުރިބާކޮށް، އެކަމާ ގުޅޭ ގޮތުން އޭނާ ވަނީ ލިޔެފަ އެވެ. އޭގެ ތެރެއިން އެއް ޅެމަށް އޭނާ އަޑު އަޅާފައިވާއިރު، ޓީވީއެމުން ރޭ ގެނެސްދިން ޑޮކިއުމެންޓްރީގައި ވަނީ އެ ޅެން ގެނެސްދީފަ އެވެ.

ނާއިލްގެ އާއިލާއިން މިހާރު މަސައްކަތް ކުރަނީ އޭނާ ލިޔެފައިވާ މަދު ޅެންތައް ހިމަނައިގެން، އެ ފޮތް ނެރޭށެވެ. ދެން އެ ފޮތުގައި ހިމަނާނީ، ނާއިލްގެ އެކުވެރިން އޭނާއާ ބެހޭ ގޮތުން ލިޔެފައިވާ ޅެންތަކެވެ.

ފަސް ފިރިހެނުން ހިމެނޭ އާއިލާގެ އެންމެ ހަގު މެމްބަރަކީ ނާއިލެވެ. އޭނާގެ ދޮއްޓަށް ހުންނަ ބޭބެ، އިސްމާއިލް ނާއިލް ބުނިގޮތުގައި ރޭގެ ޑޮކިއުމަންޓަރީން ކޮއްކޮއާ ގުޅޭ ގޮތުން ކުރިން ނޭނގޭ ބައެއް ކަންކަން އެނގުނެވެ. އޭނާ މި ދުނިޔޭގައި އެންމެ ކުރަން ބޭނުންވި ކަންކަން ހަޔާތުގެ އެންމެ ފަހު ދުވަސްތަކުގައި ކުރެވުނު ކަން އެއީ ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

ނާއިލް ތަނބުރުދޫ މޫދަށް ފައިބާ ނަގާފައިވާ ފޮޓޯއެއް

"22 އަހަރުގައި އޭނާ މަރުވި އިރު ވަރަށް ގިނަ ކަންކަން ކޮށްފި. ވަރަށް ގިނަ މީހުންގެ ދިރިއުޅުމުން ޖާގަ ހޯދައިފި. މިހާރު ވެސް އޭނާ ދެކެ ވަރަށް ގިނަ ބަޔަކު ލޯބިވާކަން އެނގުމަކީ ބޮޑު ހިތްހަމަ ޖެހުމެއް،" އިސްމާއިލް ބުންޏެވެ.

4 ކޮމެންޓް, 374 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 96%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަކީލުު

03 January 2021

މަރުޙޫމްއަށް ސުވަރުގެ މިންވަރުކުރައްވާށި، އާމީން. ޑޮކިއުމަންޓްރީއިން އެނގުނީ ވަރަށް މީހުންނާ ގުޅޭ އަދި އެހާމެ މަޖާ މިޒާޖެއްގެ މީހެއްކަން.

The name is already taken The name is available. Register?

ހާމިދު ޝާހިދު

03 January 2021

އެއީ ޝަހީދު މަރެއް ނޫންބާ! ގައުމަށް އަންނަ ފަތުރުވެރިން ޝައުގުވެރިކުރުވުމަށާއި ލޯކަލް ޓޫރިޒަމް އިސްތިހާރުކުރުމަށް ޑޮކިއުމެންޓްރީތަކެއް ނަގަން އުޅެނިކޮށް، ރާޅެއްގެ ދަށުވެ، ވީކަމެއް ވެގެން ޒުވާނާ ނިޔާވީ. އެހެންވީމާ، އޭނާގެ ޒިކުރާ އާކުރުމުގެ ގޮތުން އަދި އެހެން ޒުވާނުންނަށް އިބުރަތެއްކަމުގައި ހެދުމަށް މިފަދަ ވީޑިއޯއެއް ރިލީޒް ކުރުމަކީ ޕީއެސްއެމްއިން ކުރި ވަރަށް ރަނގަޅުކަމެއް. އެންމެންގެވެސް ދުވާއަކީ ނާއިލްއަށް ސުވަރުގޭގެ ދާއިމީ ނިއުމަތްލިބުން.

The name is already taken The name is available. Register?

ނަން

04 January 2021

ކަލޭމެން ބޭނުންވީމަ ޝަހީދު މަރެއްކަމަށް ނިންމަންވީދޯ.

The name is already taken The name is available. Register?

ދިރުންވާހިތް

02 January 2021

ދެން ފައިދާއެއްކުރާނީ ހެޔޮ ދުޢާ އަކުން / ސަދަޤާތަކުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454