ބަންދު ސަލީމް އިސްކޮށް ހުންނަވައި، ސޮލަރެލްގެ ފުރަތަމަ ފިޔަވަޅު

ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތައް ހިންގެވުމުގައި ދާދި ފަހަކާ ޖެހެންދެން ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ ބަންދު އިބްރާހިމް ސަލީމް (ބަންދު ސަލީމް) އަކީ މާލީ އަދި ވިޔަފާރީގެ ތަޖުރިބާކާރެކެވެ. ހަމައެހެންމެ އޭނާ އަލަށް ފެއްޓެވި ވިޔަފާރީގައި ބައިވެރިންނަކީ ވެސް މާލީ އަދި ވިޔަފާރީގެ ދާއިރާގެ ވަރަށް ގިނަ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނެވެ.


އެމްޓީސީސީ އާއި އައިލެންޑް އޭވިއޭޝަން އަދި އެއާޕޯޓްސް ކޮމްޕެނީ ފަދަ ބޮޑެތި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ބަންދު ސަލީމާއި ވިޔަފާރީގެ ބައިވެރިން އަލަށް ވެންނެވީ އިންޝުއަރެންސްގެ ދާއިރާއަށެވެ. މިދިޔަ މާޗް މަހު ލައިސަންސް ލިބުނު ސޮލަރެލް އިންޝުއަރެންސަކީ ރާއްޖޭގައި އިންޝުއަރެންސް ހިދުމަތް ދޭން އުފެއްދި 100 ޕަސެންޓް ދިވެހިން ހިއްސާވާ ފުރަތަމަ ދިވެހި އިންޝުއަރެންސް ކުންފުންޏެވެ.

ބަންދު ސަލީމް ދެކެވަޑައިގަންނަވާ ގޮތުގައި "މިއީ އިންޝުއަރެންސްގެ ވިޔަފާރީގެ ތެރެއަށް އަމިއްލަ ވިޔަފާރިވެރިން އިންވެސްޓްކުރަންވީ ވަގުތެ"ވެ.

ސޮލަރެލް އިންޝުއަރެންސްގެ މުވައްޒަފަކު އޮފީހުގައި މަސައްކަތް ކުރަނީ: އެ ކުންފުނިން އިންޝުއަރެންސްގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

އިންޝުއަރެންސްގެ ވިޔަފާރީގެ ތެރެއަށް ވަދެ ފައިހަރުކޮށްލަން ބަންދު ސަލީމާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު (ފިނޭންސް މިނިސްޓްރީގެ ކުރީގެ ފައިނޭންޝަލް ކޮންޓްރޯލަރު) ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ސޮލަރެލް އިންޝުއަރެންސް އަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ ޖެނެރަލް އިންޝުއަރެންސްގެ ހިދުމަތް ދިނުމުގެ ލައިސަންސާ ދީފަ އެވެ. އާ ކުންފުނި ފުރަތަމަ ފިޔަވަޅު އަޅަން ފެށީ އޭޑީކޭ ޓަވަރުގައި އޮފީހެއް ހަދައި އާއްމުންނަށް ހިދުމަތް ދޭން ފެށުމާ އެކު އެވެ.

"އަޅުގަނޑުމެންނަށް ލިބިފައި މިއޮތީ ޖެނެރަލް އިންޝުއަރެންސްގެ ހިދުމަތް ދިނުމުގެ ލައިސަންސް. އެއާއެކު އަޅުގަނޑުމެން މިގެންދަނީ ރާއްޖޭގައި މި ހިދުމަތް ދެވެން އޮތް އެންމެ ފުޅާ މިނެއްގައި ދޭން މަސައްކަތްކުރަމުން،" ސޮލަރެލް އިންޝުއަރެންސްގެ ޗެއާމަން ބަންދު ސަލީމް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ކަސްޓަމަރުން ބޭނުންވާ އެންމެ މަތީ ފެންވަރުގެ ހިދުމަތް އަޅުގަނޑުމެން ދޭނަން."

އެ ކުންފުނިން ވަނީ އާއްމުކޮށް ރާއްޖޭގައި ދެމުން އަންނަ ހުރިހާ ވައްތަރެއްގެ އިންޝުރެންސްގެ ހިދުމަތްތައް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި މެރިން އިންޝުއަރެންސް، އިންޖިނިއަރިން އިންޝުއަރެންސް، ޕްރޮޕަޓީ އިންޝުއަރެންސް، އޭވިއޭޝަން އިންޝުއަރެންސް، މިސެލޭނިއަސް އިންޝުއަރެންސް، އަދި މޮޓޯ އިންޝުއަރެންސް ހިމެނެ އެވެ.

ސަލީމް ވިދާޅުވީ ސޮލަރެލް އިން މަސައްކަތްކުރަމުން ގެންދަނީ ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ވީ އެންމެ ފުޅާ މިނެއްގައި ދީ ކަސްޓަމަރުންނަށް އޮންނަ ޔަގީންކަން ބޮޑުކޮށްދޭން ކަމަށެވެ.

މިވަގުތު ރާއްޖޭގައި ވަރަށް ގިނަ ރިސޯޓްތައް ހަދަމުން އެބަ ގެންދޭ. އޭގެ އިތުރުން އިގްތިސާދީ ވަރަށް ގިނަ މަސައްކަތްތައް ފުޅާވަމުން އެބަ ދޭ. މިއީ މިފަދަ ހިދުމަތް ދޭން ނުކުންނަން އެންމެ ރަނގަޅު ވަގުތު ކަމަށް އަޅުގަނޑު ދެކެނީ. އަދި މިއީ އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން ބޭންކުތައް ރާއްޖެ އަންނަންވީ ވަގުތު - ބަންދު ސަލީމް

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ދުނިޔޭގެ އެންމެ ވަރުގަދަ ރީ އިންޝުއަރެންސްގެ ހިދުމަތް ދޭ ކުންފުނިތަކާ ގުޅިގެން. އެގޮތުން ލޮއިޑްސް ސިންޑިކޭޓާއި ހެނޯވާ ރީއާ އަކީ އަޅުގަނޑުމެންނަށް އެ ހިދުމަތް ދޭ ދެ ކުންފުނި. މި ދެ ބައި މީހުން އަޅުގަނޑުމެންނާ ގުޅުމަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ފުޅާކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތް ކަމަށެވެ. އެ ކުންފުނިން ނުކުތީ މާކެޓް ރަނގަޅަށް ދިރާސާކުރުމަށް ފަހު ކަސްޓަމަރުން އެންމެ ބޮޑަށް ބޭނުންވާ ޕްރޮޑަކްޓްތައް ދެނެގަނެގެން ތިބެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިވަގުތު ރާއްޖޭގައި ވަރަށް ގިނަ ރިސޯޓްތައް ހަދަމުން އެބަ ގެންދޭ. އޭގެ އިތުރުން އިގްތިސާދީ ވަރަށް ގިނަ މަސައްކަތްތައް ފުޅާވަމުން އެބަ ދޭ. މިއީ މިފަދަ ހިދުމަތް ދޭން ނުކުންނަން އެންމެ ރަނގަޅު ވަގުތު ކަމަށް އަޅުގަނޑު ދެކެނީ. އަދި މިއީ އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން ބޭންކުތައް ރާއްޖެ އަންނަންވީ ވަގުތު،" ބަންދު ސަލީމް ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ ތެރެއިން ގިނައީ ދިވެހިން ހިންގާ ރިސޯޓްތައް ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެ ކުންފުނީގެ އެންމެ ބޮޑު ޓާގެޓަކީ އެފަދަ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދިނުމެވެ.

ބަންދު ސަލީމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވީ މިއީ ޕްރައިވެޓް އިންޝުއަރެންސް ކުންފުނިތައް އަންނަން އެންމެ ރަނގަޅު ވަގުތު ކަމަށް. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

"ރާއްޖޭގައި ގިނައިން މިހިރީ ދިވެހިން ހިންގާ ރިސޯޓްތައް. މިކަހަލަ ހިދުމަތްތައް ފުޅާކުރި ވަރަކަށް އެ މީހުން ވެސް މި ދިމާލަށް އަންނާނީ. އޭރުން އަޅުގަނޑުމެންނަށް މި ހިދުމަތް ފުޅާކުރެވި އިތުރަށް ތަރައްގީކުރެވޭނީ،" ބަންދު ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ދެވޭނީ އެކަމަށް ބޭނުންވާ ގާނޫނެއް އޮވެގެން ކަމަށެވެ.

"ބޭންކިން ހިދުމަތް ވެސް މިހާރު ދެމުން އެގެންދަނީ ގާނޫނެއްގެ ދަށުން. މިކަން ވެސް އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށް ގެންދަން ގާނޫނެއް އެބަ ބޭނުންވޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެމްއެމްއޭ އިން ވަނީ އެކަމާ ބެހޭ ބިލެއް ޑްރާފްޓްކުރުމަށް ފަހު މަޖިލީހަށް ފޮނުވާފައި،" ބަންދު ވިދާޅުވި އެވެ.

ބަންދު ސަލީމް ވިދާޅުވި ފަދައިން އިންޝުއަރެންސްގެ ދާއިރާގެ ވާދަވެރިކަން އަންނަނީ ބޮޑުވަމުންނެވެ. ވާދަވެރިކަން ބޮޑުވުމަކީ މި ދާއިރާގެ ހިދުމަތް ހޯދާ މީހުންނަށް އޮތް ވަރަށް ބޮޑު ފުރުސަތަކަށް ވާނެ އެވެ.