ރިޕޯޓް / ޓެރަރިޒަމް

މިކަން އަވަހަށް ހުއްޓުވާ! ދެން އޮތީ ކާކު ކަމެއް ނޭނގެ؟

އަހަރުތަކެއް ކުރިން، ވަރަށް ސިއްރުން ހަރުކަށި ފިކުރުގައި ބައެއް ދިވެހިން އުޅެމުން ދިޔަ ނަމަވެސް، މީގެ 25-30 އަހަރު ކުރިން ރާއްޖޭގައި ހަރުކަށި ފިޔަވަޅުތައް ވަނީ އާންމުވާން ފަށައިފަ އެވެ. މާ ބޮޑެތި ދިރާސާތަކެއް ހެދިފައި ނެތަސް، އެކަން އެންމެ ފުރަތަމަ ފެންނަން ފެށީ ބައެއް މީހުންގެ އަމަލުތަކުންނެވެ. އޭރު ދިވެހި އާންމު ރައްޔިތުން ދެކެމުންް އައީ އެއީ މަޖާ ކަމެއްގެ ގޮތުގަ އެވެ. ބުނާ އަޑު އިވެނީ، އެވެނި ގެއެއްގެ މުޅި ގޭގައި އެއްކޮށް ހުންނަނީ ކަޅު ފަރުދާ ކަމަށެވެ. މިވެނި ގެއެއްގެ މީހުން، ދަތް އުނގުޅާ ބުރުހަކުން ދަތެއް ނޫނގުޅަ އެވެ. އެ މީހުން ދަތް އުނގުޅަމުން ދަނީ ފިހިކޮޅަކުންނެވެ. -- އެ ވާހަކަތައް ދެކެވެމުން ދިޔައީ އާ ކަމަކަށް ވެގެންނެވެ. ސިއްރުސިއްރުންނެވެ. މަޖަލަކަށް ވެގެންނެވެ.

އެކަމަކު އާންމުންނަށް ވެސް ނޭނގުނު ކަމަކީ، އެ ކަޅު ފަރުދާގެ ނިވަލުގައި ތިބެގެން އެހެން ކަންތައްތަކެއް ރާއްޖޭގައި ހިނގަމުން ދިޔަ ކަމެވެ. މިސްކިތްތަކާއި ސްކޫލުތަކަށް ހަރުކަށި ފިޔަވަޅުތައް މަޑުމަޑުން ވަންނަމުން ދިޔަ ކަމެވެ. ބައެއް ސްކޫލުތަަކުގައި ކުޑަކުދިން ހަރުކަށި ފިޔަވަޅުތައް ފޮލޯ ކުރަމުން ދިޔަ ތަން އާންމުންނަށް ފެންނަމުން ދިޔަ އިރު، ވަރަށް ގިނަ މީހުން ބުނަމުން އޭރު ދިޔައީ "އެއޮއް ނުލަފާކޮށް އުޅުނު ސޮރު މިވެނި މީހަކާ ޖެހިގެން މިހާރު އިސްލާހު ވެއްޖެ" ކަމަށެވެ. އެކަމަކު އެ އިސްލާހުގެ އަޑީގައި މުޅިން އެހެން ކަންކަން ހިނގަމުން ދިޔަ އެވެ. ނުލަފާ ސޮރު "އިސްލާހު"ވެ، އޭގެ މައްޗަށް ވެސް "އިސްލާހު"ގެ ފިލާވަޅުތައް އައީ ނަގައިދެމުންނެވެ. އެއީ ދެން ތިބި މީހުންނާ ދޭތެރޭ ނަފްރަތާއި ރުޅިވެރި ކަމުގެ ފިކުރެވެ. އެ މީހުން ނޫން އެންމެން ކާފަރު ކުރުމުގެ ފިކުރެވެ. އެ އެންމެން އެއީ މަރަން ޖެހޭ ކަމުގެ ފިކުރެވެ. ހަނގުރާމަތަކަށް ގޮސް "ޖިހާދު" ކުރަންވީ ފިކުރެވެ.

އެ މަޖާގަނޑުން މީހުން ހޭލައްވާލީ، ސެޕްޓެމްބަރު 29، 2007 ވަނަ ދުވަހު އެވެ. އެ ދުވަހު ސަލްޓަން ޕާކުގައި ގޮއްވާލި ބޮމާ އެކު އެވެ. ތަހުގީގުތައް ހިންގާލި އިރު ހަރުކަށި ފިޔަވަޅު އޮތީ މައިތިރި ކުރެވޭ ހިސާބެއްގައެއް ނޫނެވެ. ބައެއް ރަށްރަށް އެއްކޮށްހެން ވަނީ ހަރުކަށި ފިކުރުން ސިކުނޑި ދޮވެލައިފަ އެވެ. އޭގެ ހަފުތާއެއްހާ ދުވަސް ފަހުންް، އޮކްޓޫބަރު 7 ގައި އއ. ހިމަންދޫގައި ސަލާމަތީ ބާރުތަކާ ދެކޮޅަށް އެ ރަށުގެ ހަރުކަށި ފިކުރުގެ ބޮޑު ގުރޫޕަކުންް ނުކުމެ ހަމަލާ ދިން ހިސާބުން މިކަމުގެ ސީރިއަސްކަން މުޅި ދައުލަތަށް ވަރަށް ބޮޑުވެގެން ދިޔަ އެވެ.

ސަލްޓަން ޕާކުގައި ގޮއްވާލި ބޮމުގެ ބައިތަކެއް -- ފޮޓޯ: ހަވީު އާކައިވް

ހިމަންދޫގެ އެންމެ އަޑިއަށް ފީނާލި އިރު، އެ ރަށުގެ ދެ އަވަށުގެ ތެރެއިން އެއް އަވަށަށް އޮތީ، ހަރުކަށި ފިކުރުގެ ދާދާއިން ރަސްކަން ފަތުރާލައިފަ އެވެ. އެ ރަށުގައި އުމުރުން އެންމެ ފަސް، ހަ އަހަރުގެ އަންހެން ކުދިން ވެސް މޫނު ނިވާކޮށް، އެ އުމުރުގެ ކުޑަ ފިރިހެން ކުދިންގެ ވެސް ވިސްނުން ވަނީ ބަދަލުކޮށްލައިފަ އެވެ. ކުރިން ހަރަކާތްތެރި ގެތަކަށް ވަދެލާ އިރު ފެންނަމުން ދިޔައީ މަޑުމައިތިރި ކަމާއި، އަންހެންވެރިން ކަންކަނަށް ވަދެ ފިލައި ތިބި މަންޒަރެވެ. އޭރުގެ ސަރުކާރަށް އެކަން ރޭކާލި އިރު ދެން އޮތީ ވާނެ ހައެތި ވެ ނިމިފަ އެވެ. ދެން ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. އޭގެ ފަހުން މުޅި ރާއްޖެ ކޮނެ ހާވާލި އިރު، އެކި ރަށްރަށުގައި ވެސް ހަރުކަށި ފިކުރުގެ ބޮޑެތި އައްޑާތައް ހިންގަމުން ދިޔަ އެވެ. ބައެއް ރަށްރަށުގައި އެކަން އޮތީ ސަލާމަތް ނުވާ ހިސާބުގަ އެވެ.

ހިމަންދޫގައި ސަލާމަތީ ބާރުތަކާ ދެކޮޅަށް ނުކުމެތިބި ބައެއް މީހުން -- ފޮޓޯ؛ ހަވީރު އާކައިވް

ސަލްޓަން ޕާކުގެ ބޮމުގެ ހަމަލާ އަށް 15 އަހަރު ވަނީ އެވެ. ހަރުކަށި ފިކުރުގެ އަސަރުތައް ރާއްޖޭގައި އަދިވެސް އެގޮތުގައި އޮތީ އެވެ. ސަރުކާރުތަކަށް އެކަމެއް ނުވެއް ހުއްޓުނެވެ. ދީނީ ނަސޭހަތް ދޭ މީހުންނަކަށް ވެސް އެކަމެއް ނުއެއް ހުއްޓުވުނެވެ. އެ މީހުންްގެ ޕްލޭންތަކާއި އެ މީހުންްގެ ޖާސޫސީ މައުލޫމާތުތައް މާ ވަރުގަދަ ކަމަށް ފެނެ އެވެ. އޭގެ ނަތީޖާ އަކީ، ދައުލަތުގެ އެއްވެސް އިންޓެލިޖެންސަކަށް ފަހުމް ވެސް ނުވާ ގޮތަށް ބޭނުންއިރަކު ބޭނުން ކަމެއް ކޮށްލުމުގެ ގާބިލްކަން ލިބުމެވެ. ބޭނުން މީހަކަށް ހަމަލާ ދެވުމެވެ. ސަލްޓަން ޕާކުގެ ބޮމުގެ ހަމަލާ އަށް ފަހު، ރާއްޖޭގައި މިގޮތަށް ހިންގާފައިވާ ޓެރަރިޒަމްގެ ހުރިހާ އަމަލެއްގައިހެން އެ މީހުންގެ ބައިވެރިވުން އޮތް ކަމަށް އެކި ރިޕޯޓްތަކުންް ދައްކަ އެވެ.

މިއީ އޭގެ ކަޅު ސޮފުހާތަކެވެ.

ސަޕްޓަން ޕާކުގެ ބޮމުގެ ހަމަލަ

ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތަކުގެ ފެށުން އައީ މި ހިސާބުންނެވެ. ތަހުގީގުތަކުން މިހާތަނަށް އެނގިފައިވާ ގޮތުގައި، ޓޫރިސްޓުންނަށް އަމާޒުކޮށް، ބާރުގަދަ އައިއީޑީއެއް ގޮއްވާލަން ރާވައި، އަދި ކުދި މޮހޮރު އަޅައިގެން އެ ހަދާފައި ވަނީ ވެސް ހަރުކަށި ފިކުރަށް ގޮސް ހުސްވެފައިވާ ޒުވާނުންތަނެއް ގުޅިގެންނެވެ.

ސަލްޓަން ޕާކުގެ ބޮމާ ގުޅިގެން ފުލުހުން އާންމުކުރި ދެ މީހުން ހަރަކާތްތެރިވި ގޮތް -- ފޮޓޯ: ހަވީރު އާކައިވް

ސަލްޓަން ޕާކުގެ މައި ދޮރާ ވަރަށް ކައިރިން، ސެޕްޓެމްބަރު 29، 2007ގެ މެންދުރު ފަހު 2:30 ހާއިރު ދިން ހަމަލާގައި، 12 ޓޫރިސްޓަކާއި އާންމުންގެ ތެރެއިން އެކަކު ޒަހަމްވި އެވެ. ކާފަރުން މެރުމަކީ ޖިހާދެއް ކަމަށް ބުނެ، ދިން ހަމަލަ އާ ގުޅިގެން 14 މީހަކު ފުލުހުން ހައްޔަރުކޮށް އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ޝަރީއަތް ކުރި އެވެ. އެކަމަކު، ކުށް ސާބިތުވީ އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށެވެ.

މީގެ ތެރެއިން ބައެއް މީހުން ފިލައިގެން އުޅުމަށް ފަހު، އަހަރުތަކެއް ފެނި، އެ މީހުންގެ ޝަރީއަތް މިހާރު ވެސް ދަނީ ކުރިއަށެވެ.

ހިމަންދޫގައި ހިނގި ބޮޑު ހަމަނުޖެހުން

ސަލްޓަން ޕާކުގެ ބޮމުގެ ހަމަލާ އަށް ފަހު، އެ ހަމަލާގައި ހިމެނޭ ބައެއް މީހުން ހޯދަން އަތްފުނާ އެޅި އެއް ރަށަކީ އއ. ހިމަންދޫ އެވެ. އެކަމަކު އެ ރަށުން ކުރިމަތިވީ އެއަށް ވުރެ މާ ނުރައްކާތެރި ހަމަލާއެކެވެ. ފުލުހުންނަށް ނުކިޔަމަންތެރިވެ، އޭގެ ތެރެއިން ބައެއް މީހުން ފުލުހުންނާ ކުރިމަތިލީ އެވެ. ދެން އެ ރަށުގައި ފަޅައިގެން ދިޔަ ހުޅުގަނޑު ވަރަށް ސީރިއަސް އެވެ.

ހިމަންދޫގައި އޭރު، ގެއެއްގެ ބައެއް މިސްކިތަކަށް ހަދައިގެން އާންމު ޖަމާއަތާ ވަކިން ނަމާދުކުރާތާ ދެ އަހަރުވެއްޖެ އެވެ. ބޮޑު ހަމަނުޖެހުމުގެ އަހަރެއްހާ ދުވަސްކުރިން، އެ ރަށުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިޔަ ތަނެއް ފުލުހުން ބިމާހަމަކޮށްލައި 25 މީހަކު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އެ ފިކުރު އެ ރަށުން ފޮހެވިގެނެއް ނުދެ އެވެ.

ހަމަލާގައި ބައިވެރިވި ބައެއް މީހުންް އެ މީހުން ހެދި "މިސްކިތުގައި" މަޑުކޮށްލައިގެން -- ފޮޓޯ: ހަވީރު އާކައިވް

ހިމަންދޫ "ބަދަލުކޮށްލީ" އެ ރަށަށް ދިޔަ ހަރުކަށި ފިކުރުގެ ބަޔަކު އިސްކޮށް ތިބެގެންނެވެ. އަދި ރަށު ސްކޫލަށް ފޮނުވުމާއި ރަށުގައި ހިނގަމުން ދިޔަ އެހެން ހަރަކާތްތަކުން އެ މީހުން ދުރުވި އެވެ.

ފުލުހުން، އޮކްޓޫބަރު 6، 2007 ގައި އެ ރަށަށް އަރައި، ބައެއް މީހުން ހައްޔަރު ކުރަން ފެށުމާ އެކު ދެން ކުރިމަތިލީ ވަރަށް ބޮޑު ހަމަނުޖެހުމަކަށެވެ. ފުލުހުންނަށް ކޮންޓްރޯލް ނުވެގެން، އެންމެ ފަހުން ހަތިޔާރާ އެކު ސިފައިން ގޮސްގެން ދަންވަރު ތިނެެއް ޖަހާކަން ހާއިރު ރަށް މައިތިރިކުރި އިރު ކަމުދާކަށް ނެތެވެ. ސިފައިންގެ ތިން މީހަކަށް އަނިޔާވެ، އެކަކަށް ވަނީ ވަރަށް ސީރިއަސް ޒަހަމްތައް ލިބިފަ އެވެ. ހެލްްމެޓް އަޅައިގެން، 150އެއްހާ މީހުން ނުކުމެ ތޫނު ދަގަނޑާއި ލަކުޑިބުރިންް ވެސް ހަމަލާތައް ދިނެވެ. އޮއްގާ އުކާފައި ވެ އެވެ. ސަފައިންގެ އެކަކު ރަހީނު ވެސް ކުރި އެވެ.

ހިމަންދޫ ހަމަނުޖެހުމުގައި ހައްޔަރު ކުރި މީހަކު ނުކިޔަމަންތެރިކަން ދައްކަނީ -- ފޮޓޯ: ހަވީރު އާކައިވް

މި މައްސަލާގައި އެތައް ބަޔަކު ހައްޔަރުކޮށްގެން ގެނެސް، 90 ވަރަކަށް މީހުންނަށް ހުކުމް ކުރި އެވެ. އޭގެ ތެރޭގައި 10 އަހަރުގެ ހުކުމްތައް ވެސް ހިމެނެ އެވެ. އެކަމަކު، މި މައްސަލާގައި އެންމެ ބޮޑެތި ތުހުމަތު ކުރެވުނު ބައެއް މީސްމީހުންް އަތުލައެއް ނުގަނެވެ އެވެ. ޖަލަށް ލީ މީހުން ސިޔާސީ ނުފޫޒުތަކުގެ ތެރެއިންނާއި އެކި ގޮތްގޮތުން މިނިވަންވެ، މިހާރު އެކަކު ވެސް ޖަލަކު ނެތެވެ. އެކަމަކު ހިމަންދޫގެ މީހުންގެ ތެރެއިން ބައެއް މީހުން ޖަލުން ނުކުތީ، ޖަލު ތެރޭގައި ވެސް އެ ފިކުރު ވަރަށް ގަދައަށް ފަތުރައިފަ އެވެ. އަދި ޖަލުން ނުކުމެ އެކި ނަންނަމުގައި ޖަމިއްޔާތަށް ހަދައިގެން އެ މީހުންގެ ފިކުރު އެހެން ގޮތްގޮތުން ފަތުރަން ފެށި އެވެ.

ހިލްއަތު ރަޝީދަށް ދިން ހަމަލަ

ނޫސްވެރިޔާ އަދި ބްލޮގާ ހިލްއަތު ރަޝީދަށް ޖޫން 4، 2012 ގައި ދިން ހަމަލާ އަކީ ވަރަށް ރަހުމް ކުޑަ ހަމަލާއެކެވެ. އޭނާ އަށް ދިން ހަމަލާ ވެސް މިހާތަނަށް ހިމެނިފައި ވަނީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ދިން ހަމަލާއެއްގެ ގޮތުގަ އެވެ.

އަމިއްލަ ގޭ ކުރިމަތީގައި ހުއްޓާ ބަޔަކު ގޮސް އޭނާގެ ކަރުގެ ނޭވާ ހޮޅީގައި ވަޅި އަޅައި، އޭނާ އެރޭ "ކަތިލާލި" އެވެ. އޭނާގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރުން ތިން ގަޑިއިރުގެ އޮޕަރޭޝަނެއް ކުރުމަށް ފަހު ބުނެފައި ވަނީ ހިލްއަތުގެ ފުރާނަ ސަލާމަތްވީ ލޭހޮޅިއެއް ބުރިވެފައި ނުވާތީ ކަމަށެވެ. ހަގީގަތަކީ، ހަމަލާ ދިން މީހުން ހީކޮށްގެން ތިބީ އެ މީހުންގެ ހަމަލާއިން ހިލްއަތު މަރުވާނެ ކަމަށެވެ.

ހިލްއަތު ރަޝީދަށް ދިން ހަމަލަ ފުލުހުން ތަހުގީގު ކުރަނީ -- ފޮޓޯ: ހަވީރު އާކައިވް

މި މައްސަލާގައި މިހާތަނަށް އައިއިރު ވެސް އެއްވެސް މީހަކު ހައްޔަރުކޮށް ތަހުގީގެއް ހިންގައިފައެއް ނުވެ އެވެ. ހިލްއަތަށް ހަމަލާ ދީފައިވަނީ، ޑިސެމްބަރު 2011ގައި އޭނާ ނުކުމެ ދީނީ މިނިވަންކަމަށް ގޮވާލައި، މަރުގެ އިންޒާރުތަކެއް ލިބިފައި އޮއްވަ އެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުން

ދީނީ އެކި މައްސަލަތަކުގައި ފުރައްސާރަ އާއި ތަފާތު ހަމަލާތައް އައުމަށް ފަހު، އުނގޫފާރު ދާއިރާގެ މެމްބަރު އަދި އިސްލާމީ ތައުލީމު ހާސިލް ކުރައްވައިގެން ހުންްނެވި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުން ވެގެން ދިޔައީ ރާއްޖޭގައި މިހާތަނަށް ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާ އަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލީ އޮކްޓޫބަރު 1، 2012 ގަަ އެވެ. އޭނާ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ގެއަށް ވަޑައިގެން ގޭ ދޮރުހުޅުވާލިތަނާ ބަޔަކު ހަމަލާދިނީ އެވެ. ކަރުގައި ވަޅި އަޅާފައި ހުރުމުގެ އިތުރުން ބޮލުގެ ފުއްކިބައިގައި އެއްޗަކުންް ޖަހާފައި ވެ އެވެ. ލޭތައް ބުރައިގެން ގޮސް އެކި ތަންތަނުގައި ހުއްޓެވެ. އަފްރާޝީމް އަވަހާރަވީ ހަމަ އެ ވަގުތު އެތަނަށެވެ.

ޑރ. އަފްރާޝީމްގެ ޖަނާޒާގައި އޭނާގެ ދަރިފުޅާއި ބައްޕަ، މަންމަ އަދި އަނބިކަނބަލުން -- ފޮޓޯ: ހަވީރު އާކައިވް

މި މައްސަލާގައި މެއިން ސަސްޕެކްޓުންގެ ގޮތުގައި ތިން މީހަކު ހައްޔަރުކުރި އެވެ. އެކަމަކު އޭގެ ތެރެއިން ދެ މީހަކު ސަލާމަތްވެ، އެކަކު އަދިވެސް ހުރީ ޖަލުގަ އެވެ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް އޭނާ އިންކާރު ކުރެ އެވެ. މި މައްސަލައިގެ ތަހުގީގަކީ، މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެކުލަވާލި ރިޔާސީ ކޮމިޝަނުން އެންމެ އިސްކަން ދީގެން ކުރަމުން އަންނަ އެއް ތަހުގީގެވެ.

އެ ކޮމިޝަނުން މިހާތަނަށް ހޯދި ހޯދުންތަކުން ބުނެފައި ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ އަޑީގައި އޮތީ ދީނީ ހިލާފުވުންތައް ކަމަށެވެ.

ރިލްވާން ގެއްލުވާލުން

ނޫސްވެރިޔާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު ރިލްވާން ވީނުވީއެއް ނޭނގި ގެއްލުނީ އޮގަސްޓް 8، 2014 ގަ އެވެ.

މި މައްސަލައިގެ ތަހުގީގު ވެސް އަދި ނުނިމެ އެވެ. މި މައްސަލަ އަކީ ވެސް ރިޔާސީ ކޮމިޝަނުން އެންމެ އިސްކަންދީފައިވާ އެއް މައްސަލަ އެވެ. އެ ކޮމިޝަންގެ ހޯދުންތަކަށް ބަލާއިރު ރިލްވާން "މަރާލުމަށް ފަހު ކަނޑު ފެއްތީ" އެވެ. އަދި އޭނާ ކިޑްނެޕް ކުރުމާއި ގެއްލުވާލުން/ މަރާލުން ގުޅިފައި ވަނީ ވެސް އޭނާ ފާޅުކުރަމުން ދިޔަ ދީނީ ހިޔާލުތަކަކާ ގުޅިގެން ކަމަށް ތަހުގީގުތަކަށް ވަނީ އެނގިފަ އެވެ.

ރިލްވާންގެ އެޕާޓްމެންޓަށް އަރާ ސިޑި ކައިރީގައި އޭނާ ގެއްލިގެން އުޅޭ ކަމުގެ ޕޯސްޓަރެއް -- ފޮޓޯ: ހަވީރު އާކައިވް

ރިލްވާން އެންމެ ފަހުން ހަބަރެއްވީ، އޮގަސްޓް 8 ވަނަ ދުވަހުގެ ރެ އެވެ. އޭނާ ގެއްލުނީ އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް ދިޔަ ފަހުންނެވެ.

ރިލްވާން ގެއްލުނު މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާކުރި އެވެ. އެކަމަކު ދެ މީހުންްގެ މައްޗަށް ވެސް ކުށް ސާބިތެއް ނުވެ އެވެ.

ފިނިފެންމާ ލޯންޗުގެ ބޮމުގެ ހަމަލަ

ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހުޅުލެ އިން މާލެ އަށް ވަޑައިގެންނެވި ތަނުން، އެ ބޭފުޅުން ތިއްބެވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި، ސެޕްޓެމްބަރު 28، 2015ގައި ބޮމެއް ގޮއްވާލި އެވެ. މިއީ ރާއްޖޭގައި ބަޔަކަށް އަމާޒުކޮށްް ދިން ދެވަނަ ބޮމުގެ ހަމަލާ އެވެ.

މިފަދަ އެހެން ހާދިސާތަކުގެ ބޭނުމާ ހިލާފަށް މިއީ ސިޔާސީ ބާރުވެރިކަން ހޯދުމުގެ ތެރެއިން ހިންގާފައިވާ ޓެރަރިޒަމްް އަމަލެއް ކަމަށް ބެލެވެ އެވެ. ސަބަބަކީ، މި މައްސަލާގައި ހައްޔަރުކޮށް ތަހުގީގު މުޅިން ހިންގާފައި ވަނީ ސިފައިންނާ ކަމަށް ވާތީ އެވެ. އަދި ބޮން ގޮއްވާލި ކަމުގެ އެންމެ ބޮޑު ތުހުމަތެއް އެޅިފައި އޮތީ ވެސް، އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮލުގައި ކަމަށް ވާތީ އެވެ.

"ފިނިފެންމާ" ލޯންޗުގައި ބޮން ގޮއްވާލުމުގެ ކުޑައިރުކޮޅެއް ފަސް -- ފޮޓޯ: ހަވީރު އާކައިވް

"ފިނިފެންމާ" ލޯންޗު މާލޭ ފަޅަށް ވަނުމާ އެކު، އޭގައި ގޮއްވާލި އައިއީޑީގެ ސަބަބުން ރައީސް ޔާމީންގެ އަނބިކަނބަލުން ވަރަށް ބޮޑަށް ޒަހަމްވި އެވެ.

ޔާމީން ރަޝީދު މަރާލުން

ބްލޮގާ ޔާމީން ރަޝީދުގެ ނަން، ހައްދުފަހަނައަޅާފައިވާ ދީނީ ބައެއް ގްރޫޕްތަކުގެ ލިސްޓަށް އަރާފައިވާ އޮންނަތާ އޭރު ލައްކަ ދުވަސް ވެއްޖެ ކަމަށް ވެ އެވެ. އޭނާ ޓްވިޓާގައި ފާޅުކުރަމުން ދިޔަ ހިޔާލުތަކާއި، ހާއްސަކޮށް އޭނާގެ އެކުވެރިޔާ އަދި ގެއްލުވާލައިފައިވާ އަހުމަދު ރިލްވާންގެ މަރާ ގުޅިގެން ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ ނަން ހަރުކަށި ފިކުރުގެ ބައެއް މީހުންގެ މެދުގައި އޮތްް އޮންނަނީ "ކަޅު" ވެފަ އެވެ.

ޔާމީންގެ ރަޝީދުގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފައި -- ފޮޓޯ: ހަވީރު އާކައިވް

ޔާމީން ރަޝީދަށް މަރުގެ އެތައް އިންޒާރުތަކެއް ލިބެމުން ދިޔުމަށް ފަހު، ރަހުމެއް ނެތި ކަތިލައިލީ، އެޕްރީލް 23، 2017 ވަނަ ދުވަހުގެ ރެ އެވެ. އޭނާ ގެއަށް ވަން ތަނުން، ފިލައި ތިބި ދެ މީހަކު ވެގެން ހަށިގަނޑުގެ އެތައް ތަނަކަށް ވަޅި ހަރައި މަރާލީ އެވެ. އޭނާ އަށް އެކި ސަރަހައްދުން އެރޭ ބަޔަކު ފާރަލި ވީޑިއޯތައް ވެސް ފުލުހުން ދެއްކި އެވެ. އޭނާ މަރާލުމުގެ މަޝްވަރާތައް ފަށާފައި ވަނީ ފުރުގާން މިސްކިތް ތެރޭގަ އެވެ.

ޔާމީންގެ މަރުގައި ތުހުމަތު ކުރެވޭ ދެ މީހުން އެ ގޭގެ ސިޑިކައިރީގައި -- ފޮޓޯ: ހަވީރު އާކައިވްް

މި މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ހިންގާ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި މިހާރު އަންނަނީ ހިނގަމުންނެވެ. މިފަދަ އެހެން ހާދިސާތަކެކޭ އެއްގޮތަށް މި ޝަރީއަތް ވެސް ދަނީ ފިނިހަކަ ދުވެެލީގަ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު އަމިއްލަ ގެކޮޅު، ގ. ކެނެރީގެ އިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް ހަމަ ވަރަށް ކައިރިން މީހަކު މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ބޮމެއް ގޮއްވާލުމާ އެކު އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.

ސެކިއުރިޓީއާ ވެސް އެއްކޮށް ވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް ދިންް ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވީ ކިރިޔާ އެވެ. ބައެއް ޑޮކްޓަރުންް ސިފަކުރި ގޮތުގައި، މި ހަމަލާއިން އެމަނިކުފާނު ސަލާމަތްވީ ނަސީބު ރަނގަޅުކަމުންނެވެ. އެހެން ނޫނީ، މިއަދު އެމަނިކުފާނު ދުނިޔޭގައި ނުހުންނެވީހެވެ.

ޓެރަރިސްޓް ހަމަލާގައި ނަޝީދަށް ލިބިވަޑައިގަތް ޒަހަމްތައް

ނަޝީދަށް ދިން ހަމަލާ އަކީ ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ބޭފުޅަކަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ފުރަތަމަ ހަމަލާ އެވެ. މި ހަމަލާގެ ތަހުގީގުތައް މިހާރު ކުރިއަށް ދިޔަޔަސް، މިހާތަނަށް ބެލެވޭ ގޮތުގައި މި ހާދިސާ ވެސް ގޮސް ގުޅެނީ ދީނީ ހަރުކަށި ފިކުރާ އެވެ. ސަބަބަކީ، މި ހަމަލައާ ގުޅިގެން ހައްޔަރު ކުރި ތިންް މީހުންނަކީ ވެސް އެ ފިކުރުގެ މީހުންނަށް ކަމަށް ވާތީ އެވެ.

ޓެރަރިޒަމްގެ ހާއްޔަކަށް ރާއްޖެ މުޅިން ބަދަލުވެއްޖެ އެވެ. އެންމެ އާދައިގެ ގޮތަކަށް ރާވަމުންް އައި މިފަދަ ހަމަލާތައް މިހާރު ދައުލަތުގެ އެންމެ އިސްވެރިންނާ ހަމައަށް ދިޔައީ އެވެ. އަނެއްކޮޅުން ވޭތުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި މި ހުރިހާ ހަމަލާތަކެއް ވެސް ދީ، މީހުންގެ ފުރާނަ ދުއްވާލި އިރު އޭގެ ބައެއް ހާދިސާތަކުގެ މައުލޫމާތާއި އިންޒާރު ހުރީ ލިބި ފިޔަވަޅު ނޭޅި އެވެ.

ހަރުކަށި ފިކުރު އަދިވެސް ދަނީ ބޫން ލާފައި ފެތުރެމުންނެވެ. ކަމާ ބެހޭ ފަރާތްތަކަށް އެ މީހުން ހޭލުންތެރިއެއް ނުކުރެވެ އެވެ. މުޅި މުޖުތަމައު އޮތީ ވަރަށް ބޮޑު ބިރެއްގެ ތެރޭގަ އެވެ. ޓެރަރިޒަމްގެ އަމަލުތަކާ އެކު، އެތައް ބަޔަކު ދުނިޔެ އިން ނައްތާލައިފި އެވެ. އެތައް ބޮމެއް ގޮވައިފި އެވެ. މިހާރު ދެން އޮތް ސުވާލަކީ އެންމެ ސުވާލެކެވެ. -- މި މީހުންގެ ޝިކާރައަކަށް މާދަމާ ވާނީ ކާކު ހެއްޔޭ އެވެ؟

88 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 53%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމު އިދުރީސް

18 May 2021

އަޅުގަނޑައް އެގީފަ އޮތީ އިސުލާމް ދީނަކީ އެމިހަކު ހިތުގެ އަޑިން އެއްވެސް މަޖުބޫރު ކަމެއްނެތި ގަބޫލު ކުރާކަމެއްކަމައް! އަދި ގަދާބާރުން އިސްލާމް ދީނައް ވެއްދުމެއް ނޯންނަކަމައް! އިސުލާމުންގެ ބަނޑުން ވިހާނީހުސް އިސުލާމުންނައް ވަންޏާ ދެފިކުރުގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެއް!

The name is already taken The name is available. Register?

ހަސްނު

18 May 2021

ވައްކަން ކުރާމީހާ ހައްޔަރު ނުކޮއް މިނިވަންކަމާއެކު ވަކަން ކުރާނަމަ އޭނަ ހުޓުވާނީ އޭނަގެ އުދަގޫވާމީހުން. އިސްލާމް ދީނަށް ފުރައްސާރަކޮށް ހަޖޫޖަހާ އިސްލާމީ މުޖުތަމަުގަ ބާބާވުން އުފައްދާ ފަސާދަ އުފައްދާ އުޅޭމީހުން ސަރުކާރުން ނުހުއްޓުވާނަމަ ކޮންމެވެސްބަޔަކު އެކަން ހުޓުވާނެ. ތިހުރިހާ ހަމަލާތަކުގެ ޒިންމާ ނަގަންޖެހޭނީ ސަރުކާރުން. މިބުނީ މީހުން މެރުން ރަގަޅޭކޭނޫން. އެކަމަކު ރާއްޖޭގެ ހާލަތުވަރް ގޯސްވެފަ އޮއްވާ މި ދެބާމީހުން ނުހުއްޓވާނަމަ ކަންކަން ވާނީ ގޯސް

The name is already taken The name is available. Register?

އަބުދު ﷲ

17 May 2021

ހަތްދިހަ އިންސައްތަ ދިވެހިންނަކީ މިއަދު ދީނީ ހަރުކަށި ވިސްނުމުގެ މީހުން، މިފިކުރު ރާއްޖެއަށް ފެތުރެނީ ސްކޫލްތަކުން، ރާއްޖޭގެ ގިނަ ސްކޫލްތަކުގެ އިސްލާމް ޓީޗަރުންނަކީ މިފަދަ މީހުން، ދިވެހި ރާއްޖޭގައި ގައުމީ މަންހަޖެއް ކަނޑައެޅިފަ އޮންނައިރުވެސް މިދެންނެވިފަދަ މުދައްރިސުން އިސްލާމް ގަޑީގައި އެއްގޮތަކަށްވެސް ގައުމީ މަންހަޖަކަށް ފަރުވާލެއް ނުބަހައްޓާ، އެމީހުން ކިޔަވައިދެނީ އެމީހުންގެ އަމިއްލަ ޕުރޮގުރާތަކެެެއް، މިފަދަ މުދައްރިސުންނަކީ އެކިދިމަދިމާލުން ކޮންމެވެސް އެއްޗެއް ދަސްވެނިވެގެން އައިސް ތިބޭ ބައެއް، އަދި އިތުރަށް އިސްލާމީ ހަރުކަށި ފިކުރު ޕުރޮމޯޓު ކުރުމަށްޓަކައި ރިކޯޑުކުރެވިފައި ހުންނަ ސީޑީ ފަަދަ ތަކެތިވެސް އެމީހުން ކުދިންނަށް ގަވާއިދުން ބަހާހަދާ، ގިނަ ސްކޫލްތަކުގެ މެނޭޖްމެންޓު ތަކަކީ މިފަދަ ކަންކަން ބަލައި ފިޔަވަޅު އެޅޭހާ ގާބިލު މެނޭޖްމެންޓު ތަކެއްނޫން، އެއީ އިސްލާމީ ވަކިފިކުރެއް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި ފައިސާ ލިބިގެން އެމީހުން ހިންގާ ކަމެއް

The name is already taken The name is available. Register?

ޢަލިސް

17 May 2021

ދަރިޔަކު ދީނުން ބޭރުވެ މަސްތުވާތަކެތީގެ ވަބާގަޖެހި މިހާ ހަލާކުވެފަ ވަނޮކޮށް އެކަން ހުއްޓާލާ ފަސް ވަގުތު ނާމާދުކޮށް އުޅެންފެށުމުން މައިމީހާއަށް ލިބޭނި ކިހާ ބޮޑު އުފައެއްތޯ، މިކަހަލަ ކަންތައްވެސް މިހާރު ތި ދައްކުވައިދެނީ ގޯސް ކަމެއްގެ ގޮތުގައި.

The name is already taken The name is available. Register?

ކޮށި

17 May 2021

ނަސީރު ސަލާމަތްތެރިކަން ހޯ ދައިގެން އުޅޭށެވެ. މި ގުރޫޕްގެ ސިކާރަކަށް ވެ ދާނެއެވެ. ރާއްޖޭގަ ހިންގާ ބައެއް ޕްރީސުކޫލްތައް މޮނިޓަރކޮށް ބަލަހައްޓަން ވެއްޖެއެވެ މުސްތަގުބަލުގެ ބަނަކަން މިހިސާބުން އަން ދާސާ ކުރެވޭނެ.

The name is already taken The name is available. Register?

ފަރުދީ ޒިންމާ

17 May 2021

7 ފެބްރުއަރީ އާ ގުޅިގެން ހިނގި ހަމަނުޖެހުން ތަކުގައި ދައުލަތުގެ އިމާރާތް ތަކުގައި ހުޅުޖެހުން، ރާއްޖެ ޓީވީ ހިންގާ އިމާރާތުގައި ރޯކޮށްލުން، ނޫސްވެރިޔާ އަސްވާޑަށް ހަމަލާ ދިނުން، އަލްހާން ފަހުމީއަށް ހަމަލާ ދިނުން އަދި ވެސް އެކިއެކި ޒުވާނުން މާރާލާ، މާރާމާރި ހިންގުން ޓެރެރިޒަމް އަށް ނުވަނީބާ؟ މި ދިވެހި ފަސްގަނޑުގަ ޓެރެރިޒަމްގެ ޢަމަލުތައް ހިންގާ ބަަޔަކީ ހަމައެކަނި ހަރުކަށި ފިކުރުގެ މީހުން އެކަނިބާ؟

The name is already taken The name is available. Register?

ރޯޒަސް

17 May 2021

ހަރުކަށި ފިކުރުގެ މަޢުލޫއާއި ބެހޭގޮތުން މިއާޓިކަލުގައި ބަލާފައިވާތީ އެވާހަކަ އެކަނި ދޯ ދައްކާނީ.. ީދެއްއެއްކަލަ ކޮވިޑު ގައި 100 މީހުން މަރުވެއްޖޭ ބުނީމައި ކަލޭ ތެދުވެ ކެންސަރުގައިވެސް މީހުން މަރުވެޔޭ، ޓީބީގައިވެސް މީހުން މަރުވެޔޭ ކީއްވެހޭ އެމީހުންގެ ވާހަކަ ނުދައްކަނީ ބުނުން ކަހަލަ ކަމެއް ދޯ؟

The name is already taken The name is available. Register?

އެމްސް

17 May 2021

ހަމަގައިމުވެސް އިޒްރޭލު މީހުނެއް ނޫން، ނުބައި ދިވެހީން!

The name is already taken The name is available. Register?

މޮހިތު

17 May 2021

ހުރިހާ ދިވެހިން ހަމަހަމަ... މީހުން އުޅެންވީގޮތް ކިޔާނުދީ އެހެންމީހުންގެ ކަންތަކާ ނުބެހި ތިމަންނަ ރަނގަޅަށް އުޅުނީމަ ނިމުނީ.. ކޮންމެ އިންސާނަކީ ވަކިމީހެއް، އެކަކު އަނެކަކަށް އުޅެންވީގޮތް ކިޔާނުދީ އަމިއްލަ އަށް އުޅުނީމަ ނިމުނީ... މިޒަމާނުގަ ގޫގަލް ކޮށްލީމަ ހުރިހާއެއްޗެއް އެހެރީ ފެނަނަން! މީހަކު ކިޔާދޭކަށެއް ނުޖެހޭ!

The name is already taken The name is available. Register?

ކަރުނަ

17 May 2021

ވާހަކަ ވަކި ހިސާބަކަށް ރަނގަޅު. އެކަމަކު ގޫގަލް ކޮއްގެން ދަސްކުރަން ފަށައިފިއްޔާ ތިވަނީ ހަމަ ސީޑީ ސެހުންނަށް.

The name is already taken The name is available. Register?

ހުރިހާ ބޭފުޅުން ގެ ދޮންބެ

20 May 2021

އޭޭ! ކޮއްކޯ ތިބުނީ ރަނގަޅު ވާހަކައެއްނޫން މުސްލިމެއްގެ ގޮތުގައި ހުރެ؛ ދީނީ ނަސޭޙަތް، އަޑުއެހުމާއި،ދީނާެއި އެއްގޮތަށް ޢަމަލުކުރުން އެއީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ އިސްލާމްދީނުގެ ނަޒަރުގައި އިސްލާމްދީނަކީ ކޮބައިތޯ؟އެއިީ އައްދީނުންނަސޭޙަތް އެހެންކަމަށްވާ އިރު ނަސޭހަތް ދިނުމާއި ނަސޭހަތް އަޑު އެހުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.وسلام عليكم ورحمة الله وبركاته

The name is already taken The name is available. Register?

ތިމާވެށި

17 May 2021

ދީނައް ފުރައްސާރަ ކުރާ މީހުންގެ މައްސަލަ ތައް ނުބެލުމުގެ ސަބަބުން ހަރުކަށި ފިކުރު އިތުރު ވެ އެވެ.

The name is already taken The name is available. Register?

އެމްސް

17 May 2021

ހަރުކައްޓާއި މަޑުކަށިތައް އިޒްރޭލަށް ހިޖުރަކުރުވަމާ!

The name is already taken The name is available. Register?

ބޯގޯސްދިވެހިން

17 May 2021

އަދިވެސް ތިޔަ ހައްދުފަހަނައަޅާފައިވާ ކުލަކުލައިގެ ސިޔާސީ މީހުންނަށް ވޯޓުދީ. އޭރުން ހުރިހާކަމެއް އެމީހުން ހައްލުކޮށްދޭނެޔޯލަ.

The name is already taken The name is available. Register?

އަހުމަދުއަލޯ

17 May 2021

ކޮންމެވެސް ތާކުން، ދީނީ ގޮތުން ޑިޕްލޮމާ ފެންވަރު ކޯހެއް ހަދާތަނުން ބޮޑު ޝޭޚުންނަށްވެ އަމިއްލައަށް ދީނީ ރައުޔުނެރެ އާންމުންގެ ތެރޭގައި ތަގުރީރު ކުރުމުގެ ހުއްދަދެވޭ ގައުމެއް މިއީ. ޝޭޚަކުއެއްޗެކޭ ކިޔާއިރަށް އެއްޗެެއް ބުނެފި ކޮންމެ މީހެއް އެއީ ލާދީނީ މީހެއް. ޕްރޮސެކިއުޓަރ ޖެނެރަލް ޝަހީމަކަށް ނުކެރޭ ދީނީ ހަރުކަށިވުން އެބަސް ބޭނުންކުރާކަށް ޕްރެސްގަ. ދެން ލަލަލާ.

The name is already taken The name is available. Register?

އެމްސް

17 May 2021

މިހާރަކަށް އައިސް، ދީނީ ގޭންގްތައް މާގިނައީ! މިއީ އެއް ދީނެއް، އެއް ބައެއް! މިތަން ފަސާދަކޮށް ބައިބައި ކުރުން ހުއްޓާލާ! އިސްލާމްދީނުގަ، 4 މަޒްހަބެއް ވާކަން ދީނީ ޢިލްމެއް ހުރި މީހަކަށް ވިއްޔާ އެނގޭނެ!

The name is already taken The name is available. Register?

ޙުހައިނީ

17 May 2021

އެއް ބައެކޭ ކިޔާފަ އަދި 4 މަޒްހަބުވެސް އޮވޭތަ؟

The name is already taken The name is available. Register?

ސާމީ

17 May 2021

އިންސާނުން ނަކީވެސް އެކައްޗެއް. އެކަމަކު ކަޅު މީހުންނާ ދޮންމީހުން ތިބޭކަން “ ޙުހައިނީ” މޮޅު ވިސްނުމަކަށް ނޭންގުނު ދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454