ސިކުނޑީގެ ދިގު އޮޕަރޭޝަނަކަށް ފަހު، އޭޑީކޭގައި އާއިލާގެ މެމްބަރުން އިއްޔެ ތިބީ އެންމެ ވަގުތުކޮޅެއްގެ އިންތިޒާރުގަ އެވެ؛ ޝިއުރާ އަށް ދެން ވާނެ ގޮތަކާ ދޭތެރޭ އެވެ. އެހެން ތިއްބާ ދެން އިވުނީ އޭނާގެ ސިކުނޑި މަރުވި ވާހަކަ އެވެ.
"މިތަނަށް ހަމަ ރީތިކޮށް ސައިކަލެއްގެ ފަހަތުގައި އިނދެ، ހިނގާފައި މިތަނަށް ވަން ކުއްޖެއް އެއީ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު، ނަން ހާމަނުކުރަން އެދި ބުންޏެވެ.
މަކުނުދު އަށް އުފަން އުމުރުން އެންމެ 23 އަހަރުގެ ޝިއުރާ އިބްރާހިމް އޭޑީކޭ އަށް ގެންދިޔައީ ތިން ދުވަހުގެ "ހިމޭން" ނިންޖަކަށް ފަހު ތެދުވި އިރު، އޭނާގެ ދޫއޮޅި ވާހަކަ ދައްކަން ދަތިކަމުންނެވެ.
"ހައެއްކަ މަސް ދުވަސް ވެއްޖެ ޝިއުރާ ބޮލުގައި ރިއްސާތީ އުޅޭތާ. ކޮންމެ ފަހަރަކު ވެސް ބޭހެއް ކާލައިގެން ބޮލުގައި ރިހުން ރަނގަޅުކުރަނީ. ރޯދަ މަހުގެ ފަހު ދިހައެއްގެ ތެރޭގައި ވަރަށް ގަދައަށް ބޮލުގައި ރިއްސާތީ އޭނަ އުޅޭތީ އައިޖީއެމްއެޗަށް ގެންދިޔައީ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.
އައިޖީއެމްއެޗުން ދިނީ ބޮލުގައި ރިހުން ކަނޑުވާ ބޭހެކެވެ. އޭނާ ބުނާ ގޮތުން އެ ބޭސް ކެއުމާ އެކު ޝިއުރާ އަށް ނިދެން ފެށި އެވެ. އަދި ބޭސް ކެއި ދުވަހު އޮތް ގޮތަށް އޭނާ ތިން ދުވަސް ވަންދެން މެދުނުކެނޑި ނިދި އެވެ.
"ތިން ވަނަ ދުވަހު، އެއީ މިދިޔަ ހޮނިހިރު ދުވަހު ހަވީރު ފިރިމީހާ ގޮވީ އެއްޗެއް ކާން. ދެން ހަމަ އަމިއްލަ އަށް ތެދުވެ ކާން ގޮސް ދެކޮޅު ނުޖެހޭ ވާހަކަތަކެއް ދެއްކީ. އެކަމަކު ދޫއޮޅިފައި ޖުމްލަތައް ފުރިހަމައެއް ނުވޭ،" އޭނާ ބުންޏެވެ.
އެ ހިސާބުން އެނގުނީ ޝިއުރާގެ މައްސަލައެއް އެބައުޅޭ ކަމެވެ. އެހެންވެ ވަގުތުން އޭޑީކޭ އަށް ގެންދިޔައީ އެވެ. އިމަޖެންސީ އަށް ގެންދިއުމާ އެކު ސީޓީ ސްކޭނެއް ހަދައި، އެމްއާރުއައި ހެދުމުންް އެނގުނީ ސިކުނޑީގެ މައި ނާރެއް ފަޅައިގެން ގޮސް ސިކުނޑި އަށް ލޭ ލީކުވަމުން ދާ ކަމެވެ. އެއީ ސްޓްރޯކެއް ކަމަށް ވެސް އޭޑީކޭ އިން ބުންޏެވެ.
"އެހެންވެ ހަމަ ވަގުތުން އައިސީޔޫ އަށް ލީ،" އާއިލާ އިން ބުންޏެވެ. "އައިސީޔޫގައި އޮއްވާ ލޮލުގެ ފެނުން ގެއްލިއްޖެ. އެއްފަޅީގެ ވާގި ވެސް ނެތިއްޖެ."
"ޝިއުރާ ބެއްލެވި ޑޮކްޓަރު ވެސް ވިދާޅުވި ހުރިހާ ކަމެއް ވީ ވަރަށް ހަމަ އަވަށޭ. އޭރު ދިޔައީ ސިކުނޑީގެ އޮޕަރޭޝަނެއް ވެސް ކުރަންް ތައްޔާރުވަމުން. އެކަމަކު ފަހަރަކު ކަމެއް ދިމާވަމުން ގޮސް ސާޖަރީ ވެސް ހެދުނީ ހަމަ ކިރިޔާ،" އޭނާ ބުންޏެވެ.
ޝިއުރާގެ ސާޖަރީއެއް ހެދި ނަމަވެސް، އެއްވެސް އުފާވެރިކަމެއް ނެތެވެ. އިރުކޮޅަކުން ސިކުނޑި މަރުވީ އެވެ. އަދި އޭގެ ފަހުން ހިތް ވެސް ހުއްޓުނީ އެވެ.
"ކްލިނިކަލީ ޑެޑް ކަން އަޅުގަނޑުމެންނަށް އެންގީ އިއްޔެ ހެނދުނު. ޝިއުރާގެ ފިރިމީހާ ގާތު ޑޮކްޓަރު ބުނި ޝަހާދަތް ވެސް ލައިދޭށޭ. ޝަހާދަތް ވެސް ލައިދިން. އޭރު އޮތީ ވެންޓިލޭޓަރުގައި،" އާއިލާ އިން ބުންޏެވެ.
އެކަމަކު، ޝިއުރާ މަރުވި ކަމަށް މިއަދު ހެނދުނު ވަނީ ނިންމައިފަ އެވެ.
ސްކޫލު ނިންމުމަށް ފަހު، މާލެ ބަދަލުވެ، 2018 ގައި ކައިވެންޏެއްކޮށްގެން ޝިއުރާ އުޅެމުން ދަނީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. އާއިލާ އިން ބުނި ގޮތުގައި، ޝިއުރާ އަކީ މުސްތަގުބަލަށް ވަރަށް ފޮނި އުންމީދުތަކެއް ކުރަމުން އައި ޒުވާނެކެވެ.
ޝިއުރާގެ މަރާ އެކު ކުއްލި މަރާއެކު އާއިލާ އަށް ލިބިފައި ވަނީ ކެތް ނުކުރެވޭ ވަރުގެ ބޮޑު ހިތާމައެކެވެ. މުޅި އާއިލާ ތިބީ ޝޮކެއްގަ އެވެ.
ނޯޓް: އާޓިކަލް ޝާއިއުކުރުމުގެ ފަހުން، އާއިލާގެ އެދުމުގެ މަތިން، މި އާޓިކަލްގެ ބައެއް ވާހަކަތަކާއި ފޮޓޯތައް މިހާރު ވަނީ އުނިކޮށްފަ އެވެ.