އދ. ދަނގެތީ އެންމެން ލޯބިވާ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުމުން ރަށު އެންމެން ރޮއްވާލި އެވެ. އަމާންކޮށް އޮތް ރަށް ބިރުވެރިކަމުގެ ތެރެއަށް ވައްޓާލި ގަތުލާ އެކު އެންމެންގެ ރުޅިގަނޑު އަމާޒުވީ ރަށުގެ ކުށުގެ ވެށީގައި އިސްކޮށް އުޅޭ، އެ ރަށަށް އއ. ތޮއްޑޫން ބަދަލުވެގެން އުޅޭ ދެ މީހަކަށެވެ.
މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި އެ ދެ މީހުން ނޫނީ މިފަދަ އަނިޔާވެރި ކަމެއް ކުރާނެ ބަޔަކު ރަށުގައި އުޅޭނެ ކަމަކަށް ދަނގެތީ މީހުންނަށް ގަބޫލެއް ނުކުރެވެ އެވެ. އެ ދެ މީހުންނަކީ ތޮއްޑޫ ކައުންސިލަރަކު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ކެތް ނުކުރެވޭ ހިސާބަށް ކަންތައް ދިއުމުން "ރަށުން ބޭލުވި" ދެ މީހުންނެވެ.
މަހުމޫދު ނުފެނިގެން މިއަދު ހެނދުނު 10:00 ހާއިރުން ފެށިގެން ދަނގެތީ އެންމެން ދިޔައީ ރަށުތެރެ ހޯދަމުންނެވެ. މެންދުރުވީ އިރު ވެސް އޭނާ ފެންނަ ގޮތެއް ނުވި އެވެ. އޭރު ވެސް އެކަމުގައި އެހީވާން އިތުރު ފުލުހުން ނާންނާތީ ކައުންސިލުން ނިންމީ، އޭނާ ހޯދުމުގެ މަސައްކަތް ފުޅާކުރާށެވެ. ހުއްޓާނުލައި މަސައްކަތްކުރަމުން ދަނިކޮށް، ފަޅު ގޯއްޗެއްގައި ހުރި ފެންވަޅެއްގެ ތެރޭގައި ބޯކޮޅުވަތަށް އޮއްވައި މަހްމޫދު ފެނުނީ އޭނާ ހޯދަން ނުކުމެ އުޅުނު އަންހެނުންތަކަކަށެވެ. އޭނާ ވަޅުތެރޭގައި އޮތް އިރު ބޯކޮޅުން ގޯންޏެއް އަދި ފައިކޮޅުން ވެސް ގޯންޏެއް ކޮއްޕުމަށް ފަހު ދެ ގޯނި އޮތީ އައްސައިފަ އެވެ.
ވަޅު ކައިރިން ލެޔާއި ވަޅިއެއް ވެސް ފެނުނެވެ.
ބިރުވެރި މަންޒަރު ފުރަތަމަ ފެނުނު މީހުން ހަޅޭއްލަވައި ރޯން ފެށި އަޑާ އެކު އެތަނަށް އެއްވި މީހުންގެ ތެރޭގައި، މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ މީހަކު ވެސް ހިމެނެ އެވެ. ހަމަ އެ ވަގުތު އެތަނުގައި ތިބި މީހުން އޭނާ އަށް ތުހުމަތުކޮށް އޭނާގެ ގައިގައި ތަޅައިގަތެވެ. އަދި ކުޑަ އިރުކޮޅެއްގެ ތެރޭ، ތުހުމަތުކުރެވޭ ދެ ވަނަ މީހާ ވެސް ހޯދައި ފުލުހުންނާ ހަވާލުކުރި އެވެ. ޕޮލިސް ސްޓޭޝަނާ ހިސާބަށް ގެންދިޔަ މަގުމަތީގައި ވެސް އާންމުން އެ ދެ މީހުންނަށް އަނިޔާކުރި އެވެ. އެ ދެ މީހުން މަހްމޫދުގެ މަރާ ގުޅޭ ގޮތުން އެއްވެސް ވާހަަކައެއް ނުދައްކާ ކަމަށް ރަށު މީހުން ބުންޏެވެ؛ އެއްބަހެއް ވެސް ނުވެ އެވެ. އިންކާރެއް ވެސް ނުކުރެ އެވެ.
ފަހުން ވަނީ ތުހުމަތުކުރެވޭ އެކެއްގެ ލޯބިވެރިޔާ ކަމަށް ބުނާ އަންހެނަކު ވެސް ތުހުމަތަށް ހައްޔަރުކޮށްފަ އެވެ. އެއީ ވެސް އެ ރަށު މީހެއް ނޫނެވެ.
މަހްމޫދު އެންމެ ފަހުން ފެނުނީ ރޭ ރާއްޖެ އާއި އިންޑިއާ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު މެޗު ބެލުމަށް ފަހު ގެއިން ނުކުންނަނިކޮށެވެ. އެންމެންގެ އިހްތިރާމާއި ލޯބި ހޯދާފައިވާ މަހްމޫދު ދެން ފެނުނީ ގައިގެ އެތަން މިތަނަށް ވަޅި ހަރައި މަރާލާފައި އޮއްވަ އެވެ.
މަހުމޫދުގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ކުރަން މީހުން ނުކުމެ އުޅުނު އިރު ތުހުމަތު ކުރެވޭ ދެ މީހުން ވެސް މަހުމޫދު ހޯދަން އުޅުނު ދެ މީހެއްގެ ފަހަތުން އުޅުނު ކަމަށް އެ މަންޒަރު ދުށް މީހުން ކިޔައިިދިނެވެ. އެކަމަކު، އެ މީހުން އެހީތެރި ނުވެ، ތިބީ ކަމަށް އޭނާ ކިޔައިދިނެވެ. މިއީ އެ ދެ މީހުންނާ މެދު ޝައްކު އުފައްދާ އެއް ސަބަބެވެ.
ދަނގެތިން ވާހަކަދެއްކި ގިނަ މީހުން އެއްބަސްވާ ގޮތުގައި އެ ދެ މީހުން ނޫނީ އެ ރަށުގައި އެވަރުގެ ކަމެއް ކުރަން ކެރޭނެ ބަޔަކު ނޫޅޭނެ އެވެ. ދަނގެތީ މީހުން ބުނާ ގޮތުގައި އެ ދެ މީހުންނަކީ ރަށުގެ ރައްޔިތުންނާ އެއްވެސް ގުޅުމެއް ނުބާއްވައި ވަކިން އުޅޭ ބަޔެކެވެ. ރަށު ކައުންސިލުގެ ނައިބު ރައީސް އިމްރާން އަހުމަދު ވެސް ގަބޫލު ކުރައްވަނީ އެގޮތަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަށުގެ ކުށުގެ ވެށީގައި އުޅޭ މީހުން ވައްކަަން ފަދަ ކުދިކުދި ކުށްތައް ކުރިއަސް މީހަކަށް މިވަރުގެ ބޮޑު އަނިޔާއެއް ދޭން މި މީހުން ނޫން ބަޔަކަށް ނުކުރޭނެ އެވެ.
އެ ދެ މީހުންނަށް ޝައްކުކުރާ އެހެން ސަބަބުތައް ވެސް އެބަ ހުއްޓެވެ. އިމްރާން ވިދާޅުވި ގޮތުގައި މިއަދު އެ މީހުންގެ ފަރާތުން ކުރިން ނުފެންނަ ކަމެއް ފެނުނެވެ. މީގެ ކުރިން އެ ދެ މީހުން އެކުގައި ރަށުގައި އެއްވެސް މަސައްކަތެއް ނުކޮށް އުޅުނަސް، މިއަދު ހެނދުނުން ފަށައިގެން ދެ މީހުން ވެސް އުޅުނީ ރަށުގެ ދެ ހިސާބެއްގައި މަސައްކަތެއް ހޯދައިގެން އެ މަސައްކަތުގަ އެވެ.
ތޮއްޑޫގައި ވެސް މި މީހުންނަށް ވައްކަމާއި މާރާމާރީ އާއި މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތު ކުރެވެ އެވެ. ތޮއްޑޫގެ ރައްޔިތުންގެ ތެރެއިން ބަޔަކަށް މި ދެ މީހުންނާ ދެކޮޅަށް ނުކުތީ އޭގެ ތެރެއިން އެކަކު ދުއްވި ސައިކަލެއް މީހަކު ގައިގައި ޖެހުމުން ހިނގި މާރާމާރީއަކަށް ފަހުގަ އެވެ.
އެ ހަމަނުޖެހުމުގައި އެ ދެ މީހުންނަށް އަނިޔާކޮށްފައި އެ ރަށުން ބޭލި ފަހުން އެ ދެ މީހުން ތޮއްޑޫއަކަށް ނުދެ އެވެ. އެނގިފައިވާ ގޮތުގައި ރަށަށް އަރައިފި ނަމަ މަރާލާނެ ކަމުގެ އިންޒާރު އެ ދެ މީހުންނަށް ވެސް އޮތީ ދީފަ އެވެ. އެހެންވެ އެ މީހުން ރަށަށް ނުގޮސް ދަނގެތީގައި އުޅެން ފެށީ އެވެ. އެއީ އޭގެ ތެރެއިން އެކަކުގެ ބައްޕައަކީ ދަނގަތީ މީހަކަށް ވާތީއާ އެކު އެކަން ފަހިވެފައި އޮތުމުންނެވެ.
މީގެ ދެތިން މަސް ކުރިން އެ މީހުން ދަނގެއްޗަށް އައި ފަހުން ރަށުގައި ބޮޑެތި ވައްކަންތަކެއް ވެސް ވަނީ ކޮށްފަ އެވެ. ތުހުމަތުކުރެވެނީ މި ދެ މީހުންނަށެވެ.
ކޮވިޑުން ރައްކާތެރިވާން ލާ ޕީޕީއީ އަޅައިގެން ތިބެ ފިހާރައެއްގެ ބިއްލޫރިގަނޑު ކަފާލައި، އެތަންގަނޑު ތަޅައިގެން ވަދެ ވައްކަންކުރަން އުޅުނު މައްސަލައެއް ވެސް އެބަ އޮތެވެ. ފިހާރައިގެ ވެރި މީހާ ތުހުމަތުކުރަނީ އެއީ ވެސް މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހުންގެ އަމަލެއް ކަމަށެވެ. ނަމަވެސް ޕީޕީއީގައި ތިބުމުން އެއީ ކޮން ބައެއްކަން ޔަގީން ނުވާތީ، ކެމެރާއިން މަންޒަރު ލިބިފައި ހުއްޓަސް އެ މީހުންނަށް އެޅި ފިޔަވަޅެއް ނެތެވެ.
މަހުމޫދަކީ ކެފޭއެއް ހިންގާ މީހެކެވެ. ގޭހާއި ކާޑުގެ ވިޔަފާރި ވެސް ކުރެ އެވެ. އަދި އޭނާގެ އޮޑިދޯނިފަހަރު ވެސް ހުރެ އެވެ. ރަށުގެ މީހުން ބުނާ ގޮތުގައި އޭނާ ކުރާ ވިޔަފާރީގެ ބާވަތުން އަތުގައި އަބަދުވެސް ގަނޑުކޮށް ފައިސާ ހުންނާނެ އެވެ. އަނިޔާވެރިންގެ ލޯ އޭނާ އަށް އަމާޒުވީ އެހެންވެ ކަމަށް ބެލެވެ އެވެ.
މިއީ އދ. ދަނގެތީގެ ތާރީހުގައި ވެސް މިފަދަ ފުރަތަމަ މަރެވެ. އަނިޔާވެރި ކުށްތައް ދުވަހަކު ވެސް ނުދެކޭ އެ ރަށު މީހުންނަށް މަހުމޫދުގެ މަރަކީ ދުވަހަކު ވެސް ނުފިލާނެ ބޮޑު ހިތާމައެކެވެ.