މި ރަށުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު (މަހުމޫދުބެ) ވަކިވުމަކީ އދ. ދަނގެއްޗަށް ލިބުނު ފުން ހިތާމައެކެވެ. އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަހުމޫދުބެގެ ޖަނާޒާ ބޭއްވީ އިއްޔެ ހަވީރެވެ.
ދަނގެތީ ކައުންސިލުން "މިހާރު" އަށް ރޭ ދިން އިންޓަވިއުގައި ކައުންސިލުގެ މެމްބަރުން ވެސް ފާހަގަ ކުރެއްވި ގޮތުގައި މަހުމޫދުބެއަކީ އެންމެންނާ ވެސް ސަކަރާތް ޖަހައި އުޅުނު މީހެކެވެ. އޭނާއާ ނުދެއްކޭނެ ވާހަކައެއް ނޯންނާނެ އެވެ.
މަހުމޫދުބެއަކީ ފަރު މަސްވެރިކަން ވެސް ވަރަށް ކުރާ ހިތުން ކުރި މީހެކެވެ. ފޫހިފިލުވަން ވެސް ރައްޓެހިންނާ އެކު އޭނާ މަހަށް ގޮސް އުޅުނެވެ. މިއީ މި ރަށުގައި ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ.
ބަގީގައި ނޫނީ މަހުމޫދުބެ ފެންނާނީ ހިނގާފައި އުޅޭ ތަނެވެ. ރަށުގައި އެންމެ ގިނައިން އޭނާ ފެންނާނެ އެއް ތަނަކީ ބަނދަރުމަތީގައި ގަސްތައް ދޮށުގައި ހަދާފައި ހުންނަ ޖޯލިތަކުގައި ރައްޓެހިންނާ އަނގަތަޅާ ތަނެވެ. އެކި މީހުންނާއެކު ސަޔާއި ކޮފީ މޭޒުތަކުގައި އަނގަތަޅަން ވެސް ހުންނާނެ އެވެ.
އޭނާ އަކީ މުޅި ރަށުގެ އެންމެގެ އިހުތިރާމާއި ލޯބި ހޯދާފައިވާ މީހެކެވެ. ކައުންސިލުގެ މެމްބަރުން ވެސް ފާހަގަ ކުރާ ގޮތުގައި އޭނާ އަކީ ރަށަށް އަގުނުކުރެވޭ ހިދު ހިދުމަތް ކުރެއްވި މީހެކެވެ.
މަހުމޫދުބެގެ އެންމެ ގާތް އެއް އެކުވެރިޔާ، މުހައްމަދު މޫސާ (ދޮންބެ) އަށް މަހުމޫދުބެގެ ވަކިވުން ވީ އާއިލާގެ މީހަކު މަރުވުން ފަދަ ކަމެއްގެ ގޮތުގަ އެވެ.
"އާއިލާގެ މީހަކު ވަކިވެގެން ދިޔަ ފަދަ،" މަހުމޫދުބެގެ ހަށިގަނޑު ހިނަވާ ކޮޓަރީގައި ބާއްވާފައި އޮއްވައި އެތާ ބޭރުގައި ހުރެ ދޮންބެ ބުންޏެވެ.
ގަޔާ ވެގެން ރައްޔިތުންނަށް ހިދުމަތް ދިން
މަހުމޫދުބެއަކީ ދަނގެތީގައި އެންމެ ޒަރޫރީ ތަކެތީގެ ވިޔަފާރިކުރި އެކަކެވެ. ކާޑުގެ ބާވަތްތައް ގަނޑުކޮށް ގެނެސް ވިއްކުމުގެ އިތުރުން ކައްކަން ބޭނުން ކުރާ ގޭސްފުޅި ވެސް ވިއްކި އެވެ.
ރަށު މީހުން ބުނާ ގޮތުގައި އޭނާ އެކަން ކޮށްދިނީ ނިކަން ގަޔާވެގެންނެވެ. ކުރާ ހިތުންނެވެ. ކޮންމެ ގަޑިއެއްގައި ވެސް ގުޅައިފި ނަމަ މާ ގިނަ އިރުތަކެއް ނުވެ ބަގީގައި ބޭނުންވާ އެއްޗެއް ހިފައިގެން އައިސް ހުންނާނެ އެވެ. އެއީ ކާޑަށް ވިޔަސް ނޫނީ ގޭހަށް ވިޔަސް އެވެ.
"އަޅުގަނޑުމެން ކޮންމެ ގަޑިއެއްގައި ގުޅާލިޔަސް، މިސާލަކަށް ކައްކަން ހަނޑޫކޮޅެއް ނެތިގެން ހަނޑޫ ކޮޅެއް ހުސްވާ ވަގުތު ގުޅާލިޔަސް އެ ބޭފުޅާ އަންނާނެ ހަނޑޫ ބަސްތާ ހިފައިގެން އެ ގެއަކަށް. ގޭސްފުޅި ހުސްވާ ވަގުތު އަޅުގަނޑުމެންނަށް ވަގުތުން ގޭސްފުޅި ފޯރުކޮށްދޭ. އެހާވެސް އަޅުގަނޑުމެންނަށް ފަސޭހައޭ އެ ބޭފުޅާ އެ ކޮށްދެއްވި ހިދުމަތުގެ ސަބަބުން،" ކައުންސިލުގެ މެމްބަރު ފަޒްލާ ވިދާޅުވި އެވެ.
ފަޒްލާ ވެސް ވިދާޅުވި ގޮތުގައި މަހުމޫދުބެ ކޮށްދެއްވި މަސައްކަތްތައް އޭނާ އެ ކޮށްދެއްވި ގޮތަށް ދެން ނުލިބޭނެތީ އެއީ ރަށުގެ ރައްޔިތުންނަށް ލިބޭނެ ބޮޑު ގެއްލުމެކެވެ. އެކަން ފޫނުބެއްދޭނެ އެވެ.
"އެ ބޭފުޅާ އެ ކޮށްދެއްވި ގޮތަށް އިންޓްރެސްޓާއެކު ކޮށްދިނުން އަޅުގަނޑުމެންނަށް ގެއްލިގެން މި ދިޔައީ،" ފަޒްލާ ވިދާޅުވި އެވެ.
ރަށް ކާޑަށް ޖެހުނަކަ ނުދޭނެ
ފަޒްލާ ކިޔައިދިން ގޮތުގައި މަހުމޫދުބެގެ އޮޕަރޭޝަން ރާވާފައި އޮންނަނީ އެއްވެސް އިރެއްގައި ރަށުން ކާޑު ގެ ސަޕްލައި ދަށްވެ، ރަށުގެ ރައްޔިތުންނަށް ދައްޗެއް ނުވާނެ ގޮތަކަށެވެ. އޭނާ އަބަދު ވެސް ގެންނާނީ ރައްކާކޮށްފައި ބެހެއްޓޭ ވަރަށެވެ. ހުސް ނުވާނެ ވަރަށެވެ.
ރަށު ކައުންސިލުގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ، ކޮވިޑްގެ އަސަރު އިގްތިސާދަށް ކޮށް، އެންމެ ގޯސްވި އިރު ވެސް ރަށުގެ ކާޑު ހުސް ނުވި އެއް ސަބަބަކީ މަހުމޫދުބެގެ މަސައްކަތް ކަމަށެވެ.
އެ ދަތި ދަނޑިވަޅުގައި ރަށު ކައުންސިލުން މަސައްކަތް ކުރަމުން ދިޔައީ ވިޔަފާރިވެރިންނާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ ތަކެތި ލިބުމުގައި ދައްޗެއް ނުވާނެ ގޮތަށް މަސައްކަތް ކުރުމަށެވެ.
އެ ހާލަތުގައި ރަށުން ކާޑު ހުސްނުވީ ވެސް ކައުންސިލުން ކުރި މަސައްކަތުގައި މަހުމޫދުބެ ވެސް ދިން އެއްބާރުލުމުގެ ނަތީޖާ ކަމަށް މުއާވިޔަތު ދެކެވަޑައިގަންނަވަ އެވެ. ރަށުން ބޭރު ފަރާތްތަކަށް ކާޑު ވިއްކިޔަސް އެކަން ކުރީ ރަށުން ކާޑަށް ދައްޗެއް ނުވާނެ މިންވަރަށެވެ. ރައްޔިތުންނަށް ބޭނުންވާ ވަރަށް އަބަދުވެސް ސްޓޮކް ބެހެއްޓި އެވެ.
"އަޅުގަނޑުމެން ރައްޔިތަކަށް ދަތިނުވާނެ ގޮތަކަށް [މަހުމޫދުބެ] ކާބޯތަކެތި ބަހައްޓައިދިނޭ އޭރު ކައުންސިލުން އެދިގެން." މުއާވިޔަތު ވިދާޅުވި އެވެ.
އެންމެނާ ވެސް ގުޅޭ
މަހުމޫދުބެ އެންމެ ސަޅި އެއް ވިޔަފާރިއަކީ އޭނާގެ ގޭގެ އެއް ފަރާތުގައި ބީޗާ ދިމާލަށް ހަދާފައި ހުންނަ "މޮނަލާޒް" ކެފޭ އެވެ. އެއީ ނިކަން ރީއްޗަށް މޮޑާން ސްޓައިލަކަށް ހަދާފައި ހުންނަ ތަނެކެވެ. އަތިރިމަތީގައި ވެސް އެ ކެފޭގެ ގޮނޑިތައް ހުންނާނެ އެވެ.
ކައުންސިލުގެ މެމްބަރު ފަޒްލާ ވިދާޅުވި ގޮތުގައި މަހުމޫދުބެ ބައެއް ދުވަސްދުވަހު ކެފޭގެ ކައުންޓަރު ފަހަތުގައި ހުރެގެން އެތަނުގެ މަސައްކަތް ވެސް ކުރާނެ އެވެ. އެހެން އުޅޭ އިރު އެތަނަށް އަންނަ މީހުންނާ އަނގަތަޅައި ހީ ސަމާސަކޮށް ހަދާ ކަމަށް ބުންޏެވެ.
"ކެފޭ ތެރޭގައި ވެސް އެ ބޭފުޅާ ވަރަށް އެކްޓިވްކޮށް އުޅުއްވާނީ. ސްޓާފެއް ލަސްވިޔަސް، ކަސްޓަމަރުންނަށް އެޓެންޑްވެ އެކަހަލަ ކަންކަން ވެސް ކުރައްވާނެ. ކުޑަކުދިންނާ ބޮޑެތި މީހުންގެ ވެސް ވަރަށް ގާތް މީހެއް އެއީ." ފަޒްލާ ވިދާޅުވި އެވެ.
ކެފޭގައި ތިބި ބިދޭސީ މުވައްޒަފުން ވެސް ދެއްކީ މަހުމޫދުބެގެ ހިތްހެޔޮ ކަމާއި "ބަރާބަރު" ވާހަކަ އެވެ. ގާތް ގުޅުމެއް މުވައްޒަފުންނާ ބޭއްވި ކަމަށާއި ކަމަކު ޖެހުނަސް ބުނަނީ މަހުމޫދުބެ ކައިރީގައި ކަމަށް ކެފޭގެެ ކައުންޓަރުގައި އިން ބިދޭސީ މުވައްޒަފަކު ކިޔައިދިނެވެ.
މަހުމޫދުބެ އަކީ ސިޔާސީ ކަންކަމުގައި ވަރަށް ފޯރި ނެގި މީހެކެވެ. އެކަމަކު، އެކަހަލަ ކަމެއްގައި މީހަކާ މައްސަލަ ޖެހުން ފަދަ ކަމެއް ހިނގުމަށް ވުރެ އޭނާގެ މިޒާޖު ރަނގަޅެެވެ. ސިޔާސީ ބަހުސަކަށް ފަހު ވެސް އޭނާ ފެންނާނީ އެ މީހަކާ އެއްކޮށް ކޮފީއަށް އަރައި އުޅޭ ތަނެވެ.
މަހުމޫދުބެ އަކީ އޭނާ ކުރާ ވިޔަފާރީގެ ގޮތުން އަބަދުވެސް ގިނަ އަދަދަކަށް ވޮލެޓުގައި ފައިސާ ގެންގުޅުނު މީހެކެވެ. ދަނގެއްޗަކީ އަމާން ތަނެއްކަމުން ވޮލެޓުގައި ފައިސާ ގެންގުޅުނީ އެއްވެސް ޖެހިލުމެއް ނެތި އެވެ. ރައްޓެހިން އެކަމާ މެދު ސުވާލު އުފެއްދިޔަސް، ދަނގެތީގައި އެފަދަ ކަމެއް ނުގިނގާކަން އޭނާ ފާހަގަ ކޮށްފައި އެބަ ހުއްޓެވެ.
"އޭނާ އަކީ އަބަދުވެސް ވޮލެޓު ލާރި ފުރައި އުޅޭ މީހެކޭ. ވިހި، 25،000، 30،000ރ.އިން ވެސް ގެންގުޅޭ ފަހަރު ދާނެ. އަހަރެމެން ވެސް ރައްޓެހި ކަމުން ދޭތެރެ ދޭތެރެއިން ބުނަން މަހުމޫދޭ ތިހާ ލާރި ހިފައިގެން ނޫޅޭށޭ. ތިއީކީ ވަރަށް ގޯސް ކަމަކަށް ވެދާނޭ. އެކަމަކު، އޭނާ ބުނާނެ މި ރަށަކު ނުވޭނޫންހޭ ތިކަހަލަ އެއްވެސް ކަމެއް،" މަހުމޫދުބެގެ ގާތް ރަހުމަތްތެރިޔާ ދޮންބެ ކިޔައިދިނެވެ.
ރަށު ކައުންސިލުން ވެސް ބުނާ ގޮތުގައި ދަނގެއްޗަކީ އަމާން ރަށެކެވެ. ދަނގެތީގެ ރައްޔިތުންނަށް އެކަކު އަނެކަކު ވަރަށް ރަނގަޅަށް އެނގޭނެ ބައެކެވެ. ރަށުގެ މީހަކު މިވަރުގެ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ކުރަން އެ މީހުންނަށް ވަރަށް ދައްޗެވެ.