24 ޖޫން 2017 - 08:04
އަހަރު ތަކަކަށްފަހު ރަށަށް ގޮސްލީ ބޮޑު ޗުއްޓީއާ ދިމާކޮށްފައެވެ. އެއީ އިރުވައި މޫސުމުގެ އެންމެ ހިތްގައިމު ދުވަސްވަރެވެ. ބީރައްޓެހިންތަކުން ރަށް އޮތީ ފުރިފައެވެ. އަހަރެން ލެފިއިރުވެސް ބަނދަރު މަތީ ހޮޅައަށި ފުރިފައި ނުދަންނަ ބައިވަރު މީހުން ތިއްބެވެ. މަންމަގެ ފަސްބައިގައި ހިފައިގެން އައިނާ ހުރީ ދުރުގައެވެ. އަހަރެން ގޮސް ކައިރިވެ ސަލާމަށް އަތް ދިއްކޮށްކުރުމުން ރަކިވެގެން ވަނީ މަންމަގެ ފަހަތަށެވެ. އައިނާގެ އުމުރާއި ހަށިގަނޑުން ޒުވާން އުމުރު ގުނަމުންދިޔަ ނަމަވެސް ސިކުނޑި ހަމައެއް ނުޖެހެއެވެ. އޭނަގެ އުޅުން ހުންނަނީ ޅަކުއްޖެއް ފަދައިންނެވެ. ވާހަކައެއް ނުދެއްކެއެވެ.
ގެއަށް ގޮސް އަހަރެން އިނީ ޖޯލިފަތީގައެވެ. މަންމަ ޖޫސް ގިރަން ދިއުމުން އައިނާ ބަދިގެ ދޮރުމަތީ ހުރީ އަހަންނަށް ބަލާށެވެ. އަހަރެން ފޯނު ނަގާފައި ލަވައެއް ޖަހަން ފެށުމުން ކައިރިއަށް އަންނަން ދެފިޔަވަޅެއްވަރު ނެގިއެވެ. އޭނަ ހުއްޓުނީ އަހަރެން ބަލާލީމައެވެ.
ބައްޕަ ގެއަށް ވަދެގެން އައީ ފޯނެއްގައި ހުރެގެންނެވެ. ބައްޕަ ދެއްކީ އަނެއްކާވެސް ގެއަށް ބީރައްޓެއްސަކު އަންނަން ވާހަކައެވެ. ޒަމީލްއަކީ ބައްޕަގެ އެކުވެރިއެއްގެ ދަރިއެކެވެ. ޒަމީލްއަށް ތަން ހުސް ކުރުމަށްޓަކައި އަހަރެން ބަދަލު ވީ އައިނާގެ ކޮޓަރިއަށެވެ. ފުރަތަމަ ރޭ އައިނާ ރަނގަޅަށް ނިދިހެނެއްވެސް ހިއެއް ނުވެއެވެ. އަހަރެން ބަލައިލާއިރު އޭނަ އޮންނަނީ ލޯ ހުޅުވައިގެން އަހަންނަށް ބަލާށެވެ. ނިދާފައި ކަމަށް ހެދެނީ އަހަރެން ބަލައިލީމައެވެ.
ޖެހިގެން އައި ދުވަހު ޒަމީލް ރަށަށް އައެވެ. ފުރަތަމަ ނަޒަރުން އަހަރެންނަށް އޭނަ ކަމުދިޔައެވެ. އެކުވެރިން ނުތިބޭތީ ޒަމީލް އެދުނީ އަހަރެންގެ އެހީއަށެވެ. ރަށުތެރެ ބަލަން އޭނަ ދަނީ އަހަރެން ގޮވައިގެންނެވެ. މެންދުރު ގަޑީ މަޖާ ހަދައިގެން މޫދަށް ގޮސް އެހެން ދުވަސްތަކުގައި ޕިކްނިކް ދިއުން އޮވެއެވެ. އެއިން ކޮންމެ ތާކަށް އަހަރެން ދާއިރުވެސް ދެން އެންމެ ގާތުގައި ހުންނަނީ އައިނާއެވެ. ފުރަތަމަ ދުވަހު ރުޅިން އަނގައިން ބުނަން ނުކެރިފައި ހުރި ކުއްޖާ ޖެހިގެން އައި ދުވަހު ކައިރިން ދުރަށް ނުދެއެވެ. އައިނާ ހުންނަނީ އަހަންނާއިހެދި މޮޔަވެފައެވެ. އަހަރެން ކައިރީ ހުރިއްޔާ އޭނަ ހުންނާނީ ހެދުމު ފަސްބައިގައި ހިފައިގެންނެވެ. އައިނާގެ މި ގާތްކަމުން ޒަމީލްއަށް އުދަނގޫ ވާހެން ހީވިއެވެ. އޭނަ އަހަރެން ކައިރީ ވާހަކައެއް ބުނަން އުޅެފައި އައިނާގެ މޫނު ފެނިގެން ހުއްޓައިލައެވެ. ސިކުނޑި ޅައެއް ކަމަކު އައިނާ ޒަމީލްގެ ވާހަކަ ނަކަލުކޮށްގެން މީހަކަށް އަންގަފާނެތީ ބިރު ގަންނަނީ ކަންނޭނގެއެވެ.
އެއް ރޭ އަހަރެންނަށް ހޭލެވުނީ ކޮޓަރިއަށް މީހަކު ވަން އަޑަށެވެ. ސިއްސައިގެން ގޮއްސައި ތެދުވެވުނެވެ. އަނދިރީގެ ތެރެއިން ކާކުކަން ވަކި ކުރާކަށް ނޭނގުނެވެ. އަހަރެން ހަޅޭތްލަވައިގަތް ތަނާ ޒަމީލް އަވަހަށް އަނގަމަތީ ހިފެހެއްޓިއެވެ. ސިއްރު ކަންފަތް ދޮށުގައި އެއީ ކާކުކަން ބުނެދިނެވެ. އަހަރެން މައިތިރިވީ ދެނެވެ. ކޮޓަރިއަށް އައި ސަބަބު އޮޅުންފިލުވަދޭން އެދުމުން ޒަމީލް ރަކިވެގެން އިސްޖައިލިއެވެ. ޖަވާބު ދިނުމުން ރުޅި ނާންނަން ޝަރުތު ކުރިއެވެ. އަހަރެން އެއްބަސްވީމެވެ. ޒަމީލް ހާމަ ކުރީ އޭނަގެ ހިތުން އަހަރެންނަށް ޖާގައެއް ހުސްވެފައިވާ ކަމެވެ. އަހަރެންނަށް ހިނިތުންވެލެވުނެވެ. ތިމާ ހިތް އެދޭ މީހާގެ ހިތްވެސް ހުރީ ތިމާއާއި އެއްމިސްރާބަކަށްކަން އެނގުމަށްވުރެ ބޮޑު އުފަލެއް ކޮބައި ހެއްޔެވެ؟
އަހަންނާއި ޒަމީލްގެ ގުޅުން ބަދަހިވެގެން އަންނަން ފެށުމުން އައިނާއަށް ބަދަލު އައެވެ. އަހަރެން ގިނަ ވަގުތު ޒަމީލްއަށް ދޭތީ އައިނާ ހަސަދަވެރިވާހެން ހީވާން ފެށިއެވެ. ފުރަތަމަ އޭނަ ފެށީ ބޮޑައި ދައްކާށެވެ. އަހަރުމެން އެތަނެއްގައި ވާހަކަދައްކަން ތިބިއްޔާ ރޮއެގެންވެސް އަހަރެން ދުރަށް ގެންދާނެއެވެ. އޭނަ ބޭނުންވަނީ އަހަރެންގެ ހުރިހާ ވަގުތެއް އޭނައަށް ހުސްކޮށްދިނުމަށެވެ.
ބޭރުން ބައްދަލުވާން އަހަރުމެން ގަޑި ކީމެވެ. އެކަމަކު އައިނާ ހަމަ ހިލާ އަހަރެން ދިޔަކަ ނުދިނެވެ. އަހަރެން ރީތިވެގެން ނިކުންނަ އިރަށް އައިނާ އައިސް އަތުގައި ހިފައިފިއެވެ. މަންމަ ކައިރީ އެދިގެން އޭނަ ހިފެހެއްޓީ މަންމައެވެ. އެކަމަކު އަހަރެން ގޮސް ލޯމަތިން ގެއްލޭންދެން އައިނާ ރޯ އަޑު ކަންފަތުގައި ހަރުލާފައި ހުއްޓެވެ.
ބައްދަލުކުރަން ގޮސް ހުރެގެން ޒަމީލް ކަންބޮޑުވުން ފައުޅު ކުރިއެވެ. އަހަރެންދެކެ ލޯބިވާފަދައިން އަހަރެންގެ ކޮއްކޮއަށް އަޅައިލާތީ ނުހަނު އުފާވިއެވެ. އަހަރެން ޒަމީލްއަށް ވިސްނައިދިނީމެވެ. އައިނާ އަކީ ޅަ ސިކުނޑިއެއްގެ ވެރިއެކެވެ. އަދި އަހަރެން ގިނަ ދުވަސް ކޮށްފައި އައުމުން އެހެން މީހަކާއި އަހަރެން ހިއްސާ ކުރަން ބޭނުން ނުވަނީއެވެ. އައިނާ ގަޔާވެއްޖެ ކޮންމެ އެއްޗަކީ އޭނަ އަމިއްލަ ކުރަން އެދޭ އެއްޗެކެވެ. އެހެން މީހަކު އިނގިލި ކުރި ޖައްސައިލާކަށްވެސް ނުރުހޭނެއެވެ.
ނޭނގި ހުއްޓާ ޒަމީލްގެ ޗުއްޓި ނިމުމަކާއި ކައިރިވިއެވެ. މާލެ ގޮސް ބައްދަލު ވާން އަހަރުމެން ހުރިހާ ކަމެއް ރޭވީމެވެ. ކައިވެނީގެ ކަންކަން ކުރިއަށް ގެންދަން ނިންމާފައި އޮތީ އޭގެ ފަހުންނެވެ. ނަސީބަކުން އަހަރެންގެ މައިންބަފައިންވެސް ތިބީ ލޮލުން ބޮލުން އެގުޅުމާއި ރުހިގެންނެވެ.
ޒަމީލް ފުރުމުން އަހަރެން މުޅިން އެކަނިވިއެވެ. ރަށް މަތިން ފޫހިވިއެވެ. ހުސްވަގުތުތައް އަހަރެން ދޭން ފެށީ އައިނާއަށެވެ. އެކަމަކު އައިނާ ކުއްލިއަކަށް ކުރިއާއި ތަފާތުވިއެވެ. އަހަންނާހެދި މޮޔަވެގެން އުޅުނު ކުއްޖާ އެކަނި އިންނަ ވަގުތު ގިނަވިއެވެ. ކުޅެ މަޖާ ކުރުމުގެ ބަދަލުގައި ފިކުރު ކުރަން އިންދާ ފެންނަން ފެށިއެވެ. އެމޫނުގެ އުޖާލާކަން ކެނޑި މޫނުމަތިން ބަލި ފާޑު ޖަހާލައިފިއެވެ. ސީރިއަސް ނަޒަރަކުން އައިނާއަށް ބަލަން ފެށުނީ އޭގެ ފަހުންނެވެ. ހިތަށް އެރިއެވެ. އަނެއްކާ އައިނާއަށް ޒަމީލް ކަމުދަނީ ހެއްޔެވެ؟ ސިކުނޑި އުނި ކުއްޖަކަށްވެސް މީހެއް ދެކެ ލޯބިވުމަކީ އެކަށީގެންވާ ކަމެކެވެ.
ޝައްކު ޔަޤީން ކުރުމަށްޓަކައި ފޯނުން ޒަމީލްގެ ފޮޓޯއެއް ދެއްކީމެވެ. އައިނާ އެވަގުތު ފޯނު އަތުލާފައި ޖެހީ ބިމަށެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ރުޅި އައިސްގެން އެތިވަރު ގޮވަން ތައްޔާރު ކޮށްލިއިރު އޭނަ ރޮނީއެވެ. ވެގެން އުޅޭ ގޮތެއް އޮޅުންފިލުވަން އަހަރެން ކެތްމަދުވިއެވެ. އައިނާ އެހާ ރުޅިއެއް އެއައީ އޭނަގެ ލޯބިވެރިޔާ އޭނަގެ ދައްތަ އާއި އިންނަން އުޅޭތީ ހެއްޔެވެ؟
އެދުވަހު ވެސް ސުވާލުގެ ޖަވާބު އޮތީ ނުލިބިއެވެ. އައިނާގެ ފުށުން އެއްޗެއް އޮޅުމެއް ނުފިލިއެވެ. ޒަމީލް ފުރިތާ މަހެއްހާ ދުވަސްފަހުން އައިނާ މާބޮޑަށް ހޮޑުލައި އަނބުރައި ގަނެގެން ހޮސްޕިޓަލަށް ގެންދެވުނެވެ. ޓެސްޓްގެ ނަތީޖާ ދެކެފައި އަހަރުމެން އެންމެން ތިބީ ޝޮކެއްގައެވެ. އައިނާ ބަލިވެ އިންނާނީ ފުރަތަމަ އެފަދަ ގުޅުމެއް ބާއްވައިގެން ނޫން ހެއްޔެވެ؟
ރަށަށް އަހަރެން އަންނަންދެން އޭނަ އުޅުނީ މަންމަގެ ފަސްބައިގައި ހިފައިގެންނެވެ. މަންމަ އައިނާ ދޫކޮށްލީ އަހަރެންގެ އަތްމައްޗަށެވެ. އިހުމާލުވީ އަހަންނެވެ. ޒަމީލު ބޭނުންވީ ކައިވެނި ކުރާނެ ބައިވެރިއެއް ނޫނެވެ. ޓައިމް ޕާސްކޮށްލަން ލޯބިވެރިއެކެވެ. އޭނަ ފުރަތަމަ އައި ދުވަހުއްސުރެ ލޯ ހުރީ އައިނާއަށެވެ. އޭނަ އަހަންނާ ގުޅުން ބަދަހި ކުރީ އެރޭ ކޮޓަރި ތެރެއިން ފެނިގެން އޮޅުވާލަން ވެގެންނެވެ. މަންމަ އާއި ބައްޕަ ނެތިސް ގޭގައި އެދެމީހުން ބަހައްޓާފައި އަހަރެން ކިތަންމެ ފަހަރަކު ބޭރަށް ގޮއްސައި ހުންނާނެއެވެ. ނިދައިފި ނަމަ މީހަކު ތަޅައިގަތަސް ނުހޭލެވޭހާ އަހަރެން ނިދިގަދައެވެ. ޒަމީލް ހިފީ އެފުރުސަތު ތަކުގެ ބޭނުމެވެ. އައިނާފަދަ ކުއްޖަކަށް ޒަމީލްފަދަ މީހަކު ޝައުޤުވެރި ވެދާނެކަން ކުރިން އަހަންނަށް ނުވިސްނުނީއެވެ. ސިކުނޑި ފުރިހަމަ މީހަކަށްވެ ހުރެވެސް ކޮއްކޮ އެންމެ ބޭނުންވި ވަގުތު ހިމާޔަތެއް ނުދެވުނެވެ. ޝައްކުވެގެން ގުޅުމުން ހަޤީޤަތް ކިޔައިދޭކަށްވެސް ޒަމީލް ޖެހިލުމެއް ނުވިއެވެ. އަހަރެންނަށް ރޮވުނެވެ. އެވަރުގެ އަނިޔާއެއް ކޮއްކޮއަށް ލިބެންވީ ކީއްވެ ހެއްޔެވެ؟ ކޮއްކޮގެ ކުށަކީ ކޮބައި ހެއްޔެވެ؟ -- ނިމުނީ --
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމްޝީދާ
17 June 2019
ވާހަކަ ވަރަށް ރީތި..... ވާހަކަ ގެނެސްފަ ހުރި ގޮތް ވެސް ވަރަށް ފުރިހަމަ.
Maisha
28 April 2019
ވަރަށް ދެރަ!! އެކަމް ވާހަކަ ވަރަށް ރީތި...
ކައިރާ
04 September 2018
ވ.ރީތި ވަަހަކަ އެއް
ސްޓޯރީ ޓެލާ
04 July 2017
ޙަޤީޤަތުގައި ވެސް ހިތަށް އަސަރުކުރި.. ވަރަށް އަސަރުގަދަ ރީތި ވާހަކައެއް
ނަޝާ
24 June 2017
ނުބައި ނުލަފާ ފިރިހެނުންވެސް ދުނިޔޭގައުޅެ ކަލޭނޭ.. ޒަމީލް ކަލޭ ހާދަ ނުބައޭ ދޯ
ކޭޖޭ
25 June 2017
ތި ޒަމީލް އަހަރެން އަތުގައި ޖެހިއްޖިއްޔާ ނިމުނީ
ސުމާ
02 February 2018
އާނ ދޯ...
ރިއްފަތު
25 January 2020
ތިއީ ކޮންރަށެއްގެ ކުއްޖެއް. ތިބުނިކަމާ އެއްބަސްވަން ބޭނުމީ ތޮއްޑޫ ކުއްޖެއްތޯ ބަލަން.
އައިޝަ ކުއީން
24 June 2017
ވ ސަޅި. އަހަރެން ރޮއަވާލައިފި.އޭނާގެ ކުށަކީ ކޮބާ?
ފާއްތަ
24 June 2017
ވަރަށް ދެރަވެއްޖެ އައިނާއަށް ވީގޮތުން. . . އެއްޗެއް މީހަކަށް އެހާ އިތުބާރު ކުރާކަށްނުވާނެ. . ބައެއްމީހުން އޭގެ ނާޖާއިޒުފައިދާ ނުވާނެ މިވާހަކައިގަ ވީގޮތަށް. . .
އިދުރީސް ދޮންބެ
24 June 2017
ވާހަކަ ވަރަށް ސަޅި!