16 މެއި 2019 - 08:35
އަހަރެންގެ ލޭ ހުރީ ކެކި އެވެ. އޭނަ އަތުޖެހިއްޖެ ނަމަ މަރާ ކުދި ކުދި ކުރާނަމޭ ހިތަށް އެރި އެވެ. އަތުގައި އޮތް ވަޅީގެ މިޔައިގައި ހޭކިފައިހުރި ލޭތައް ލައިގެން ހުރި ގަމީހުން ފޮހެލީމެވެ. ވަޅީގެ މިޔަ ތޫނުކަމުން ރިހިކުލަ އަރަ އެވެ. އަހަރެންގެ ސޫރަ ސާފުވާހާ އެ ވަޅީގެ އާކަން ގަދަ އެވެ.
އަހަރެން ފިޔަވަޅު އެޅީ ސިއްރުންނެވެ. މި ގޭތެރޭގެ ކޮންމެވެސް ތަނެއްގައި އޭނާ ފިލާ ހުންނާނެކަން ޔަގީނެވެ. މި ގެއިން ބޭރަށް ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. ހުރިހާ މަގެއް ހުންނާނީ ބަންދުކޮށްފަ އެވެ. ގޭގެ ތަޅުދަނޑި ޖީބުގައި އޮތް ތޯ އަހަރެން ބަލައިލީމެވެ. ފަޓްލޫނުމަތިން އަތް ޖައްސާލިއިރު އިވުނު އަޑުން އަހަރެންގެ ނަފްސަށް ހަމަޖެހުން ލިބުނެވެ.
އަހަރެންގެ ފައިދޮށުގައި ހަރަކާތް ހުއްޓިފައި އޮތް ނަފީސާގެ މޫނަށް އަހަރެން ބަލައިލީ ފޫހި ނަޒަރަކުންނެވެ. އޭނަގެ ބޯޗިސްވެ ލޭގެ ކޯރެއް މުޅި ބަދިގެ ތެރެއަށް ފެތުރިފައިވެއެވެ. ވަޅީގެ މިޔައިން އެ ހަށިގަނޑު ކުދިކުދި ކުރުން ހުއްޓައިލީ އެންމެ ފަހުގެ ނޭވާ ބޭރުވިކަން ޔަގީންކޮށްފަ އެވެ.
އެއީ އޭނާ އަށް ވެސް ހައްގު އަދަބެވެ. އަހަރެން މިއީ އޭނާގެ ފިރިމީހާކަން ނުދަނެ ގެއަށް ވަންނަ ކޮންމެ ފަހަރަކު ޒުވާބުކޮށް މަސްލަހަތު ނަގާލާއިރު މަސައްކަތުން އެނބުރި އަންނައިރު ހުންނަ ވަރުބަލި ކަމަށް އަހަރެން ބޭނުން ވަނީ ހިމޭންކަމާ އެކު ނިދާލަންކަން އޭނާ ނުދަނެ އެވެ. ފިރިހެނަކަށް ވިއަސް ހަށިގަނޑުގައި ކިތަންމެ ބާރެއް ހުއްޓަސް މަސައްކަތް ކުރެވޭނީ ވަކި ވަރަކަށްކަން އޭނާ ނުދަނެ އެވެ. ގެއަށް ވަންނަ ކޮންމެ ފަހަރަކު ދައްކަން ވެފައި ހުންނަ ބިލްތަކާއި ނުކުރެވިފައި ހުރި ޚަރަދުތަކުގެ ވާހަކަ ކަލަ ގޮވާހެން ގޮވިއަސް ނެތް އެއްޗެއް ނަގާފައި ނުދެވޭނެކަން އަހަރެން ހާސް ފަހަރު ބުނަމެވެ.
ކެތްކުރުމުގައި ވަކި ހައްދެއް އޮންނާނެ އެވެ. އަހަރެންގެ ރުޅިގަނޑު ފަޅައިގެން ދިޔައިރު ނަފީސާގެ ހަށީގައި ފުރާނަހުރިޔަ ދޭން އަހަރެން ބޭނުމެއް ނޫނެވެ. ދެން ހުރީ ޖަޒްލީ އެވެ. ނަވާރަ އަހަރުގެ އަންހެން ދަރިއެކެވެ. އޭނާ އެ އިނީ އެ ހުރިހާ މަންޒަރެއް ބެލުމަށްފަހު ފިލަ އެވެ. އަހަރެން ކޮންމެ ހާލަކުންވިއަސް އޭނާ ހޯދަން ބޭނުމެވެ.
** **
ވަޒީފާގެ ބުރަ ޑިއުޓީ ނިންމާފައި ގެއަށް ވަންއިރު ޖަޒްލީ އޮތީ ސޯފާގައި ޓީވީ ބަލާށެވެ. އަހަރެން ވަދެ އިށީންނަން ބޭނުންވާނެކަން ނުދަނެ އެ ކުއްޖާގެ ސަމާލުކަން އަހަންނަކަށް ނުހުއްޓުނެވެ. އަހަންނަކީ މި ގޭގައި އެއްވެސް މުހިއްމު ބޭނުމެއް ހިފޭ މީހެއް ނޫނެވެ. އަބަދާއި އަބަދު އަހަންނަށް އެއްޗެހި ކިޔާ ނަފީސާގެ ފުށުން އެ ދަރިއަށް ދަސްވެފައި ހުރީ އަހަރެންގެ ކުރިމަތީ އަދަބުކުޑަކޮށް ވާހަކަ ދެއްކުމެވެ. އަހަރެން އެއްޗެއް އަހާލިއަސް ޖަޒްލީ ޖަވާބެއް ނުދޭނެ އެވެ.
ކޮޓަރި އަށް ވަދެ ތަޅުލެވުނުތޯ ޗެކުކޮށްލީމެވެ. ދެން ގަމީސް ބާލާފައި ފެންވަރަށް ވަނުމުގެ ކުރިން އަނެއްކާ ވެސް ބަލައިލެވުނީ ދޮރަށެވެ. ހިތްހަމަޖައްސާލެވުނީ ދޮރު ތަޅުލެވިފައިވާކަން ތަކުރާރުކޮށް ބަލާލީމަ އެވެ. ފެންވަރައިގެން ނިކުމެ ބަދިގެ އަށް ވަންއިރު ނަފީސާ ހުރީ ކާން ހަދައިގެންނެވެ.
"ޖަޒްލީގެ ކޯސް ފެށޭނެ އާދީއްތަ ދުވަހު." އަހަރެން ގޮނޑީގައި އިށީންތަނާ ނަފީސާ ބުނެލި އެވެ. އޭރު އަހަރެންގެ ނަޒަރު ހުރީ މޭޒުމަތީ ހުރި ތަށިތަކަށެވެ.
"ދެން؟" އެ އަޑު އިވުނުކަން އަންގަން އަހަރެން އެހީމެވެ. ބޯތަށިތަކުގެ މަތި ނެގުމާ އެކު އަހަރެންގެ ކާހިތް ކެނޑުނެވެ.
"ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި އެއްހާސް ރުފިޔާ ދައްކަންޖެހޭ." ނަފީސާގެ އަޑަށް އަހަރެން ބޯތަށީގެ މަތި މޭޒުމަތީ ބޭއްވީ ބާރަށެވެ.
"އަހަރެން މިއީ ފައިސާ ނަގާ މެޝިނެއް ކަމަށްތަ ހީކުރީ، ކުލި ދައްކާފައި މިއުޅެނީ ކަޅެއް ބޯލާނެވަރު ނެތިގެން، އޭނަ ކައިރީ ބުނޭ ނުކިޔަވާ މީހަކާ އިންނާށޭ، ފިރިމީހާ ލައްވާ ކިޔަވާށޭ، އަހަންނަކަށް ނުވާނެ." އަހަރެންގެ އަޑަށް ޖަޒްލީ ބަދިގެ އަށް ވަންނަން އުޅެފައި އަނބުރާލީ އެވެ.
އެ މަންޒަރު ފެނުނު ކަމަށް ނުހަދާ އަހަރެން މުގުތަށިން ސަމުސަލެއްވަރު ތައްޓަށް އަޅައި ބަތް ސަމުސަލެއް ލައިގެން ކެވޭތޯ ބެލީމެވެ. ހެނދުނު ގެއިން ނިކުންނަމުން ބޯލި ސައިތަށީގެ ބާރުގައި މުޅި ދުވަހު ހުރުމުން ބަނޑުތެރެ ހީވަނީ ކެކެމުންދާހެންނެވެ.
އަނގަ އަށް ލި ބަތްސުވާ އާ އެކު އަރުތެރޭ ހިފައިގެން ހިތި ލޮނު ރަހައިގެ ސަބަބުން އަހަރެންގެ ގާތަށް އައީ ރުޅި އެވެ. ތައްޓާ އެކު މޭޒުމަތީގައި ހުރި ނަމަ ހުރިހާ އެއްޗެއް ހޫރާލެވުނެވެ. ތަށިމުށިތަކުގެ މައްޗަށް އެ އެއްޗެހި ވެރި ކުދިކުދިވެގެން ދިޔަ އަޑާއި ނަފީސާގެ ހަޅޭކުގެ އަޑު އެހީ އެކުއެކީގަ އެވެ. ބޮލަށް އުދަނގޫވި ވަރުން ކޮޅަށް ތެދުވެ އަތްދަމާފައި ހިފުނީ ނަފީސާ ބޮލުގެ އިސްތަށިގަނޑުގަ އެވެ.
"އަދި ހަޅޭއްލަވާބަލަ." އަނގަމަތީ ބާރު އެތިފަހަރެއް އަޅުވާލަމުން ހަޭއްލަވައިގަނެވުނެވެ. ނަފީސާ ދެ ލޯ ބޮޑުކޮށްލާފައި ހަޅޭކުގެ އަޑު ހިންދާލި އެވެ.
"ކާއެތިކޮޅެއް ރޯފިލުވަން ނޭނގޭ މީހެކޭ،" މޭޒާ ދިމާލަށް ކޮއްޕާލަމުން އަހަރެން ހަޅޭއްލަވައިގަތީމެވެ.
ބަނޑުހައިވެ ހޫނު އަރަން ފެށުމުން ރުޅި އިންތިހާ އަށް ގަދަވެގެން ދިޔައެވެ.
ސިނގިރޭޓަކުން މިރޭ ވެސް ފުއްދާލަން ޖެހުނީ އެވެ. ބޭރަށް ދުންގަނޑެއް ދަމާލަން ނިކުމެ ހުއްޓާ އެތަނަށް އައީ ފަހުދެވެ. އެއީ ޖެހިގެން ހުރި އެޕާޓްމެންޓްގައި އުޅޭ ރަޒިއްޔާގެ ފިރިމީހާ އެވެ.
"ދުންގަނޑެއް ބޮއިލަނީތަ؟" ފަހުދު ހުއްޓިފައި އެހިއިރު ހީވަނީ އޭނާގެ ދެލޯ ވަނީ ކަނުވެފައި ހެންނެވެ. ސިނގިރޭޓް ޖަހައިގެން ހުއްޓާ ވެސް އެ ސުވާލުކުރުމުގެ އިތުރު ބޭނުމެއް އޮތް ކަމަށް އަހަންނަށް ނުފެންނާތީ އަހަރެން ހުރީ އަނގައިން ވެސް ނުބުނެއެވެ.
"ނަފީސައްތަ އިއްޔެ ކެއްކި ކުކުޅު ރިހަ ހާދަ މީރޭ،" ފަހުދުގެ ނިޔަތަކީ ކޮބައިކަމެއް ނޭނގެ އެވެ. އެކަމަކު އިއްޔެ މި ގޭގައި ކެއްކި ރިހައިގެ ގޮތް އެނގުނީމަ ނަފީސާ އެކުރީ އަހަރެން މަނާކޮށްފައި ކަމެއްކަން ހާމަވެއްޖެ އެވެ. ގެއިން ނިކުތުމާއި އަވައްޓެރިންނާ ވާހަކަ ދެއްކުމަކީ އަހަރެން ރުހޭ ކަމެއް ނޫނެވެ. އެއީ ފިރިހެނުންނަށް ތުއި ދައްކަންވެގެން އުޅޭ ގޮތެކެވެ. އެފަދަ މިނިވަންކަމެއް އޮވެއްޖެ ނަމަ ފިރިމީހާ ހުއްޓާ ދެވަނަ ފިރިހެނަކާއި ހިތާވުމަކީ ނަފީސާމެން ކަހަލަ އަންހެނަކަށް އުދަނގޫކަމެއް ނޫނެވެ. އެހެންވެ ގެއިން ބޭރަށް ދާން ނުޖެހޭގޮތަށް ހުރިހާ ކަމެއް ކޮށްދެނީ އަހަންނެވެ.
ބޯން ހުރި ސިނގިރެޓް ފައިދޮށަށް ޖަހާފައި އޭގެ މައްޗަށް ބޫޓުން އަރައި ޗިސްކޮށްލެވުނެވެ. ގޭތެރެ އަށް ވަދެ ނަފީސާ އަށް ގޮވަމުން ހިނގައިގެންއިރު ކޮޓަރިން ސިއްރުން ބަލަން ޖަޒްލީ ހުއްޓެވެ. ބަދިގެތެރެ ސާފުކުރަން ހުރެފައި ނަފީސާ ނިކުތެވެ. ވީކިހިނެއްތޯ އެއްސެވެ.
"އެއްފަހަރަށް ވުރެ ގިނައިން ކަންކަން ހަނދާންކޮށްދެން ޖެހުމަކީ އަހަންނަށް އުދނގޫ ކަމެއް." ބަދިގެ އަށް ވަންނަމުން އަހަރެން ބުނީމެވެ.
އަހަރެންގެ ދެ ލޯ ހޯދަމުން ދިޔައީ ކަބަޑު ސެޓް ކައިރީ އަޅުވާފައި ހުރި ވަޅިތަކެވެ. އެންމެ ތޫނުހެން ހީވާ ވަޅި ނަގައި އެނބުރުނުއިރު ނަފީސާގެ މޫނުމަތިން ފެންނަނީ މަރު ފެނިގެން ބިރުން ހިތް ހަލާކުވެފައިވާ މަންޒަރެވެ.
** **
ޖަޒްލީގެ ކޮޓަރީގެ ދޮރު ހުޅުވާފައި އަހަރެން ވަނީމެވެ. އެނދު ދަށާއި އަލަމާރި ތެރެ ބެލީމެވެ. ފާޚާނާގެ ދޮރު ހުޅުވީ ފައިން ޖަހައިފަ އެވެ. ބޭނުން ވަނީ ފިލާހުރި ނަމަ ބިރުން ގޮސް ހަޅޭއްލަވައިގަނެވޭވަރު ކުރާށެވެ. ފާޚާނާ ތެރެ ބަލާލުމުން އަހަންނަށް ފެނުނީ ހުޅުވާފައި ހުރި ފެންލައިޓެވެ.
އެ ދިމާލަށް ހުރި ފާޚާނާ ތަށީގެ މަތިގަނޑު ހަމައަށް ޖަހާފައި ހުއްޓެވެ. ޖަޒްލީ ބޭރަށް ދެމިގަތީ އެތަނުންކަން ޔަޤީންވީ ފާޚާނާ ތަށިމަތީ ހުރި ފިޔަވަޅުގެ ނިޝާނުންނެވެ. އޭނާ އަށް ސަލާމަތުން ނިކުމެވުނުކަން އެނގުމާ އެކު އަހަރެންގެ ރުޅި އިހުނަށް ވުރެ ގަދަވި އެވެ.
އަހަރެން ގޭތެރެ އަށް ނިކުތީ ދުވެފަ އެވެ. އެތަނުން ޖަޒްލީ އަށް ފުންމާލެވޭނީ ފަހުދުގެ ބެލްކަންޏަށެވެ. އެ މީހުންގެ ކަންފަތްތަކާ ހަމަޔަށް އަހަރެންގެ ހަގީގަތް ދިއުމުގެ ކުރިން އަހަރެން ކުރި އަމަލުގެ ނިޝާން ފޮހެލަން ބޭނުމެވެ. ** **
ގޭގެ ދޮރު ހުޅުވުނު އަޑަށް އަހަރެން ދިޔައީ ސިހިގެންނެވެ. އަދި މިއުޅެނީ އެއްވެސް ކަމެއް ނުވެގެންނެވެ. ދޮރުމަތީގައި ތިބި ޔުނީފޯމް އެޅި ދެ ފުލުހުންނާއި ފަހުދެވެ. އެންމެ ފަހަތުގައި ސިހިސިހި ހުރި ޖަޒްލީ އެވެ.
އަހަރެން ނެރެގެން ގެންދިޔައިރު ކަންފަތަށް އިވޭ ހަމައެކަނި އަޑަކަށްވީ ޖަޒްލީގެ ރުއިމުގެ އަޑެވެ. ނަފީސާގެ ހަށިގަނޑު ނެރެން ފެށުމުން ޖަޒްލީ އަށް ކޮންޓްރޯލް ނުވެގެން އުޅޭ އަޑު އެހީމެވެ. އަހަރެންގެ ހިތް ޖަޒްބާތުވީ އެ ވަގުތެވެ. ރުޅި ފިނިވާން ފެށި އެވެ. އަހަރެންގެ ކުރިމަތިން ލާފައި ނަފީސާ ނެރުނު ވަގުތު އެންމެ ފަހު ފަހަރަށް އެ މޫނަށް ބަލައިލީމެވެ. އެއީ އަހަންނަށް ވަފާތެރިވެ ކައިވެނީގައި ވިހި އަހަރު ހޭދަކުރި އަންހެނުންނެވެ.
ގޭދޮށަށް މީހުން ޖަމާވަމުން ދިޔަކަން އެނގެ އެވެ. ޖިޕާ ހަމަޔަށް އަހަރެން ގެންދިޔައިރު މަގުމަތި ވެސް ވަނީ ތޮއްޖެހިފަ އެވެ. ކެމެރާގެ އަލިތަކުން މޫނު ނިވާނުކުރެވޭ ގޮތަށް އަހަރެންގެ އަތްވަނީ ފުރަގަހަށް ބަނދެފަ އެވެ. އަހަރެންގެ އުމުރު ދެން ހުސްވާނީ ކޮންތާކުކަން ހިތަށް އެރުމުން ފަސްއެނބުރި ގެއާ ދިމާލަށް ބަލާލެވުނެވެ.
** **
ހީކުރި ގޮތާ ޚިލާފަށް އަހަރެން ގެންދިޔައީ ޖަލަކަށް ނޫނެވެ. ފުރަތަމަ ގެންދިޔައީ ހޮސްޕިޓަލަށެވެ. ކީއްވެކަމެއް ނޭނގެ އެވެ. އަހަންނާ އެއްވެސް މީހަކު ސުވާލެއް ނުކުރެއެވެ. އާޚިރުގައި އަހާނީ ވަކި ކީކޭ ހެއްޔެވެ؟ ހުރިހާ މަންޒަރެއް އެ މީހުންގެ ލޮލަށް ވެސް ފެނުނެވެ.
ވަކި ކޮޓަރިއަކަށް އަހަރެން ވައްދައި ދެތިން ނަރުހުންނާ އެކު ވަދެގެން އައީ ޑޮކްޓަރެކެވެ. ތަބަކަކަށް ދެ ސިރިންޖާއި ކަފަކޮޅެއް ލައިގެން ކައިރިވި ނަރުހުންނާ ދިމާލަށް އަހަރެން ބަލައިލީމެވެ. އެމީހުން އެ އުޅެނީ އަހަރެންގެ އަތަށް އެ ހަރައި ތަދުކުރާށެވެ.
"އަހަރެން މިތަނަށް މިގެނައީ ކީއްކުރަން؟" އަހަރެން އެހީމެވެ.
"ބަލި ރަނގަޅުކުރަން،" ޑޮކްޓަރު ބުނެލި އެވެ.
"އަހަންނަކީ ބަލި މީހެއް ނޫން،" ޑޮކްޓަރުގެ ޖުމްލަ ނުނިމެނީސް އަހަރެން ބުނީމެވެ. މިއީ އަހަރެން އޮންނަންވީ ތަނެއް ނޫނެވެ.
"ކަލެ އަކީ ބަލި މީހެއް، ޝައްކުން ހިތް ފުރިފައި ހުރި މީހެއް، ހަނދާންނެތޭ މީހެއް،" ޑޮކްޓަރު ވާހަކަ ދައްކަން ފެށި އެވެ.
"ނޫން. ތިއީ އެއްވެސް ހަގީގަތެއް ނޫން،" އަހަރެން އިންކާރުކުރީމެވެ.
"ކަލެއަކީ ހަނދާން ބަލި މީހެއް، ކަލޭ ދޮރު ތަޅުލެވުނުތޯ ނުބަލަންތަ؟ އެއްފަހަރަށްވުރެ ގިނަ ފަހަރު ދޮރު ތަޅުލެވުނުތޯ ބަލާ، ޖީބުގައި ތަޅުދަނޑި ބާއްވައިގެން އެތައް ފަހަރަކު ކަލޭ އެ ހޯދާ، ނޫންތަ؟ ކުދި ކުދި ކަންތަކާ ކޮންޓްރޯލްނުވާ ވަރަށް ރުޅި އާދެވޭ، ކަލެއަށް ކަލޭ ނޫން މީހަކު ރަނގަޅެއް ވެސް ނުވާނެ، ބާކީ އެންމެންނަކީ ގޯސް މީހުން، މީހަކު ވާހަކަ ދައްކައިފި ނަމަ އެއީ ކަމަކު ބޭނުންވެގެން އުޅޭ މީހެއް، އަންހެނުން މީހަކާ ވާހަކަ ދައްކައިފިނަމަ އެއީ ހިތާވެގެން، ނޫންތަ؟" އަހަރެންނާ ދިމާލަށް ޑޮކްޓަރު އެއްޗެހި ކިޔާހެން ހީވެ އެވެ. މިފަހަރު އިންކާރެއް ނުކުރަމެވެ. އެއީ މުޅިން ވެސް ތެދެވެ.
"ބޭހާ ނުލައި ނުވެސް ނިދޭނެ، ރުޅި ކޮންޓްރޯލްކުރަން ދީފައި ހުރި ބޭސް ނުކާތާ ތިން މަސްވެއްޖެ. ކީއްވެތަ ދައްކަން ނާންނަނީ؟" ޑޮކްޓަރު އެއްސެވެ.
އަހަރެން ރުޅި އައިސް ބަލާލީމެވެ. އަހަރެން ބޭސްކާން ބޭނުމެއް ނޫނެވެ. މިތަނަށް އަންނަ ކޮންމެ ފަހަރަކު އަހަރެންގެ ގަޔަށް އެތައް އިންޖެކްޝަނެއް ހަރައެވެ. އަހަރެންގެ ގައިން ލޭ ނަގަ އެވެ.
"އަހަންނަކީ ބަލި މީހެއް ނޫނޭ، ބޭހާ ނުލާ ވެސް އަހަންނަށް އުޅެވޭ." އަހަރެން ތުރުތުރު އަޅަންފެށި އެވެ.
"ކަލެއަކީ ބަލި މީހެއް، ކަލޭގެ ބައްޔަކީ 'އައިއީޑީ'، ކަލެއަށް ފަރުވާ ދެވޭނީ ޖަލަކުން ނޫން، މިތަނުން،" ޑޮކްޓަރު ފައިލް ބޭއްވި އެވެ.
އޭނަ އަހަންނާ ކައިރިވި އެވެ. އިންޖެކްޝަން ޖަހަން ދެކޮޅު ހަދަހަދާ ހުއްޓާއި ތިން ހަތަރު މީހުންވެގެން އެވެސް ޖެހި އެވެ. ދެން އެ ކޮޓަރި ތެރޭ ވީ އެއްވެސް ކަމެއް ނޭނގެ އެވެ. މަންޒަރެއް ވެސް ނުފެނުނެވެ. ދެ ލޯ ފުސްވެ ފެންކަޅިވިކަން އެނގުނެވެ. އެއަށްފަހު ހީވީ ފުން ނިންޖެއްގެ ތެރެއަށް ގެނބުނުހެންނެވެ. (ނިމުނީ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންކޮ
18 May 2019
އެއްގޮތަކަށް ވެސް ކަމުދާ ވާހަކަ އެއް ނޫން..!! ބިންމާގެ ވާހަކަ ތަށް ލިޔަން ފަށާ،،...!!!
އަޖައިބެއްނު
16 May 2019
ބޭސްތަކެއް ކާންދީ ހަލާކުކުރުމަށްވުރެ ނަމާދުކުރަން އާދަކުރުވިއްޔާ ކީއްތަވާނީ؟ އަބަދުވެސް ދިވެހިންނަށް ފެންނާނީ ބޭސް ބޭސް ބޭސް
ނަކީ
16 May 2019
ސުބު މީ ހަމަ މަގޭ ލަައިފް..... މަގޭ ހުރި ކަހަލަ ފިރިއެއް.. ފިރިން ނަށް ހެޔޮ ވިސްނުން ދެއްވާށި އާމީން...
އަމް
17 May 2019
ދެން މަރުނުވާކަން ދޯ
ައޭކޭ47
20 May 2019
މަށާ ކައިވެނި ކުރަންވީއެއްނު !
ހަސްނާކޮއިސަ
16 May 2019
ރީތި ވާހަކައެއް. ރީތިކޮށް ލިޔެފއި އޮތް ވާހަކައެއް.
ކަލަގޮވުމުގެ މާނަ
16 May 2019
'ކަލަ ގޮވުން' ބޭނުންކުރަނީ ތިމާ ކޮއްދީފައިވާ ނުވަތަ ދީފައިވާ ތަކެތީގެ ވާހަކަ ދެއްކުމަށެވެ. ނުކޮއްދީ ހުރި ކަންކަމުގެ ވާހަކައިން ޝަކުވާކުރުމަކަށް ނޫނެވެ.
ބޫމް
16 May 2019
"އަބަދާއި އަބަދު އަހަންނަށް އެއްޗެހި ކިޔާ ނަފީސާގެ ފުށުން އެ ދަރިއަށް ދަސްވެފައި ހުރީ އަހަރެންގެ ކުރިމަތީ އަދަބުކުޑަކޮށް ވާހަކަ ދެއްކުމެވެ." ހަނދާނަށް އައީ ޓީވީއިން ދައްކާ އިޝްތިހާރެކެ.ފާޚާނާއަށް ބްލީޗް އަޅާފައި ހުރެގެން އަނބިމީހާ އޭނާގެ ފިރިމީހާއަށް ހަޅޭއްލަވާއިރު ގާތުގައި ތުންދަމައިގެން ހުންނަނީ ދަރިފުޅެވެ.ފިރިމީހާގެ ޤަދަރާއި ބައްޕައަށް ކުރަންޖެހޭ އިޙްތިރާމް ނުވެސް ހައްދަވާއެއްޗެއްގެ ފަދައެވެ.މިއީ މީޑިއާއިން ތަކުރާރުކޮށް ދެމުންދާ މެސެޖުތަކެވެ.
ީ ހައްގު ތެދު
16 May 2019
ޢެ އިސްތިހާރު އަންނަ އިރު ހާދަ ފޫއްސެއްވެޔޭ
އަސްލުވެސް ދޯ
16 May 2019
އެ އިޝްތިހާރު ފެންނަ ކޮންމެ ފަހަރަކު އަހަރެން ވަރަށް ފޫހިވޭ.