15 މެއި 2019 - 08:37
ހެނދުނުއްސުރެ ބޯވަމުން، ޖަމާވަމުން އައި ވިލާތަކުން މުޅި އުދަރެސް ވަނީ ބައްދާލައިފަ އެވެ. މަޑުމަޑުން ޖެހެމުން އައި ވައިރޯޅި ވެސް އާދަޔާ ޚިލާފަށް ބާރުވާން ފަށައިފި އެވެ. ހީވަނީ ހަމަ ދެންމެދެންމެ ވާރޭ އޮއްސައިގެންފާނެ ހެންނެވެ. ޖަމީލާ އިނީ ކުޑަ ދަރިފުޅު އުރާލައިގެން ބޭރު ފެންޑާ އުނދޯލީގަ އެވެ. ދަރިފުޅު ނިންދަވާފައި އުސްމާނު އަންނަންދެން މީރު ކާ އެއްޗެއް ރޯ ފިލުވުމުގެ ބޭނުމުގަ އެވެ. މިއަދަކީ އެތައް ދުވަހަކު ދުރުގައި ހުރެފައި އުސްމާނު ކުޑަ ދަރިފުޅާއި އޭނާ ގާތަށް ރަށަށް އަންނަ ދުވަހެވެ. ރެއިއްސުރެ އޭނާގެ ހިއްސުތަކުގައި ކުޅެމުން ދަނީ އާދަޔާ ޚިލާފު މިއުޒިކެކެވެ. އެ މިޔުޒިކުން އުފާވެރިކަން އިޙުސާސް ވަމުން ދާއިރު ބުނަން ނޭނގޭ ޒާތެއްގެ އުދާސް ކަމެއް ވެސް އޭގައި އެކުލެވިފައިވާ ކަހަލަ އެވެ.
ދަރިފުޅު ނިންދަވާފައި އޭނާ ބަދިގެ އަށް ދިޔައީ ދަރިފުޅު ގާތުގައި ކޮއްކޮ ސަމީނާ ބައިންދާފަ އެވެ. އުނދޯލި ހެއްލައިދީ ދަރިފުޅަށް ވާނުވާ ބެލުމުގެ ބޭނުމުގަ އެވެ. ބަދިގެއަށް ވަދެ ޖަމީލާ ކާށްޓެއް ނަގައި ބިންނަން މުގުރު އުފުލައިލި ތަނާ ކާށި ދެފަޅި ވެއްޖެ އެވެ. އޭގައި އެންމެ ފެން ފޮދެއް ވެސް ނެތެވެ. އެކަމަކު ކާށިގަނޑު ހުރީ ނުލާހިކު ތެތްކޮށެވެ. ހީވަނީ ހަމަ ބައިވަރު ފެންހުރި ކާށްޓެއް ހެންނެވެ. މި ވީގޮތުން ޖަމީލާ ކުޑަކޮށް ހާސްވާގޮތް ވެއްޖެ އެވެ. ހުނިގާނަން ތަށްޓެއް ނަގަން ތަށި ހަރުގަނޑު ކައިރިއަށް ދިޔައިރު، ހެދުނު ރިހަ އެޅި ބޯތަށި ނުދޮވެ ހުއްޓާ ފެނުމުން އެތަށި ނަގަން އަތް ލީ ތަނާ ތަށިދެފަޅި ވެއްޖެ އެވެ. ކުރިން އެއްވެސް ގެއްލުމެއް ވެފައި ނުވާ ބޯތަށި ތަޅައިގެން ދިއުމާއި، ކާށި ހިތަށް ދެފަޅި ވުމާ މިކަން ކަމަކީ އާދައިގެ ކަންތަކެއް ނޫން ކަމަށް ޖަމީލާގެ ހަވަނަ ހިއްސު ބުނާ ކަހަލަ އެވެ. އެއާއެކު ވިދާލި ވިދުވަރަކާ އެކު ޖެހި ގުގުރިއެއް ހީވަނީ ފައިދަށުން ބިންގަނޑު ގުޑައިގެން ދިޔަހެންނެވެ. ތެޅިތެޅި އޮތް ހިތަކާ އެކު ދުވެފައި ޖަމީލާ އަށް ދެވުނީ ދަރިފުޅުގެ ގާތަށެވެ. އޭރު ދަރިފުޅު ވެސް ހޭލައިގެން ބިރުން ރޮނީ އެވެ.
ކުރިއަށްވުރެ ވެސް ވިއްސާރަ ގަދަވެއްޖެ އެވެ. ޖެހޭ ބާރު ވަޔާއެކު ވެހެމުން ދިޔަ ބޯ ވާރޭ ފެންޑާގެ ތެރެއަށް ވެސް ބުރަން ފަށައިފި އެވެ. ޖަމީލާ ދަރިފުޅު ގޮވައިގެން ގޭތެރެއަށް ވަދެއްޖެ އެވެ. ނަމަވެސް ހިތަށް ވެރިވަމުން ދާ ގޮތް ނޭނގޭ ބިރުވެރިކަމެއްގެ ސަބަބުން ތަނެއްގައި މަޑުވެގެން އިންނަހިތެއް ނުވި އެވެ.
އޭނާގެ ހިތަށް އަރައި ފައިބަމުން ދިޔަ އެވެ. އަނެއްކާ މި ވިއްސާރައިގައި މަގޭ އުސްމާނު އުޅޭނީ ކޮންފަދަ ހާލެއްގައި ހެއްޔެވެ؟ މިހާރު ޔަގީނުން ވެސް އޭނާ އަންނަ ބޯޓު ވާނީ ކަނޑުމަތީގަ އެވެ. މި ގަދަ ވައިގައި ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭ އެ ބޯޓަށް ކެތްކުރެވޭނެ ބާވަ އެވެ؟ މިހާރު ކަނޑުގެ ރާޅުތައް ވެސް ހާދަ ބޮޑު ވާނެއެވެ.
"ޔާ ﷲ މިއަޅާގެ ފިރިމީހާ ސަލާމަތުން މިއަޅާއާ ހަމައަށް ފޮނުއްވާނދޭވެ." ޖަމީލާ އެންމެ ފަހުން ހިތާހިތުން މާތް ﷲ އަށް ދުއާ ވެސް ކުރި އެވެ.
ގަޑިން މެންދުރު 12 ޖަހައި ބޮޑުވެއްޖެ އެވެ. ވެހެމުން ދިޔަ ބޯ ވާރެއާ ތެމި ފޯވެގެން އައިސް ގޭތެރެ އަށް ވަނީ ރަށު އޮފީހުގެ ސެކެޓްރީއަކަށް އުޅޭ އުސްމާނަށް ބޮޑުބޭބެ ކިޔާ އާދަނެވެ. އޭނާ ހުރިގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމަށް ޖަމީލާ އަށް ހީވާން ފަށައިފި އެވެ. އެ ވަގުތު ޖަމީލާ، އާދަނާ ސުވާލުކުރި އެވެ.
"އާދަނު ކޮބާ ބޯޓު؟ ކިހައި ހިސާބަކަށް އާދެވިއްޖެތަ؟ ހާދަ ވިއްސާރައޭ ދޯ؟ ބޮޑުބެމެންނަށް މިއަދު އާދެވޭނެތަ؟ އަދި މިއުޅެނީ ބޮޑުބެ އަންނަންވާ އިރަށް ރަނގަޅު އެއްޗެއް ވެސް ހަދާނުލެވިގެން."
ޖަމީލާ ވާހަކަދައްކަދައްކައި ހުރެފައި އާދަނަށް ބަލާލިއިރު އާދަނުގެ ލޮލުން އޮހިގަންނަން ތައްޔާރުވެފައިވާ ކަރުނަ އާއި މިލާފައިވާ މޫނުން ޖަމީލާގެ ހީ ޔަގީނަށް ބަދަލުވެގެން ދިޔަ އެވެ. އެ ވަގުތު ޖަމީލާ، އާދަނާ ގާތަށް ޖެހިލާފައި އަނެއްކާ ވެސް ސުވާލުކުރަން ފެށި އެވެ.
"އާދަނޫ. ބުނެބަލަ. ކިހިނެއްވީތަ؟. ކީއްވެތަ ތިހާ ދެރަވެފައި ތިހިރީ. ރޮވިފައި ތިހިރީ. އަނެއްކާ އުސްމާނަށް..." ޖަމީލާ އަށް ބުނެވުނީ އެ ހިސާބަށެވެ.
"އާނ! ޖަމީލާއްތާ. ބޮޑުބޭބެއެއް ނެތް. ބޮޑުބޭބެއެއް... ދެން ނައަންނާނެ. މިހާރު ބޮޑުބޭބެ އަހަރެމެންނާ އަބަދަށްޓަކައި ވަކިވެގެން ހިނގައްޖެ. ބޮޑުބޭބެ ދަތުރު ކުރަމުން އައި ބޯޓު ހުވަދޫ ކަނޑުތެރެއަށް ބަންޑުންވެ ދަތުރުކުރި އެންމެން ކަނޑުވެއްޖެ. އެ ބޯޓުން ދަތުރުކުރި އެކަކު ވެސް ސަލާމަތް ކުރެވުނު ކަމެއް ނޭނގޭ."
ޖަމީލާގެ ސުވާލުތަކަށް ދޭނޭ ޖަވާބެއް ނޭނގި ހުރެފައި އާދަނު އެއްވެސް ހިފެހެއްޓުމަކާ ނުލައި ވެގެންއުޅޭ ގޮތް ޖަމީލާ އަށް އޮޅުންފިލުވައިދޭން ފެށި އެވެ. މި ވާހަކަތަކަކީ ޖަމީލާ އަށް އެއްގޮތަކަށް ވެސް އަޑުއަހަން ކެތް ކުރެވޭ ވަރުގެ ވާހަކަތަކަކަށް ނުވި އެވެ. އުރުގައި ހުރި ދޮޅު އަހަރުގެ ކުޑަދަރިފުޅާ އެކު ވެއްޓެމުން ދިޔަ ޖަމީލާ، އާދަނަށް ހިފެހެއްޓުނީ ހަމަ ކިރިޔާ އެވެ. އެ ވަގުތު ޚަބަރު ލިބިގެން އަވަށްޓެރިންނާއި ގާތްތިމާގެ އެންމެން އެ ގެއަށް ޖަމާވެއްޖެ އެވެ.
އެންމެން ޖަމީލާ ނަގައިގެން ގޮސް އެނދުމަތީގައި ބޭއްވިތަނާ އެ ގެއަށް އެ ވެއްދީ އުސްމާނުގެ މަރުވެފައިވާ މަސްގަނޑެވެ. މީހުން ސަލާމަތްކުރުމަށް، ފެތުނު ބޯޓުދޮށަށް ދިޔަ މިފްކޯގެ މަސްކިރާ ބޯޓަށް ފެނުނީ މަރުވެގެން މައްޗަށް އަރާފައިވާ ހައެއްކަ ގަބުރެވެ. އޭގެތެރޭގައި އުސްމާނުގެ ގަބުރު ވެސް ހިމެނުނީ، ގާތް ތިމާގެ މީހުންނަށް އޭނާގެ މޫނު ފެނުމުގެ ނަސީބު ހުރީތީ ކަމަށް ވެސް ވެދާނެ އެވެ.
ގޭތެރޭގައި ކަންތައްގަނޑު ވަނީ ވަރަށް ބޮޑުވެފަ އެވެ. އާއިލާގެ އެންމެން ރޮއިރޮއި ހަލާކު ވަނީ އެވެ. އެއްބައަކު ޖަމީލާ އަށް ހޭހަން ކޮށްދެނީ އެވެ. ގާތްގަނޑަކަށް ބައިގަޑިއެއްހާ އިރު ފަހުން ޖަމީލާ ހޭ އަރައިފި އެވެ. ފުރަތަމަ ވެސް އޭނާ އަށް އިވުނީ ގޭތެރޭގައި ޖަހާފައިވާ ޤުރުއާނުގެ އަޑެވެ. އެއަށްފަހު މީހުންގެ ރުއިމުގެ އަޑެވެ.
ޖަމީލާ އެނދުން ފުންމައިގެން ބޭރު ގޭތެރެއަށް ނުކުތްއިރު އޭނާގެ ލޯބިވާ ފިރިމީހާ، އަދި އޭނާ ދެލޯ ނޭދި އެދޭ ދަރިފުޅުގެ ބައްޕަ މިއޮތީ ޙަރަމަށް ދެ އަތް އަރުވާފައި ގައިމަތީގައި ފޮތިގަނޑެއް އަޅާފައި ރީތިކޮށް ބާއްވާފަ އެވެ. އެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ. ވިންދެއް ނެތެވެ. ނޭފަތު ކުރީގައި އަތް ޖައްސާލި އިރު ނޭވައެއް ނުލަ އެވެ. އެ ހަށިގަނޑުގައި ދިރުމެއް ނެތެވެ. އަނެއްކާ ވެސް ޖަމީލާ ބަޑިފަޅައިގެން ހިނގައްޖެ އެވެ. އުސްމާނުގެ ފުރާނަނެތް ހަށިގަނޑުގައި އޮޅުލައި ގަނެފައި ބާރުބާރަށް ރޯން ފަށައިފި އެވެ. އެ ވަގުތު މީހުން އައިސް އޭނާ އުސްމާނުގެ ގަބުރާ ދުރުކުރުވި އެވެ. އަދި އޯގާތެރިކަމާ އެކު ޖަމީލާ އަށް ނަސޭހަތްތެރިވާން ފެށި އެވެ.
ޖަމީލާ އެވެ. އަހަރެމެންނަށް މިއަދު ޖަމީލާގެ ހިތުގައި އަޅާނޭ ވޭނާއި ކުރާނޭ އަސަރު އިހުސާސް ކުރެވެ އެވެ. އެކަމަކު ވެސް ވިސްނައި ބަލާށެވެ. އެއްވެސް އިންސާނަކު އަބަދު ދިރި ދުނިޔޭގައި ނުހުންނާނެ އެވެ. އިންސާނަކު ދުނިޔެއަށް އައުމަށްފަހު އެންމެ ގާތް ވާނީ ދިޔުމެވެ. އެކަމަށް ވަކި އުމުރެއް ވަކި ވަގުތެއް ނޯވެ އެވެ. މުސްކުޅިއެއް، ޒުވާނެއް، ކުޑަކުއްޖެއް، ބޮޑުމީހެއް، ކަނޑައެޅިފައެއް ނޯވެ އެވެ. އެ މީހެއްގެ އަޖަލު ހަމަވުމުން ހިތް އެދުނަސް ނޭދުނަސް ވަގުތުން، އެ ދާއިމީ ދަތުރު ފުރަން ޖެހެއެވެ. އަހަރެމެން އިންސާނުންނަށް މާތްﷲގެ މިންވަރު ފުޅާއި ރުހުން ނޫން ގޮތެއް ނޯވެ އެވެ. އެހެނީ ފުރާނައަކީ މާތްﷲގެ މިލްކެކެވެ.
އަހަރެމެންގެ މިލްކެއް އަހަރެމެން ގެންދިޔައިމާ އަނެއްމީހާ އެކަމާ ކުރާނޭ ކަމެއް އޮންނާނޭ ހެއްޔެވެ؟ ހަމަ އެބީދައިން އަހަރެމެން ކިތަންމެ ލޯބިވާ މީހެއް ކަމުގައި ވިޔަސް އެ މީހެއްގެ ފުރާނައިގެ މިލްކުވެރި ފަރާތަކީ ހަމަ މާތްﷲ އެވެ. އެ އިލާހު އެ އިލާހަށް މިލްކުވެ ވޮޑިގެންވާ އެއްޗެއް ގެންދެވީމާ އެކަމާ އަހަރެމެން އަޅުތަކުންނަށް ކުރެވޭނީ ކޮން ޝަކުވާއެއް ހެއްޔެވެ؟ އެއްވެސް ޝަކުވާއެއް ނުކުރެވޭނެ އެވެ. އަހަރެމެންނަށް އޮތީ އެކަލާނގެއާ ވަކީލުކޮށް ޙަމްދާއި ޝުކުރު ކުރުމެވެ.
ތިމާގެ މީހުންނާ އެކުވެރި ރަުމަތްތެރިންގެ ނަސޭހަތްތަކުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ޖަމީލާ އަށް ލިބުނުކަހަލަ އެވެ. ކުރިން ރޮމުން އައި ރުއިން ކޮންމެވެސް ވަރަކަށް މަޑުވެއްޖެ އެވެ. ނަމަވެސް އެ ގިސްލުމަކަށް އެއްވެސް ހުއްޓުމެއް ނައެވެ. ޖަމީލާ އިނީ ގަބުވެފަ އެވެ. ހުއްޓިފަ އެވެ. އޭނާގެ ކުޑަ ދަރިފުޅު އުރާލައިގެން މެދު ގޭތެރޭގެ އެއްކަނެއްގައި ހުރި ފިލާގޮނޑިއެއްގައި އިށީނދެލައިގެންނެވެ.
އުސްމާނު ހިނަވައި ކަފުންކޮށް މޫނު ދެކެން އައިހާ ބަޔަކަށް މޫނު ދައްކައި ނިމިއްޖެ އެވެ. އެންމެފަހުން އުސްމާނު ސަންދޯކު އެޅުމުގެ ކުރިން ޖަމީލާ އާއި ކުޑަ ދަރިފުޅަށް އުސްމާނުގެ މޫނު ދެއްކުމަށްޓަކައި އެ ދެމައިން ގެންދެވިއްޖެ އެވެ. އެއަށްފަހު އުސްމާނުގެ މޫނު އެޅުމާއެކު ޖަމީލާ ކުއްލި ހަޅޭއްކަކާ އެކު އަނބުރައިގަނެގެން ވެއްޓިއްޖެ އެވެ. ކައިރީގައި ތިބި ދެ މީހަކު ހިފަހައްޓަން ކުރި މަސައްކަތް ވެސް ވީ ބޭކާރެވެ. ޖަމީލާ އެ ދިޔަ ގޮތަށް ގޮސް ޖެހުނީ އުސްމާނުގެ ފުރާނަނެތް ހަށިގަނޑުގެ މައްޗަށް ހުރަހަށެވެ. އެ މީހުން ޖަމީލާގެ ހަށިގަނޑުގައި އަތްލި އިރު ވިންދެއް ނުޖަހަ އެވެ.
އަވަސް އަވަހަށް ޖަމީލާ އެނދުމަތީގައި ބާއްވާފައި އެކި މީހުން އެކިކަންތައް ކުރަން ފެށި އެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އެއްވެސް ބޭހަކުން ފަރުވާއަކުން އިންސާނާގެ މަރެއް ނުހިފެހެއްޓެ އެވެ. އެއީ ތަގުދީރުގެ ނިޔާ އެވެ. އެއްވެސް ތަދުބީރަކުން އެ ނިޔާ ބަދަލެއް ނުކުރެވެ އެވެ.
އުސްމާނާ އެކު ޖަމީލާގެ ފުރާނަ ވެސް އޭގެ ވެރިފަރާތުން ގެންދެވީ އެވެ. ހީވަނީ އެ ދެ މީހުންގެ ލޯބީގައި ކޮށްފައިވާ ވައުދަކާ އެއްގޮތަށް އުސްމާނު ނެތް ދުނިޔެއެއްގައި ނޫޅެންވެގެން ޖަމީލާ ވެސް މި ދުނިޔެއާ އަލްވަދާއު ކީހެންނެވެ. އެ ދެ މީހުންގެ ލޯބީގެ ނިޝާން ކަމުގައިވާ ތުއްތު ދަރިފުޅު ވެސް އެކަނިވެރި ކޮށްފަ އެވެ. -- ނިމުނީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނިކްސް
16 May 2019
އަދަބީ ކުށް ވަރަށްގިނަ. މިސާލު: "ދަރިފުޅު ނިންދަވާފައި އުސްމާނު އަންނަންދެން މީރު ކާ އެއްޗެއް ރޯ ފިލުވުމުގެ ބޭނުމުގަ އެވެ." ޖުމްލަ ހަމައެއް ނުޖެހޭ!
ދެރަކަމެއް
15 May 2019
މައްސަލައަކީ، އާދަނު މަރުވީ. އުސްމާނު ގެއަށް ގެނައީ.....
އައިސަ
15 May 2019
އެންމެން ޖަމީލާ ނަގައިގެން ގޮސް އެނދުމަތީގައި ބޭއްވިތަނާ އެ ގެއަށް އެ ވެއްދީ އާދަނުގެ މަރުވެފައިވާ މަސްގަނޑެވެ. މީހުން ސަލާމަތްކުރުމަށް، ފެތުނު ބޯޓުދޮށަށް ދިޔަ މިފްކޯގެ މަސްކިރާ ބޯޓަށް ފެނުނީ މަރުވެގެން މައްޗަށް އަރާފައިވާ ހައެއްކަ ގަބުރެވެ. އޭގެތެރޭގައި އުސްމާނުގެ ގަބުރު ވެސް ހިމެނުނީ، ގާތް ތިމާގެ މީހުންނަށް އޭނާގެ މޫނު ފެނުމުގެ ނަސީބު ހުރީތީ ކަމަށް ވެސް ވެދާނެ އެވެ
ކކކކ
15 May 2019
ވާހަކައިގެ ޚުލާސާ: ޖަމީލާގެ ފިރިމީހާ މަރުވީއެވެ. އެކަމުގެ ހިތާމައިގަ ޖަމީލާވެސް ހަމަ އެދުވަހު މަރުވީއެވެ. ދެން ދުނިޔޭގަ ހުރީ އެދެމީހުންގެ ތުއްތު ދަރިފުޅެވެ. ނިމުނީ.
ޒަމީ
15 May 2019
ލިޔުންތެރިކަން ގޯހެއްނޫން. މައްސަލައަކީ މާ ޢާއްމު ޕްލޮޓަކަށް ލިޔެފައި އޮތުން. ވާނޭގޮތް ކިޔުންތެރިންނަށް އެގޭތީވެ ވާހަކަ ފޫހިކަމަށް ދައްކަނީ. މިލިޔުންތެރިޔާގެ ފަރާތުން މިއަށްވުރެ ކްރިއޭޓިވް ވާހަކައެއް ފެންނާނެ ކަމަށް އުއްމީދުކުރަން.
ކަޑަ
15 May 2019
ސުމެއް. ކިޔައި ދިނުން އެހާ ކަޑަވެފައި ސަސްޕެންސެއް ނެތް. ކުންނެއް ނުވެސް ހައްދަވާ. އިބާރާތްކުރުން ފަށުތްވެއް ނޫން އަދި އޮމާނެއް ވެސް ނޫން. އެމުނި އެކުލެވުމެއް އަމުދަކުން ނެތް. ކަޑަ ކަޑަ ކަޑަ.
ފާތުމާ
15 May 2019
އެންމެން ޖަމީލާ ނަގައިގެން ގޮސް އެނދުމަތީގައި ބޭއްވިތަނާ އެ ގެއަށް އެ ވެއްދީ އާދަނުގެ މަރުވެފައިވާ މަސްގަނޑެވެ. މީހުން ސަލާމަތްކުރުމަށް، ފެތުނު ބޯޓުދޮށަށް ދިޔަ މިފްކޯގެ މަސްކިރާ ބޯޓަށް ފެނުނީ މަރުވެގެން މައްޗަށް އަރާފައިވާ ހައެއްކަ ގަބުރެވެ. އޭގެތެރޭގައި އުސްމާނުގެ ގަބުރު ވެސް ހިމެނުނީ، ޢާދަނު ތަ ޢުސްމާން ތަ..
ފޭނުން
15 May 2019
ކޮބައިތަ އޭރު ހަވީރުގަ ލިޔުނު ފަތޫ... އޭނާއަށް މިހާރުން ފުރުސަތު ނުދިނީތަ؟ ނޫނީ އޭނާ ލިޔަން ބޭނުން ނުވަނީތަ؟ އެއީ ދެވަނަ ބިންމާއަށް ކުރެވޭ އުއްމީދެއް ބިންމާ ވެސް މައެ ގާތު އެކަހަލަ ވާހަކައެއް ބުނި
އަމީ
15 May 2019
އިންޑިއާގެ ޑްރާމާ ތަކުގަ ވާހެން "އަޕްޝަގުން" ދޯ އެވީ އެންމެ ފުރަތަމަ
ޙޫރު
15 May 2019
ނާސިހްގެ ވާހަކަ ރީތި ހަމަ. ޢެކަމަކު ތަންކޮޅެއް ގިނައިން އެއްވާހަކައެއް ނަސޭހަތުގެތެރެއިން ތަކުރާރުވެފަ އެބަހުރި. ޢަހަރެންމީ ބިންމާ ފޭނެއް 2000 ވަނައަހަރުން ފެށިގެން އޭރު އަހަރެެންގެ އުމުރުން 13 އަހަރު .އެހެނެއްކަމަކު މިހާރުގަ މިޖަހާ ކުރުވާހަކަތައް ކިޔަން. ކަމުދާވަރުވޭ.