މުނިފޫހިފިލުވުން / ކުރު ވާހަކަ

މަގުރަސް

27 އޮކްޓޯބަރ 2019 - 08:59

14 comments

ޖެހިލި ނަރަ ރޯޅި ދޮރުފަތިގަނޑުގައި އެލުވައިފައިހުރި ކުދިކުދި ރަނގަބީލުތަކުގައި ބީހުނެވެ. އަހަންނަށް ހޭލެވުނީ އެ އަޑަށެވެ. ގަޑިބަލައިލިއިރު ދަންވަރު އެކެއްޖަހަނީއެވެ. ޓީވީ ހުރީ ހުޅުވައިފައެވެ. އަޑު ހުރީ މަޑުކޮށްފައެވެ. ސޯފާގައި އަހަރެން އިށީނދެގެންއިނީ ޓީވީބަލާކަށް ނޫނެވެ. ޓީވީން ފެންނަ މަންޒަރަކުން ނުވަތަ ކަންފަތަށް އިވިލާ މިޔުޒިކަކުން އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އެއަށްވުރެ، ނަޒްދާގެ މަގަތުގައި އޮށޯވެލައިގެން އޮތަސް އަހަރެން މާ ހިތްހަމަޖެހޭނެއެވެ. ކޮޓަރިން ނުކުމެގެން އަހަރެން ސޯފާއަށް އައީ ޚުދު ނަޒްދާއަށް ވެސް އެ ގޮތް މާ ރަނގަޅުވާނެތީއެވެ. އޭނަ އޮންނާނީ ރޯންކަން އަހަންނަށް އެނގެއެވެ. އަހަރެން ގާތުގައި އޮތް ނަމަ، ފިރިމީހާއަށް ކަރުނަތައް ފޮރުވަން ނަޒްދާއަށް މާ ގިނަ މަސައްކަތްކުރަންޖެހުނީހެވެ. ރޯކަން އެނގުނަސް އަހަރުމެން ދެ މީހުން ވެސް ރޯން ބޭނުންވަނީ އަނެކަކަށް ނުފެނިއެވެ. ވިސްނަން އޮއްވައި، ކޮޓަރީގެ ދޮރު ހުޅުވައިލައިފައި ރާއިދު ބޯދިއްކޮށްލިއެވެ. އުމުރުން ތޭވީސް އަހަރުގެ ރާއިދަކީ އަހަރެންގެ ދެ ފިރިހެންދަރިންގެ ތެރެއިން ދޮށީ ކުއްޖާއެވެ. ރާއިދު އައި ގޮތަށް އައިސް ބޭރު ދޮރުގެ އަތްގަނޑުގައި ހިފައިލިއެވެ. އެއަށް ފަހު އަނެއްކާ ވެސް ކޮޓަރިއަށް ވަނެވެ. އެއީ ރާއިދު އެ ކަން ކުރި ހަތަރުވަނަ ފަހަރެވެ. ރާއިދަށް އެއީ އާދައިގެ ކަމެކެވެ. އަދިވެސް އޭނަ ކިތަންމެ ފަހަރަކު ނުކުންނާނެއެވެ. އަހަރެންގެ ހިތާމައަކީ އެއީއެވެ. ރާއިދުގެ ހަޔާތަށް އައިސްފައިވަނީ ރަހުމްކުޑަ އަނިޔާވެރިއެކެވެ. އައިގޮތަށް ދާކަށް ނޫޅުނެވެ. އަހަންނާއި ނަޒްދާގެ ހިތް ކަފައި ކުދިކޮށްފިއެވެ.

ރާއިދަކީ ވަރަށް ކުދިކުދި ކަންކަމުން އުފާ ހާސިލުކުރާ ކުއްޖެކެވެ. މަލެއްގައި އިންނަ ކޮކާލަކުން ނުވަތަ ދުރުން އުދުހިފައިދާ ދޫންޏަކުން ރާއިދުގެ މޫނުމައްޗަށް ދިރުން ގެނެސްދެއެވެ. އެކި ގޮތްގޮތަށް އަނބުރައިގެން އެ ވާހަކަ ދައްކައެވެ. އެކަމަކު އެ އުފާ ދެމިހުންނަނީ ވެސް ވަރަށް ކުޑަކުޑަ އިރުކޮޅަކަށެވެ. އަމިއްލަ ދުނިޔެއެއް ތެރެއަށް ރާއިދު ގެއްލެއެވެ. އަހަރުމެންނާއި ރާއިދުގެ ދެމެދަށް މަގުރަހެއް ހުރަސްވެއެވެ. އެ ހިސާބުން އަހަރުމެން ދައްކާ ވާހަކަ ރާއިދުގެ ކަންފަތާ ހަމައަށް ފޯރިޔަސް ސިކުނޑިޔަކަށް ވާސިލެއް ނުވެއެވެ. އެހެން މީހަކު ރާއިދު ކޮންޓުރޯލުކުރާ ކަހަލައެވެ. އެހެން އަމުރަކަށް ރާއިދު ތަބާވާ ކަހަލައެވެ.

އަހަރެން ނަމާދަށް ދަނީ ރާއިދު ގޮވައިގެންނެެވެ. ކޮންމެ ފަހަރަކު ވެސް ރާއިދު ފައިވާން ބަހައްޓައިފައި ސިޑިންއަަރައިގެން ގޮސް މިސްކިތުގެ ދޮރުމަތީގައި ހުއްޓެއެވެ. މިސްކިތްތެރޭގައި އެއްވެސް މީހަކު ނެތަސް ރާއިދު ކަންތައްކުރާނީ އެހެންނެވެ. އިރުކޮޅެއްވަންދެން މިސްކިތްތެރެއަށް ބަލަހައްޓައިގެން ހުރެފައި ރާއިދުގެ ދެފަރާތަށާއި ފަހަތަށް ބަލައިލައެވެ. ބިސްމި ކިޔުމަށްފަހު ކަނައަތުފައި އިސްކުރެއެވެ. ރާއިދުގެ ފައިތިލަ ދޫލައިގައި ޖެހޭއިރު ރާއިދުގެ "އެކުވެރިޔާ" ހުންނަނީ ކުރިމަތީގައެވެ. އެއީ ބައްޓަމެއް ނެތް، ސިފައެއް ނެތް، އަހަންނަށް ނުފެންނަ އަނިޔާވެރިއެކެވެ. ރާއިދާ އަޅައިގަތް ގޮތެއް، އަޅައިގަތް ސަބަބެއް އަހަންނަކަށް ނޭނގެއެވެ. ރާއިދު ދާ ކޮންމެ ތަނަކަށް އޭނަ ވެސް ދެއެވެ. ނަމާދުކުރާއިރު ވެސް އޭނަ އިންނަނީ ރާއިދު ކުރިމަތީގައެވެ. ރާއިދަށް އުނދަގޫކުރުން ފިޔަވައި އެހެން ކަމެއް އޭނަ ނުކުރެއެވެ. ޖަމާއަތުގައި ނަމާދުކުރިޔަސް ރާއިދަށް ކުރެވުނު ރަކުއަތާ މެދު ރާއިދު ހުންނާނީ ޔަގީންނުވެފައެވެ. މުދިމު "ނުބައިކޮށް" ނަމާދުކޮށްފައި ކުށު ސަޖިދަ ނުޖަހައިގެން ރާއިދު އެ ޝަކުވާކުރެއެވެ. އަހަންނަށް މަޖުބޫރުވަނީ ކޮންމެވެސް އެހެން ވާހަކައެއްދައްކައިގެން ރާއިދުގެ ވިސްނުން އަނބުރައިލާށެވެ. އެހެނަސް، ރާއިދުގެ ހިތުގައި އުފެދޭ ޝައްކު ފިލުވައިދޭން އަހަރެން ކިތަންމެ ވާހަކައެއް ދެއްކިޔަސް، އެއިން އެއްވެސް ފައިދާއެއް ނުކުރެއެވެ. ކިތަންމެ ފަހަރަކު ގެއަށް އައިސް ރާއިދު އަލުން އެ ނަމާދުކުރެއެވެ. ރާއިދު އަޑުއަހާނީ ރާއިދުގެ އެކުވެރިޔާ ބުނާ ބަހެވެ. ރާއިދުގެ މުޅި ދިރިއުޅުން އޮންނަނީ ނުފެންނަ އެކުވެރިޔާގެ މުށުތެރޭގައެވެ. އޭނަޔާ ވާހަކަދައްކައެވެ. ޒުވާބުކުރެއެވެ. އޭނަ ބުނެފިއްޔާ އެއްކަމެއް އެތަކެއް ފަހަރަކު ވެސް ރާއިދު ތަކުރާރުކުރެއެވެ.

އުމުރުން އަށާރަ އަހަރު ފުރުމުން ރާއިދަށް ސައިކަލެއް ގަނެދޭން އަހަރެން ބޭނުންވިއެވެ. ރާއިދު އިންކާރުކުރަމުންދަނިކޮށް ސައިކަލު ގަނެގެން ގެނައިން ވެސް މެއެވެ. އަހަރެން އެދޭވަރުން ސައިކަލު ދުއްވަން ރާއިދު ދަސްކުރިއެވެ. އެކަމަކު ހަފުތާއެއް ނުވަނީސް ރާއިދަށް މަޖުބޫރުވީ ސައިކަލުދުއްވުން ހުއްޓާލާށެވެ. ސައިކަލު ފުރޮޅަށް ވައިޖަހައިފިއްޔާ ހައެއްކަ ފަހަރު ސައިކަލު ހުއްޓައި ބަލައިގެން ނޫނީ ވައިޖެހިކަމެއް ރާއިދަކަށް ޔަގީނެއް ނުވެއެވެ. ޕެޓުރޯލު އެޅިޔަސް އުޅެންޖެހެނީ އެ ހާލެއްގައެވެ. ޕެޓުރޯލު ޓޭންކުގެ މަތިޖެހުނުކަން ރާއިދަށް ކަށަވަރުވާނީ އެކި ފަހަރު އެކި ތަނަށް ސައިކަލު މަޑުކޮށް، މަޑި އުފުއްލައި، މަތިގަނޑު އަނބުރައިގެން ބަލައިފައެވެ. ރޭގަނޑު ސައިކަލުގެ ބޮކި ދިއްލިޔަސް ރާއިދަށް ކަށަވަރުވާނީ އަތް ދިއްކޮށް އަތަށް އަލި އެޅުނީމައެވެ. އެހެން ތަނަކަށް އަލިއަޅުވައިގެން ރާއިދު ހިތްހަމައެއްނުޖެހެއެވެ. ސައިކަލުގެ ހަރުޖައްސާފައި، ރަނގަޅަށް ހަރުޖެހިފައިހުރިތޯ ބަލަން ދެ ފަހަރު ގޮސްގެން ނޫނީ ރާއިދަކަށް ޔަގީނެއް ނުވެއެވެ. އެންމެ ފަހުން ސައިކަލުދުއްވުން ހުއްޓައިލީއެވެ.

ރާއިދު ކާރަކަށް އަރައިފިއްޔާ ޖެހިގެން އިންނަ ގޮނޑީގައި ރާއިދުގެ އެކުވެރިޔާ އިނދެއެވެ. ވަރުބަލިކަމެއް ނެތި ރާއިދު ބިރުގަންނަވައެވެ. އެކްސިޑެންޓެއްވާން އުޅޭކަމުގެ ހީތައް ރާއިދުގެ ސިކުނޑީގައި އިންދައި، އެއިން ކުރިފަޅުވައެވެ. އެކްސިޑެންޓުވާ ވަގުތު ކާރުގެ ދޮރު ތާށިވެދާނެތީ ރާއިދު ހާސްކުރުވައެވެ. އެކަނި އިނދެ ވާހަކަދެއްކުމަކީ ވެސް ރާއިދު ކުރާ ކަމެކެވެ. ހީވާނީ މީހަކާ ވާހަކަދައްކާހެންނެވެ. ތަފާތަކީ ރާއިދުގެ އެކުވެރިޔާގެ އަޑު އެހެން މީހުންނަށް ނީވޭކަމެވެ. ކުރިމަތީ ލޯގަނޑުން ޑުރައިވަރު ބަލާ ތަނާއި، އޭނަ ހިތަށްއަރާނެ އެއްޗެހި އަހަންނަށް ވިސްނެއެވެ. އެއަށް ވުރެ ބޮޑަށް، ރާއިދު ހަށިގަނޑުން ބޭކާރުވާ ހަކަތައާ މެދު ވިސްނާލުމުން އަހަރެންގެ ހިތަށް މާ ތަދުވެއެވެ. ފާހާނަތަށިމަތީގައި ރާއިދު އިންނައިރު ވެސް އެކުވެރިޔާ ބަލަހައްޓައިގެން ހުރެއެވެ. ފާހާނައިގެ ދޮރުކައިރީގައި އަހަރެން ހުންނައިރު ރާއިދު ކިޔާ އެއްޗެހި އަހަންނަށް އިވެއެވެ. ރާއިދުގެ ކޮޓަރި އުހުގައި ހުއްޓަސް، ބިންހެލުމެއް އަތުވެއްޖެއްޔާ ރާއިދު ސަލާމަތްވާނެ ގޮތް ރާއިދު ބުނެދެއެވެ. ރާއިދު ފާހާނާގައި އުޅޭއިރު ދޮރު އެއްކޮށެއް ނުލައްޕައެވެ. ރާއިދު ނިދަންއޮށޯތުމުން އެނދުގެ ބިއްދޮށަށް އެކުވެރިޔާ އަރައެވެ. އިވޭ އަޑުތަކާއި، ދޮރުފޮތިގަނޑުގައިހުންނަ ރޫތަކުން ރާއިދުގެ ހިތަށް ބިރުވެރިކަން ވައްދައެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ރާއިދު ތެދުވެގެން ގޮސް އަމިއްލަ ނަފުސަށް ޔަގީންކަންދެއެވެ. އަމިއްލައަށް މަރުވާން ތިން ފަހަރު ރާއިދު އުޅެފިއެވެ. އުމުރުދުވަހު އަޅުވެތިވެގެން އުޅުމަށް ވުރެ މަރުވުން އޭނަގެ ހިތަށް މަ ފަސޭހައީއެވެ. އެއިން އެއްވެސް ފަހަރަކު ރާއިދު އެކަން ނުކުރަނީ ބިރަކުން ނޫނެވެ. މަންމައާއި ބައްޕަ ދެރަވާނެ ވަރު އިހުސާސްކުރެވިގެންނެވެ. އަހަންނަށް އެ ކަން އެނގެނީ ރާއިދު ކިޔައިދިނީމައެވެ.

ރާއިދު ވަޒީފާއެއްގައި ދެމިހުއްޓަކަ ނުދިނެވެ. އޮފީހަށް ވަންނައިރަށް ފަހަތުން އެކުވެރިޔާ ވަދެއެވެ. ގޮނޑިއެއްގައި ރާއިދު އިށީންނައިރަށް ކުރިމަތީގައި ހުންނަ ގޮނޑީގައި އެކުވެރިޔާ އިށީނދެއެވެ. ތަނުގައި ހުންނަ އެއްޗެއްސާއި މީހުނާ މެދު ރާއިދުގެ ހިތުގައި ޝައްކުއުފައްދައެވެ. ރާއިދު އަންހެންކުއްޖަކާ ރައްޓެހިވާއިރަށް އޭނަ ފައްސާލައެވެ. ރާއިދު ލައްވާ ބޭކާރު ސުވާލުތައް އަންހެންކުއްޖާޔާ ކުރުވައިގެންނެވެ. ރައްޓެއްސަކާ ވާހަކަދައްކާލާއިރަށް ރާއިދު ބިރުގަންނަވާލައެވެ. ރައްޓެހީންގެ ނިޔަތުގެ ނުބައި ތަރުޖަމާއެއް ރާއިދަށް ވިސްނައިދީގެންނެވެ. ރާއިދުގެ މުޅި ދިރިއުޅުން ބެދިފައިވަނީ ނުފެންނަ ޖަލެއްގައެވެ.

އަހަރެންގެ ދަރިފުޅުގެ އެއްވެސް އެކުވެރިއެއް ނެތެވެ. ރާއިދާ އެކުވެރިކަން ބާއްވައި، ވާހަކަދައްކަން މީހުންނަށް އުނދަގުލެވެ. އެއް ވާހަކަ ތަކުރާރުކުރާލެއް ގިނަކަމުންނެވެ. ބައެއް ކަންކަން ހަނދާންނެތޭލެއް އަވަސްކަމުންނެވެ. ތިބިހާ ވެސް ބަޔަކީ އަހަރެންނާއި ނަޒްދާއެވެ. އެތައް ޑަކުޓަރުންނަކަށް ދައްކައިފީމެވެ. އަހަރެންގެ ތަނަވަސްކަން ހުރިވަރަކުން ފަރުވާ އެބަ ކުރަމެވެ. ލުއިވާހެން ހީވެއެވެ. އެކަމަކު ރަނގަޅެއް ނުވެއެވެ. ރާއިދު ގިނައިން އޮށޯވެގެންއޮންނާތީ، ގެއިން ބޭރަށް ނުނިކުންނާތީ އަހަރެން ވަރަށް ކަންބޮޑުވެއެވެ. ރާއިދު ކުރިމަތީގައި ހިނިތުންވެވޭތޯ އަހަރެން މަސައްކަތްކުރަމެވެ. ކެތްތެރިވާން ވެސް މަސައްކަތްކުރަމެވެ. އެހެނަސް ބައެއް ފަހަރު ނަޒްދާއަކަށް ކަރުނައެއް ނުހިފޭއްޓެއެވެ.

"މަންމާ! އަހަރެން އޯކޭއޭ!" އަހަރުމެން ހިތްހަމަޖައްސައިދޭން ރާއިދު ބުނެއެވެ. "ކެއަރފުލްކޮށް އުޅުމަކީ މައްސަލައެއް ނޫނެއްނު! ކޮންއިރަކުން މިގޭގަ ފަޔަރއެލާމް ހަރުކުރަނީ؟ ގޭސް ލީކުވީމަ އެނގޭ ގޮތް ވެސް ހަދަން އެބަޖެހޭ. އަލިފާންރޯވީމަ ގުޅާ ނަންބަރު ފާރުގަ ޖަހާފަ ބެހެއްޓީމަ ވަރަށް ސޭފްވާނެ. ކަރަންޓް ޝޯޓެއް ވެއްޖެއްޔާ ބްރޭކަރު ވެއްޓޭނެދޯ؟ ސްމޯކް ޑިޓެކްޓަރއެއް ވަރަށް މުހިންމު.."

ވާހަކަދައްކަން ފަށާ ގޮތަށް ހުއްޓާލަންވީ ހިސާބު ބައެއްފަހަރު ރާއިދަކަށް ނޭނގެއެވެ. ވެދާނެ ގެއްލުމާއި، އެ ކަން ވުމުން ދެން ވާނެ ގެއްލުމާއި، އެ ގެއްލުމުގެ ސަބަބުން ކުރިމަތިވާނެ ނުރައްކަލާމެދު ރާއިދު ހާސްކުރުވަފާނެއެވެ. އެއްވެސް ކަނެއް ހުންނަ އެއްޗެއް ގޭގައި ހުރެގެން ނުވެއެވެ. ބިއްލޫރިތަށްޓެއް ވިއްޔާ އަތްގަނޑު ހުންނަންޖެހެއެވެ. ޓީވީ ނިއްވާލައިފައި ކަރަންޓު ސުވިޗު ވެސް ނިއްވާލަންޖެހެއެވެ. ފޯނު ޗާޖަށް ޖަހައިފިއްޔާ އެއްކޮށް ޗާޖުވަންދެން ކައިރީގައި އިންނަންޖެހެއެވެ. ހުރިހާ ތަޅުދަނޑިއެއް ހުންނަންޖެހެނީ ވަކި އެއްޗެއްގައެވެ. ވަޅިން ކަމެއް ކުރަމުން ޓީވީބެލުން މަނައެވެ. އެންމެން ގެއިން ނުކުންނަންޏާ މުޅި ގެއިން ކަރަންޓު ކަނޑާލަންޖެހެއެވެ. ވިއްސަކަށް ފޫޓު ދުރުމިނުގައި ދުއްވާއެއްޗެއް އޮތަސް މަގު ހުރަހެއް ނުކުރެވޭނެއެވެ. އެއީ ވަރަށް ގިނަ ވަގުތު ދާކަމެކެވެ. މަގުމަތީގައި ހުންނަ ކަރަންޓް ބޯޑު ކައިރިއަކުން ނުހިނގެއެވެ. ހަދަމުންދާ އިމާރާތެއް ދަށުން ހިނގަން ރާއިދު ޖެހިލުންވެއެވެ. ލިފްޓަކަށް ނާރައެވެ. އަރާހިތްވިޔަސް ނޭރެއެވެ.

ރާއިދު ބޭނުމީ ދިރިހުންނާށެވެ. އާންމު އިންސާނެއް ދިރިއުޅޭހެން ދިރިއުޅޭށެވެ. ވަޒީފާއެއް އަދާކުރާށެވެ. އެކުވެރިން ހޯދާށެވެ. އެ މިންވަރު ރާއިދަށް ހައްގެއް ނޫންބާއެވެ؟ މީހަކު ފެނުނީމައި ހިނިތުންވެލާ، ހިތްހަމަޖެހިލައިގެން ނިދާލުމަކީ ރާއިދުގެ ހައިސިއްޔަތަށް ވުރެ މަތިން ވިސްނުން ހެއްޔެވެ؟ އާންމު އިންސާނެއް ފަދައިން ތަންތަނަށް ވަދެނުކުންނަން ރާއިދު ބޭނުމެވެ. އަމިއްލަ ކަންކަން ނިންމުމުގެ ހައްގު ރާއިދަށް ވެސް ލިބެންޖެހޭނެއެވެ. ހިތާމައަކީ، އެހެން އިންސާނުންނާ ރާއިދާ ދެމެދުގައި މަގުރަސްތަކެއް ލެވިފައިވާކަމެވެ. އާންމު އިންސާނަކު އުޅޭހެން ރާއިދަކަށް ނޫޅެވޭނެއެވެ. ރާއިދު ދާ ކޮންމެ ތަނަކަށް ރާއިދުގެ "އެކުވެރިޔާ" ދާނެއެވެ. އަޅާ ކޮންމެ ފިޔަވަޅަކަށް ފިޔަވަޅެއް އަޅާނެއެވެ. އެއީ ސިފައެއް ނެތް އެކުވެރިއެކެވެ. ލޮލަށް ނުފެންނަ ކެހިވެރިއެކެވެ. މަޚުލޫގެއް ފަދައިން ރާއިދަށް ފާރަލާ ރާއިދުގެ ނަފްސާނީ ބައްޔެވެ. ނަމަކީ އޯސީޑީއެވެ.

ނިމުނީ

14 ކޮމެންޓް, 97 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 89%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝަރީފް1

11 December 2019

މިއާ ވަރަށް އެއްގޮތް ކަންތަށްވަނީ އަހަރެންގެ ކޮށްކޮ މެންނަށް އަހަރެން މޮޅު ލިޔުން ތެރިއަކަށް ނުވާތީ މިހާސާފުކޮށް ގެނެސް ނުދެވިދާނެތީ ވާހަކަކުރުކޮށްލީ. ބިންމާ ޔަށް ހަމަ ސާބަސް ވަރަށް ރީތި

The name is already taken The name is available. Register?

ކިހިނެއްތަ މިކަމަށް ހަދާނީ؟

29 October 2019

މަށަށް ބެލޭނީ އެޕާރޓްމަންޓް ތަޅުލެވުންތޯ. ބައެއް ދުވަސް ދުވަހު ދެތިންފަހަރު ދަރި ކިހިލިޖަހައިގެން މައްޗަށް އަރާފައިބަން ޖެހޭ. 4 ވަނަ ބުރި އަދި. ދެން ގޭސް އުނދުން ނިވުންތޯވެސް އެވަރަށް ބެލޭނެ.

The name is already taken The name is available. Register?

ޝަރީފް1

11 December 2019

ޝައްކުބަލި ވަރަށް ވަރަށް ނުރަައްކާތެރި

The name is already taken The name is available. Register?

އެހީތެރިޔާ

27 October 2019

ދޮރެއް ތަޅުލައިފިއްޔާ ދެތިން ފަހަރު ޔަގީން ކުރަށްޖެހޭ މަށަށްވެސް

The name is already taken The name is available. Register?

ޝަނާޔަ

27 October 2019

މީ ފަސޭހަ ނުކުރެވޭ ބައްޔެއް ނޫނެއްނު. ގިނަ ފަހަރު މައްސަލައަކަށް ވަނީ ވާގޮތެއް ނޭނގޭތީ ނުވަތަ ޤަބޫލު ނުކުރެވޭތީ.މި ވާހަކައިގައި ވާގޮތް އެނގޭ ގަބޫލު ކުރޭ. ދެން ފަރުވާ ކުރުމުގައި ދިމާވި މައްސަލަ އެނގެން ބޭނުންވަނީ

The name is already taken The name is available. Register?

ޒުބައިދާ

27 October 2019

އޯސީޑީ އެކަންޏެއް ނޫނެއްނު. އެންޒައިޓީގެ އަލާމާތްތައް ވެސް އެބަ ހުއްޓެއްނު. ވާހަކަ ވަރަށް ކަމުދިޔަ. ގިނައިން މިވާހަަކަ ދައްކައިގެން މެންޓަލް އިލްނަސްގެ ސޯޝަލް ސްޓިގްމާ ބްރޭކް ކުރެވޭނީ

The name is already taken The name is available. Register?

‫އަހަރެން

27 October 2019

‫ރޮވިއްޖެ. ☹️

The name is already taken The name is available. Register?

އާނީ

27 October 2019

މި ކަހަލަ ވާހަކައެއް ކުރިންވެސް ގެނެސްދިން ދޯ

The name is already taken The name is available. Register?

‫ނަން

27 October 2019

"‫އޮޅުނުވި މަގޭ ހިތް"

The name is already taken The name is available. Register?

އަމީ

27 October 2019

އޯސީޑީ ގެ ކޮންމެވެސް މިންވަރެއް ނެތް މީހެއް ވަރަށް މަދުވާނެ

The name is already taken The name is available. Register?

ދދފފސ

27 October 2019

ޕާފެކްޝަނިޒަމް އާއި އޯސީޑީ ވަރަށް ތަފާތުވާނެ. ގިނަ މީހުންނަށް އޮޅެނީ. އޯސީޑީ ހުންނަ މީހަކު ގެ ލައިފްގައި އޭނަގެ އެއްވެސް ކޮންޠްރޯލެއް ނެތް.

The name is already taken The name is available. Register?

ކުރަފަތްބޭބެ

27 October 2019

ޔޭ މަ ފަސްޓު!

The name is already taken The name is available. Register?

އީނު (ކެބިންކުރޫ)

27 October 2019

މަވެސް

The name is already taken The name is available. Register?

‫އޭނަ

28 October 2019

‫އެއްކަލަ ދެ ކުދިން ދޯ.... ހާއި!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454