މުނިފޫހިފިލުވުން / ވާހަކަ

ބަނަފިނި

އަލަތު ކައިވެންޏަކަށް އިންސާނާ ދާންޖެހެނީ ވަކި ތަރުތީބަކުން އެތުރިފައިވާ ހަރުފަތްތަކަކުންނެވެ. ދެ މީހުން ފުރަތަމަ ބައްދަލުވަނީ ދެ ބީރައްޓެހިންގެ ގޮތުގައެވެ. އެއަށް ފަހު ދެ މީހުންގެ މެދުގައި ލޯތްބެއް އުފެދެއެވެ. ކައިވެންޏަކީ އެ ލޯބީގައި ޖަހައިލެވޭ ވަރުގަދަ ގޮށަށް ކިޔާ ނަމެކެވެ. ހަޔާތުގެ އާންމު އުސޫލަކީ އެއީއެވެ. ޒަވާޖީހަޔާތް ތަރުތީބުކުރަން އެންމެ ރަނގަޅު ގޮތަކީ ވެސް އެއީއެވެ. އެކަމަކު، އެ ނޫން ގޮތަކަށް ކުޅިބައި އަތުރައިލެވިއްޖެއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ހިތުގައި އުފެދޭ ސުވާލަކީ އެއީއެވެ. ބުނާ އަޑު އަހަމެވެ. ލޯތްބާ ނުލައި ދިރިއުޅުން ފުރިހަމައެއް ނުވެއެވެ. ލޯތްބަކީ ކޯޗެއްކަން ނޭނގުނަސް، ވަޒީފާއެއް ނެތަސް، ދިރިއުޅޭނެ ތަނެއް ނެތަސް، އުމުރުން އަށާރަ އަހަރު ނުފުރުނަސް ލޯބިވެރިއެއް ހުންނަންޖެހެއެވެ. ވަކި އުމުރެއް ފުރޭއިރު ކައިވެނި ނުކުރެވިއްޖެ ނަމަ ނުވަތަ ދަރިޔަކު ނުލިބިއްޖެ ނަމަ އެއީ އައިބުކަމެކެވެ. އަހަރެންގެ ހިޔާލު ތަފާތެވެ. އަހަންނަކީ ގިނަ މީހުން ވިސްނާހެން ވިސްނާ މީހެއް ނޫނެވެ. އެހެން މީހުން އުޅޭ ގޮތަށް އުޅެން ބޭނުންވާ މީހެއް ވެސް ނޫނެވެ. އުމުރުން ތިރީސް ނުވަ އަހަރުގެ ފިރިހެނަކީމެވެ. ދަރިޔަކު ނެތެވެ. ކައިވެންޏެއް ނުކުރަމެވެ. ލޯބިވެރިޔެއް ވެސް ނެތެވެ.

އަހަރެންގެ ހަޔާތުގެ ބިންގާ ފަތުރާލީ ތިން ތަނބެއްގެ މައްޗަށެވެ. ސިއްހަތާއި، އަޅުކަމާއި، އާމްދަނީއެވެ. އެއިން ތަނބަކަށް ލޮޅުންއެރިޔަ ނުދޭން އަހަންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމެވެ. ލޯތްބަކަށް އަހަންނަކަށް ވަގުތެއް ނެތެވެ. މައިންބަފައިންގެ ހަތަރު ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިޔަކީ އަހަންނެވެ. ބައްޕަގެ ވިޔަފާރި ވަރަށް ފުޅަލެވެ. ބައްޕަ ނެތް ދުވަހަކުން ވިޔަފާރިޔާ ހަވާލުވާން ހުރި މީހަކީ އަހަންނެވެ. މުބާރާތަކަށް ތައްޔާރުވާ ކުޅުންތެރިޔެއް ފަދައިން އަހަންނަށް ތަމްރީނުދީ، ލޯހުޅުވައިދީ، ވިޔަފާރީގެ ހުނަރުތަކާއި އުކުޅުތައް އަހަންނަށް ދަސްކޮށްދިނެވެ. އެކި ގައުމުތަކަށް އަހަރެން ފޮނުވައިގެން ބައްޕަ ބޮޑު ހޭދައެއް ކުރިއެވެ. ނަތީޖާއަކަށްވީ ލޯތްބާ ދޭތެރޭގައި ވިސްނަން އަހަންނަށް ވަގުތު ނުވުމެވެ.

ބައްޕަގެ ދުރުވިސްނުމާއި އިރުޝާދުތަކަށް އަހަރެން ތައުރީފުކުރަމެވެ. ސަބަބަކީ، އަހަރެންގެ ތަޖުރިބާގެ އެހީގައި ވިޔަފާރިއަށް ލިބުނު ކުރިއެރުމެވެ. އެކަމަކު އަހަރެންގެ ޒަވާޖީހަޔާތް ބައްޓަންކުރަން ބައްޕަ ދިމާކުރުމުން އަހަންނަކަށް އެ ކަން ކަމަކުނުދިޔައެވެ. ބަލައެއްނުގަނެވުނެވެ. އަހަންނަށް ދަސްކޮށްދިނީ ޒިންމާނަގާށެވެ. ކުންފުނި ހިންގާށެވެ. ނިންމުންތައް ނިންމާށެވެ. އަންބަކަށް އަދާކޮށްދޭންޖެހޭ ޒިންމާތައް އަހަންނަކަށް ދަހެއްނުކޮށްދެއެވެ. އެ ފަދަ ކަމަކަށް ވިސްނާކަށް ފުރުސަތެއް ވެސް ނުދެއެވެ. ބައެއް ފަހަރު އަހަންނަށް ހީވެއެވެ. މީހެއް ދެކެ އަހަރެން ލޯބިވޭތޯ ބައްޕަ ފާރަ ވެސް ލިއެވެ. އެ ކަން އެނގެނީ، އެ ކަމާ ދޭތެރޭގައި ފަހުން ވިސްނައިލީމައެވެ. ރާއްޖެއިން ބޭރުގައި އަހަރެން އުޅުނުއިރު، ހުސްވަގުތެއް އަހަންނަށް ލިބުނަ ނުދިނުމަށް ޓަކައި ބޭކާރުކަންކަން އަހަރެން ލައްވާ ކުރުވިއެވެ. ބޭނުންތެރިކަންކަން ކަމުގައި ދައްކައިގެންނެވެ. ބޭކާރު ދިރާސާތައް އަހަރެން ލައްވާ ހައްދުވައިގެންނެވެ. ބޭނުމަކީ ހުސްވަގުތުގައި އަހަރެން ހޮޓަލުން ބޭރަށްދިޔަ ނުދިނުމެވެ. އަހަރެންގެ ޝަކުވާއެއް ނެތެވެ. އެކަމަކު ބައްޕަގެ ރައްޓެއްސެއްގެ ދަރިޔަކު އަހަންނަށް ދައްކައިފައި އޭނަޔާ ކައިވެނިކުރަން ބުނުމަކީ އަނިޔާއެކެވެ. ވިޔަފާރިޔެކެވެ. އަހަންނަކީ ވިޔަފާރި މުދަލެއް ނޫނެވެ. ކުންފުންޏަކުން އުފައްދާފައިވާ އެއްޗެއް ވެސް ނޫނެވެ. ބައްޕައަކީ އަހަރެންގެ މިލްކުވެރިޔާއެެއް ވެސް ނޫނެވެ. އަހަންނަކީ އިންސާނެކެވެ. އަހަރެންގެ ހިތުގައި ވިންދުޖަހައެވެ. އެ ވިންދުޖަހަންވާ ގޮތް ބައްޕައަކަށް ނުބުނެދެވޭނެއެވެ. ނުދަންނަ ބަހަކަށް ވުރެ ބޮޑަށް ލޯތްބާ އަހަރެން ބީރައްޓެހިކުރުވައިފައި ކުއްލިއަމުރެއް ނުނެރެވޭނެއެވެ. ބައްޕަގެ އަމުރަށް ތަބާވުމަށް ޓަކައި މީހެއް ދެކެ އަހަންނަކަށް ލޯތްބެއް ނުވެވޭނެއެވެ. ހިތް އެ ކަމަކަށް ރުހުމެއް ނުދޭނެއެވެ.

އަހަރެން ދެވަން ބައްޕަ ބޭނުންވާ އަންހެންކުއްޖަކީ ނާޒިޔާއެވެ. އޭނައަކީ ވަރަށް ރީތި ކުއްޖެކެވެ. ކިޔަވައިގެންހުރި، މޮޅު ކުއްޖެކެވެ. އެ ކައިވެންޏަށް އަހަރެން ނޫނެކޭ ބުނެފި ނަމަ ކޮންމެ މީހަކު ވެސް ބުނާނީ އެކައްޗެކެވެ. އަހަންނަކީ މޮޔައެކެވެ. ސަބަބަކީ، ނާޒިޔާއަކީ މަހުޖަނެއްގެ ދަރިޔެކެވެ. ކައިވެނިކުރެވޭ ދުވަހުން ފެށިގެން އަހަރެން ބައްޕަގެ ވިޔަފާރި ފުޅާވާނެއެވެ. ނާޒިޔާ ބައްޕަގެ ތިން ރިސޯޓަށް ސަޕްލައިކުރުމުގެ ފުރުސަތު އަހަރުމެންގެ ކުންފުންޏަށް ފަހިވާނެއެވެ. އަހަރެން ބައްޕަގެ އަމާޒަކީ އެއީއެވެ. ވިޔަފާރި މުދަލެއްހެން އަހަރެން ވިއްކައިލުމެވެ. އެކަމަކު އަހަރެން ދެކެ ނާޒިޔާ ލޯބިވޭ ހެއްޔެވެ؟ ކުޑަމިނުން އެ ޔަގީންކަން އަހަންނަށް ދެވުނު ނަމަވެސް އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނީހެވެ. ނާޒިޔާގެ މިޒާޖާ މެދު ބައްޕަ ވިސްނައިނުލީ ކީއްވެގެން ހެއްޔެވެ؟ އޭނައަކީ އުމުރަށް ވުރެ އެތައް ތަނެއް ހަގުކޮށް ވިސްނާ، ބޯހަރު ކުއްޖެކެވެ. ލައިގެންހުންނަ ހެދުމުން ނިވާނުވާ، އިސްލާމްދީނަށް ހަޖޫޖަހާ، ކަލަކު ވޮޑިގެންވާކަމަކަށް ގަބޫލުނުކުރާ ކުއްޖެކެވެ. ވިޔަފާރިކަމެއްގެ ނަމުގައި އަހަރެން އެ ގެއަށް ގެންދިޔަ ފުރަތަމަ ފަހަރު ވެސް ނާޒިޔާގެ އެތައް ސިފައެއް އަހަންނަށް ދަނެގަނެވުނެވެ. އޭނަގެ ސިފަ ރީއްޗަސް، ކިތަންމެ މޮޅު ފާސްތަކެއް ހުއްޓަސް އެ މިޒާޖު އަހަންނަކަށް ކަމަކުނުދެއެވެ. ލޯބިނުވިޔަސް ނާޒިޔާއާ އިނދެގެން އުޅެވޭތޯ އަހަންނަށް ބެލިދާނެއެވެ. އެހެނަސް ދެން ހުރި ސިފަތައް އަަހަރެން ބަލައެއްނުގަންނަމެވެ.

ވިޔަފާރި ދަތުރެއްގައި ޗައިނާއަށް ގޮސްފައި މާލެއައި މަގުމަތީގައި ބައްޕައަށް "ފިލަން" އަހަރެން ވިސްނީމެވެ. އޭރު އަހަންނަށް ހުރެވުނީ ލަންކާގައެވެ. އެންމެ ފަހު ވަގުތު އެއާޕޯޓަށް ނުގޮސް، ދަތުރު ކެންސަލުކޮށްފައި ލަންކާގައި އަހަރެން މަޑުކުރީމެވެ. އާންމުކޮށް އަހަރެން ހުންނަ ހޮޓާތަކުގެ ބަދަލުގައި އަހަރެން ދިޔައީ ނޫރައްލިޔާއަށެވެ. ފޯނުން މައިންބަފައިންނާ ވާހަކަދައްކަމެވެ. ކޮންމެ ފަހަރަކު ވެސް އަހަރެން ބުނަނީ އަރާމުކޮށްލަނީ ކަމުގައެވެ. އެ ވާހަކަ ބައްޕަ ގަބޫލުކުރިއެވެ. ޝައްކުވީ މަންމަޔަށެވެ. މަންމަ ވަކިން އަހަންނަށް ގުޅިއެވެ.

"އަރާމުކޮށްލަން ދަރިފުޅު ލަންކާއަކު ނުހުންނާނެ،" ވަރަށް ޔަގީންކަމާ އެކުގައި މަންމަ ބުންޏެވެ. "މަންމައަށް އޮޅުވާލަން ތިއުޅެނީ؟ ދަރިފުޅު މާލެއަށް އަންނާނެކަމެއް ކަމެއް ނެތް. ތިތާ ހުރޭ! މާލެ އަތުވެއްޖެއްޔާ އެ ނާޒިޔާއާ ދަރިފުޅު ދެވާނެ. ބައްޕަ ހުރީ ހަމަ ތައްޔާރަށް. މަންމައަކަށް އެ ކުއްޖާ ހަމަ އެއްގޮތަކަށް ވެސް ކަމަކުނުދޭ!"

މަންމަގެ ރުހުން އަހަންނަށް ލިބުނެވެ. އެހެނަސް އެއީ މާ ބޮޑު ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. ބައްޕަ ކަންތައްކުރާނީ ބައްޕަ ބޭނުންވާ ގޮތަކަށެވެ. މަންމައަށް ކުރެވޭނެ ހަމައެކަނި ކަމަކީ، އަހަރެންގެ ކައިވެންޏާ ދޭތެރޭގައި ވިސްނަން ބައްޕައަށް ފުރުސަތު ނުދިނުމެވެ. އެ ފަދަ ބުރަޔެއް މަންމައަށް ޖައްސަން ބޭނުން ނޫނިއްޔާ ބައްޕަޔާ ހަތަރުކަޅި ހަމަކޮށްފައި ކައިވެންޏަށް އިންކާރުކުރެވިދާނެއެވެ. އެއީ އަހަރެން ބިރުގަންނަކަމެއް ނޫނެވެ. އެ ހިސާބުން މައްސަލަ ހައްލު ވެސް ވާނެއެވެ. އެޔާއެކު ބައްޕަގެ ވިޔަފާރިން އަހަރެން ދުރުކުރުމަށް ފަހު ބައްޕަގެ އެހެން ދަރިޔަކަށް އެ ފުރުސަތު ދީފާނެއެވެ. އެ ފަދަ ހިތްގައިމު، ޝައުގުވެރި މަގާމެއް ގެއްލުވާލާ ވަރަށް ވުރެ އަހަރެންގެ އަމިއްލައެދުން ބޮޑެވެ. ހަގީގަތް ފޮރުވައިގެން އުޅެންޖެހެނީ އެހެންވެއެވެ.

ފަރުބަދަމަތީ ހޮޓަލެއްގައި އަހަރެން ހުރި ދުވަހެކެވެ. މަތިމައްޗަށް ޓީޝާޓުލައި، އޭގެ މަތިން ސުއިޓަރު ލައިގެން ހުރިއިރު ވެސް އަހަރެން ހީކަރުވައިގެން ތުރުތުރުއަޅައެވެ. ފަރުބަދައިގެ ބިއްދޮށަށް އިރުއޮއްސެމުންދިޔައީ ބަނަފިނިން ގަސްކަރަ ފަރުދާކުރަމުންނެވެ. އަހަރެން ހިތަށްއެރިއެވެ. ހަގީގަތް ފަރުދާކޮށްގެން އަހަންނަށް ހުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ ބީރައްޓެހި ގައުމެއްގައި އެކަނިމާއެކަނި އަހަރެންގެ އުމުރު ހުސްކޮށްލަންވީ ހެއްޔެވެ؟ ކިޔެވި ހުރިހާ އެއްޗަކާއި، ހަޔާތުގެ އެތައް ދުވަހެއް ބޭކާރުކޮށްލުން އެއީ ބުއްދިވެރިކަމެއް ހެއްޔެވެ؟ ނާޒިޔާ އެހެން މީހަކާ އިނދެފިއްޔާ އަނެއްކާ އެހެން ނާޒިޔާއެއް ބައްޕަ ހޯދާނެއެވެ. ފިލަން ދުވުމަކީ ހައްލެއް ނޫނެވެ. މޮޔަކަމެކެވެ. ކޮންމެ ކަމަކާ ވެސް ޖެހޭނީ ކުރިމަތިލާށެވެ.

"ދިވެއްސެއްތަ؟" އަންހެންކުއްޖެއްގެ އަޑު އަހަންނަށް އިވުނެވެ.

އަހަރެން ބަލައިލިއިރު، ކަންބޮޑުވެފައިވާ ދިވެހި އަންހެންކުއްޖަކު ގަދަކަމުން ހިނިތުންވެލައިގެން ހުއްޓެވެ. ފުރަތަަމަ ފެނިފައި ވެސް އެއީ ދިވެހިކުއްޖެއްކަން އަހަންނަށް އެނގުނެވެ. ވާހަކަދެއްކިލެއް ފަރިތަކަމުން އެކަންޏެެއް ނޫނެވެ. އޭނަގެ މޫނު ދިވެހިކަމުންނެވެ. އެ ތުންފަތުގައި ހިނިތުންވުމެއް ފަރިވެފައި ވިޔަސް، އެ މޫނަކު އުފާވެރިކަމެއް ނެތެވެ. އަހަރެން ވެސް ހިނިތުންވެލީ ގަދަކަމުންނެވެ.

"ޝާހިދާ!" ސަލާންކުރަން އަތްދިއްކޮށްލަމުން އޭނަ ބުންޏެވެ.

އަހަރެން ސަލާންކުރީމެވެ. ޝާހިދާއަކީ ވަރަށް އާންމު ނަމެކެވެ. އެ ކުއްޖާގެ ވެސް ހާއްސަ ސިފައެއް ނުވަތަ ރީތިކަމެއް ނެތެވެ. އޮޅަލި ކުލަޔަކަށްދާ މެދުމިން ހަށިގަނޑެކެވެ. އާދައިގެ ހެދުމެކެވެ. އޭގެ މަތިން ލައިގެންހުރީ އާދައިގެ ސުއިޓަރެކެވެ. ތަފާތުކަމެއް ނެތް އާދައިގެ އިސްތަށިގަނޑެކެވެ.

"އަހަރެން ވެސް މި ހޮޓަލުގަ މި ހުންނަނީ،" އަހަރެން ހުރި ހޮޓަލަށް އިޝާރާތްކޮށްފައި ޝާހިދާ ބުންޏެވެ. "ފަހަރެއްގަ އަހަރެން މި ބުނާ ވާހަކަ ގަބޫލުނުވެސް ކުރެވިދާނެ. މި ތަނަށް އައި މަގުމަތީގައި، އަހަރެންގެ ހޭންޑްބޭގް ގެއްލިއްޖެ! އެކި ތަންތަނަށް ހުއްޓަމުން މިއައީ. ހީވަނީ ކޮންމެވެސް ތަނެއްގަ ބޭއްވުނީހެން. އަތަކު ނެތް އެއްވެސް ލާރިއެއް. ގެއަށް ގުޅައިގެން މިއުޅެނީ. ބުނި ކޮންމެވެސް ގޮތެއް އެބަ ހަމަޖައްސަމޭ ހޮޓަލެއްގަ މަޑުކުރާށޭ. އެހެންވެ މި ތަނަށް މިއައީ. ލަންކާގަ ތިބޭނެ ބައްޕަގެ ރައްޓެހިން. ޔަގީން ލާރި ލިބޭނެކަން. އެކަމަކު ފަހަރެއްގަ ދެ ދުވަހެއް ވަރު ނަގާފާނެ. އަހަންނަކަށް ނޭނގެ ތީ ކާކުކަމެއް. ނަމެއް ވެސް ނޭނގެ. ހުރިހާ ޑީޓެއިލެއް ދީފިއްޔާ މާލެ ގޮސް ލާރި އަނބުރާ ދޭނަން. އެބައޮތްތަ ހެލްޕެއް ވެވެން؟"

އެ ފަދަ ބަހަނާއަކީ އަހަންނަށް އާ އެއްޗެއް ނޫނެވެ. ބައިވަރު ސުވާލު ހިތަށްއެރިއެވެ. ޝާހިދާ ދަތުރުކުރީ އެކަނި ހެއްޔެވެ؟ އެކަނި ދަތުރުކުރީ ކީއްކުރަން ހެއްޔެވެ؟ ގެއިން ލާރި ފޮނުވަންޏާ ލާރި ބޭނުންވަނީ ކޮން ކަމަކަށް ހެއްޔެވެ؟ ފެންވަރު ރަނގަޅު ހޮޓަލެއްގައި ހުރުމަށް ވުރެ އާދައިގެ ތަނެއްގައި ހުރި ނަމަ ޚަރަދު މާ ކުޑަވީހެވެ. އެހެން ނެހެދީ ކީއްވެގެން ހެއްޔެވެ؟ އޭގެ އިތުރަށް ވެސް ބައިވަރު ސުވާލު ހިތަށްއެރިއެވެ. އަހަރެންގެ މޫޑު އެ ވަގުތު ހުރި ގޮތުންނާއި، ޝާހިދާޔާ ވާހަކަދައްކާހިތް ނެތުމުން ސުވާލެއް އަހަން ބޭނުން ނުވީއެވެ. ހިތަށްއެރިއެވެ. ފައިސާ ދީފިއްޔާ އަނބުރައެއް ނުލިބޭނެއެވެ. ދެވޭ ވަރުގެ އަދަދެއް ބުނެފިއްޔާ ދޭނީއެވެ.

"ކިހާ ވަރެއް ބޭނުންވަނީ؟" އަހަރެން ސުވާލުކުރީމެވެ.

ނުނިމޭ

6 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 15%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިނިކްސް

31 December 2019

"އަލަތު ކައިވެންޏަކަށް އިންސާނާ ދާންޖެހެނީ ވަކި ތަރުތީބަކުން އެތުރިފައިވާ ހަރުފަތްތަކަކުންނެވެ. ދެ މީހުން ފުރަތަމަ ބައްދަލުވަނީ ދެ ބީރައްޓެހިންގެ ގޮތުގައެވެ. އެއަށް ފަހު ދެ މީހުންގެ މެދުގައި ލޯތްބެއް އުފެދެއެވެ. ކައިވެންޏަކީ އެ ލޯބީގައި ޖަހައިލެވޭ ވަރުގަދަ ގޮށަށް ކިޔާ ނަމެކެވެ. ހަޔާތުގެ އާންމު އުސޫލަކީ އެއީއެވެ." މިއީ މިކަން އޮންނަން ވާގޮތް ހެއްޔެވެ.

The name is already taken The name is available. Register?

ސުހާނީ

12 December 2019

ބިންމާ ގެ ސިފަކުރުމުގެ ތިހިރަ ހިތްގައިމު ކަމެއް. ހަމަ ހީވަނީ އެތަނުގައި ހުރެވޭހެން. ބިންމާ އަށް ވަރަށް ސަލާމް

The name is already taken The name is available. Register?

ނެކްސްޓް

11 December 2019

ރީތި ތަފާތު

The name is already taken The name is available. Register?

ކުރަފަތްބެ

11 December 2019

ޔޭ މަ ފަސްޓް

The name is already taken The name is available. Register?

ާައާޝޯހު

11 December 2019

ވަރަށް ސަޅި

The name is already taken The name is available. Register?

މެލީ

11 December 2019

ހާދަ ކުރޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454