05 ޖެނުއަރީ 2020 - 07:35
ބޮޑުޗުއްޓީ އަށް ޓަކައި އަހަރެން ތައްޔާރުވާން ފެށީ އެއް އަހަރު ކުރިންނެވެ. ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެން ޚަރަދުތައް ހުއްޓާލައި ފައިސާ ރައްކާކުރީމެވެ. މެލޭޝިިޔާއަކީ ދިވެހިން އާންމުކޮށް ދާ ތަނެކެވެ. އަހަރެން ދުވަހަކު ވެސް ނުދަމެވެ. އަހަރެންގެ އަންހެނުން ސަލްމާއާއި ދަރިފުޅެއް ވެސް ނުދެއެވެ. ދަރިފުޅު ފައިރޫޒުގެ އުމުރުން ތިން އަހަރެވެ. އޭނައަކީ ވަރަށް ސުވާލު ގިނަ ކުއްޖެކެވެ. ވީމާ، މެލޭޝިޔާ ކަހަލަ ތަނަކަށް ދެވިއްޖެއްޔާ ފައިރޫޒު ކުރާނެ ސުވާލުތައް އަޑުއަހާލާހިތުން އަހަރުމެން ތިބީ ކެތްތެރިކަން ކުޑަވެފައެވެ.
ފުރަން ހަމަޖެހިފައިވާ ދުވަހެވެ. ފޮއްޓަށް އެއްޗެހި އަޅައި ނިމިގެން ތަޅުލާން ބަލައިލިއިރު ތަޅެއް ނެތެވެ. އަހަރެން ޓެކްސީއަކަށް ގުޅަން މަސައްކަތްކުރަމުންދިޔަ ވަގުތު ސަލްމާ ނުކުތީ ތަޅެއް ގަންނާށެވެ. މާ ދުރަކަށް ނޫނެވެ. ގޭ ކުރިމަތީގައި ހުރި ފިހާރަޔަށެވެ. ސަލްމާ ނުކުންނަން ފެށުމުން މަންމަޔާ އެއްކޮށް ދާން ފައިރޫޒު ބޮޑާހާކައިލިއެވެ. ސަލްމާ ނުކުތީ ފައިރޫޒު ގޮވައިގެންނެވެ. ޓެކްސީ ސެންޓަރުތަކަށް ގުޅަމުން އަހަރެން ވެސް ފަހަތުން ނުކުތީމެވެ. އޭރު އަޑުގަދަ ސައިކަލެއް ފަތުއަޑުކިޔައިފައި އަންނަ އަޑުއިވެއެވެ. ކުރިން ނުކުތް ސަލްމާއާއި ފައިރޫޒު ދޮރުން ނުކުމެފައި މަޑުކޮށްލިތަން، ދޮރާށި ލެއްޕުމުގެ ކުރިން އަހަރެން ދުށީމެވެ. ލަފާކުރެވޭ ގޮތުގައި އެ މީހުން މަޑުކޮށްލީ އެ ސައިކަލު ދަންދެނެވެ. ދެން އަހަންނަށް އިވުނީ ގަދަފަދަ އަޑުފަށްގަނޑެކެވެ. މީހުންތައް ހަޅޭއްލަވައިގަތް އަޑެވެ. އަހަރެން ދޮރާށި ހުޅުވައިލިއިރު ވާނެ އެއްޗެއް ވެ ނިމިއްޖެއެވެ. ފައިރޫޒު ވެއްޓިފައިއޮތީ ފާރުބުޑުގައެވެ. ސަލްމާ އޮތީ މާ ދުރުގައެވެ. އެކަކުގެ ވެސް ހަރަކާތެއް ނެތެވެ. ސައިކަލު އޮތީ ބައިތައް ވަކިވެގެން މުޅި ތަނަށް ވިއްސިވިހާލިވެފައެވެ. ސައިކަލު ދުއްވި މީހާ ވީތަނެއް އަހަންނަކަށް ނޭނގެއެވެ. އޭރު މަގުން އައި ޕިކަޕަކަށް ސަލްމާއާއި ފައިރޫޒު ލައިގެން އަހަރެން ދިޔައީ ހޮސްޕިޓަލަށެވެ. ޑަކުޓަރު ބުނި ގޮތުގައި ހޮސްޕިޓަލަށް ގެނައިއިރު ވެސް ސަލްމާ އޮތީ މަރުވެފައެވެ.
ހާދިޔާ ހިނގިގޮތް އަހަރެންނަށް ތަފުސީލުކޮށް އެނގުނީ ފުލުހުންގެ ފަރާތުންނާއި ނޫހުންނެވެ. ސައިކަލު އައިލެއް ބާރުކަމުން ކޮންޓުރޯލުން ނެއްޓިގެން ދުއްވަންއިން މީހާ ވިއްސައިގެންދިޔައީއެވެ. ސައިކަލު ވެއްޓި، އެނބުރެމުންސެނބުރެމުން އައީ ސަލްމާއާ ދިމާއަށެވެ. ފައިރޫޒު ސަލާމަތްކުރުމަށް ޓަކައި ފައިރޫޒު ދުރަށް ކޮއްޕާލައިފައި ސަލްމާއަށް ސަލާމަތްވާނެ ވަގުތެއް ނުލިބުނެވެ. ސަލްމާ ގައިގައި ސައިކަލު ޖެހިފައި ސަލްމާ ވިއްސާލައިފައި ސައިކަލު މަތަވީ ފާރުގައި ޖެހިފައެވެ. ސަލްމާ މަރުވީއެވެ. ފައިރޫޒު ސަލާމަތްވިއެވެ. އޭނަގެ ނިތްކުރިއާއި އުޅަނބޮށި މަށައިގެންދިޔުން ފިޔަވައި ބޭރުފުށުން އެއްވެސް އަނިޔާއެއް ނެތެވެ. އަނިޔާ ލިބުނީ ސިކުނޑިއަށެވެ. ފައިރޫޒު ހޭއެރިއިރު އަހަންނަކީ ކާކުކަމެއް ފައިރޫޒަކަށް ނޭނގެއެވެ.
އަހަރެންގެ ދުނިޔެ އެކޮޅުކޮޅުންޖެހުނު ކަހަލައެވެ. ބުނި ބަޔަކު ބުންޏެވެ. ފައިރޫޒުގެ ހަނދާންތައް ފުހެވުނުކަން އެއީ ނަސީބެކެވެ. ހާދިސާއެއް ހިނގިކަމެއް ފައިރޫޒަކަށް ނޭނގެއެވެ. މަންމަ ހޯދާކަށް ނޫޅެއެވެ. ބައްޕަ ކިޔާކަށް ދަހެއް ނުވެއެވެ. ފައިރޫޒު ހުންނަނީ ނެގިމަޑުވެފައެވެ. ބަސްމަދުވެފައެވެ. އެކަމަކު ނުއެއް ރޮޔެވެ. ވަރަށް މަޖާކަމެއް ވެއްޖެއްޔާ ނޫނީ ނުހެޔެވެ. ޑަކުޓަރު ބުނި ގޮތުގައި ކޮންމެވެސް ދުވަހަކުން ފައިރޫޒުގެ ހަނދާންތައް އަތުވެދާނެއެވެ. އެ ދުވަހަކުން ފައިރޫޒު ސުވާލުތައް ކުރާނެއެވެ. އަހަރެން ޖެހޭނީ ހިތްވަރުކޮށް، އެ ކަމަށް ތައްޔާރުވެގެން ހުންނާށެވެ. ހިތާމައަކީ، ދެފައިމައްޗަށް ކޮޅަށް ތެދުވެ ހުންނާނެ ހިތްވަރު ވެސް އަހަރެންގެ ނެތުމެވެ. ސަލްމާ ދެކެ އަހަރެން ވަަރަށް ލޯބިވެއެވެ. އަންބެއްގެ އިތުރުން ސަލްމާއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ވެސްމެއެވެ. ސަލާންކޮށްލާނެ ފުރުސަތު ނުލިބި އޭނަ ވަކިވެގެންދިޔުމުން އަހަރެންގެ ދެ ލޮލުން ކަރުނައެއް ނުހިކެއެވެ.
ފައިރޫޒުގެ ހުރިހާ ކަމަކާ ހަވާލުވީ އަހަރެންގެ މަންމައާއި ބައްޕައެވެ. ސަލްމާގެ މައިންބަފައިންގެ ދީލަތިކަން ވެސް ވަރަށް ބޮޑެވެ. އެކަމަކު އަހަރެންގެ ހާލަތު، ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ ދަށަށެވެ. އަހަންނަކީ ފަސް ވަގުތު ނާޅައި ނަމާދުކުރި މީހެކެވެ. ޤުރުއާން ކިޔަވައި ދުއާކޮށް ހަދަމެވެ. ސަލްމާ ވަކިވެގެންދިޔުމުން އަހަރެންގެ އަގީދާއަށް ލޮޅުންއަރައިގެންދިޔަ ކަހަލައެވެ. ފުރަތަމަ ހަފުތާގައި ހިތްވަރުކުރީމެވެ. ދުއާކުރީމެވެ. ފަހަށްފަހަށް އައިސް ރޮވޭވަރުން ނަމާދުގެ ރަކުއަތްތައް ހަނދާނެއް ނުހުރެއެވެ. ކިޔާ އެއްޗެހި އޮޅެން ފެށިއެވެ. ތިން ހަތަރު ފަހަރު ފަށައިގެން ވެސް ނިންމޭ ގޮތެއް ނުވެއެވެ. އަހަރެން ބޭނުން ނޫން ކިތަންމެ ކަމެއް ކުރެވެން ފެށިއެވެ. ގަބުވެފައި އިނުމެވެ. ކެއުން މަދުވުމެވެ. މީހުންނާ ވާހަކަނުދެއްކުމެވެ. އެންމެ ފަހުން ނަމާދުކުރުން ހުއްޓުނީއެވެ.
ސައިކަލު ދުއްވަންއިނީ އުމުރުން ނަވާރަ އަހަރުގެ ނާޝިދެވެ. އޭނަ އަތަކު ލައިސަނެއް ނެތެވެ. ސައިކަލު ކޮންޓުރޯލުން ނެއްޓުމުން އޭނަ ދިޔައީ ވިއްސައިގެންނެވެ. ދެތިން ތަނަކުން ހަން މަށައިގެންދިޔުމުގެ އިތުރަށް އޭނައަށް ލިބުނު އަނިޔާއެއް ނެތެވެ. ސައިކަލު ދޫކޮށްލައިފައި ނާޝިދު ފިލީއެވެ. އޭނަ އަތުޖެހުނީ ހާދިސާ ހިނގިތާ ހަތަރު ގަޑިއިރު ފަހުންނެވެ. ނާޝިދަކަށް މަރުގެ އަދަބެއް ނުލިބޭނެއެވެ. އޭނަ ގައިގައި ތަޅައި އަނިޔާއެއް ވެސް ނުކުރާނެއެވެ. އެއީ އަހަންނަށް ޔަގީންކަމެކެވެ. އެކަމަކު އެއީ އިންސާފު ހެއްޔެވެ؟ ސަލްމާއަކީ އަންބެކެވެ. މަންމައެކެވެ. ދަރިޔެކެވެ. ދައްތައެކެވެ. އެ އެންމެންގެ ހައްގުތައް ކޮބައި ހެއްޔެވެ؟ ހައްގުތައް ހިމާޔަތްކުރެވެން ޖެހެނީ ހަމައެކަނި ކުށްވެރިންގެ ކަމުގައި ވަނީ ނަމަ، އެ ގާނޫނު އަހަރެން ގަބޫލެއް ނުކުރަމެވެ. އަނިޔާލިބުނު އެންމެން އެނދުމަތިކުރުވައިފައި، ނާޝިދު އުފަލާ އަރާމުގައި އުޅެފައި މިނިވަންވުމަކީ އަހަންނަށް ދެވޭ ބޮޑު އަނިޔާއެކެވެ.
ނާޝިދު ކޯޓަށް ހާޒިރުކުރާ ކޮންމެ ދުވަހަކު އަހަރެން ކޯޓު ކައިރިއަށް ދަމެވެ. އޭނަ ފެންނަ ވަގުތު އަހަރެންގެ ލޭ ހޫނުވެއެވެ. ސަލްމާ މަރާލައިފައި، ފައިރޫޒު މަންމަންކޮށްލައިފައި ނާޝިދު ހިނިއައިސްފައި ކޯޓަށް ވަދެނުކުމެ ހެދެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ އަތުފައިން ގޯހެއް ނަހަދާ ހުރެވެނީ ކިރިޔާއެވެ. ހުވަފެނުން ވެސް ނާޝިދު ފެނެއެވެ. ޝަރިއަތުގެ ޚަބަރު ކިޔޭ ކޮންމެ ދުވަހަކު އަހަރެން ހުންނަނީ ބޮލުގައިރިއްސައިފައެވެ. އަހަރެން ހިކެން ފެށިއެވެ. އެނދުން ތެދުވާހިތް ނުވާން ފެށިއެވެ. ދެރަވެގެން ގޮސް އިސްއުފުލައިލާނެ ވަރު ނުހުންނަ ވަގުތު ވެސް އާދެއެވެ. ސަލްމާގެ މަރުގެ ބަދަލުހިފަން އަހަރެން ބޭނުމެވެ. މަރަށް މަރު ހިފަން ބޭނުމެވެ. ނޫން ނަމަ ނާޝިދަށް އަނިޔާކުރަން އަހަރެން ބޭނުމެވެ. އެއިން އެއް ކަމެއް ވެސް ކުރެވޭނެ ގޮތެއް ނެތެވެ. ނާޝިދު ގައިގައި ތަޅައިގަންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އޭނަ ގައިގަ ތަޅައިގަތުމަކީ އަހަރެންގެ ނަޒަރުގައި މާ ކުޑަ އަދަބެކެވެ. އަހަރެން ބޭނުންވަނީ އޭނަގެ ގައިގައި ދަތްއަޅާށެވެ. ގައިގެ ތަންތަން ހަފާށެވެ. އިރުއިރުކޮޅާ ދަތްއަޅާށެވެ. އަހަންނަކީ މީހުންނަށް އަނިޔާކުރާ މީހެއް ނޫނެވެ. އަހަންނަކީ ރުޅިމަޑު، އޯގާތެރި މީހެކެވެ. ހިތަށްއަރާ ކޮންމެ ކަމެއް އަހަރެން ނުވެސް ކުރަމެވެ. ދަތްއެޅުމުގެ ޚިޔާލު އައީ ކިހިނެއްކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. ބައެއް ފަހަރު ހީވެއެވެ. އަހަރެން މޮޔަވަނީއެވެ. ބުއްދިގޯސްވަނީއެވެ.
މާޔޫސްކަމުގައި އިސްއުފުލައިލަން ނުކެރި ރޯންއިން ދުވަހެކެވެ. ހާދިސާ ހިނގިތާ ދެތިން މަހެއް ފަހެވެ. އޭރު އަހަރެން ފަސް ކިލޯ ލުއިވެއްޖެއެވެ.
"އިސްއުފުލާ ދަރިފުޅާ!" ބައްޕަ ބުނި އަޑުއިވުނެވެ. "އިސްއުފުލާ! ހުއްޓާލާ! ތި ހުރިހާ ކަމެއް ކުރަންޖެހޭ މީހަކީ ސައިކަލު ދުއްވަންއިން މީހާ. ދަރިފުޅު ނުޖެހޭ އޭނަޔަށް ތިކަން ކޮށްދޭކަށް. ދަރިފުޅު ތިހެން ކަންތައްކުރީމަ ފައިރޫޒަށް ވާނީ ކިހިނެއް؟"
ބައްޕަ އެ ދުވަހު ދިން ނަސޭހަތުން އަހަރެންގެ ހިތުގެ އަނދިރި ބިންގަރާހުގައި އަލިގަދަ ވޮށެއް ދިއްލައިދިނެވެ. އަހަރެން ހިތަށްއެރިއެވެ. އެއީ ތެދެކެވެ. ދެރަވުން އެއީ މައްސަލައެއް ނޫނެވެ. ސަލްމާ ވަކިވީމައި އަހަރެން ދެރަވާނެއެވެ. އެކަމަކު، މާޔޫސްވެ އަބަދު ބިންގަނޑަށް ތުންހަރައިގެން އަހަރެން އިންނަންވީ ކީއްވެގެން ހެއްޔެވެ؟ ސަލްމާ އެ ދިޔައީ ދުނިޔެއަށް ވުރެ މާ ރަނގަޅު ތާކަށެވެ. އަހަރެންގެ ދަރިފުޅު ދުނިޔޭގަ އެބަހުއްޓެވެ. އަހަރެންގެ އެހީ ފައިރޫޒަށް އިންތިހާޔަށް ބޭނުންވެއެވެ. ނާޝިދު ކުރި ކުށަށް އޭނައަށް އަދަބުލިބޭނެއެވެ. އަހަންނަށް އިންސާފުލިބޭ ދުވަހެއް އަންނާނެއެވެ. އަހަރެން އެކަމާ މޮޔަވާންވީ ކީއްކުރަން ހެއްޔެވެ؟ އޭނައަށް މާފުކޮށް އަހަރެންގެ ހިތުން އެ ނަން ފުހެލައިގެން ނޫނީ އަހަންނަކަށް އުފަލެއް ނެތެެވެ.
އަހަރެންގެ ވިސްނުން ބަދަލުކުރުމަށްފަހު، ކޮނޑުމަތީގައި އޮތް "ހިލަބަސްތާ" ބިންމައްޗަށް ވައްޓައިލީމެވެ. އަހަރެންނަށް ހިންދަމައިލެވުނެވެ. ނިވިފައިވާ އޯގާވެރިކަމާއި ކެތްތެރިކަމުގެ ހުޅުކޮޅު ހިތުގައި އަލުން ދިއްލައިލީމެވެ. ހިތަށް އުޖާލާކަން ވެރިވިއެވެ. ދަރިފުޅަށް ސަމާލުކަން ދެވެން ފެށުނެވެ. ދަރިފުޅުގެ މުސްތަގުބަލު އުޖާލާކުރުމުގެ ޒިންމާޔާ ހަވާލުވެވުނެވެ. އަހަންނަށް ވުރެ ރަނގަޅަށް އެ ކަން ކޮށްދެވޭނީ ކާކަށް ހެއްޔެވެ؟ އެކުވެރިންގެ ތެރެއަށް ނުކުމެ ދުނިޔެއާ ކުރިމަތިލީމެވެ. އެތައް ބައެއްގެ އޯގާތެރިކަމާއި ހަމްދަރުދީ އަހަންނަށް ލިބުނެވެ. އަހަރެންގެ ދިރިއުޅުން ހުއްޓުމަކަށް ގެނައި ހާދިސާ އަހަރެން ބަދަލުކޮށްލީ ހަޔާތުގެ ވަރުގަދަ ފިލާވަޅަކަށެވެ. މަރަށް ވުރެ ގާތުގައިވާ އެއްޗެއް ނެތެވެ. ފިލާކަށް ނުދުވެވޭނެއެވެ. ރަނގަޅު ގޮތަކީ އަބަދުވެސް ތައްޔާރުވެގެން ހުރުމެވެ.
އަހަރެން އަދިވެސް ގަބޫލުކުރަމެވެ. ސަލްމާ "މަރާލި" މީހާއަށް އެކަށީގެންވާ އަދަބެއް ލިބެން ޖެހޭނެއެވެ. އެކަމަކު އަހަންނަކަށް އެ އަދަބު ހައްގެއް ނޫނެވެ. އަހަރެން ކުށެއް ނުކުރަމެވެ. ވީއިރު އެއްޗެއް ނުކެވި، ހިނިތުންނުވެވި، ލޮލުފިޔަނުޖެހެންވީ އަހަރެންގެ ހެއްޔެވެ؟ އެއީ ކޮން ކަހަލަ މޮޔަ ހަޔާތެއް ހެއްޔެވެ؟ ކަންވެ ނިމިއްޖެއެވެ. ހިނގައިގަންނަ ނޭނގިފައި އަހަރެންނަށް ހުރެވުނީ ކީއްވެ ހެއްޔެވެ؟
ނާޝިދަށް ދެން ވީގޮތެއް އަހަރެން ނުބަލަމެވެ. އަހަރެން ވިސްނައިދިނީ އަހަރެންގެ ހިތަށެވެ. ހަޔާތުގައި ކަންކަމާ ކުރިމަތިވާނެއެވެ. ރުޅިއަންނަ މީހުންނާ ދިމާވާނެއެވެ. އުމުރު ދުވަހަށް އެކަން ހިތުގައަޅައިގެން އުޅުމުން ތަދުވާނީ އަހަރެންގެ ހިތަށެވެ. ކުރުވާނީ އަހަރެންގެ އުމުރެވެ. ގެއްލޭނީ އަހަރެންގެ ނިންޖެވެ. ބޭކާރުވާނީ އަހަރެންގެ ހަކަތައެވެ. ހިތްދަތިކުރި މީހާއަށް މާފުކުރަންވީ އަމިއްލަ ނަފުސަށް ޓަކައެވެ. އަހަރެން ވެސް މާފުކުރީ އަހަންނަށް ޓަކައެވެ. އަހަރެންގެ އާއިލާއަށް ޓަކައެެވެ. އަހަރެންގެ އުފާތަކަށް ޓަކައެެވެ. ދަރިފުޅުގެ ސިކުނޑިއާއި އަހަރެންގެ ދިރިއުޅުން ވެސް ހަމައަކަށްއެޅެމުންއައީ ވަރަށް މަޑުމަޑުންނެވެ. އަހަންނަށް ޔަގީނެވެ. ކުރިން ހުރި ހިސާބަށް ކޮންމެވެސް ދުވަހަކުން އަހަންނަށް ދެވޭނެއެވެ. ދަރިފުޅު ވެސް ގެންދެވޭނެއެވެ. މާފުކުރުމަކީ އަހަރެންގެ އަމިއްލަ ނަފުސަށް އަހަންނަށް ދެވުނު ވަރަށް ބޮޑު ފަރުވާއެކެވެ.
ނިމުނީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
05 January 2020
ތި މާއަށް އެކަހަލަކަ މެއްދި މާވީ މާ އަދި ތިވާހަކަ އެކޮޅުކޮޅުންލިޔާނެ އެދުވަހުން އޮންނާނީ ލޮލަށް ލޮލޭ.... ތި މާ ޤަބޫލުކުރާގޮތް އެއީ ރަނގަޅުގޮތް އެއީ މިޤައުމުގެ ފިކުރު
މަބުނީ
05 January 2020
ގަސްތުގައި މަރައިލީކީނޫނެވެ. އިހުމާލުން މަރުވީއެވެ. ދުނިޔޭގައި އުޅެވޭނީ މާފްކުރުމުގެ ރީތި އާދައާއިއެކުއެވެ. ލޮލަކަށް ލޮލެއް ކިޔާނަމަ މުޅިދުނިޔޭގައި ތިބޭނީ ކަނު މީހުންނެވެ.
ޙޫރު
05 January 2020
ލޮލަކަށް ލޮލެއްކިޔާނަމަ އިހުމާލުވާވަރު މަދުވީހެވެ.
ތުމާ
05 January 2020
އިންސާނުންނަށް ރަނގަޅު ގޮތާއި ދެރަ ގޮތް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތް!
ޖީމް
05 January 2020
ހާދަ ރީތި އިބާރާތް ތަކެއް ބިންމާ
ސަޅި
05 January 2020
"ހައްގުތައް ހިމާޔަތްކުރެވެން ޖެހެނީ ހަމައެކަނި ކުށްވެރިންގެ ކަމުގައި ވަނީ ނަމަ، އެ ގާނޫނު އަހަރެން ގަބޫލެއް ނުކުރަމެވެ."
ފާނު
05 January 2020
ޤަބޫލުނުކުރާމީހަކު ޤަބޫލުނުކޮށް ހުންނަންވީއެވެ. ޙަޤީޤަތަކީ އޭގެ ދިމާ އިދިކޮޅެވެ.
2020
05 January 2020
ޔޭ މަ ✌
ނާޝް
05 January 2020
ވަރަށް ރީތި ޢިބުރަތްތެރި ވާހަކައެއް. ޝުކުރިއްޔާ ބިންމާ
ސަސި
05 January 2020
ހިތުގެ އަޑިން މާފުކޮށް މިފަދަ ކަންކަމާ ކުރިމަތިލެވޭނީ ވަރަށް ހިތްވަރު ހުރެގެން