19 ޖެނުއަރީ 2020 - 08:26
ބުދަ ދުވަހާ ގުޅޭ
އަހަންނަށް މި އިނދެވުނީ ކޮން ކަހަލަ މީހަކާ ހެއްޔެވެ؟ ހިތާހިތުން އަހަންނަށް ބުނެވުނެވެ. އަހަރެންގެ ދެއަތުން ކުރެހި ލޯބީގެ ރީތި މަންޒަރުގައި އަހަރެން ކޮބައި ހެއްޔެވެ؟ މުޅި ކުރެހުން ފުރެންދެން ހުރީ އާސިމްގެ މޫނެވެ. އެކި މޫނުން ފެންނަނީ އެކި ޖަޒުބާތެވެ. ހާސްވެފައެވެ. ބިރުގެންފައެވެ. ހެވިފައެވެ. ރުޅިއައިސްފައެވެ. ބަލާބެލުމަށް އާސިމަކީ ރަހުމްކުޑަހެން ހީވާ ސިފަޔަކަށް ހުރި މީހެއް ނޫނެވެ. އާސިމަކީ ރީތި މީހެކެވެ. ހިތްހެޔޮހެން ހީވާ މީހެކެވެ. އޯގާވެރި އަޑަކުން ވާހަކަދައްކާ، ހަރުދަނާ އަޚުލާގެއްގެ ވެރިޔެކެވެ. އަނިޔާކުރުމަކީ އާސިމް ދަންނަ ކަމެއް ނޫނެވެ. އޭނަގެ ނުބައީ ވިސްނުމެވެ. އެ ފަދަ މީހުން އެ މީހުންގެ ނުބައިކަން ދެއްކުމުގައި އުމުރު ހުސްކޮށްލައެވެ. އަނެކާއަށް ފަހުމެއް ވިޔަނުދީއެވެ. ވަރިކުރިޔަސް އެ ފަދަ މީހުންނަށް ވަރިކުރިފުޅު ސަނާކިޔާނެއެވެ. ނީޒާގެ ފަރާތުން އަހަންނަށް ދަސްވީ ކުރިން ނޭނގޭ އާ އެއްޗެހިތަކެކެވެ.
އަހަރެން ވިސްނަން ފެށީމެވެ. ނީޒާ ދެއްކި ރަތް ސިގުނަލުތަކަށް ސަމާލުކަންދީގެންނެވެ. އަހަރެން ހިތަށްއެރިއެވެ. ނީޒާ ހާދަހާ މޮޅެވެ. ނީޒާ ކުރަހައިދިން މަވެތިވަންތަ ފިރިޔެއްގެ ސިފަޔަކީ އަހަރެންގެ ފިރިމީހާގެ ނަކަލެކެވެ. ހަމަ އެއްވެސް ތަފާތެއް ނެތެވެ. އަހަރެން ހިސާބަށް ވުރެ ގަމާރީއެވެ. އެކަނި އިނދެގެން އެ ކަމާ ވިސްނައިލުމުން އަހަންނަށް ފެނުނީ، ފަސްގަނޑު ޖަހައިފައި އަހަރެން ވަރަށް ލޯބިން އިންދި ފިނިފެންމާ ގަހެކެވެ. ކޮންމެ ދުވަހަކު އެ ގަހަށް ފެންދިނީމެވެ. ގަދަ ހޫނުން ގަސް ހިމާޔަތްކުރީމެވެ. ގަހަކު މަލެއް ނޭޅިއެވެ. އެތައް މަހެއް ކޮށްފައި ރަނގަޅަށް ބަލައިލިއިރު އެއީ ޕުލާސްޓިކު ގަހެކެވެ. އެ ގަހަކު ދިރުމެއް ނެތެވެ. ގަސް ހުރީ ފުރަތަމަ ދުވަހު ވެސް ހުރި ވަރަށެވެ. އަހަރެން ދިން ފެނުގެ އަސަރެއް ގަހަކަށް ނުކުރެއެވެ. އެ ގަހަކަށް ފެން ބޭނުމެއް ވެސް ނުވެއެވެ.
ތިންވަނަ ފަހަރަށް އަހަންނަށް ކެހިލިބިއްޖެކަން އެނގުމުން އަހަރެންގެ ހަށިގަނޑަށް ވެރިވީ ޒާތެއްގެ ފިނިކަމެކެވެ. އެއް ގޮތަކީ ދުނިޔޭގެ ލަދަށް ޓަކައި އަހަރެންގެ ނަފުސް އޮޔާދާން ދޫކޮށްލުމެވެ. އަޅައިނުލައި ހުރުމެވެ. ވޭން ކުޑަވާނެއެވެ. މީހުންގެ މަލާމާތެއް ނުލިބޭނެއެވެ. ކުރިން ވެސް އުޅުނު ގޮތަކަށް އަހަންނަށް އުޅެވޭނެއެވެ. ދެއްކޭނެ ކިތަންމެ ބަހަނާއެއް އަހަންނަށް ވިސްނުނެވެ. އެއްވެސް އިންސާނަކީ ފުރިހަމަ މީހެއް ނޫނެވެ. އާސިމަކީ ޖިސްމާނީ އަނިޔާކުރާ ފިރިއެއް ނޫނެވެ. ހިލޭއަންހެނަކު ނުގެންގުޅެންޏާ އަހަންނަށް މައްސަލައެއް ނެތެވެ. ދުނިޔޭގައި އުޅޭއިރު ކަންތައްތަކާ ދިމާވާނެއެވެ. ހިތްވަރުލިބޭ ކަހަލަ ރީތި ބަހަނާތަކެވެ. އަނެއް ގޮތަކީ، މުޅި ހަށިގަނޑުގެ ހުރިހާ ހަކަތައެއް ބޭނުންކޮށްގެން ކައިވެނީގެ ހުޅުކޮޅަށް ފުމެލުމެވެ.
އަހަރެންގެ މިޒާޖަށް ބަދަލުތަކެއް އަތުވެއްޖެކަން އާސިމް ވަރަށް އަވަހަށް ދެނެގަތެވެ. އިރުއިރުކޮޅާ ސުވާލުކުރަން ފެށިއެވެ. މައްސަލައަކީ ކޮބައި ހެއްޔެވެ؟ އަހަންނަކީ ދޮގުހަދަން މޮޅު މީހެއް ނޫނެވެ. ކަމެއްނުވެޔޭ ބުނުމަކުން ޖަވާބަކަށް ނުފުދެއެވެ. އެއްވެސް ކަމެއް ނުވެ ކުއްލިއަކަށް މީހަކު އެހާ ބޮޑަށް ބަދަލުވޭ ހެއްޔެވެ؟ ކޮންމެެވެސް ސަބަބެއް ދެއްކުނު ނަމަ ވަރަށް ރަނގަޅުވީހެވެ.
"އަހަރެން ބޭރުގަ އުޅޭއިރު އާސިމް އަބަދާއަބަދު ގުޅަނީ ކީއްވެ؟" އަހަންނަށް މަޖުބޫރުވީ އެ ސުވާލުކުރާށެވެ. "އެއީ ސައިކޯ މީހުން އުޅޭ ވައްތަރެއްނު!"
އާސިމް އިރުކޮޅެއްވަންދެން ހުއްޓުންއަރައިފައި އިނެވެ. އެ ފަދަ ސުވާލެއްކުރީމައެއް ނޫނެވެ. ސުވާލުކުރި ރާގުގެ ސަބަބުންނެވެ. އަހަންނަކީ އެ ގޮތަށް ވާހަކަދައްކާ މީހެއް ނޫނެވެ. އެ ކަހަލަ ބަހުރުވަޔަކުން ވާހަކަދެއްކުނީތީ ފަހުން އަހަރެން ވެސް ހިތްހަމަނުޖެހުނެވެ.
"އަހަންނަށް ފެންނަނީ ރައްޓެހިންނާ އެކީ ބޭރަށް ދިޔުން ތަންކޮޅެއް މަދުކޮށްލަން،" ހަރުކަށި ރާގެއްގައި އާސިމް އެދުނެވެ. "ނާނާ ބޭނުމެއް ނޫންތަ އަހަރެން ގުޅާކަށް؟ ކުރީ ދުވަހު ވެސް ނުލާހިކު އުފާވެގެން އެ ވާހަކަދެއްކީ. ކަމެއްކުރަން އަހަންނަށް ހިތްވަރުދީފަ ދެން ތިހެން ބުނީމަ އޭގެ މާނަ އެނގޭތަ؟ އޭގެ މާނައަކީ، އަހަރެން ދެކެ ނާނާ ލޯތްބެއް ނުވެޔޭ. ނާނާ ބޭނުންވަނީ ބަހަނާއެއް ހޯދައިގެން އަހަރެން ދެރަކޮށްލާށޭ. ހަގީގަތުގަ ވެސް އަހަރެން ވަރަށް ދެރަވެއްޖެ!"
ގޯސްހެދީ އާސިމެވެ. ޖަވާބުދާރީ ވާންޖެހޭ މީހަކީ ވެސް އާސިމެވެ. އެކަމަކު އިސާހިތަކު ވާހަކަ ބަދަލުވެ، އަހަރެން ކުށްވެރިވެ ނިމިއްޖެއެވެ. ކުރިން ނަމަ އަހަރެން ވަރަށް ދެރަވީހެވެ. މާފަށް ވެސް އެދުނީހެވެ. އާސިމްގެ އުންމީދަކީ ވެސް އެއީއެވެ. އެކަމަކު ހެވާއި ނުބައި އަހަންނަށް ދަސްވެއްޖެއެވެ. ފެނާއި އަލިފާން އަހަންނަށް ވަކިވެއްޖެއެވެ. އެ ފަހަރު އަހަރެން މާފަކަށް ނޭދެމެވެ. އަހަރެން މާފަށްއެދޭތޯ އާސިމް އިންތިޒާރުކުރިއެވެ. އެއަށް ފަހު ނުކުމެގެންދިޔައީއެވެ. ފުރަތަމަ ފަހަރަށް އާސިމް ނާކާމިޔާބުވީއެވެ. އާސިމަކީ، ނާކާމިޔާބު ގަބޫލުކުރާ މީހެއް ނޫނެވެ. އަހަރެން ހިތަށްއެރިއެވެ. އާސިމް އޭގެ ބަދަލުހިފާނެއެވެ. ރަނގަޅު ފިލާވަޅެއް އަހަންނަށް ދޭނެއެވެ.
އެ ހާދިސާ ހިނގި ރޭ ނިދުމުގެ ކުރިން އަހަރެން ނީޒާއަށް ގުޅީމެވެ. ހިތްބިރުގަންނާތީއެވެ. އާސިމް ދުވަހަކު ވެސް އަހަންނަށް ޖިސްމާނީ އަނިޔާއެއް ނުކުރެއެވެ. ބިރެއްނުދައްކައެވެ. ވީއިރު އަހަރެން ބިރުގަންނަންވީ ކޮންކަމަކާ ހެއްޔެވެ؟
"ދެން ކިހިނެއްހަދާނީ؟" ވީގޮތް ކިޔައިދީފައި އަހަރެން އެހީމެވެ. "އަދިވެސް އޭނަ ގެޔަކަށް ނާދޭ. ގުޅީމަ ފޯނެއް ވެސް ނުނަގާ. މީގެ ކުރިން ދުވަހަކު ވެސް މިހެނެއް ނުވޭ!"
"އާސިމާ ދިމާއަށް ނާނާއަށް ތި ބުނެވުނީ އޭނައަކީ ސައިކޯ މީހެކޭ. ރަނގަޅުވީހީ އެހެން ނުބުނި ނަމަ،" ވިސްނައިދޭ ރާގެއްގައި ނީޒާ ބުންޏެވެ. "ދެން ކުރާނެކަމެއް ނެތް. ހެދޭނެ ގޮތެއް ވެސް ނެތް. އަސްލުގަ ވެސް އޭނަޔަކީ ސައިކޯ މީހެއްކަމަށް ވަންޏާ މި ފަހަރު އެނގޭނެ."
ނީޒާއަށް ގުޅުމުން އަހަންނަށް ލިބުނު ހިތްހަމަޖެހުމެއް ނެތެވެ. ނުތަނަވަސްކަން ހައްތަހާ ވީ އިތުރެވެ. އެ ހާސްކަމުގައި ނިދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ދެން ބޭނުންވީ މާފަށްއެދޭށެވެ. އެކަމަކު އާސިމް ފޯނު ނުނަގާތީ އެ ކަމެއް ވެސް ނުވިއެވެ. މާފަށްއެދިފައި މެސެޖެއް ލިޔުނީމެވެ. އެ މެސެޖު ފޮނުވާކަށް އަހަރެންގެ ހިތް އެއްބަހެއްނުވިއެވެ. ހިތަށްއެރިއެވެ. އަހަރެން ކުށެއް ނުކުރަމެވެ. ކުށްވެރިޔަކީ އާސިމެވެ. މެސެޖު ފުހެލީމެވެ. އާސިމް ގެއަށް ނާންނަނީސް ނުނިދަން އަހަރެން މަސައްކަތްކުރީމެވެ. އެކަމަކު އެންމެ ފަހުން ނިދުނީއެވެ.
އަހަންނަށް ހޭލެވުނީ ހެނދުނުއެވެ. އޭރު ވެސް އާސިމެއް ނެތެވެ. އެކަމަކު އެނދުމަތީގައި މާބޮނޑިއަކާއި ކާޑެއް އޮތެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. ކާޑު ބަލައިލިއިރު އޭގަ އޮތީ އިނގެރޭސި އެންމެ ލަފުޒެކެވެ. ސޮރީއެވެ. އެ ފަހަރު ކޮޅުބަދަލުވީ މުޅީން އެހެން ގޮތަކަށެވެ. ވަގުތުން އަހަރެންނަށް ރޮވިއްޖެއެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ. ލޯބީގެ ކަރުނައެވެ. އަހަރެން ހީކުރީ، ކުރެވުނު ކުށް އާސިމް ގަބޫލުކުރީކަމަށެވެ. ރަނގަޅަށް ވިސްނައިލިއިރު އާސިމް ގެއިން ނުކުތްއިރު ލައިގެން ހުރި ގަމީހާއި ޖިންސު ކޮނޑުގައި އަޅުވައިފައި ހުއްޓެވެ. ފާޚާނާ ބެލިއިރު ފެންވެރިކަމުގެ އަލާމާތްތައް ފެންނަން ހުއްޓެވެ.
އަހަރެން މާފަށް ނޭދުނު ހާދިސާގެ ސަބަބުން އާސިމްގެ މިޒާޖަށް ބަދަލުތަކެއް އައެވެ. ރަނގަޅު ބަދަލުތަކެވެ. ފަހުން އަނގަބަހުން މާފަށްއެދުނެވެ. ކުރިޔަށް ވުރެ އަހަރެންނަށް ހެޔޮވިއެވެ. އަަހަރެން ހޭލާއިރު، ގިނަ ދުވަސްދުވަހު ކޮފީތަށްޓެއް ބަހައްޓައިފައި ހުރެއެވެ. ދޭތެރެއަކުން އަހަންނަށް މާބޮނޑިއެއް ގެނެސްދެއެވެ. ބޭރަށް ނުކުތުމުން އަހަންނަށް ކުރާ ކޯލުތަކާއި ފޮނުވާ މެސެޖުތަކުގެ ބަދަލުގައި ހަމައެކަނި ބަލައިލަނީ އެ ތާކަށް އަހަންނަށް ދެވުނުތޯއެވެ. އަހަރެން އެ ވާހަކަ ބުނުމުން ނީޒާ ކޮންމެވެސް ވާހަކައެއް ބުނަން އަނގަ ހުޅުވައިލިއެވެ. ފުން ނޭވަޔަކާ އެކުގައެވެ. ނީޒާ އުޅުނީ ވަރަށް ގިނަ ވާހަކަދައްކަންހެން އަހަންނަށް ހީވިއެވެ. އެކަމަކު ނީޒާ ބުނީ އެންމެ ލަފުޒެކެވެ.
"ނަސީބެއްނު!" ތުންފަތުގައި ހިނިތުންވުމެއް ކުރަހައިލައިގެން ނީޒާ ބުނެލިއެވެ.
އަހަރެން ހީކުރީމެވެ. އަހަންނާއި އާސިމް ބިނާކުރި ލޯބީގެ ގަނޑުވަރަށް އަންނަން އުޅުނު ވަރުގަދަ ޒަލްޒަލާ މައިތިރިވީއެވެ. ޖެހުނު ހަމައެކަނި ލައް ވެސް ފިލީއެވެ. އާސިމާ ކައިވެނިކުރެވުމަކީ އަހަންނަށް ނިންމުނު ރަނގަޅު ނިންމުމެކެވެ. ހާސްވާކަށް ނުޖެހެއެވެ. އެ ޔަގީންކަމުގައި އަހަރެން ހުއްޓައި އަހަރެންގެ އެފްބީއަށް އެއްދުވަހަކު މެސެޖެއް އައެވެ. ފުރަތަމަ އައީ ހައިރާންވާ ކަހަލަ ސުވާލެކެވެ.
"ހެޕީ؟" ހަމައެކަނި އޮތީ އެހެންނެވެ.
ރަނގަޅަށް ބަލައިލިއިރު އަހަންނަށް މެސެޖު ފޮނުވައިފައި އޮންނަތާ ހައެއްކަ ގަޑިއިރު ވެއްޖެއެވެ. ދަންނަ އެކައުންޓެއް ނޫނެވެ. އެ އެކައުންޓުގައި އަހަންނަށް ފެންނަ ގޮތަށް އެއްވެސް އެއްޗެއް ނެތެވެ. އެކައުންޓު ހެދިތާ ވެސް ވީ ހައެއްކަ ގަޑިއިރެވެ. އަހަންނަށް ވިސްނުނު ގޮތުގައި އެ މީހެއްގެ ބޭނުމަކީ ފަރުދާވެގެން ހުރުމެވެ. ބޭނުން ނަމަ ޖަވާބުނުދީ އަހަންނަށް ހުރެވުނީހެވެ. ޖަވާބުދޭން ވެސް ހިތަށްއެރިއެވެ. އެހެންނަމަވެސް އަޅައެއްނުލަމެވެ.
ޖެހިގެންއައި ދުވަހު ދެވަނަ މެސެޖެއް އައެވެ. އެ ދުވަހު ވެސް ކޮށްފައިއޮތީ ސުވާލެކެވެ.
"ޔަގީންތަ ތި މީހާޔާ އިނދެގެން އުޅެވޭނެކަން؟" ޔަގީންތަ އޮތީ ކެޕިޓަލް އަކުރުންނެވެ.
އެ މެސެޖު އަހަންނަށް ފެނުނީ، ފޮނުވައިފައި އޮންނަތާ ސޯޅަ މިނެޓު ފަހުންނެވެ. އެ ފަހަރު ހިތަށްއެރިއެވެ. ކޮންމެވެސް އެއްޗެއް ލިޔެލަންވާނެއެވެ.
"އަހަރެން އާނއެކޭ ބުނެފިއްޔާ؟" އަހަރެން ވެސް ސުވާލެއްކުރީމެވެ.
އެ މީހަކު ވަގުތުން ޖަވާބުލިޔާތަން އަހަންނަށް ފެނުނެވެ. އަހަރެން ވަރަށް ފަރުވާތެރިކަމާ އެކުގައި ބަލަން އިނީމެވެ.
"ހައިރާނެއް ނުވާނެ،" އޭނަ ލިޔުނެވެ. "އަހަރެން ވެސް ހަމަ ތިހެން ހީކުރީ. އާސިމް ވަރަށް ކުޅަދާނަވާނެ މަކަރުހަދަން. ނާނާ ކިތަންމެ ރުޅިއައިއްސަ ހުއްޓަސް އޭނައަށް އެނގޭނެ ހައްލާލަން. ކޮންމެވެސް ސްވީޓްކަމެއް ކޮށްލައިގެން ހިތާ ކުޅެލާނެ. އެއް ފަހަރަށް ވުރެ އަނެއް ފަހަރު އޭނަ މޮޅުވާނެ."
އަހަރެން ހިތަށްއެރިއެވެ. އެއީ ހަގީގަތުގައި ވެސް އާސިމްގެ ކުރީގެ އަންބެއް ހެއްޔެވެ؟ ދެ އަނބިންގެ ތެރެއިން ކާކު ބާއެވެ؟ ނުވަތަ އަންބަކަށް ހެދިގެން އަހަރެން ހައްދަނީ ބާއެވެ؟ އަހަރެންގެ ހިތުގައި އޮތް އެއްޗެއް ބަލަން އާސިމް އެ ކަހަލަ ކަމެއް ނުކުރާނެ ބާއެވެ؟
"އެއީ ވަރަށް ސައިކޯ މީހެއް،" އޭނަ ލިޔުނެވެ. "ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ. ވިސްނައިގެން އުޅޭތި! ހިތަށްއެރީ އެ ވާހަކަ ބުނެލާނަމޭ. ނިދާފައޮއްވާ މޫނުމަތީގަ ބާލީސް އަޅާފާނެ. ކާއެއްޗަށް ވިހައެއް ވެސް ލާފާނެ."
އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. އެއީ އަހަރެން ދަންނަ އާސިމެއް ނޫނެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަލަކް
21 January 2020
ތީ އާސިމް ގެ ކަމެއް ނާނާ !
މަރްކޭ
20 January 2020
'އެތައް މަހެއް ކޮށްފައި ރަނގަޅަށް ބަލައިލިއިރު އެއީ ޕުލާސްޓިކު ގަހެކެވެ.' ދެން މަހީހީ... ފިނިފެންމާގަސް ޕްލާސްޓިކްކަން އެނގެނީ ފެން ދޭތާ އެތައް މަހެއް ފަހުން؟ތިޔަށް އަފުން ރަށު މީހުން ކިޔަނީ ކަނޑުކޮހޭ. އަނެއްކާ އެގަހާ އާސިމާ އެއްގޮތްވޭ؟ ބިންމާ ލިޔުނީމަ މަށަށް ދެން އޯކޭވާނެވިއްޔަ ދޯ!
2020
19 January 2020
ޔޭ މަ ? ވަރަށްހަޑި
ގާރލް
19 January 2020
މަށަށް ހާދަ ވައްތަރޭ ނީޒާގެ ކަމަކާ..
ރަދީފު
19 January 2020
މަ ފަސްޓު ކިޔާނެ ކަމެއް ނެތް!
ނާޝް
19 January 2020
ވަރަށް ރީތި ބައެއް މީ. މާ ކުރު މިއަދުގެ ބައި.
އަމީ
19 January 2020
ތިވާނީ އާސިމަށް
ފާތިމަތު ޒީނާ މޫސާ
19 January 2020
ޔޭ މަ ފަސްޓް