08 މާޗް 2020 - 10:18
ބުދަ ދުވަހާ ގުޅޭ
ފޮއްޓަށް އަންނައުނުކޮޅު އަޅައިލައިގެން އަތޮޅު ލޯންޗުގައި މާލެއަށް ނައްޓައިލީމެވެ. ހިތުގައި އޮތެވެ. ކައިވެނި ހުއްޓުވަން އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަމެވެ. ކާމިޔާބުވުމާއި ނުވުން އެއީ އެހެން ކަމެކެވެ. ފުރަތަމަ ސުވާލަކީ ރާނިޔާ އުޅެނީ ކޮން ގެޔަކު ހެއްޔެވެ؟ ސުވާލުގެ ޖަވާބު ހޯދޭނެ އެންމެ ކުރު މަގަކީ ހަމީދު ގާތުގައި އެހުމެވެ. އެ ކަން ކުރެވޭކަށް ނެތެވެ. ރާނިޔާ މަތިން ހަނދާންނައްތައިލަން ނަސޭހަތްދިން މީހާ ގާތުގައި ރާނިޔާ އުޅޭ ގެ އަހާނީ ކިހިނެއް ހެއްޔެވެ؟ ދެން އޮތް ގޮތަކީ ރާނިޔާ ގާތުގައި އެހުމެވެ. އޭނަ ބުނާނެ ހެއްޔެވެ؟ ރާނިޔާއަށް ގުޅީމެވެ. ފޯނެއް ނުނެގިއެވެ. ހިތަށްއެރިއެވެ. ރާނިޔާ ފެނޭތޯ އެތަންމިތަން ހޯދާނީއެވެ. އެއީ މޮޔަ ޚިޔާލެކެވެ. އެކަމަކު ފަހަރެއްގައި ފެނިދާނޭ ހިތަށްއެރިއެވެ.
ފައިމަގުގައި މާލޭގެ އެކި ހިސާބުތަކުގައި ހިނގީމެވެ. ވަރަށް އުންމީދާއި ކެތްތެރިކަމާ އެކުގައެވެ. ފުރަގަހުން ރާނިޔާއާ ވައްތަރު ދެ ކުއްޖަކު ފެނުނު ވެސް މެއެވެ. އެކަމަކު ރާނިޔާއެއް ނުފެނުނެވެ. ވަގުތު ކުޑަތަން ވަނީއެވެ. ރާނިޔާއަށް ގުޅިތާ ދެތިން ގަޑިއިރު ފަހުން ރާނިޔާ ގުޅިއެވެ. އޭރު ގަޑިން ރޭގަނޑު ދިހައެއްޖަހަނީއެވެ. އަހަރެން އެކައްޗެއް ވެސް އެނގުނު ކަމަކަށް ނަހަދަމެވެ. މާލޭގައި ހުރި ވާހަކައެއް ނުބުނަމެވެ.
"ގޮވާލަން ދާންކަމަށް،" އަހަރެން ބުނީމެވެ. "ބަލިވީމައެއްނު ޑިއުޓީއަށް ނާންނާނީ."
"ހަންނާން މާލެ ނައި ނަމަ މާ ރަނގަޅުވީސް،" ރާނިޔާ ދިނީ ސިއްސައިގެންދާ ކަހަލަ ޖަވާބެކެވެ. "އަހަންނާ ބައްދަލުކުރަންތަ ބޭނުމީ؟ ކީއްވެ މާ ދުރުދުރުން ވާހަކަ ތި ގެންދަނީ؟ އަހަރެން ވެސް ބޭނުމޭ ރަންކިޔުމުގެ ކުރިން ބައްދަލުކޮށްލަން. އާދެ އޮލިންޕަސް ކައިރިއަށް."
ރާނިޔާއަށް ޚަބަރު ގެނެސްދޭނެ ބައިވަރު މީހުން ތިބޭނެއެވެ. ވީމާ، އަހަރެން މާލެއައިކަން ރާނިޔާއަށް އެނގުނީތީ އަހަރެން ހައިރާނެއް ނުވެއެވެ. އެހެންނަމަވެސް އަހަންނާ ބައްދަލުކުރަން ރާނިޔާ ބޭނުންވީ ކީއްވެގެން ހެއްޔެވެ؟ އެ ކަމާ އަހަރެން ވަރަށް ހައިރާންވިއެވެ. މީހަކާ އިންނަން ހުރިހާ ކަމެއް ހަމަޖެހިފައި އޮއްވައި ހިލޭ ފިރިހެނަކާ ރާނިޔާ ބައްދަލުކުރާހިތްވުމަކީ އަހަރެންގެ ހިތުގައި ޝައްކު އުފެއްދި ކަމެކެވެ. ރާނިޔާ ދެކެ އަހަރެން ލޯބިވީ ރާނިޔާގެ ސިފަޔާއި، މިޒާޖު ވެސް އަހަންނަށް ކަމުދިޔައިމައެވެ. އަހަރެންގެ މިލްކަަކަށް ރާނިޔާ ހަދަން އަހަރެން ވަރަށް ބޭނުންވިއެވެ. އެހެނަސް ރާނިޔާ ދިން ދައުވަތުގެ ސަބަބުން އަހަރެންގެ ނިޔަތް އަރާރުންވާން ފެށިއެވެ. އަހަންނަށް ހީވީ، އަހަންނާ އިންނަން ރަންކިޔަން ހަމަޖެހިފައިއޮއްވައި ހިލޭފިރިހެނަކާ އެކުގައި ރާނިޔާ ދިޔަހެންނެވެ. ރާނިޔާއަކީ އެ ކަހަލަ ކުއްޖަކަށް ވެދާނެކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ.
ފަހަރެއްގައި އަހަންނަށް ރާނިޔާ ނުލިބިދާނެއެވެ. އެހެންވިޔަސް އަހަރެން ފޫހިވާ ކަހަލަ ކަމެއް ރާނިޔާ ނުކުރުމަކީ އަހަރެންގެ ވަރަށް ބޮޑު އެދުމެކެވެ. ރާނިޔާ ވާންޖެހޭނީ، އަހަރެންގެ ހަޔާތުން ވީދާލަން ބޭނުންނުވާ ކަހަލަ ރީތި ސަފުހާއަކަށެވެ. ނިމުން ހިތާމަވެރި ވިޔަސް އަސަރުގަދަ ވާހަކައަކަށެވެ. އެތައް ޒަމާނެއް ފަހުން، ދަރިން ގޮވައިގެން ރާނިޔާ މަގުމަތިން ހިނގައިފައިދާއިރު ވެސް، ސިއްރުސިއްރުން އަހަރެން ބަލާހިތްވާ ކަހަލަ ރީތި ހުވަފެނަކަށެވެ. އެ ދުވަހަކުން ވެސް އަހަރެން ހިތަށްއަަރަންޖެހޭނެއެވެ. އެ ފަދަ ދެވަނައެއް ކޮބައި ހެއްޔެވެ؟ އެއީ އަހަންނަށް ނުލިބުނު ލޯތްބެވެ. އެކަމަކު އަހަރެންގެ ހިތުގައި ރަނިކަންކުރާނެ ދެވަނަ ރާނިޔާއެއް ނާންނާނެއެވެ.
ރާނިޔާއާ ބައްދަލުކުރަން ދިޔައިރު ލައްކަ އެއްޗެހި އަހަރެންގެ ހިތަށްއެރިއެވެ. ހީކުރީމެވެ. މިހެން ވެސް ވެދާނެއެވެ. ރާނިޔާ އެ އުޅެނީ ވީ ގޮތް ކިޔައިދޭށެވެ. އަހަންނަށް ޖަވާބެއްދޭށެވެ. ކަން ކުރަން އޮތް އެންމެ ރީތި ގޮތަށް އެ ކަން ނިންމާށެވެ. ރާނިޔާ ބުނާނެއެވެ. ރާނިޔާ ގާތުގައި އަހަންނަށް އެހުނުލެއް ލަސްވީއެވެ. އަހަރެން ދެކެ ރާނިޔާ ލޯބިވެއެވެ. ވަގުތު ފާއިތުވުމުގެ ސަބަބުން އަހަންނަށް ފުރުސަތު ގެއްލުނީއެވެ. މިހާރު ރާނިޔާއަކީ އެހެން މީހެއްގެ އަމާނާތެކެވެ. އެހެންވިޔަސް، އަހަރުމެންގެ ރަހުމަތްތެރިކަން ނިމުމަކަށް ގެންނާކަށް ރާނިޔާ ބޭނުމެއް ނޫނެވެ. އަހަރެންނާ ހަތަރުކަޅި ހަމަކޮށްފައި ރާނިޔާ ބުނަން އެ އުޅެނީ އެ ވާހަކަތަކެވެ.
އަހަރެން އެ ރޭ ރާނިޔާ ގާތަށް ދިޔައީ ފޮނި އުންމީދުތަކަކާ އެކުގައެވެ. ކުރީގެ ވިސްނުން ބަދަލުކޮށް، ކަރާއިކަރު ޖައްސައި ނަސީބާ ސަލާންކުރީމެވެ. ރާނިޔާއަށް ޓަކައި އަހަރެންގެ ހިތުގައި އޮތް ގަދަރު އުފުލޭ އެންމެ އުހަކަށް އުފުލައިލީމެވެ. އެކަމަކު އޮލިންޕަސް ކުރިމަތިން ރާނިޔާ ފެނުމާއެކު އަހަރެންގެ ވިސްނުން އެހެން ދިމާއަކަށް އެނބުރިއްޖެއެވެ. ރާނިޔާ ހުރީ ވަރުގެކޮޅަށް ނަލަހެދިގެން، ވަރަށް މީރުވަސްދުވާ ސެންޓެއް ޖަހައިގެންނެވެ. އޭނަގެ ރީތި މޭކަޕާއި، ގައިން ދުވި މީރުވަހުގެ މާނައަކީ ކޮބައި ހެއްޔެވެ؟ އެއިން ދިން މެސެޖަކީ ކޮބައި ހެއްޔެވެ؟ ރާނިޔާގެ މޫނުމަތިން އަހަންނަށް ފެނުނީ ހިތާމަވެރިކަމެއް ނޫނެވެ. ލާނެތްކަމެވެ. އަހަރެން އަރާހަމަކުރުމާއެކު އަހަންނާ އެކުގައި ހިނގައިގަތެވެ. ކޮންތާކަށް ދާން ހެއްޔެވެ؟ ކީއްކުރަން ހެއްޔެވެ؟
"ހަންނާން ކީއްވެ މާ ހައިރާންވެފަ ތި ހުންނަނީ؟" ލޮނުޒިޔާރަތްކޮޅާ ދިމާއަށް ދަމުން ރާނިޔާ ބުންޏެވެ. "އަހަރެން ދެކެ ހަންނާން ލޯތްބެއް ނުވޭ؟"
ރާނިޔާ ކުރީ އަހަރެން އުފާވާންޖެހޭ ކަހަލަ ސުވާލެކެވެ. އަޑުއަހާހިތް ވާންޖެހޭ ކަހަލަ ސުވާލެކެވެ. ކުއްލި ގޮތަކަށް އަހަރެން މާލެއައީ ހަމަ އެންމެ ބޭނުމަކުއެވެ. ރާނިޔާ ލިބޭތޯއެވެ. ވަކި ހިސާބަކުން އެ ލޯބި ހަމްދަރުދީއާއި ކުލުނަށް ބަދަލުވީއެވެ. ދެ ކަފި މަގެއްގެ ކަންމައްޗަށް އަހަރެން ހުއްޓެންޖެހުނީއެވެ. ރާނިޔާ ނުލިބިދާނެހެން ހީވީމައި އަހަރެންގެ ހިތަށް ލުޔެއް ހޯދައިދިނީއެވެ. އެހެންނަމަވެސް އަހަރެން އުފަލެއް ނުވިއެވެ.
"ރާނިޔާ ތިއުޅެނީ ރަންކިޔާކަށްނު!" އަހަރެން ހަނދާންކޮށްދިނީމެވެ.
"އުޅެނީތާ! އަދި ނުއެއް ކިޔަމެއްނު!" ޖަވާބުގައި ރާނިޔާ ބުންޏެވެ. "އެ ވާހަކަ ބާއްވަބަލަ! ލޯބިވޭ ދޯ! އެހެން ނޫން ނަމަ އިންނާކަށް ނާހާނެއްނު! ދޯދޯދޯ! ދެން ބުނެބަލަ!"
"އާނ! ވަރަށް ލޯބިވޭ!" އަހަރެން އެއްބަސްވީމެވެ. "އިންނަން ވެސް ބޭނުންވި. އެހެންވެ މާލެއައީ ވެސް. އެކަމަކު މިހާރު.."
އަހަރެން ޖުމުލަ ނިމެންދެން ރާނިޔާ މަޑެއްނުކުރިއެވެ. މަޑުކުރި ނަމަ، އެ ރޭގެ ފަހުން ވެސް އަހަރެންގެ ކުރިމަތީގައި ރާނިޔާގެ ގަދަރު އުފުލުނީހެވެ. އިހުތިރާމު ލިބުނީހެވެ.
"އަހަރެން މި ބުނާ ވާހަކަ ވަރަށް ރަނގަޅަށް އަޑުއަހާތި!" ރާނިޔާ ސިއްރުސިއްރުން ބުންޏެވެ. "ސަބަބެއް ނެތި އެކަކު ވެސް ކައިވެންޏެއް ނުކުރާނެ. އަހަންނަކަށް ހިޔެއްނުވޭ ހަމައެކަނި ލޯތްބަށްޓަކާ ކައިވެނިކުރެވޭނެ ހެނެއް ވެސް. އެކަކު ވަރަށް ލޯބިވިޔަސް އަނެކަކަށް މުހިންމުވެދާނެ ލާރި. ނޫނީ ގޯތި. ކޮންމެވެސް ކަމަކާ މަޖުބޫރުވެގެން ވެސް މީހަކާ އިންނަންޖެހިދާނެ. އަހަންނަށް މިހިރީ އެހެން ވެފަ. ބައްޕަ ނުލާހިކު ބަލި. މަންމަ ވެސް އެބަޖެހޭ އޮޕަރޭޝަނެއް ކުރަން. އަހަރެން މި އިންނަނީ މާލޭގެ މުއްސަންޖަކާ. ސައުވީސް ގަޑިއިރު ތެރޭގަ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވާނެ. އެކަމަކު އަހަރެން އުފަލެއްނުވޭ!"
ތެދަށް ބުނާ ނަމަ، ދެން ކުރަންވީ ސުވާލެއް އަހަންނަކަށް ނޭނގުނެވެ. ރާނިޔާ އުފާނުވުން އަހަންނަށް ވިސްނެއެވެ. އެކަމަކު އެ ވާހަކަ އަަހަރެން ގާތުގައި ބުނީ ކީއްވެގެން ހެއްޔެވެ؟
"އެކަމަކު އޭނަޔާ އިންނާކަށްނު ތިއުޅެނީ." އަހަންނަށް ބުނެވުނެވެ.
"އާނ! އޭނަޔާ އިންނާނީ. އަހަރެންގެ ފިރިޔަކަށް ވާނީ އޭނަ،" ރާނިޔާ އެއްބަސްވިއެވެ. "އެކަމަކު އެންމެ ލޯބިވާ މީހަކަށް ދޭންވެގެން ރައްކާކޮށްގެން އަހަރެން ގެންގުޅުނު ހަދިޔާ ދޭން ބޭނުންވަނީ ހަންނާނަށް. އެހެންވެ ހަންނާން މި ގެނައީ."
ރާނިޔާގެ ސިފަ ރީތިކަމާ މެދު އަހަރެން ދެބަހެއް ނުވަމެވެ. އޭނައަކީ، އޭނަގެ ކޮންމެ އިޝާރާތަކަށް ފިރިހެނުން ނެއްޓުވޭ ކަހަލަ ޖާދޫގަރެކެވެ. އެކަމަކު އަނބި ރީތީ ހެވިއްޔާއެވެ. ވަފާތެރިއްޔާއެވެ. ރާނިޔާ ހިތުން އަހަންނަށް ދިނީ ޝަރަފެކެވެ. ފަޚުރެކެވެ. އެ ހަދިޔާ ގަބޫލުނުކުރާނެ ފިރިހެނަކު ހުންނާނެބާއެވެ؟ އަހަރެން މާލެއައީ ރާނިޔާ ހާސިލުކުރާށެވެ. މާލެއައި ފަހުން އަހަރެންގެ ޚިޔާލު ބަދަލުވިއެވެ. ރާނިޔާއާ ބައްދަލުކުރަން އަހަރެން އައީ އެހެން ބޭނުމަކުއެވެ. ރާނިޔާ ބުނި އެއްޗަކުން އަހަރެންގެ ވިސްނުން އަނެއްކާ ބަދަލުވީއެވެ.
ޖެހިގެންއައި ދުވަހު ރާނިޔާގެ ކައިވެނި ހަފުލާ އޮތެވެ. އަހަންނަށް ވެސް ދައުވަތު ލިބުނެވެ. ހަފުލާ ތެރެއިން ރާނިޔާގެ މައިންބަފައިންނާ ބައްދަލުވިއެވެ. އެންމެން ވެސް އަހަންނާ ސަލާންކޮށް މަރުހަބާކިޔެވެ. ރާނިޔާގެ ފިރިމީހާ މާޖިދަށް އަހަރެން ތައާރަފުކޮށްދިނީ ޚުދު ރާނިޔާއެވެ. މާޖިދު ހުރީ ވަރަށް އުފާވެފައެވެ. ހީވަނީ އަގުހުރި ޖަވާހިރެއް އޭނައަށް ލިބިފައިވާހެންނެވެ.
"މީ އަހަރެންގެ ބޮސް،" ފަރިގޮތަކަށް ހިނިތުންވެލައިފައި ރާނިޔާ ބުންޏެވެ. "ވަރަށް ރަނގަޅުވާނެ."
އަހަރެން ވެސް ހިނިތުންވެލައިފައި ސަލާންކޮށްލީމެވެ. ކައިވެނީގެ ތަހުނިޔާއާއި މުބާރިކުބާދީ ރައްދުކުރީމެވެ. އެކަމަކު ހިތާހިތުން އަހަންނަށް ބުނެވުނެވެ. އަހަރެންނަކީ މާޖިދު ނަމަ އަހަރެން މިރޭ ރުއީމުހެވެ. ފައިސާއިން ގަނެވެނީ މީހާގެ ހަށިގަނޑެވެ. ހިތެއް ނޫނެވެ. ރާނިޔާގެ ހިތް ފަތަހަކުރީ އަހަންނެވެ. މާޖިދު އަހަންނަށް މާފުކުރާނެކަމަށް އުންމީދުކުރަމެވެ.
އަހަރެން މާލެއަކު ނުހުންނަމެވެ. އެނބުރި ރަށަށް ދިޔައީމެވެ. ހިތުގައި ނުތަނަވަސްކަމެއް ނެތެކޭ ނޫނެވެ. އެކަމަކު ޝަކުވާއެއް ވެސް ނެތެވެ. ރާނިޔާއަކީ ފިރިމީހާއަށް ވަފާތެރި އަންހެނެއް ނޫނެވެ. އެ ފަދަ މީހަކާ އިނދެވުނު ނަމަ، މާޖިދަށް ލިބުނު ދެރަ ލިބުނީހީ އަހަންނަށެވެ. މާޖިދު ހުރި މަގާމުގައި ހުންނާނީ އަހަންނެވެ. އިއްފަތްތެރިކަމަކީ، ފިރިމީހާއަށް ޓަކައި ރައްކާކުރާ އެންމެ އަގުހުރި ގަހަނާއެވެ. އެއީ ބަހާ އެއްޗެއް ނޫނެވެ. ދީފައި އަތުލެވޭ އެއްޗެއް ވެސް ނޫނެވެ.
މަދުމަދުން ރާނިޔާ ގުޅައެވެ. އަހަރެން ވާހަކަދައްކަމެވެ. މާލެއާދޭތޯ ރާނިޔާ އަހައެވެ. ތެދު ޖަވާބެއް އަހަރެން ނުދެމެވެ. އެކަމަކު އަހަރެން މާލެދަމެވެ. މާލޭގައި ހުންނައިރު ރާނިޔާގެ ފޯނެއް ނުނަގަމެވެ. ރާނިޔާ އަކަށް ނުވެސް ފެންނަމެވެ. ފެނުނަސް ފެންނަކަމަކަށް ނަހަދަމެވެ. ފަހުން ގުޅައިފައި އެ ވާހަކަ ދައްކައިފި ނަމަ އޮޅުވައިލަނީއެވެ. ރާނިޔާގެ މޫނުމަތިން ފެންނަ ރީތިކަމާއި، އޭނަގެ މިޒާޖާ ހާދަހާ ނުގުޅެޔޭ އަހަރެން ހިތަށްއަރައެވެ. ރާނިޔާ ކިތަންމެހާ ވެސް ރީއްޗެވެ. ރާނިޔާ ނުލިބުމުން ކުރިން އަހަރެން ހީކުރީމެވެ. ކޮންމެ ކަމެއް ވަނީ ރަނގަޅަކަށް ނޫނެވެ. ނޫނެކެވެ. ކޮންމެ ކަމެއް ވެސް ވަނީ ރަނގަޅަކަށެވެ. އެ ކަން އެނގޭނީ ފަހުންނެވެ. ފަތްމިންޏެއް ފަދަ ރީތި އަންހެނަކު ވެސް، ލިބިލިބި އޮވެފައި ގެއްލިގެންހިނގައިދާނެއެވެ. އޭގައި ކޮންމެވެސް ހިކުމަތެއް ނޯވެއެއް ނުދާނެއެވެ.
ނިމުނީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސީރާ
09 March 2020
މިހީވަނީ ނުބައިކަމެއް ކޮށްފަ އެކމުން ރެކެން އަނެކާ ގޯސްކޮށްފަ ލިވެފައޮތް އެއްޗެއްހެން. ރާނިޔާ ހުރީ އެކަކަށް ދެވަަނަ މީހަކީ ހަންނާނު. ކުރިކަމެއްކުރީ ދެމީހުން. އެކަމު އިއްފަތްތެރި ނުވިކަމުގެ ބަދުނާމު އެޅުވީ ރާނިޔާ ބޮލުގަ. ޙަންނާނާ ރާނިޔާ ނީނީމަ ދެން ކޮންމެސް އެއްޗެކޭ ކިޔަންވާނެތާދޯ.
ނަންނު
08 March 2020
ވ ރީތި ޢިބްރަތްތެރި ވާހަކައެއް އަނެއްކާވެސް ތި މިންމާލީ. ބައެއް ކޮމެންޓްތައް ކިޔާފައި ހިތައްއެރި، ހޭނުޖެހޭވަރުގެ ކުޑަކުދީންބާއޭ މި ވާހަކަ މިކިޔަނީ.
އަރެސް ވަތި
08 March 2020
ހައްނާނުއަށް އަބަދުވެސް ވަނީ މީހާކަންހާވަރު ،
2020
08 March 2020
ކޮބާ ދިންހަދިޔާ؟
ހަންނާނު
08 March 2020
އިއްފަތްތެރިކަމަކީ އަންހެނުން އެކަނި އޮންނަންޖެހޭ އެއްޗެއްތަ؟ ހަންނާނެކޭ ރާނިޔާއެކޭ ތީގައި ނެތް ތަފާތެއް. ރާނިޔާ އުޅުނު ގޮތުން ހަންނާނު ރާނިޔާ މަތިން ފޫހިވިއިރު އަމިއްލަ ނަފުސުދެކެ ފޫހި ނުވީ ކީއްވެގެންބާ؟
އަންހެނެއްމިއީ
08 March 2020
ދެން ހަންނާނުވެސް ތިވީ ހަމަ ކަޑަ މީހަކަށް
މިނިވަން ރިޕޯޓަރ
08 March 2020
ޔޭ މަ ފަސްޓް. އާހިރުގަ މިވީ ކޮންފަދަ ސުންޕާ ފަތްމިންޔަކަށް. ދިވެހިންގެ ތެރޭގައި ވަރަށް އާންމުކަމެއް މިހާރު މިފަދަ ނާޖާއިޒު އަމަލް ތަކަކީ.
ބޫމް
08 March 2020
ހަންނާނަށް ދިން ފުރުސަތުގެ ބޭނުން ހިފިތަ؟އެ ޝަރަފް ލިބިގަނތްތަ؟
ސަސީ
08 March 2020
"މާޖިދު އަހަންނަށް މާފުކުރާނެކަމަށް އުންމީދުކުރަމެވެ."މި އޮތީ ހުރިހާކަމެއް ނިމިގެން ދިޔަކަން އަންގައިދޭ ޖުމުލައެކެވެ.
ރުޅި
08 March 2020
ހަންނާނު ތިޔަހާ ރަނގަޅުނަމަ ރާނިޔާ ދައުވަތުދިނަސް އެ ނުބައި އަމަލު ނުހިންގީސް.
ކުރަފަތްބޭބެ
08 March 2020
ވާހަކަ ވަރަށް ރީތި!