08 ޖެނުއަރީ 2022 - 10:49
ސްވިންޑަން (ޖެނުއަރީ 8) - އިނގިރޭސި ހަތަރުވަނަ ޑިވިޝަނުގެ ކުލަބް ސްވިންޑަން ޓައުންއާ ވާދަކޮށް 4-1 އިން މެޗު ކާމިޔާބު ކޮށްގެން މެންޗެސްޓާ ސިޓީން އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ރަށުން ބޭރުގައި މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގައި އެ ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު ރޮޑޯލްފް ބޮރޭލް އެވެ. ސިޓީގެ ހަތް ކުޅުންތެރިންނާއި ކޯޗު ޕެޕް ގާޑިއޯލާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން އައިސޮލޭޝަންގައި ތިބި އިރު ވެސް ސިޓީން ވަނީ ރޭގެ މެޗަށް ވަރުގަދަ ޓީމެއް ނެރެފަ އެވެ.
ކެވިން ޑިބްރޭނާ އާއި ކައިލް ވޯކާ އާއި ރުބެން ޑިއާސް އަދި ޔާއޯ ކަންސެލޯ ވެސް ފުރަތަމަ 11 ގައި ހިމަނައިފައިވާއިރު، މި މެޗުގައި ސިޓީގެ ގޯލު ބެލެހެއްޓީ ރިޒާވް ކީޕަރު ޒެކް ސްޓެފަން އެވެ. އަދި އެ ޓީމުގެ ޒުވާން ވިންގާ ކޯލް ޕާމާ ވަނީ ފުރަތަމަ ފަހަރަށް އެފްއޭ ކަޕް މެޗެއްގައި ފުރަތަމަ 11 ގައި ކުޅެފަ އެވެ.
ކޯލް ޕާމާ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅައެއް ގޯލުތެރަށް ފޮނުވާލައިގެން ސިޓީގެ ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނިޓުގައި ޖަހައިދިނީ ބެނާޑޯ ސިލްވާ އެވެ. އަދި 28 ވަނަ މިނިޓުގައި ސްވިންޑަންގެ ޕެނަލްޓީ އޭރިއާ ކައިރިން ބޯޅަ ހޯދައި، ޑިބްރޭނާގެ އެހީތެރިކަމާ އެކު ސިޓީގެ ދެވަނަ ލަނޑު ޖަހައިދިނީ ގެބްރިއެލް ޖީސަސް އެވެ.
ސިޓީގެ ތިންވަނަ ލަނޑު މެޗުގެ 59 ވަނަ މިނިޓުގައި ލިބުނު ހިލޭ ޖެހުމަކުން ޖެހީ ރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިލްކޭ ގުންޑޮގާން އެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ގެބްރިއެލް ޖީސަސް އަށް ކުރި ފައުލަކާ ގުޅިގެން ސިޓީއަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ރޭގެ މެޗުގައި ގޯލު ބެލެހެއްޓި ސްވިންޑަންގެ ރިޒާވް ގޯލްކީޕަރު ލެވިސް ވާޑް ވަނީ ޖީސަސް ފޮނުވާލި ޕެނަލްޓީ ދިފާއު ކޮށްފަ އެވެ.
އެޓީމުގެ އެއް ނަމްބަރު ގޯލް ކީޕަރު ޖޯ ވޮލަކޮޓް ހުރީ މާދަމާ ފަށާ އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ގާނާގެ ގައުމީ ޓީމާ އެކު އެވެ.
ސްވިންޑަންގެ ހަމައެކަނި ލަނޑު މެޗުގެ 78 ވަނަ މިނިޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި ކާމިޔާބު ކުރީ ހެރީ މެކާޑީ އެވެ. ސްވިންޑަން އިން ލަނޑު ޖެހިތާ ހަތަރު މިނިޓު ފަހުން، ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޕާމާ އެވެ.
އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީން މުބާރާތުގެ ތިންވަނަ ބުރުގައި މިރޭ ނުކުންނާނީ އަމިއްލަ ދަނޑުގައި ވަޓްފޯޑާ ދެކޮޅަށެވެ. އަދި މިދިޔަ ސީޒަނުގެ ރަނަރަޕް ޗެލްސީ ނުކުންނާނީ އަމިއްލަ ދަނޑުގައި އިނގިރޭސި ނެޝަނަލް ލީގުގެ (ފަސްވަނަ ޑިވިޝަނުގެ) ޗެސްޓަފީލްޑް ފުޓުބޯޅަ ކުލަބާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy