ކުޅިވަރު / ރިއަލް މެޑްރިޑް

ވިނީޝަސް އާއި ބެންޒެމާގެ ލަނޑުތަކުން ރެއާލް މެޑްރިޑުން ވެލެންސިއާ ބަލިކޮށްފި

މެޑްރިޑް (ޖެނުއަރީ 9) - ވިނީޝަސް ޖޫނިއާގެ ދެ ލަނޑާ އެކު ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން 4-1 އިން ވެލެންސިއާ ބަލިކޮށްފި އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ 43 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކަރީމް ބެންޒެމާ އެވެ. މިއީ ބެންޒެމާ ރެއާލް މެޑްރިޑަށް ޖަހައިދިން 300 ވަނަ ލަނޑެވެ. ބެންޒެމާ އަށް ވުރެ ގިނައިން ރެއާލް އަށް ޖޯލު ޖަހައިފައި ވަނީ އަލްފްރެޑޯ ޑި ސްޓެފަނޯ (308) އާއި ރައުލް ގޮންޒާލެޒް (323) އަދި ކްރިސްޓިއާނޯ ރޮނާލްޑޯ (450) އެވެ.

ބެންޒެމާ ކުލަބަށް ޖަހައިދިން 300 ވަނަ ލަނޑަށް ފަހު.-- ފޮޓޯ؛ އޭއެފްޕީ

މެޗުގައި ރެއާލުގެ ދެވަނަ ލަނޑު 52 ވަނަ މިނިޓުގައި ޖަހައިދިނީ ވިނީޝަން ޖޫނިއާ އެވެ. މިއީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން އައިސޮލޭޝަން މުއްދަތު ފުރިހަމަ ކުރުމަށް ފަހު އޭނާ ރެއާލް އަށް ކުޅެދިން ފުރަތަމަ މެޗެވެ. ވިނީޝަސްގެ ފުރަތަމަ ލަނޑު ޖެހިތާ ނުވަ މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ރެއާލަށް ތިން ގޯލުގެ ލީޑެއް ހޯދައިދީފަ އެވެ.

ވެލެންސިއާއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު 76 ވަނަ މިނިޓުގައި ކާމިޔާބުކުރީ ގޮންސާލޯ ގެއާޑިސް އެވެ. ރެއާލްގެ ފާލޭންޑް މެންޑީ ކުރި ކުށަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އޭނާ ފޮނުވާލި ބޯޅަ ކީޕަރު ތިބައު ކޯޓުއާ މަތަކުރުމުން ރީބައުންސްވެފައި އައި ބޯޅަ ވަނީ ގޯލުގެތެރަށް ފޮނުވާލައިފަ އެވެ.

ރެއާލުން މެޗުގައި ޖެހި ހަތަރުވަނަ ލަނޑު، ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށްވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ބެންޒެމާ އެވެ. މިއާ އެކު އޭނާ ވަނީ ރެއާލް އަށް 301 ލަނޑު ޖަހައިދީފަ އެވެ. އަދި މިއީ ބެންޒެމާ މި ސީޒަނުގައި ރެއާލަށް ޖަހައިދިން 22 ވަނަ ލަނޑެވެ.

ވިނީޝަން ޖޫނިއާ މެޗުގައި ޖެހި ފުރަތަމަ ލަނޑަށް ފަހު.-- ފޮޓޯ؛ އޭއެފްޕީ

ލީގުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި ވެސް އޮތީ ބެންޒެމާ އެވެ. އޭނާ ވަނީ ލީގުގައި 17 ލަނޑު ޖަހައިފަ އެވެ. ލަނޑު ލިސްޓުގެ ދެވަނައިގައި އޮތީ 12 ލަނޑު ޖަހައިފައިވާ ވިނީޝަސް ޖޫނިއާ އެވެ.

މިހާތަނަށް ކުޅުނު 21 މެޗުން ރެއާލް އަށް 49 ޕޮއިންޓް ލިބިފައި ވާއިރު ދެވަނައިގައި އޮތް ސެވިއްޔާ ކުޅުނު 19 މެޗުން އެޓީމަށް ލިބިފައި ވަނީ 41 ޕޮއިންޓެވެ. ލީގުގެ ތިންވަނައިގައި އޮތީ 19 މެޗުން 33 ޕޮއިންޓް ހޯދައިފައިވާ ރެއާލް ބެޓިސް އެވެ.

ހަތްވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް ވަނީ ރޭ ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް 33 ޕޮއިންޓް ހަމަކޮށްގެން، އެތުލެޓިކޯ އާއި ބާސެލޯނާ ފަހަތަށް ޖައްސާލައި ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފަ އެވެ. ސޮސިއެޑާޑް މެޗުގެ ކުރިން ބާސެލޯނާ އިން ރޭ ގްރަނާޑާއާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ އެއްވަރު ވެގެންނެވެ. ރޭގެ މެޗުތަކަށް ފަހު މި ވަގުތު ބާސެލޯނާ އޮތީ ހަ ވަނައިގަ އެވެ. ބާސާއަށް ވުރެ އެއް މެޗް މަދުން ކުޅެގެން ފަސްވަނައިގައި އޮތް އެތުލެޓިކޯ އަށް ވެސް ލިބިފައި ވަނީ 32 ޕޮއިންޓެވެ.

އެތުލެޓިކޯ މެޑްރިޑުން ލީގުގައި މިރޭ ނުކުންނާނީ އަށްވަނައިގައި އޮތް ވިޔަރެއާލާ ދެކޮޅަށެވެ. ރެއާލް މެޑްރިޑް އަތުން ރޭ ބަލިވި ވެލެންސިއާ އޮތީ ނުވަނަވައިގަ އެވެ. ވެލެންސިއާ އާއި ވިޔަރެއާލަށް ވެސް ވަނީ 28 ޕޮއިންޓް ލިބިފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454