އޮފާތައް ލިބުނު އެކަމަކު ބޭނުންވީ މާޒިޔާގައި މަޑުކުރަން: އިރޭ

އަންނަ ސީޒަނަށް ވަރަށް ގިނަ ކްލަބްތަކުގެ އޮފާ ލިބުނު ކަމަށާއި އެކަމަކު މާޒިޔާގައި މަޑުކުރަން ނިންމީ އެ ކްލަބާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭތީ ކަމަށް ޒުވާން މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) ބުނެފި އެވެ.


މީގެ ތިން އަހަރު ކުރިން ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި އިރޭ މާޒިޔާއާ ގުޅުނީ 2014 ވަނަ އަހަރު އެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކުޅުންތެރިންގެ ތެރޭގައި އިރޭ ހިމެނެ އެވެ. އޭނާ ވަނީ މާޒިޔާގައި ދެއްކި މޮޅު ކުޅުމާ އެކު ސީނިއާ ގައުމީ ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ.

"ގިނަ ކްލަބްތަކަކުން ހުށަހެޅުން ލިބިފައި އޮއްވައި މާޒިޔާގައި މަޑުކުރީ މިހާތަނަށް މި ކްލަބާ އެކު ގިނަ ކާމިޔާބީ ލިބިފައި އޮތީމަ. އެންމެ ރަނގަޅު މެނޭޖްމަންޓެއް އޮތީ ވެސް މި ކްލަބްގައި. މާޒިޔާ ދޫކޮށްލަން ބޭނުމެއް ނުވި އެހެން ކްލަބްތަކުން ހުށަހެޅުން ލިބުނު ނަމަވެސް،" އިރޭ ބުންޏެވެ.

އިރޭ ވަނީ މާޒިޔާއާ އެކު ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ. އޭނާ އަކީ 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް އަދި މި އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގު މާޒިޔާ އިން ކާމިޔާބުކުރިއިރު ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ.

ޔުނައިޓެޑް ވިކްޓަރީގެ ނައްޒާމް (ކ) ކައިރިން މާޒިޔާގެ އިރޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިރޭގެ ކާމިޔާބީއާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ފަރާތަކީ މާޒިޔާގެ ކުރީގެ ކޯޗު އަލީ ސުޒޭން އެވެ. އެކަމަކު އޭނާ ވަނީ އެ ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދީފަ އެވެ،

"ފުޓްބޯޅައިގައި އެންމެ ގިނަ އެއްޗެއް ދަސްވީ ސުޒޭން ކޯޗުގެ ފަރާތުން. ކޯޗުގެ އިރުޝާދާ އެކީ މިހިސާބަށް އާދެވުނީ. ކުޅުން ރަނގަޅުކުރެވޭނެ ހުރިހާ ގޮތްތަކެއް ކިޔައިދީ މޮޅު ކުޅުންތެރިޔަކަށް ވާން ސުޒޭން ކޯޗު ވަރަށް އެހީވެދިން. އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓާނަން،" އިރޭ ބުންޏެވެ.

ސުޒޭންގެ އިރުޝާދުގެ ދަށުން އިރޭ ވަނީ 2014 ވަނަ އަހަރު ރާއްޖޭގެ އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އަދި ޒުވާން ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އެވެ.

މިދިޔަ ސީޒަނުގައި އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް އިރޭ އަށް ގެއްލުނު ނަމަވެސް ސީޒަނުގެ ވަކި ހިސާބަކުން މާޒިޔާގެ ފުރަތަމަ އެގާރައިން އިރޭ ވަނީ އަލުން ފުރުސަތު ހޯދައިފަ އެވެ. އަދި މާޒިޔާ އަށް ލީގު ހޯދައިދޭން ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އެވެ.

އިރޭ ބުނީ އަންނަ އަހަރުގެ އެންމެ ބޮޑު އެއް ޓާގެޓަކީ އަލުން ސީނިއާ ގައުމީ ޓީމުން ފުރުސަތު ހޯދުން ކަމަށެވެ. އަދި މި ސީޒަނަށް ވުރެން އަންނަ ސީޒަނުގައި ކުޅުން ރަނގަޅު ކުރަން ބޭނުންވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.