މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދު (ކ) އާއި އެޓީމަށް އަލަށް ސޮއިކުރުވި ޑިފެންޑަރު ކާޓަލް މާޒިޔާގެ ޖޯޒޯ ހިފަހައްޓާލައިގެން --- ފޮޓޯ: މާޒިޔާ
18 ޖެނުއަރީ 2022 - 17:38
މާޒިޔާ އިތުރަށް ވަރުގަދަ ކުރުމުގެގޮތުން، ސާބިއާގެ އެއްވަނަ ޑިވިޝަންގައި ކުޅެފައިވާ ޑިފެންޑަރެއް ކަމަށްވާ، ނެމަންޔާ ކާޓޮލް މާޒިޔާ އަށް ސޮއި ކުރުވައިފި އެވެ.
މޮންޓެނީގްރޯ އަށް ނިސްބަތްވާ ކާޓަލް، މިއަދު މާޒިޔާ އަށް ސޮއި ކުރިކަން އިއުލާންކޮށްފައި ވާއިރު، މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އަށް މަރުގެ މެޗެއް މާދަމާ އެބައޮތެވެ. މުބާރާތުގެ ލީގު ބުރުގެ އެއްވައިގައި އޮތް ވެލެންސިއާ ދެކޮޅަށް މާދަމާ ރޭ ކުޅޭ މެޗުން މޮޅުވެގެން ނޫން ގޮތަކަށް މާޒިޔާ އަށް ފައިނަލަށް ދެވެން ނެތެވެ. މެޗު އެއްވަރުކޮށްލިޔަސް ވެލެންސިއާ ފައިނަލަށް ދާނެ އެވެ.
ސާބިއާގެ އިތުރުން، ބޮސްނިއާ އާއި ގްރީސްގެ ވެސް އެއްވަނަ ޑިވިޝަންގައި ކުޅުނު، ކާޓަލް އަކީ މި ސީޒަނަށް މާޒިޔާއިން ގެނައި ބިދޭސީ ތިންވަނަ ކުޅުންތެރިޔާ އެވެ. މާޒިޔާގެ ގޯލް ބަލަހައްޓަނީ ނޭޕާލްގެ ގައުމީ ޓީމުގެ ކީޕަރު ކިރަން ޝެމެޝޮން އެވެ. ދެން ހުރި ބިދޭސީ ކުޅުންތެރިޔަކީ މިދިޔަ ތިން އަހަރު ވެސް އެޓީމަށް ކުޅުނު ފޯވާޑް، ކޯނޭލިއަސް ސްޓެވާޓް އެވެ. ކާޓަލްއާއެކު މާޒިޔާއިން އެއްބަސްވުން ހެދީ މިސީޒަންގެ ނިޔަލަށެވެ.
ކާޓަލް ސޮއި ކުރިކަން މާޒިޔާއިން އިއުލާން ކުރީ މިއަދު
ވެލެންސިއާއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗުގައި، ކާޓަލް އަށް ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާއިން ވަނީ 5-0 ގެ ބޮޑު ނަތީޖާ އަކުން ވެލެންސިއާ ބަލިކޮށްފަ އެވެ.
އެންމެ ފަހުން ކުޅުނު މެޗުގައި، ގްރީން ސްޓްރީޓްސް އަތުން ބަލިވުމުން، މާޒިޔާ އޮތީ ޕްރެޝަރަށް ވެއްޓިފަ އެވެ. ގްރިން އާ ޕޮއިންޓްގެ ގޮތުން ހަމަހަމަވެ މާޒިޔާ އޮތީ ތިންވަނައިގަ އެވެ. މާދަމާ ހަވީރު، ކްލަބް އީގަލްސްއާ ދެކޮޅަށް ގްރީން ކުޅޭ މެޗުން މޮޅުވެގެން އެޓީމަށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރެވޭނެ އެވެ.
މިފަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ކުޅެން ހަމަޖައްސާފައި ވަނީ ރ. އަލިފުށީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
48343
18 January 2022
ކޮވިޑުގެ މިއޮށްދަތިހާލަތުގާ ކޮންތާކުން ލާރިނެރެނީ؟