ލަންޑަން (އޮގަސްޓް 15) - ޗެލްސީ ކުޅޭ މެޗުތަކުގައި އިނގިރޭސި ރެފްރީ އެންތަނީ ޓޭލާ އަށް އިންސާފު ކުރުމުގެ ފުރުސަތު ނުދޭން އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ގޮވާލައިފި އެވެ.

ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސްއާ 2-2 އިން އެއްވަރުވި މެޗަށް ފަހު ވާހަކަ ދައްކަމުން ޓުޗެލް ވަނީ ރެފްރީ ޓޭލާ އާއި ވީއޭއާރް ރެފްރީ މައިކް ޑީން އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އޭނާ ބުނީ، ޓޮޓެންހަމްގެ ލަނޑުތައް ބަލައިގަނެވިގެން ނުވާނެ ކަމަށާއި، މެޗު އޮފިޝަލަކަށް ޓޭލާ ހުންނަކަން ކުޅުންތެރިންނަށް އެނގޭ ހިސާބުން ކުޅުންތެރިން މާޔޫސް ކުރުވާ ކަމަށެވެ.

ޗެލްސީ އާއި ޓޮޓެންހަމް ކުޅުނު ލަންޑަން ޑާބީ މެޗުގައި ރެފްރީކަން ކުރި އެންތަނީ ޓޭލާ. -- ފޮޓޯ: އޭއެފްޕީ
ޗެލްސީ އާއި ޓޮޓެންހަމް ކުޅުނު ލަންޑަން ޑާބީ މެޗުގައި ރެފްރީކަން ކުރި އެންތަނީ ޓޭލާ. -- ފޮޓޯ: އޭއެފްޕީ

ޗެލްސީއާ ދެކޮޅަށް ޓޭލާ ގިނަ ނިންމުންތަކެއް ނުހައްގުން ނިންމާކަމަށް ބުނެ އެ ޓީމުގެ ސަޕޯޓަރުން ހިންގި އޮންލައިން ޕެޓިޝަނެއްގައި 80،000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ. އަދި ރޭގެ މެޗަށް ފަހު ގަޑިއިރެއް ތެރޭ ވަނީ އިތުރު 10،000 ސޮއި އެއަށް ލިބުނެވެ.

ޓުޗެލް ބުނީ އެއީ ބައެއް ސަޕޯޓަރުން ދެކޭ ގޮތް އެކަނި ނޫން ކަމަށާއި، ޗެލްސީގެ ހުރިހާ ކުޅުންތެރިންނާއި ޑްރެސިން ރޫމް ސްޓާފުން ވެސް އެކަމާ އެއްބަސް ވާނެކަން ޔަގީންވާ ކަމަށެވެ.

"އަހަރެންނަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ ފުރަތަމަ ލަނޑުގައި އޮފްސައިޑު ނުވާންވީ ގޮތެއް، އަދި ކުޅުންތެރިއެއްގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަނެފައި އެ ކުޅުންތެރިޔާ (އަދަބެއް ނުލިބި) ދަނޑުގައި ހުރެވޭނެ ގޮތެއް ވެސް ނުވިސްނޭ،" ޓުޗެލް ބުންޏެވެ.

"ކުޅުންތެރިޔާ އިސްތަށިގަނޑަށް ދަމައިގަނެފައި އަދަބެއް ނުލިބި ދަނޑުމަތީ ހުރެވިފައި، އެންމެ ފަހު ކޯނަރުގައި އެޓޭކުވެސް ކުރެވޭ. މި ކަންކަން ބަލައިގަންނާކަށް ބޭނުމެއް ނޫން. ދެ ގޯލުވެސް ބަލައިގަނެވިގެން ނުވާނެ، އެކަމަކު ނަތީޖާ ގޯހެއް ނޫން، އެއީ އަހަރެމެން ކުޅުނީ ވަރަށް މޮޅަށް، އަހަރެމެންނަށް މެޗުން މޮޅެއް ހައްގު ކަމަށް އަހަރެން ދެކެން."

ޗެލްސީގެ މެޗުތަކަށް އިންސާފުކުރުމުގެ ފުރުސަތު ޓޭލާ އަށް ދިނުމާ ދެކޮޅުތޯ ސުވާލު ކުރުމުން ޖަވާބުގައި ޓުޗެލް ބުނީ، ޗެލްސީގެ މެޗުތަކަށް އިންސާފުކުރަން ޓޭލާ އަށް ފުރުސަތު ދިނުމާ އޭނާ ދެކޮޅު ކަމަށާއި، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ބުނެފަ އެވެ. އަދި ޓުޗެލް ވަނީ ވީއޭއާރުގެ އެހީގައި ވެސް ރެފްރީގެ ނިންމުންތައް އިންސާފުވެރި ނުވާތީވެ އެކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ހަގީގަތުގައި ނިންމުންތައް އިންސާފުވެރިކުރަން ވީއޭއާރްގެ އެހީ ވެސް ހޯދޭ. އެކަމަކު ކުޅުންތެރިންގެ އިސްތަށިގަނޑަށް ދެމުން ހުއްދަ ކަމަކަށް ވީ ކޮން އިރަކު؟ އެއީ ފައުލެއް ގޮތުގައި ނުބަލަން ފެށީ ކޮން އިރަކު؟ އޭނާ (ރެފްރީ) އަށް ނުފެންނަ ނަމަ އަހަރެން އޭނާ ކުށްވެރިއެއް ނުކުރާނަން، އެހެން ވިއްޔާ އަހަރެންނަކަށް ވެސް ނުފެނޭ،" ޓުޗެލް އިތުރަށް ބުންޏެވެ.

ޓުޗެލް ބުނީ ރީސް ޖޭމްސް ޓެކްނިކަލް ފައުލެއް ކުރުމުން ވަގުތުން އޭނާ އަށް ރީނދޫ ކާޑު ދެއްކި ކަމަށާއި، ނަމަވެސް ދެ ޓީމުގެ ބެންޗު ކުރިމަތީގައި ޓޮޓެންހަމްގެ ހޮއިބިއޭ ޖޭމްސްގެ ކަރުގައި ޖެހުމުން ވެސް އޭނާއަށް އަދަބެއް ނުލިބި ސަލާމަތް ވި ކަމަށެވެ.

"ބެންޓެންކޫ ވެސް ތިނެއް، ހަތަރެއް، ފަހެއް، ހަ ޓެކްޓިކަލް ފައުލް ކުރި، އެކަމަކު ރީނދޫ ކާޑެއް ނުދައްކާ. ހަވާޓްޒް ގޯލާ ދިމާއަށް ދުވި އިރު އެއީ ސީދާ ފައުލް އެއް. އެ ބޯޅައިގައި 1-1 އިން އެއްވަރުކުރީ،" ހިތްހަމަ ނުޖެހިފައި ހުރި ޓުޗެލް ބުންޏެވެ.

"ވަރަށް ބޭއިންސާފުން ގޮތް ނިންމައިފައި ހުރީ. އަހަރެންންގެ މައްސަލައެއް ނެތް ގޭމް ގެއްލުނަސް، އެކަމަކު މިގޮތަކަށް ނޫން. އެކަމަކު މިއީ މިއަދަށް އޮތް ގޮތް. މިހާރު މި ދައްކާ ވާހަކަތަކަށް އަހަރެންނަށް އަދަބެއް ނާންނާނެ ކަމެއް ވެސް ނޭނގޭ."

ޓުޗެލްގެ ފާޑުކިޔުންތަކާ ގުޅިގެން އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުން ވަރަށް އަވަހަށް މި މައްސަލައިގައި ޓުޗެލްއާ ވާހަކަ ދައްކާނެ ކަމަށް ބެލެވެ އެވެ. ޓުޗެލް އާއި ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ވެސް ވަނީ މެޗު ނިމުމަށް ފަހު ރެފްރީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އެއީ ދެ ކޯޗުންގެ މެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ.

ރެފްރީންގެ ނިންމުމާ މެދު ޓުޗެލް ނުރުހުން ފާޅުކުރި ނަމަވެސް ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ އޭނާ ދުވަހަކުވެސް ރެފްރީންގެ ނިންމުންތަކާ ގުޅޭގޮތުން ވާހަކަދައްކާފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތް ތާނގައި ވެސް އެގޮތުގައި ކުރިއަށް ދާނެ ކަމަށެވެ.

"ދުވަހަކުވެސް (ރެފްރީންގެ ނިންމުމަށް ފާޑެއް ނުކިޔަން)، އަދި އެގޮތުގައި ކުރިއަށް ދާނީ ވެސް. އަހަރެން ކުޑަކޮށް ރުޅިވެސް އަންނަ ގޮތް ވޭ، އެހެން މީހުންގެ ސުލޫކީ މިންގަނޑު މިހާ ދަށް ވީމައި. އެކަމަކު ކޮންމެ މީހަކު ވެސް ކަންތައް ކުރާނީ އެމީހަކު ބޭނުންވާ ގޮތަކަށް. ވިސްނޭތަ؟،" ކޮންޓޭ ބުންޏެވެ.

"އަހަރެން ބޭނުމެއް ނޫން ރެފްރީންނާ ދޭތެރޭ އެއްޗެއް ބުނާކަށް، އަދި އިނގިރޭސި ރެފްރީއަކާ ގުޅޭގޮތުން އަހަރެން ދުވަހަކުވެސް އެއްޗެކޭ ނުބުނާނަން."