އުމުރުން ހަގު ފެތުންތެރިޔާ މިރާލް އައިން ލަތީފް: އޭޏާ ވަނީ 18 އަހަރުވީ ގައުމީ ރެކޯޑް މުގުރާލަފަ --- ފޮޓޯ: އެސްއޭއެމް
17 އޯގަސްޓް 2022 - 11:00
މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެނުންގެ 100 މީޓަރުގެ ބަޓަފްލައި އިވެންޓުގެ ލޯންގް ކޯސްގައި ވާދަކޮށް ރާއްޖޭގެ 18 އަހަރުވީ ގައުމީ ރެކޯޑް އުމުރުން 13 އަހަރުގެ މިރާލް އައިން ލަތީފް މުގުރާލައިފި އެވެ.
ކުރިން މި ރެކޯޑް އޮންނަނީ ޕާކިސްތާނުގައި 2004 އޮތް ސައުތު އޭޝިއަން ގޭމްސްގައި 1 މިނެޓު 21.81 ސިކުންތުން ފެތި އައިޝަތު ސައުސަން އަތުގަ އެވެ. ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އިއްޔެ މިރާލް ރޭސް ނިންމީ 1 މިނެޓު 20.80 ސިކުންތުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި އައިޖީއެމްޗް އެނެސްތިއޮލޮޖީގެ ހާއްސަ ޑޮކްޓަރު އިސްމާއީލް ލަތީފްގެ ދަރިފުޅު، މިރާލް އަކީ ކުރިމަގަށް ވަރަށް އުއްމީދީ ފެތުންތެރިއެއް ކަމަށް ސްވިމިންގެ ތަޖުރިބާކާރުން ފާހަގަކުރެ އެވެ.
އޭނާގެ ކޯޗު މުހައްމަދު ޒާހިދު ބުނި ގޮތުގައި މިރާލް އަކީ ހިތްވަރު ގަދަ އެތުލެޓީކެވެ.
"ކިތަންމެ ވިއްސާރަ ވިޔަސް އޭނަ ޓްރޭނިން ސްކިޕްކޮށް ނުލާނެ. ގަޑިއެއް ނުޖެހޭނެ. އަނެއްކާ މުބާރާތެއް ކައިރިވާއިރު ވަކި ގޮތަކަށް ޑައިޓް ޕްލޭން ގެންދަން ބުނީމަ އެއަށް ވެސް ބަރާބަރަށް ފޮލޯ ކުރާނެ. ވަރަށް ޕޮޓެންޝިއަލް އޮތް ފެތުންތެރިޔެއް،" ޒާހިދު ބުންޏެވެ.
މިރާލްގެ ރެކޯޑަކީ މިފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ސްވިމިން އިވެންޓްތަކުން ރާއްޖެ އިން މުގުރާލި ދެ ވަނަ ރެކޯޑެވެ. މިދިޔަ އާދިއްތަ ދުވަހު ރިލޭ ޓީމުން ވަނީ 4 ގުނަ 100 މީޓަރުގެ ފްރީ ސްޓައިލް ފެތުމުގެ ރެކޯޑް މުގުރާލައިފަ އެވެ.
އަބްދުﷲ ނާވީ އަހުމަދު، އިބްރާހީމް މައިޝާން ޝަމީމް، އަލީ އިމްއާން އަދި ހުސައިން ހާއިޝް ހަސަން ހިމެނުނު ރިލޭ ޓީމުން ރޭސް ނިންމީ 4 މިނެޓު 01.23 ސިކުންތުންނެވެ. އޭގެ ކުރިން އެ ކެޓަގަރީގެ ގައުމީ ރެކޯޑް އޮންނަނީ އިންޑޮނޭޝިއާގައި 2018 ގައި ބޭއްވި އޭޝިއަން ގޭމްސްގައި ވާދަކުރި ފެތުންތެރިންގެ ޓީމު ކަމަށްވާ، އިމްއާން، މުބާލް އައްޒާމް އިބްރާހީމް، ހުސައިން ހާއިޝް ހަސަން އަދި ހަސަން އަޝްރަފް ހިމެނުނު ރިލޭ ޓީމު އަތުގަ އެވެ.
އެ ޓީމުން އޭރު ރޭސް ނިންމީ 4 މިނެޓު 10.12 ސިކުންތުންނެވެ. ސޮލިޑާރިޓީ ގޭމްސްގައި ޒުވާން ފެތުންތެރިން ހިމެނުނު ޓީމުން ވަނީ އެ ރެކޯޑްގެ މައްޗަށް 8.89 ސިކުންތުގެ ކުރިއެރުމެއް ހޯދައިފަ އެވެ. ފެތުމުގެ ރޭސް ތަކަށް ބަލާއިރު އަދި ހާއްސަކޮށް އެ ކެޓަގަރީ އަށް ބަލާއިރު އެއީ ބޮޑު ކުރިއެރުމެކެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޖޫލް
19 August 2022
ތިޔަ ހޯދި ކާމިޔާބީއަށް ސާބަސް??? ކާމިޔާބީ އަކީ މަސައްކަތް ކުރާ ކުދިންގެ ހައްގެއް.
ވާ ގޮތް
17 August 2022
ކާމިޔާބަކީ މިންނަތް މަސައްކަތާ ގުޅޭ ކަމެއް. ކާރު ކޮޅުގަ މޮޅު ކެއުން ކައިގެން އުޅުނަކަސް މަސައްކަތާ ހުނަރާ ނުވާ ކަންކަން. ތިހޯދީ ވަރަށް ވެސް ބޮޑު ކާމިޔާބީއެއް. ހިތްވަރާއެކު ކުއަށްދޭ.... ސާބަހޭ ދަރިޔާ
ނިކުތް
17 August 2022
މިންނެތް މަސައްކަތް އެކަންޏެއްވެސް ނޫން ވަރަށް ގިނަ ކަންކަމާ ގުޅިފަ ހުންނަނީ. ﷲ ގެ ތަޥްފީޤަކީ އެންމެ މުހިއްމު އެއްކަންތައް
ކޮރަލް
17 August 2022
މަރުހަބާ އެވެ. ރާއްޖޭގެ ހުރީހާ ރަށަކުން ހޮވާލެވޭ އެތްލީޓުންނަށް މާލޭ އައިސް ވާދަ ކުރުމުގެ ފުރުސަތު ދޭން ޖެހެ އެވެ..
ވާނުވާ އިގޭހާލުގަ
17 August 2022
ވާނުވާގެނަމުގަ ކޮމެންޓް ކުރިބޭފުޅާ ހަމަ ރަނގަޅަށްވެސް ތިހުއްނެވީ ވާނުވާގަ.
ށަވިޔަނި
17 August 2022
މަރުހަބާ އިތުރު ކާމިޔާބީ ލިބުން އެދެން.
ވާނުވާ.
17 August 2022
ކާރުކޮޅުގައި އުޅެވޭ، ބޭނުން ގަޑިއަކު ބޭނުންތަނަކަށް ގެންގޮސްދޭނެ ޑްރައިވަރުންތިބޭ، ބޭނުން އިރަކު ބޭނުން އެއްޗެއް ގަނެގެން ކާލެވޭ ފެންވަރުގެ ކުދިންނަށް ތިކަންކަން ތިގޮތަށް ވެދާނެ ބޭނުންނަމަ. އާދައިގެ މީހުންގެ ދަރިން ކިތެންމެ ބޭނުންވިޔަސް އެކިކަންކަމާހެދި ގަޑިއަށް ނު ގެންދެވުމާއި ބޭނުންވާ ތަކެތި ނުކެވުމާ ހުރިހައި މައްސަލަތަކެއް ދިމާވާނެ.
ރަނގަޅު ވާހަކައެއް
17 August 2022
ރަނގަޅު ވާހަކައެއް ތިބުނީ. އެކަމަކު ކާމިޔާބަކީ ހިތްވަރާއެކު މަސައްކަތް ކުރާ މީހުންނަށް ލިބޭ އެއްޗެއް. ބްރެޒިލްގެ ފަގީރު ފުޓުބޯޅަ ކުޅުންތެރިން ޔޫރަޕްގަ ކާމިޔާބު އެހޯދަނީ ހަމަ ޔޫރަޕްގެ ދޮންމީހުންނަށް ހުރިހާ ކަމެއް ފަހިވެފަ އޮއްވާ. ނޫންތަ؟
އިޝާ ރިޒްވީ
17 August 2022
މި އާޓިކަލްގައި މައިން ބަފައިންގެ ވަނަވަރު ހިމެނުން މުހިންމުވީ ކީއްވެބާ؟
ބުސީބާ
17 August 2022
ހާދަ ޖެލަސްއޭދޯ.
ތައްކާނުބެ
17 August 2022
ރާއްޖޭގައި ފާހަގަ ކުރެވޭ ކުޅިވަރު ޝަހުސިއްޔަތުންގެ ތެރޭގައި އެބަތިބި ހަަމަ ވަރަށް ނިކަމެތި އާއިލާތަކުން އައިސް ތިބި މީހުންވެސް. ނާކާމިޔާބީގައި ބަހަނާ ދެއްކުމަކީ ކާމީޔާބީއަށް އެޅޭ އެއް ހުރަސް.
ލަގޮނޑި
17 August 2022
ކުއްޖާއަށް މަރުހަބާ ކިޔާލިނަމަ؟ ހަސަދަވެރިވުމަކީ ރަނގަޅު ސިފައެއް ނޫން.