އެފްއޭއެމްގެ ކޮންގްރެސްގައި ޓޮމް (ވ) ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ
15 މެއި 2016 - 11:29
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވައިފި އެވެ.
ޓޮމް އަކީ މި މަހުގެ 31 ވަނަ ދުވަހު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބުގައި ކުރިމަތިލައްވާނެކަން މިހާތަނަށް އިއުލާންކުރެއްވި ހަމައެކަނި ކެންޑިޑޭޓެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ ޗެއާމަން މުހައްމަދު ޝަވީދު ވެސް ކުރިމަތިލައްވާނެ ކަމަށް ބެލެވެ އެވެ.
ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު މޮޅު ކުޅުމެއް ދެއްކި ޓޮމް ވިދާޅުވީ އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާން ނިންމެވީ ފުޓްބޯޅަ ކްލަބްތަކާއި ކުރީގެ ކުޅުންތެރިންނާއި އެކުގައި ކުރިން ކުޅުނު ކުޅުންތެރިންނާއި އާއިލާ މެމްބަރުންނާއި ހެޔޮއެދޭ ފަރާތްތަކާ އެކު ކުރި މަޝްވަރާތަކަށް ފަހު އެވެ.
"އަހަރެމެން މިތިބީ ވަރަށް އުނދަގޫ ފައްތަރެއްގައި. ފުޓްބޯޅަ ހަމަމަގަށް އަޅުވަން ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހޭ. ރާއްޖެ އަށް އަލުން ސަރަހައްދުގެ ތަށި ހޯދިދާނެ. އެކަމަށް ޕްލޭންތަކެއް އެބަހުރި. އެންމެންގެ އެހީއާ އެކު އަމާޒަށް ވާސިލްވެވިދާނެ،" މަޝްހޫރު ކުޅުންތެރިންތަކެއް އުފައްދާފައިވާ އ.ދ މަހިބަދޫއަށް އުފަން ޓޮމް ފޭސްބުކުގައި ލިޔުއްވާފައިވެ އެވެ.
ކްލަބް އީގަލްސްގެ ވައިސް ޗެއާމަންގެ މަގާމަށް ދާދި ފަހުން އިންތިހާބުވި ނަމަވެސް އަދި އުފަން ރަށު ޓީމު މަހިބަދޫ ހިންގުމުގައި ހަރަކާތްތެރިވި ނަމަވެސް އާއްމުންނަށް ޓޮމް އެނގެނީ މޮޅު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ހިންގުންތެރިއެއްގެ ގޮތަކުން ނޫނެވެ.
ސީއެޗްއެސްސީގައި އޭލެވެލް އަށް ކިޔަވަނިކޮށް 23 އަހަރުން ދަށުގެ ގައުމީ ޓީމަށް 2002 ވަނަ އަހަރު ނެގި ޓޮމް އާއްމުންނަށް ފާހަގަވީ 2003 ވަނަ އަހަރު ނިއު ރޭޑިއަންޓަށް ސޮއިކުރި ހިސާބުންނެވެ. އަދި އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް، އަލީ އަޝްފާގް (ދަގަނޑޭ) ބާކީކޮށްލުމަށް ފަހު ޓޮމް ނެގުމުން އޭނާގެ ހުނަރުވެރިކަން ސާބިތުވި އެވެ.
ނިއު އަށް ދެ އަހަރު ކުޅުމަށް ފަހު އޭނާ ކިޔަވަން މެލޭޝިއާ އަށް ބަދަލުވި އެވެ. އެކަމަކު ކުރު ޗުއްޓީތަކުގައި ރާއްޖެ އައިސް ނިއު އާއި ގައުމީ ޓީމަށް ކުޅުނެވެ. އެގޮތުން 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ ނިއު ހޯދިއިރު ޓޮމް މުހިއްމު ދައުރެއް އަދާކުރި އެވެ.
ކިޔަވަން ނިންމާލުމަށް ފަހު އައިސް ވެލެންސިއާ އާއި ވީބީ ސްޕޯޓްސް އަށް ވެސް ކުޅުނެވެ. އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލީ މިދިޔަ އަހަރު ނިއުގެ ޖާޒީގައި ދެ ތިން މެޗެއް ކުޅުމަށް ފަހު އެވެ. ދެކުނު އޭޝިއާގައި ވެސް އުފެދުނު އެންމެ މޮޅު އެއް ފޯވާޑަކީ، ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި އެއް ކުޅުންތެރިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy