01 ނޮވެމްބަރ 2022 - 11:23
މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އަންނަ އަހަރަށް ގައުމީ ޖޫނިއާ ސާފިން ޓީމު އެކުލަވާލައި، އިއުލާން ކޮށްފި އެވެ.
އޮކްޓުބަރު މަހުގެ 26 އިން 28 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޖޫނިއާ ޗެމްޕިއަންޝިޕުގެ ކޮންމެ އުމުރުފުރާއަކުން އެންމެ ރަނގަޅު ހަތަރު އެތުލީޓުން ހިމަނައިގެން، ޖޫނިއާ ގައުމީ ޓީމަށް ޖުލްމަ 12 އެތުލީޓުން ވަނީ ހޮވައިފަ އެވެ. އަދި ޖޫނިއާ ޓީމަށް އެތުލީޓުން ހޮވުމުގައި މި އަހަރުގެ ގައުމީ ސާފް ލީގުގެ ނަތީޖާތަކަށް ނުބަލާނެ ކަމަށް ވެސް އެމްއެސްއޭ އިން ބުންޏެވެ.
މިދިޔަ އަހަރާ ހިލާފަށް އެމްއެސްއޭ އިން ވަނީ ޖޫނިއާ ގައުމީ ޓީމެއް އެކުލަވާލަން، މި އަހަރު މުޅިން އަލަށް ޖޫނިއާ ގައުމީ ސާފިން ޗެމްޕިއަންޝިޕެއް ކުރިއަށް ގެންގޮސްފަ އެވެ. މުބާރާޓް ކުރިއަށް ގެންދިޔައީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށެވެ.
އަންނަ އަހަރަށް ހޮވި ގައުމީ ޖޫނިއާ 14 އަހަރުން ދަށުގެ ޓީމުގައި ހިމެނެނީ ޔޫސުފް ކަޔާން ހަމްދާން ޒަކީ އާއި ޔަސީން އަހުމަދު ނާޝިދު ކަޔާން އަބްދުﷲ އަރީފް އަދި އަހުމަދު އާލް އާދިލް އެވެ.
2023 ވަނަ އަހަރުގެ ގައުމީ ޖޫނިއާ ސާފިން ޓީމު.
ޔޫސުފް ކަޔާން، 12، ވަނީ ޖޫނިއާ ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށުގެ ބައިން އެއް ވަނަ ހޯދައި، 16 އަހަރުން ދަށުގެ ދެ ވަނަ ހޯދައިފަ އެވެ. ޔަސީން، 12، ވަނީ 16 އަހަރުން ދަށުގެ އެއްވަނަ ހޯދައި، 14 އަހަރުން ދަށުގެ ތިން ވަނަ ހޯދައިފަ އެވެ. އުމުރުން 13 އަހަރުގެ ކަޔާން އަރީފް އަކީ 14 އަހަރުން ދަށުގެ ދެ ވަނަ އެވެ. އަދި ނ. ކުޑަފަރި އަށް އުފަން 11 އަހަރުގެ އާލް ވަނީ 14 އަހަރުން ދަށުގެ ހަތް ވަނައަށް ރޭންކް ކުރެވިފަ އެވެ.
ޖޫނިއާ 16 އަހަރުން ދަށުގެ ޓީމުގައި ހިމެނެނީ، މި އުމުރުފުރާގެ ތިން ވަނަ ހޯދި އުމުރުން 15 އަހަރުގެ ސައްޔިދު ސަލާހުއްދީން އާއި 14 އަހަރުން ދަށާއި 18 އަހަރުން ދަށުގެ ހަތަރު ވަނަ އަށް ދިޔަ ކ. ގުރައިދޫ މުހައްމަދު އިނާން، 14، އަދި ގދ. ވާދުއަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ އަހުމަދު ޒަޔާނާއި އަހުމަދު ލުޒެއިން އެވެ. ޒަޔާން ވަނީ 16 އަހަރުން ދަށުގެ ހަތް ވަނައިގައި ރޭންކް ކުރެވިފަ އެވެ. އަދި ލުޒެއިން ރޭންކް ކުރެވިފައި ވަނީ 14 އަހަރުން ދަށުގެ ހަތް ވަނައިގަ އެވެ.
ޒުވާން ޓީމުގެ 18 އަހަރުން ދަށުގެ އެތުލީޓުންނަކީ، ޝާނިފް ޝަފީގް، 16، އާއި މުހައްމަދު ޒަޔާން، 17، އަދި ހުސެއިން އައިހަމް، 16، ގެ އިތުރުން އިސްމާއިލް މަދުހު އަހުމަދު، 16، އެވެ.
މ. މުއްޔަށް ނިސްބަތްވާ ޝާނިފް އަކީ ގައުމީ ސީނިއާ ރޭންކިންގެ 10 ވަނައިގައި ވެސް އޮތް އެތުލީޓެވެ. ޖޫނިއާ ޗެމްޕިއަންޝިޕްގައި އޭނާ ވަނީ 16 އަހަރުން ދަށުގެ ހަތަރު ވަނަ ހޯދައި، 18 އަހަރުން ދަށުގެ ދެ ވަނަ ހޯދައިފަ އެވެ. މުހައްމަދު ޒަޔާން އަކީ 18 އަހަރުން ދަށުގެ ތިން ވަނަ އެވެ.
ދ. ކުޑަހުވަދޫއަށް އުފަން އުމުރުން 16 އަހަރުގެ އައިހަމް އާއި މަދުހު ވަނީ، 16 އަހަރުން ދަށުގެ ކެޓެގަރީގެ ފަސް ވަނައަށް ރޭންކް ކުރެވިފަ އެވެ.
މިދިޔަ އަހަރުގެ ގައުމީ މުބާރާތް، ރަންނަމާރި ޗެލެންޖްގެ ޖޫނިއާ ޑިވިޝަނުގެ ނަތީޖާތަކަށް ބަލައި، އެމްއެސްއޭ އިން ވަނީ މި އަހަރަށް ފުރަތަމަ ފަހަރަށް ފަސް އެތުލީޓުންނާ އެކު ސާފިންގައި ގައުމީ ޖޫނިއާ ޓީމެއް އެކުލަވާލައިފަ އެވެ. އެ ޓީމުގައި ހިމެނެނީ އަހުމަދު އަމީރު، ކަޔާން އަބްދުﷲ އަރީފް، ޔޫސުފް ކަޔާން ހަމްދާން ޒަކީ، މުހައްމަދު ޒަޔާން އަދި ސައްޔިދު ސަލާހުއްދީނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy