ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޕްރިމިއާ ލީގުގައި ހާލަންޑް ހަ މަހުން ހަތަރު ހެޓްރިކް ހަދައިފި

ހާލަންޑް (މ) ގޯލެއް ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ޖެނުއަރީ 22) - އާލިން ހާލަންޑްގެ ހެޓްރިކަކާ އެކު 3-0 އިން މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ވުލްވެސް ބަލިކޮށްފި އެވެ.

ވުލްވްސް އާ ދެކޮޅަށް ފެނުނު ހާލަންޑް ގެ ހެޓްރިކަކީ މި ސީޒަންގައި ޕްރިމިއާ ލީގަށް ބަދަލުވެ، ހަ މަސް ތެރޭ އޭނާ ކާމިޔާބު ކުރި ހަތަރުވަނަ ހެޓްރިކެވެ. އޭނާ ވަނީ ކްރިސްޓަލް ޕެލަސް އާއި ނޮޓިންހަމް ފޮރެސްޓްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ވެސް ހެޓްރިކް ހަދައިފަ އެވެ.

ހާލަންޑް ސިޓީ އަށް ލީޑު ނަގައިދިނީ މެޗުގެ 40 ވަނަ މިނިޓުގައި ކެވިން ޑިބްރޭނާގެ އެހީގަ އެވެ. ދެވަނަ ހާފުގައި އިލްކާއި ގުންޑޮއާން އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއަކުން ހާލަންޑް ދެވަނަ ގޯލު ޖެހީ 50 ވަނަ މިނިޓުގަ އެވެ. އަދި ހެޓްރިކް ފުރިހަމަކުރީ އޭގެ ހަތަރު މިނިޓު ފަހުން ރިޔާދު މަހްރޭޒްގެ އެހީތެރިކަމާއެކު އެވެ.

މިއަހަރު ހާލަންޑް ކުޅުނު ފުރަތަމަ ތިން މެޗުގައި ގޯލެއް ނުޖެހުނު ނަމަވެސް އޭނާ ވަނީ އެންމެ ފަހުން ޓޮޓެންހަމް އަތުން 4-2 އިން ސިޓީ މިޅުވި މެޗުގައި ލަނޑެއް ޖަހައިފަ އެވެ.

މިރޭ ޖެހި ތިން ގޯލާ އެކު އޭނާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން 25 ގޯލު ހަމަކޮށްފަ އެވެ. އަދި މި ސީޒަން ގައި އޭނާ މިހާތަނަށް ކުޅުނު 26 މެޗުން ޖެހި ގޯލުގެ އަދަދު ވަނީ 31 އަށް އަރައިފަ އެވެ.

ހާލަންޑް ހެޓްރިކް ފުރިހަމަ ކުރުމުން އަލްވަރޭޒް އަށް ފުރުސަތު ދޭން ގާޑިއޯލާ އޭނާ ބަދަލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ހާލަންޑްގެ ހެޓްރިކާ އެކު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ 61 ވަނަ މިނިޓުގައި އޭނާގެ ބަދަލުގައި ހޫލިއަން އަލްވަރޭޒް ކުޅެން އަރުވައިފަ އެވެ. އޭނާ އަށް ގޯލު ޖަހަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އެ ހަމަލާ ވުލްވްސްގެ ކީޕަރު ޖޯސޭ ސާ ދިފާއު ކުރި އެވެ.

ހާލަންޑްގެ ހެޓްރިކާ ބެހޭގޮތުން މެޗަށް ފަހު ކޯޗު ގާޑިއޯލާ ބުނީ، އޭނާ އަށް ފުރުސަތު ތަނަވަސް ކޮށްދިން ވަރަކަށް އޭނާ ޖަހާ ގޯލުގެ އަދަދު އިތުރު ވާނެ ކަމަށެވެ.

"އޭނާ އަށް ބޯޅަ ފޯރުކޮށްދޭން ޖެހޭ. އޭނާ ވަށައިގެން ތިބީ މޮޅު ކުޅުންތެރިންތަކެއް. ކޭޑީބީ [ޑިބްރޭނާ] ދިން ބޯޅަ ވަރަށް ރީތި. އޭނާ 24 ގަޑިއިރު ދިރިއުޅެނީ މަސައްކަތާއިގެން،" ގާޑިއޯލާ މެޗަށް ފަހު ބުންޏެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ ސިޓީގެ ކުޅުން އަދިވެސް ރަނގަޅު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ސްޕާސް [ޓޮޓެންހަމް] އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި 2-0 އިން ބަލިވާން ދަނިކޮށް ކުޅުނު ކުޅުމާ ދާދި އެއްގޮތް މިރޭގެ ފުރަތަމަ ހާފު ވެސް،" ސިޓީގެ ކުޅުމާ ގުޅޭގޮތުން ގާޑިއޯލާ ބުންޏެވެ.

"އަހަރެމެން ރަނގަޅު ފުޓުބޯޅައެއް ކުޅުނީ. މި މެޗަށް ކުރިއެރުން ފެނުނު، ހަމައެކަނި މި މެޗަށް. ކުރިއަށް އޮތް މެޗުގައި ވާނެ ގޮތް ބަލަން ޖެހޭނީ."

ލީގު ދެވަނައިގައި އޮތް ސިޓީ ވަނީ މި މޮޅާ އެކު 20 މެޗުން 45 ޕޮއިންޓް ހޯދައިފަ އެވެ. ވުލްވްސް އޮތީ 18 ވަނައިގައި އޮތް ބޯންމަތާ އެއްވަރަށް 17 ޕޮއިންޓް ހޯދައިގެން ތާވަލްގެ 17 ވަނައިގަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454