ކުޅިވަރު / މެންޗެސްޓާ ސިޓީ

އާސެނަލް ކޮޅަށް ޖެހި ގޯލުގެ ހަނދާން އާކުރަމުން އަޑެބަޔޯ ރިޓަޔާކޮށްފި

އާސެނަލް ކޮޅަށް ޖެހި ގޯލަށް ފަހު އަޑެބަޔޯ އުފާފާޅު ކުރަނީ.-- ފައިލް ފޮޓޯ: ގެޓީ އިމޭޖަސް

ޓޯޓޯގެ ކުރީގެ ފޯވާޑް އެމެނުއެލް އަޑެބަޔޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 39 އަހަރުގެ ފޯވާޑްގެ ވިދުން ގަދަވީ 2006 ވަނަ އަހަރު ފްރާންސްގެ މޮނާކޯ ދޫކޮށް އާސެނަލް އާ ގުޅުނު ހިސާބުންނެވެ. އާސެނަލް ގައި ހޭދަކުރި ހަތަރު ސީޒަން ގައި 62 ގޯލު ޖެހި ފޯވާޑް ވަނީ 2008 ވަނަ އަހަރު އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.

ކުޅުން ހުއްޓާލިކަން ހާމަކޮށް އޭނާގެ އިންސްޓަގްރާމް ގައި ހިއްސާކުރި ވީޑިއޯކޮޅުގެ ކެޕްޝަންގައި އޭނާ ލިޔެފައި ވަނީ، އޭނާ ޕްރޮފެޝަނަލް އެތުލީޓެއްގެ ގޮތުގައި ހޭދަކުރީ އާދަޔާ ހިލާފް ދަތުރެއް ކަމަށެވެ. އަދި ކޮންމެ އަޑިގުޑަންތަކެއްގައި ވެސް ސަޕޯޓަރުން އޭނާއަށް ދިން ތާއީދަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އާސެނަލްގެ ސަޕޯޓަރުން އަޑެބަޔޯއާ މެދު ހިތްހަމަ ނުޖެހުނީ 2009 ވަނަ އަހަރު އާސެނަލް ދޫކޮށް 25 މިލިއަން ޕައުންޑަށް މެންޗެސްޓާ ސިޓީއާ ގުޅުމުންނެވެ. ސިޓީއާ ގުޅުނުތާ ދެ މަސް ފަހުން ސިޓީ އިން އަމިއްލަ ދަނޑުގައި 4-2 އިން އާސެނަލް ބަލިކުރި މެޗުގައި އޭނާ ވަނީ ގޯލެއް ޖަހައި، ދަނޑުގެ އަނެއް ފަޅީގައި ތިބި އާސެނަލްގެ ސަޕޯޓަރުންނާ ދިމާއަށް ދުއްވައިގަނެ، އެމީހުންގެ ކުރިމަތީގައި އުފާފާޅު ކޮށްފަ އެވެ.

އެ ގޯލު ޖަހައި އުފާފާޅުކުރުމާ ގުޅިގެން އަޑެބަޔޯ އަށް ވަނީ 25،000 ޕައުންޑްގެ ޖޫރިމަނާ އަކާ އެކު ދެ މެޗުގެ ސަސްޕެންޝަނެއް ވެސް އައިސްފަ އެވެ. އޭގެ ކުރިން އެ މެޗުގައި އާސެނަލްގެ ފޯވާޑް ރޮބިން ވެން ޕާސީގެ މޫނަށް ފައިން އެރުމާ ގުޅިގެން އޭނާ އަށް އިތުރު ތިން މެޗުގެ ސަސްޕެންޝަނެއް ވެސް އަ އެވެ.

އުފާފާޅުކުރި ގޮތާ ގުޅިގެން އޭނާއަށް އަދަބު ލިބުމުން އޭނާ މާފަށް އެދުނެވެ. އަދި ބުނީ އެއީ ޖަޒުބާތުގައި ޖެހިގެން ކުރެވުނު ކަމެއް ކަމަށާއި، އާސެނަލްގެ ސަޕޯޓަރުން ދިޔައީ މެޗު ފެށުނީއްސުރެން އޭނާ އަށް ފުރައްސާރަ ކުރަމުން ކަމަށެވެ.

ސިޓީއަށް ކުޅެމުން އޭނާ ވަނީ ކުރު މުއްދަތުގެ ލޯނު އެއްބަސްވުމެއްގައި ރެއާލް މެޑްރިޑަށް ވެސް ކުޅެފަ އެވެ. އޭގެ ފަހުން ޓޮޓެންހަމް ހޮޓްސްޕާ އާއި ކްރިސްޓަލް ޕެލަސް އަށް ވެސް ކުޅުނު އަޑެބަޔޯ އިނގިރޭސި ވިލާތް ދޫކޮށްލީ 2016 ވަނަ އަހަރު ތުތުކީ ލީގުގެ އިސްތަންބޫލް ބަސަކްސެހިރަށް ބަދަލުވާށެވެ. އޭނާ އެންމެ ފަހުން ކުޅެފައި ވަނީ 2020 ވަނަ އަހަރު ޕެރަގުއާއީގެ އެއް ވަނަ ޑިވިޝަން ލީގުގައި އެ ގައުމުގެ އޮލިމްޕިއާ އަށެވެ.

އުމުރުން 16 އަހަރުގައި 2000 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި އަޑެބަޔޯ ގައުމީ ޖާޒީގައި އެންމެ ފަހުން މެޗެއް ކުޅުނީ 2019 ވަނަ އަހަރެވެ. އެންމެ ފަހު މެޗުގައި އޭނާ ގޯލެއް ވެސް ޖެހި އެވެ. ގިނަ ދުވަސްތަކެއް ވަންދެން ޓޯގޯގެ ކެޕްޓަންކަން ވެސް އަދާކުރި އަޑެބަޔޯ ވަނީ ގައުމީ ޓީމަށް 85 މެޗު ކުޅެދީ، 32 ގޯލު ޖަހައިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އަޑެބަޔޯ ވަނީ 97 ގޯލު ޖަހައިފަ އެވެ. އިނގިރޭސި ލީގުގައި އޭނާ އަށް ވުރެ ގިނަ ގޯލު ޖަހައިފައި ވަނީ އެފްރިކާ ބައްރުގެ ތިން ކުޅުންތެރިންނެވެ. އެއީ 104 ގޯލު ޖެހި ޗެލްސީގެ ޑިޑިއޭ ޑްރޮގްބާ އާއި 111 ލަނޑު ޖެހި، ލިވަޕޫލާއި ސައުތެމްޓަން އަށް ކުޅުނު ސަޑިއޯ މާނޭ (އަދި މިހާރު ވެސް ލިވަޕޫލަށް ކުޅެމުން އަންނަ މުހައްމަދު ސަލާހެވެ. ސަލާހު ވަނީ މިހާތަނަށް 131 ގޯލު ޖަހައިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454