2019 ވަނަ އަހަރުގެ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ޔޫއޭއީ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް
26 މެއި 2023 - 15:26
އަންނަ އަހަރު ގަތަރުގައި ބާއްވާ 23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި އިންޑިއާ އާއި ޗައިނާ އަދި ޔޫއޭއީ އެއް ގުރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.
މި އަހަރުގެ ސެޕްޓެމްބަރު 6-12 އަށް ބާއްވާ ކޮލިފިކޭޝަން ބުރުގައި ރާއްޖެ ހިމެނޭ ގުރޫޕްގެ ކުޅުން އޮންނާނީ ޗައިނާގަ އެވެ.
ކޮލިފައިންގައި 11 ގުރޫޕް ހިމެނޭއިރު، މުބާރާތަށް ހޮވޭނީ ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމެކެވެ. ކޮންމެ ގުރޫޕަކުން ދެވަނަ އަށް ހޮވޭ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމަކަށް ވެސް އަންނަ އަހަރުގެ އޭޕްރީލް 15 އިން މެއި 3 އަށް ގަތަރުގައި ބާއްވާ މުބާރާތުން ފުރުސަތު ލިބޭނެ އެވެ.
ރާއްޖޭން ކޮލިފައިންގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އިންޑިއާއާ ދެކޮޅަށެވެ. ޔޫއޭއީއާ ދެކޮޅަށް ކުޅުމަށް ފަހު، ފަހު މެޗުގައި ކުޅޭނީ ޗައިނާއާ ދެކޮޅަށެވެ.
ޗައިނާ އާއި ޔޫއޭއީ އަކީ ވެސް އާއްމު ގޮތެއްގައި 23 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދާ ޓީމުތަކެވެ. ނަމަވެސް މި މުބާރާތަށް އިންޑިއާ އަދި ކޮލިފައި ވެފައެއް ނުވެ އެވެ.
ރާއްޖޭގެ ސީނިއާ ގައުމީ ޓީމުން ވެސް ޖޫނިއާ ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް މި ފަހުން ދެމުން އައި ނަމަވެސް، ޖޫނިއާ ލެވެލްގައި ޓީމުގެ ނަތީޖާތައް ރަނގަޅު ނުވުމަކީ ރާއްޖޭގެ ފުޓުބޯޅައަށް ލޯބިކުރާ މީހުންގެ ކަންބޮޑުވުމެކެވެ.
އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯއާ އެކު، މި އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ސީނިއާ ގައުމީ ޓީމުގެ ސްކޮޑުގައި ވެސް 23 އަހަރުން ދަށުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ.
އެންމެ ފަހުން ރާއްޖެއިން 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރީ 2021 ވަނަ އަހަރެވެ. ރާއްޖެ ހިމެނުނު ގުރޫޕުގައި އެ ފަހަރު އަފްގާނިސްތާން ހިމެނުނު ނަމަވެސް އެ ޓީމަށް ކުޅެވޭގޮތް ނުވުމުން، ކުޅުނީ އިރާގާއި ބަހްރޭނާ ދެކޮޅަށެވެ. އިރާގުން 4-0 އިން ރާއްޖެ ބަލިކުރި އިރު ބަހްރޭނުން ރާއްޖެ ބަލިކުރީ 3-0 އިންނެވެ. އޭގެ ކުރިން 2019 ވަނަ އަހަރު ވާދަކުރި ކޮލިފައިންގައި ސައުދީ އަރަބިއްޔާ އާއި ލެބަނަން އަތުން ވެސް 6-0 އިން ރާއްޖެ ބަލިވި އިރު ޔޫއޭއީ އަތުން ބަލިވީ 3-0 އިންނެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެލްޕ
27 May 2023
11 ގޯލްކީޕަރުން ގެންދަންވީ މަތި މައްޗަށް ގޯލު ކުރިމަތީ އަތުރާލަން
ޑެނީ
28 May 2023
މިހާރު އެއްމެނަށްވެސް އެނގޭ އެއްޗެއް ދިވެހި ފުޓްބޯޅަ ލަންކާ ބޫޓާން އާއި އެއް ލެވެލް އެއް ކަން ގިނަ މީހުން މާބޮޑު ސައުގެއް ނުދޭ އެނގޭ މޮޅެއް ނުވާނެ ކަން އެކަމް މީގެ 20 އަހަރު ކުރިން ގައުމީ ޓީމޭ ބުންޏަސް ދިވެހިންގެ ލޭ ކެކިލާ