ޕެނަލްޓީ ޖަހައިގެން މޮޅުވުމުން ލޫޓަން ކުޅުންތެރިން އުފާފާޅުކުރަނީ. އެޓީމު ވަނީ ޕްރިމިއާ ލީގުން ޖާގަ ހޯދައިފައި. ފޮޓޯ: ރިއުޓަސް
28 މެއި 2023 - 09:28
ބެޑްފޯޑްޝަޔާ (މެއި 28) - އިނގިރޭސި ޗެމްޕިއަންޝިޕް ޕްލޭއޮފް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 6-5 އިން ކޮވެންޓްރީ ސިޓީ ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ލޫޓަން ޓައުން ހޯދައިފި އެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ލޫޓަންގެ ގޯލު 23 ވަނަ މިނެޓުގައި ޖެހީ ޖޯޑަން ކްލާކް އެވެ. ކޮވެންޓްރީ އަށް 66 ވަނަ މިނިޓުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ގުސްޓާވޯ ހެމާ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލޫޓަންގެ ކެޕްޓަން ޓޮމް ލޮކްޔާ ދަނޑުމައްޗަށް ވެއްޓުމުން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާދީފަ އެވެ. ލޫޓަން އިން ބުނީ ޓީމުގެ ކެޕްޓަން ހޮސްޕިޓަލަށް ގެންގޮސް ފަރުވާކުރުމުން މިހާރު ހަރަކާތްކޮށް ވާހަކަދައްކާ ކަމަށެވެ.
އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ދެ ޓީމުން ވެސް ވަނީ ފުރަތަމަ ފަސް ޕެނަލްޓީ ވައްދާލައިފަ އެވެ. ލޫޓަންގެ ހަ ވަނަ ޕެނަލްޓީ ކާމިޔާބުކޮށް ކޮވެންޓްރީ އަށް ވައްދާނުލެވުނީ އެޓީމުގެ ފެންކަޓީ ޑަބޯ ޖެހި ފަހު ޕެނަލްޓީ އެވެ. އޭނާ ޖެހި ޕެނަލްޓީ މާމަތިން ބޭރަށް ދިއުމާ އެކު ލޫޓަން އަށް ޕްރިމިއާ ލީގުގެ ޖާގަ ކަށަވަރުވި އެވެ.
ލޫޓަން އިން ޕްލޭއޮފް މެޗު ކާމިޔާބުކޮށް ޓްރޮފީ އުފުލާލަނީ. 210 މިލިއަން ޑޮލަރުގެ އެ މެޗަކީ ދުނިޔޭގައި ކުޅޭ އެންމެ އަގުބޮޑު މެޗު. ފޮޓޯ: ގެޓީ އިމޭޖަސް
ލޫޓަން ޕްރިމިއާ ލީގަށް ކުރީ އާދަޔާހިލާފު ދަތުރެކެވެ. މީގެ 14 އަހަރު ކުރިން 2009 ގައި އިނގިރޭސި ފަސް ވަނަ ޑިވިޝަނަށް ރެލިގޭޓްވެ މާލީ ބޮޑެތި މައްސަލަތައް ކުރިމަތިވި އެވެ. އެކަމަކު އަހަރުން އަހަރަށް ކުރިއެރުން ހޯދަމުން އައިސް 2019 ވަނަ އަހަރު އިނގިރޭސި ޗެމްޕިއަންޝިޕުން ފުރުސަތު ހޯދި އެވެ.
އިނގިރޭސި އެންމެ މަތީ ލީގުގައި ލޫޓަން އެންމެ ފަހުން ކުޅުނީ 31 އަހަރު ކުރިން 1992 ވަނަ އަހަރު އެވެ. މިއީ އިނގިރޭސި ލީގު ޕްރިމިއާ ލީގަށް ރީބްރޭންޑް ކުރި ފަހުން އެޓީމަށް ލީގުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
އެޓީމު ޕްރިމިއާ ލީގަށް ޕްރޮމޯޓްވުމުން ހާއްސަވާ އެހެން ކަމެއް ވެސް އެބައޮތެވެ. އާދައިގެ ގޮތަކަށް ހަދައިފައިވާ އެ ޓީމުގެ ދަނޑު، " ކެނިލްވޯތު ރޯޑް ސްޓޭޑިއަމް" އަކީ 10،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. ލޫޓަންގެ ދަނޑު ވެގެންދާނީ އަންނަ ސީޒަނުގެ ޕްރިމިއާ ލީގުގައި އެންމެ މަދުން ސަޕޯޓަރުން ވަދެވޭ ދަނޑަށެވެ. ލީގުގައި މިހާރު ކުޅޭ ޓީމުތަކަށް ބަލާއިރު އެންމެ މަދުން ސަޕޯޓަރުންނަށް ވަދެވޭ ދަނޑަނީ ބޯންމައުތުގެ ސްޓޭޑިއަމް އެވެ. އެ ދަނޑުގެ ކެޕޭސިޓީ އަކީ 11379 އެވެ.
ޕްރިމިއާ ލީގުގެ ފެންވަރަށް ގެންނަން ލޫޓަން އިން ސްޓޭޑިއަމްގެ މަރާމާތަށް 10 މިލިއަން ޑޮލަރު ހަރަދުކުރަން ޖެހޭނެ އެވެ. އެ ސްޓޭޑިއަމް އެންމެ ފަހުން މަރާމާތުކުރީ 2005 ވަނަ އަހަރު އެވެ.
އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން އަލަށް ޖާގަ ހޯދީ ލޫޓަންގެ އިތުރުން ބާންލީ އާއި ޝެފިލްޑް ޔުނައިޓެޑެވެ. ޕްރިމިއާ ލީގުން މި ސީޒަނުގައި ރެލިގޭޓްވި ފުރަތަމަ ޓީމަކީ ސައުތެމްޓަން އެވެ. ފަހު މެޗުތަކަށް މިރޭ ކުޅޭއިރު ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަމުން އަންނަނީ ލެސްޓާ ސިޓީ އާއި ލީޑްސް ޔުނައިޓެޑް އަދި އެވަޓަން އެވެ.
ޕްރިމިއާ ލީގުގެ ފަހު މެޗުތައް ފަށާނީ މިރޭ 8:30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy