ފުޓްބޯޅަ މާކެޓްކުރަން ބޮޑު ބަޖެޓެއް، ވަރުގަދަ ޓީމެއް

ދިވެހި ފުޓްބޯޅަ މާކެޓްކުރުމަށްޓަކައި އެފްއޭއެމުން ތިން މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި ވަރުގަދަ މާކެޓިން ޑިޕާޓްމަންޓެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި އެވެ.


މިދިޔަ ހޮނިހިރު ދުވަހު އެފްއޭއެމުން ފާސްކުރި ބަޖެޓުގައި މާކެޓިން އަށް ތިން މިލިއަން ރުފިޔާ ކަނޑައެޅުމުގެ އިތުރުން ވަނީ އެފްއޭއެމަށް ޓިކެޓް ވިއްކައިގެން 2.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖަހައިފަ އެވެ. އެފްއޭއެމުން އަންޒާދާކޮށްފައިވާ ގޮތުން އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި ފަލަސްތީނާއި އޮމާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުން އެއް މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި ދިވެހި ޕްރިމިއާ ލީގުގެ ގޭޓް ފައިސާގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ޖަހާފައިވެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މާކެޓިންގެ މަސައްކަތް ފަށައިގަނެވުމާ އެކު ދަނޑަށް މީހުން ވަންނަ މިންވަރު އިތުރުކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ސީޒަން ފެށިގެން މިހާތަނަށް އައިއިރު އެ މަސައްކަތް ނުފެށި އޮތީ ނަމެއްގައި އެކަން ކުރަން ބޭނުންނުވާތީ ކަމަށެވެ. ބޭނުންވަނީ ވަރުގަދަ ބަޔަކު ހިމަނައިގެން ފުރިހަމަކޮށް އެ މަސައްކަތް ކުރިއަށް ގެންދަން ކަމަށާއި އެގޮތުން ރާއްޖޭގެ ބޮޑު ކުންފުންޏެއްގެ މާކެޓިންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ބޭފުޅަކު އެފްއޭއެމްގެ މާކެޓިން ޓީމް ހެޑްކުރަން އެއްބަސްވެފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ވަރުގަދަ ބަޔަކު އޭގެ ތެރޭގައި ހިމެނިގެން މިކަން ކުރަން. ކޮންމެ ގޮތެއް ވިޔަސް ދިވެހިރާއްޖޭގެ އެއް ނަމްބަރު ކުޅިވަރަކީ ފުޓްބޯޅަ. ފުޓްބޯޅައިގެ މާކެޓިން އުޅެން ޖެހޭނީ މިދާއިރާއިން ހޮވާލެވޭ ބަޔަކު. އަޅުގަނޑު އުއްމީދުކުރަނީ އެއް މަސް ތެރޭ ޑިޕާޓްމަންޓް ފުލީ ފަންކްޝަން ވާނެ ކަމަށް،" ބައްސާމް ވިދާޅުވި އެވެ. "މާކެޓިން ޓީމު އުފެދި ދިވެހި ފުޓްބޯޅައިގެ ތެރެއަށް އެ ޓީމު ފައްކާވެލުމާ އެކު ދަނޑަށް މީހުން ވެއްދޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް."

ބައްސާމް ވިދާޅުވީ މާލޭ ލީގުގެ މެޗުތަކަށް މިވަގުތު ޓިކެޓް ނުވިއްކި ނަމަވެސް ގައުމީ ޓީމުގެ މެޗުތަކާއި ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކުގައި ޓިކެޓް ވިއްކާނެ ކަމަށެވެ. ބައްސާމް ވިދާޅުވީ ޕްރިމިއާ ލީގުގައި އަތޮޅުތެރޭގެ ޓީމުތައް ހިމެނޭތީ އެ މުބާރާތުގައި ސަޕޯޓަރުންގެ އަދަދު އިތުރުވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށެވެ.

"ޕްރިމިއާ ލީގުގެ ހަތަރު ޓީމަކީ އަތޮޅުތެރެއިން އަންނަ ޓީމުތައް. ވަރަށް ބައިވަރު ސަޕޯޓަރުން ތިބޭނެ އެ ޓީމުތަކުގައި. މިފަހަކަށް އައިސް ފަސްޓް ޑިވިޝަނުން ވެސް ނުފެނޭ އެ ޓީމުތަކަށް އޮތްވަރުގެ ސަޕޯޓެއް. އެކަށީގެންވާ އަދަދަކަށް މީހުން ވަދެގެންދާތަން ފެންނާނެ ކަމަށް އުއްމީދުކުރަނީ،" ބައްސާމް ވިދާޅުވި އެވެ.