22 ޖެނުއަރީ 2025 - 11:23
މެންޗެސްޓާ (ޖެނުއަރީ 22) – މެންޗެސްޓާ ޔުނައިޓެޑުން އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ކުޅުންތެރިން ދެއްކި ދަށް ކުޅުމާ މެދު ހިތްހަމަނުޖެހި، ކޯޗު ރުބެން އަމޯރިމްގެ ރުޅިގަނޑު ފަޅައިގެން ގޮސް ޓީމުގެ ޗޭންޖިން ރޫމްގައި ހުރި ޓީވީ ތަޅާލައިފި އެވެ.
ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅެ ޔުނައިޓެޑް ބަލިވީ 3-1 ންނެވެ. އެ މެޗުގައި އެ ޓީމުން ދެއްކި ދަށް ކުޅުމަށް ފަހު އަމޯރިމް ވަނީ އެ ޓީމުގެ ފެންވަރަށް ވެސް ފާޑު ކިޔައިފަ އެވެ.
މެޗަށް ފަހު ޗޭންޖިން ރޫމުގައި ވަރަށް ހަރުކަށިކޮށް ކުޅުންތެރިންނަށް ހަޅޭލެއްވި ކަމަށް ޓެލެގްރާފް ނޫހުން ބުންޏެވެ. އަދި އެކަންތައްގަނޑުގެ ތެރޭގައި ޗޭންޖިން ރޫމްގައި ހުރި ޓީވީގެ ސްކްރީން ތަޅާލި ކަމަށް ޔުނައިޓެޑްގެ އެތެރޭގެ މަސްދަރަކާ ހަވާލާދީ އެ ނޫހުން ބުންޏެވެ. އެކަމަކު ޓީވީ ތަޅާލީ އެއްޗަކު އެއްލައި ޖަހައިގެން ކަމެއް ނުވަތަ އޭނާގެ އަތުން ޖަހައިގެން ކަން ޔަގީން ނުވާ ކަމަށް ޓެލެގްރާފުން ބުންޏެވެ.
ޔުނައިޓެޑް އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ހަ މެޗުން ވަނީ ބަލިވެފަ އެވެ. ނޮވެމްބަރު މަހު ޔުނައިޓެޑާ ހަވާލުވެ އަމޯރިމް ވަނީ އެ ޓީމުގެ އިނގިރޭސި ފޯވާޑް މާކޯސް ރަޝްފޯޑާ ވެސް ޓީމު ބޭރުކޮށްފަ އެވެ.
އެ ޓީމުގެ ސްކޮޑުން އަމޯރިމް ބޭނުން ނުވާ ކުޅުންތެރިންގެ ލިސްޓެއް ޔުނައިޓެޑްގެ މެނޭޖްމެންޓަށް އޭނާ ވަނީ ދީފަ އެވެ.
ޔޫރޮޕާ ލީގުގެ ރޭންޖާސްއާ ދެކޮޅަށް މާދަމާ ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި މިއަދު އަމޯރިމް ނޫސްވެރިންނާ ބައްދަލު ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމުދުން
22 January 2025
ކަލޭ ދެން ކޮން ބެވުމެއް ބަވާކަށް. ޓީމްގެ ފެންވަރު ނެތޭ ބުނާއިރު، ކަލޭގެ ހުރީ ކޮންފެންވަރެއް. ޓެންހާގް ކަޑަވެގެން ކަލޭ ގެނައީ. ޓީމް ރަނގަޅުކުރަން. އެކަމް ކަލެއަކަށް ނުވި އެކަމެއް.