25 މާޗް 2025 - 18:40
އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި 4-1 އިން ފިލިޕީންސް އަތުން ބަލިވެއްޖެ އެވެ.
ރާއްޖެ މި މެޗަށް ނުކުތީ އެންމެ ފަހުން އިންޑިއާއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި ފެށި އަހުމަދު އައިހަމް (ފަތޯ) ގެ ބަދަލުގައި ހުސެއިން ނިހާން (ނިހާޓް) ކުޅެން އަރުވައިގެންނެވެ.
ފުރަތަމަ ހާފު އެއްކޮށް ފިލިޕީންސް ޑޮމިނޭޓް ކުރި މި މެޗުގައި އެޓީމު ވަނީ ފުރަތަމަ 20 މިނިޓުތެރޭ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެގޮތުން ފުރަތަމަ ކޯނަރުގައި ލީޑު ނަގައިދިން ގޯލު ހަވަނަ މިނިޓުގައި ޖަހައިދިނީ ޖެފަސަން ޓަބީނާސް އެވެ. އަދި 19 ވަނަ މިނިޓުގައި ލީޑު ފުޅާ ކުރި ގޯލު ޖަހައިދިނީ ނޯވޭގައި ކުޅޭ ބިޔާން މާޓިން ކްރިސްޓެންސެން އެވެ.
ދެވަނަ ހާފު ރާއްޖެ ފެށީ މުހައްމަދު ނާއިމްގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) ކުޅެން އަރުވައިގެންނެވެ. މި ހާފުގައި ރާއްޖޭން ކުޅުން ރަނގަޅު ކޮށް ފުރުސަތުތަކެއް ހޯދުމުގެ ނަތީޖާއެއްގެ ގޮތުން 62 ވަނަ މިނިޓުގައި ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. ހުސެއިން ސިފާއު (ކުރޯ) ނަގައިދިން ހުރަހަކުން މި ގޯލު ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.
ރާއްޖޭން ފަރަގު ކުޑަ ކުރުމާ އެކު ފިލިޕީންސުން ވަނީ އެއްފަހަރާ ތިން ބަދަލު ގެނެސް އަލުން މެޗުގެ ކޮންޓްރޯލް ހޯދަން މަސައްކަތް ކޮށްފަ އެވެ.
ނަތީޖާއެއްގެ ގޮތުން 77 ވަނަ މިނިޓުގައި ފިލިޕީންސް ވަނީ ތިންވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖަހައިދިނީ މި މެޗުގައި އެޓީމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރި މިޑްފީލްޑަރު ރޭންޑީ ޝްނެއިޑާ، 23، އެވެ. މިއީ ސްވިޒަލެންޑްގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅުމަށް ފަހު ސީނިއާ ލެވެލްގައި އޭނާގެ މަންމަގެ ގައުމު ތަމްސީލުކުރި ފުރަތަމަ މެޗު ވެސް މެއެވެ.
މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ފިލިޕީންސްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ޖަރުމަން ލީގުގައި ކުޅޭ 21 އަހަރުގެ މިޑްފީލްޑަރު ސަންޑްރޯ ރެޔޭސް އެވެ.
ކޮލިފައިންގެ ގުރޫޕް އޭގައި ރާއްޖެ އާއި ފިލިޕީންސާ އެކު ދެން ހިމެނެނީ ތަޖިކިސްތާނާއި ޓީމޯ ލެސްޓޭ އެވެ. ތަޖިކިސްތާޏް ވަނީ މިއަދު 1-0 އިން ޓިމޯ ލެސްޓޭގެ މައްޗަށް ކުރި ހޯދައިފަ އެވެ.
ކޮލިފައިންގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ ޖޫން މަހު ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭނެ އެވެ. އަދި އޮކްޓޫބަރު މަހު ތަޖިކިސްތާނާ ދެކޮޅަށް ވެސް ކުޅޭނީ ރަށުން ބޭރުގަ އެވެ. އެއަށް ފަހު ރާއްޖޭގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅުމަށް ފަހު ނޮވެމްބަރު މަހު ފިލިޕީންސާ ދެކޮޅަށް ވެސް ގަލޮޅު ދަނޑުގައި ކުޅޭނެ އެވެ. ކޮލިފައިންގެ ފަހު މެޗުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭގައި ކުޅޭނީ އަންނަ އަހަރު މާޗު މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިނަރެސް
26 March 2025
ފުޓްބޯޅަ ހަލާކުކޮށްލާފަ، ތިބޭ ފުޓްސަލް ކުޅެން.
އިހްސާސް
26 March 2025
ރާއްޖެކުޅުންތެރިން މިހާރު ކުޅެނީ ތިކަހަލަ ފުޓުބޯޅައެއް ނޫން.
އަންފެއަރ ޖަޖިން
26 March 2025
ތަފާތަކީ، ޕިލިޕީންސް ޓީމުގަ އަހަރުތަކެއްކުރިން ރާއްޖެއާ ދެކޮޅަށް ކުޅުނު އިރު ކުޅުނު އެއްމެ ކުޅުން ތެރިއަކުވެސް ހުރިހެނެއް ހިއެއްނުވޭ. އެކަމަކު ރާއްޖޭގަ ސޭމް ކުޅުންތެރިން، މީގެ 15 އަހަރު ވެސް ކުޅުނު ކުޅުންތެރިން އަދިވެސް ހަމަ ތަޖުރިބާ ހޯދަން ހަހަހާ އަހަރުން އަހަރަކަށް ޕާފޯމޭންސް ދަށަށް ދަމުންގޮސް މިހާރު ބޫޓާން. ނޭޕާލް، ލަންކާ އާއި ކުޅެވަނީ ބަލި، 11 ކުޅުންތެރިން ގޯލްކުރިމަތީގަ، ބޯޅަ ކޮންޓުރޯލެއް ނުކުރެވޭ، ޕާހެއް ނުކުރެވޭ، ކުޅުންތެރިން އުމުރުން 40+
ޙާދިސާ
26 March 2025
ރޭގަ ދިރާގު ހެޑު އޮފީސް ކައިރީގަ ހުންނަ ދަނޑުގަ ބަސް ސުޓޮޕު ކައިރީގަ ބަހަށް ނުދެވޭ ގޮތަށް ޕާކު ޖަހައިގެން ދެން އަޅާ މަގުގަވެސް 1 ލޭނު ގެ ބޮޑުބައި ނަގައިގެން، ފަހު 10 ގައި ގަދައަށް އަޑުނަގާފަ އެ ކުޅެލި މެޗުގައި ކުޅުނު މީހުން އަރުވަންވީނު ތި ގައުމީ ޓީމަށް؟
ޖާނޭ
26 March 2025
ހައްވަޅޭ މެންލައިގެން މިކަމެއް ނުވާނެ..
ޓިންޓިން
26 March 2025
ރާއްޖޭގެ ފުޓްބޯޅަށް ހަލާކުވާން ދިމާވި ސަބަބަކީ ފުޓްސެލް މުޅިރާއްޖޭގަ ފުޓްސެލް ދަނޑުތައް އަޅާ ދިވެހި ހުރިހާ ޒުވާނުން ލޯބިޖެއްސުވީ ފުޓްސެލްއަށް ރަށްރަށުގައި ހުރި ބޮޑެތި ދަނޑިތައް ފަޅުވީ އެއް ދަނޑުތަކަށް ކުޅެލަން އަރާނެއް ޒުވާނުންނުވީ ..!!
އިކްލީލް
25 March 2025
ރާއްޖެ އަތުން މީގެ ކުރިން ބޮޑު ތަފާތަކުން ބަލިވާ ބޫޓާން އެހެރަ ގަދަފަދަ ޔަމަން އާ އެއްވަރު ކުރީ. ރާއްޖެއަށް މިއުޅެނީ ފިލިޕީންސް ވެސް ބަލިނުކުރެވިގެން. މިހާރު ނޭޕާލް ބޫޓާން އާ ޖެހުނަސް ރާއްޖެ ދާނީ ސުމަކުން. ރާއްޖޭގެ ފުޓުބޯޅަ ހަލާކުވެގޮސް ނިމިއްޖެ. މާޒިޔާގެ ނިވާފަތްގަނޑު ދަށުން ބައްސާމާއި އަލީ އުމަރުމެން ދިން ކޮޅުކެހި މީ
މަބުނީ
25 March 2025
ކުޅި ވަރުގެ ދުނިޔެއިން ބޭބެ އެންމެ ދެކެން ބޭނުން ވާ ދުވަހަކީ: ދިވެހި ރާއްޖެ ވޯލްޑްކަޕަށް ކޮލިފައިވެ، މެޗުތަކުން މޮޅުވެ، ފައިނަލް ގައިކުޅެ މޮޅުވެ، ވޯލްޑްކަޕް ތަށި ހިފައިގެން ރާއްޖެ އަންނަ ދުވަސް..
އެއްވެސް އެކުލުންތެރިކަމެއް ނެތް
26 March 2025
ތިކަން ކޮށްދެއްނު ކޮމެންޓޭޓަރު
ޙައިގުބަސް
25 March 2025
ޜާއްޖޭގެ ފުޓްބޯޅަ އަޑި އަޅާލައިފި
ސުޒޭނު
25 March 2025
ބަލަ އެޓީމު މާ މޮޅީއޭ. އެއީ މަގޭ ކުށެއްތަ؟