14 އެޕްރީލް 2025 - 00:44
ލިވަޕޫލް (އޭޕްރީލް 14) - ވެސްޓް ހޭމް ޔުނައިޓެޑާ އެއްވަރުވާން ދަނިކޮށް ފަހު ވަގުތު ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ގޯލު ޖަހައި 2-1 އިން މޮޅުކޮށްދީ، ލީގު ޔަގީން ކުރުމާ ގާތަށް ޖެހިލައިފި އެވެ.
މުހައްމަދު ސަލާހުގެ އެސިސްޓަކުން ލުއިސް ޑިއާޒް 18 ވަނަ މިނިޓުގައި ލިވަޕޫލަށް ލީޑު ނަގައިދިން ގޯލުން ލީޑު ކުރަނިކޮށް ވެސްޓް ހޭމް ނަތީޖާ އެއްވަރު ކުރީ 86 ވަނަ މިނިޓުގައި އެންޑީ ރޮބާޓްސަން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
ލިވަޕޫލް މޮޅުވި ލަނޑު 89 ވަނަ މިނިޓުގައި ވެން ޑައިކް ޖެހީ ރޮބާޓްސަން ނެގި ކޯނަރަކުން ލިބުނު ފުރުސަތެއްގައި ބޮލުންނެވެ.
"އަހަރެން ވަރަށް ފަހުރުވެރިވެއޭ ބުނެވޭނެ މިއަދު، ލީގުގައި ލިވަޕޫލްގެ ކެޕްޓަންގެ ގޮތުގައި ކުޅުނު 100 ވަނަ މެޗު ވީމަ، އަދި ހިލްސްބަރާ އެނިވާސަރީ [1989ގެ އެފްއޭ ކަޕް ސެމީ ފައިނަލްގެ ލިވަޕޫލް މެޗަށް ވަން ސަޕޯޓަރުން ފިތިގެން 97 މީހުން މަރުވި ދުވަހަށް އަހަރުފުރޭ ދުވަސް] ވީމަ ޖަޒުބާތީ ވެސް ދުވަހެއް،" މެޗަށް ފަހު ވެން ޑައިކް ބުންޏެވެ.
"އަހަރެމެންގެ ޓާގެޓަކީ ވެސް ތިން ޕޮއިންޓް ޔަގީން ކޮށް، ތައްޓާ ގާތަށް ޖެހިލުން. ކުޅުންތެރިންނާއި ސްޓާފުން އެކަންޏެއް ނޫން، ލިވަޕޫލާ ގުޅުން ހުރި އެންމެންނަށް ވެސް. މިވަގުތު އެންމެ މުހިއްމު ކަމަކީ އެއީ."
ލިވަޕޫލް އެއް ވަނައިގައި އޮތީ 32 މެޗުން 76 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އާސެނަލް އަށް ލިބިފައި ވަނީ 63 ޕޮއިންޓެވެ. ތަށި ޔަގީން ކުރަން ލީގުގައި ބާކީ އޮތް ހަ މެޗުން ލިވަޕޫލަށް ބޭނުން ވަނީ ހަ ޕޮއިންޓެވެ.
ރޭގެ ފުރަތަމަ ގޯލު އެސިސްޓް ކޮށްގެން ސަލާހު ވަނީ ލީގުގައި މި ސީޒަންގައި 45 ގޯލުގައި ހިއްސާ ވެގެން އާ ރެކޯޑެއް ގާއިމް ކޮށްފަ އެވެ. އެއީ 27 ގޯލު ޖަހައި 18 އެސިސްޓް ކޮށްގެންނެވެ.
މީގެ ކުރިން މި ރެކޯޑް އޮތީ 2002/2003 ސީޒަންގައި 44 ގޯލުގައި ސިއްސާވި އާސެނަލްގެ ތިއެރީ އޮންރީ އާއި 2022/2023 ސީޒަންގައި 44 ގޯލުގައި ހިއްސާވި މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑް އަތުގަ އެވެ.
މެޗަށް ފަހު ސަލާހު ބުނީ، މިފަހަރުގެ ތައްޓަކީ ސަޕޯޓަރުންނަށް ހާއްސަ ތައްޓަކަށް ވާނެ ކަމަށެވެ.
"ސަޕޯޓަރުންގެ މަސައްކަތަށް ތައްޓެއް ހައްގު ހަގީގަތުގައި. ކުރިން އަހަރެމެން ތަށި ނެގީ ލޮކްޑައުންއެއްގެ ތެރޭގައި، މިފަހަރު ސަޕޯޓަރުންނަށް ތަށި ހޯދައިދިނުން އެންމެ މުހިއްމީ،" ސަލާހު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy