އާސެނަލް އާއި ބޯންމައުތުގެ މެޗުގެ ތެރެއިން: މެޗުން ބަލިވެ އާސެނަލް އަށް ވަނީ ޕްރެޝަރު ކުރިމަތިވެފަ
04 މެއި 2025 - 12:15
ލަންޑަން (މެއި 4) – ބޯންމައުތު އަތުން 2-1 ން ބަލިވެ އާސެނަލް އަށް ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމު ވެސް ގެއްލިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
ޕްރިމިއާ ލީގު ރޭހުގައި ލިވަޕޫލާ ވާދަކުރަން އެންމެ ބޮޑު ފުރުސަތު ލިބުނު އާސެނަލަށް އެކަން ހާސިލެއް ނުވި އެވެ. އެކަމަކު މިހާރު ލީގުގެ ދެ ވަނަ މަގާމު ވެސް އެ ޓީމަށް ހިފަހައްޓާ ނުލެވިދާނެކަމުގެ ބިރު އެބައޮތެވެ.
މި ސީޒަންގެ ކުރީކޮޅާއި މެދުތެރޭގައި ނަތީޖާތައް އެއްވަރެއްގައި ނުހިފެހެއްޓުނު މެންޗެސްޓާ ސިޓީން މިހާރު ވަނީ އެއްވަރެއްގައި ކުޅުން ދަމަހައްޓައި މެޗުތަކުން ނަތީޖާ ނެރެމުންނެވެ.
ކުރިން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ނުވާނެ ހިސާބުގައި އޮތް ސިޓީން މިހާރު ވަނީ ތިން ވަނަ އަށް ޖެހިލައި އާސެނަލްއާ ތިން ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ.
އާސެނަލްގެ ކޯޗު މިކަލް އާޓެޓާގެ ކުރިމަތީގައި މިހާރު އޮތް އެންމެ ބޮޑު ޓާގެޓަކީ ޔޫއެފާ ޗެމްޕިއަންސް ލީގެވެ.
ބޯންމައުތު މެޗުން މޮޅުކޮށް ދިން ލަނޑު ޖެހި އެވަނިލްސަން
އެ މުބާރާތުގެ ސެމީ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް އާސެނަލް ކުޅޭ ދެވަނަ ލެގް މެޗު ބުދަ ދުވަހުގެ ރޭ އޮންނާނެ އެވެ. ފުރަތަމަ ލެގު މެޗު ލަންޑަންގައި ކުޅެ ޕީއެސްޖީން ކާމިޔާބު ކުރީ 1-0 އިންނެވެ.
ރޭގެ މެޗުން މޮޅުވިނަމަ ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު ބޮޑު ހިތްވަރަކަށް ވާނެ ކަމަށް އާޓެޓާ ބުންޏެވެ.
"އެހެންވީމަ އަހަރެމެން ޖެހޭނީ ޕެރިހުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކައި، މެޗުން މޮޅުވެ، ފައިނަލަށް ދިއުމުގެ އުއްމީދުގައި އެ ހިތްވަރު ބޭނުން ކުރަން،" އާޓެޓާ ބުންޏެވެ.
ރޭ ކުޅުނު މެޗަކީ ޑެކްލަން ރައިސް އާސެނަލް އަށް ކުޅުނު 100 ވަނަ މެޗެވެ. މެޗުގައި ފުރަތަމަ ލީޑު ވެސް އާސެނަލް އަށް ނަގައި ދިނީ އޭނާ އެވެ.
އެކަމަކު ދެ ވަނަ ހާފުގައި ޑީން ހައުސަން އާއި އެވަނިލްސަންގެ ލަނޑުން ބޯންމައުތަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
04 May 2025
ހާދަ ދެރައޭ. ލީގް ބޮޓުލްވަމުން އަނަންތާ އެތައް އަހަރެއްވެއްޖެ. މިހާރު 2 ވަނަ ވެސް ބޮޓުލްވާން މިދަނީ.އަހަރުމެން މިކަމާއި ވަރަށް ހިތާމަކުރަން.ލީގްގަ ދެން އެންމެ އަވަހަށް ކުޅެން ޖެހޭނީ ލިވަޕޫލާއެކު ، އޭގެ ފަހުން ނިއުކާސަލް.ވަރަށް އުނދަގޫ 2 ހަފްތާ ކުރިމަތީގަ އޮތީ.އުއްމީދަކީ ރަނގަޅު ފައިޓެއްދީ 2 ވަނަ މަގާމްގަ ނިންމާލުން.ވ.ވެދުން
އަކްރަމް އ ގަނީ
05 May 2025
ރަށުތެރޭން އެހެން ކަމަކާ އުޅޭ. ޕީ އެސް ޖީ އަތުން ވެސް މެޅޭނެ.