އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު ޕޯލް ތޯމަސް ސްމޯލީ އާއި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް: އެފްއޭއެމުން އެއް މިލިއަން ޑޮލަރު ހޯދަން ސްމޯލީ ވަނީ ޑިމާންޑް ކޮށްފަ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
16 ޖޫން 2025 - 11:17
އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު އިންގްލެންޑްގެ ޕޯލް ތޯމަސް ސްމޯލީ، އެ އެސޯސިއޭޝަނުން އެއް މިލިއަން ޑޮލަރު ހޯދަން ޑިމާންޑް ކޮށްފި އެވެ.
އެފްއޭއެމްގެ ކުރީގެ ލިޑާޝިޕުން އެ އިދާރާގެ ޓެކްނިކަލް މަސައްކަތުގެ އެންމެ އިސް މަގާމަށް ސްމޯލީ ހަމަޖެއްސީ ޖުލައި 2023 ގަ އެވެ.
އޭގެ ކުރިން ބަންގްލަދޭޝްގެ އެފްއޭގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު އަދާކުރި ސްމޯލީއާ އެކު އެފްއޭއެމުން އެއްބަސްވުން ހެދީ ފަސް އަހަރުގެ މުއްދަތަކަށެވެ.
އެކަމަކު އެއްބަސްވުމަށް އަހަރެއް ފަހުން ރާއްޖޭގެ މަގާމުން އޭނާ އަތް ދޫކޮށްލި އެވެ. އެފްއޭއެމްގެ އޭރުގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް އޭރު ވިދާޅުވީ ސްމޯލީ ރާއްޖެ ދޫކޮށް ދިޔައީ އޭނާއާ އެކު ހެދި އެއްބަސްވުން ހަމަވުމުން ކަމަށެވެ.
ޖައުޝަން އޭރު ވިދާޅުވި ގޮތުން ގަތަރު އެފްއޭއިން މުސާރަ ދޭ ގޮތަށް ސްމޯލީއާ އެކު ސޮއި ކުރީ އަހަރުން އަހަރަށް އެއްބަސްވުން އާ ކުރާ ގޮތަށެވެ.
އެކަމަކު އޭނާ މިހާރު ޑިމާންޑް ކުރަނީ އޭނާއާ އެކު އެއްބަސްވުން ހެދި ފަސް އަހަރުގެ މުއްދަތުގެ މުސާރައަށް ވާ އެއް މިލިއަން ޑޮލަރު ހޯދުމަށެވެ.
ސްމޯލީ: އޭނާގެ މަސައްކަތާ މެދު ކުރިން ވެސް ވަނީ ސުވާލު އުފައްދާފައި. --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭނާއާ އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި އެފްއޭއެމްގެ އޭރު ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ސްމޯލީގެ މުސާރަ ހާމަ ކުރެވެން ނެތް ކަމަށެވެ. އެއީ ގަތަރުގެ އެފްއޭއާ އެކު އޮގޮތަށް އެއްބަސްވެފައިވުމުން ކަމަށް ބައްސާމް ވިދާޅުވެފައިވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސްމޯލީ އަށް މުސާރައިގެ ގޮތުގައި މަހަކު 20،000 ޑޮލަރު (308،400ރ.) ދިނުމަށް އެފްއޭއެމުން އެއްބަސްވި އެވެ.
އޭނާ ޑިމާންޑް ކުރަނީ އޭނާ އަށް ފަސް އަހަރުތެރޭ ދޭން ޖެހޭ މުސާރައަށް ވާ 1.2 މިލިއަން ޑޮލަރު (18.5 މިލިއަން ރުފިޔާ) ހޯދުމަށެވެ.
އެ ފައިސާ އެފްއޭއެމުން ހޯދަން އޭނާ ވަނީ އެފްއޭއެމަށް ހުށަހަޅާފަ އެވެ.
ރާއްޖޭގެ މަގާމާ އޭނާ 2023 ގައި ހަވާލުވީ ބަންގްލަދޭޝްގެ އެފްއޭއާ އެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން ބާކީ އެއް އަހަރު އޮއްވަ އެވެ. ބަންގްލަދޭޝްގެ މީޑިއާތަކުން ތުހުމަތު ކުރަނީ ބަންގަލަދޭޝްގެ ކޮންޓްރެކްޓް އާ ކުރަން އޭނާ ބޭނުން ނުވީ މުސާރަ ބޮޑުކޮށް ދޭން އެ ފެޑެރޭޝަނުން ބޭނުން ނުވުމުންނެވެ. ނަމަވެސް އެ ތުހުމަތުތައް ސްމޯލީ ދޮގު ކުރި އެވެ.
ސްމޯލީގެ މަސައްކަތާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ. އޭނާ ރާއްޖޭގައި ބޭއްވި އޭ ލައިސެންސް ކޯޗިން ކޯސް އޭއެފްސީން އެޕްރޫވް ނުކުރާތީ ކޯސް ފުރިހަމަ ކުރި ކޯޗުންނަށް އަދިވެސް ލައިސެންސެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮކަޑި
17 June 2025
18.5 މިލިއަން ރުފިޔާ ހޯދަން ފަރަންޖީއަކު ހުށައެޅިއިރު އޭނާ އާއި ހަވާލުކުރެވުނު މަސައްކަތުގެ ތެރެއިން މި ގައުމަށް އޭނާ ކޮށްދިން ކަމެއް އެބައޮތްތަ؟
ސްކޭމް އެސޯސިއޭޝަން
17 June 2025
ތިކަހަލަ ސްކޭމް އާރޓިސްޓުންގެ ދަށުވާނެ ދިވެހި ރާއްޖެ. އިނގިރޭސިންގެ މަކަރުވެރިކަމުގަ އަދިެސް އަހަރެމެން މި ޖެހެނީ. މަހަކު 20 ހާސް ޑޮލަރ ދޭން އެއްބަސްވާއިރު އެފް.އޭ.އެމް ހަމަ ހޭގަބަ ތިބީ. މި މީހާ މީ ޖާދޫގަރެއްތަ. ރާއްޖޭޣެ ފުޓްބޯޅަ މިހާ ކުރިއަރައިގެން މި ދިޔައީ މީނަގެ ސަބަބުންދޯ ހބލ
އިހްސާސް
16 June 2025
ޖުލައި 2023 ގައި މަގާމާ ޙަވާލުވީ 5 އަހަރަށް. އެކަމަކު އެއްބަސްވުމަށް 1 އަހަރު ވީފަހުން އޭނާ އެމަޤާމުން އަތްދޫކޮށްލި. އެކަމަކު މުސާރަ ދޭންޖެހެޔޯ 5 އަހަރުގެ. ވަޒީފާއިން އޭނާ ނުބައިކޮށް ވަކިކުރީތަ؟
ވޯލް
16 June 2025
މުޅި ދައުލަތް ވަޒީފާ އާ ބަހޭ ޤާނޫނުާ ހިލާފުވެގެން އިރުއިރު ކޮޅުން ދައުވާ. މިއޮތޯވާ ވެރިކަމެއް.