ކުޅިވަރު / ޗެމްޕިއަންސް ލީގު

ބައްޕަ އާއި ދަރިފުޅަށް ބީއެމްއެލް އިން މިދިނީ އަބަދުވެސް ހަނދާން ހުންނާނެ ފަދަ ހަދިޔާއެއް

ސައާދު (ވ) އަދި ސުމައްޔާ މިއުނިކުގައި.

ސައާދު އިބްރާހީމަކީ އަބަދުވެސް ފުޓްބޯޅަ އަށް ވަރަށް ފޯރި ހުންނަ މީހެކެވެ. ހާއްސަކޮށް ޔޫރަޕުގެ ބޮޑެތި ފުޓްބޯޅަ މެޗުތައް އޭނާ ގަވާއިދުން ބަލަ އެވެ. ކަންދިމާކުރި ގޮތުން ނިމުނު ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބައްދަލުކުރީ ވެސް އޭނާ ސަޕޯޓްކުރާ ދެ ކްލަބް ކަމަށްވާ ސްޕެއިނުގެ ބާސެލޯނާ އާއި އިޓަލީގެ އިންޓަ މިލާނެވެ. އެ މެޗުގެ ފޯރީގައި އުޅެނިކޮށް އޭނާ އަށް ލިބުނީ ވަރަށް ބޮޑު ސަޕްރައިޒެކެވެ. ޖަރުމަނުގައި ކުޅޭ އެ މުބާރާތުގެ ފައިނަލް މެޗު ބަލައިލަންދިއުމާއި، އެ މެޗުގެ ޕްލޭޔާ މެސްކޮޓެއްގެ ގޮތުގައި ދަރިފުޅު ބައިވެރިކުރުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ ފުރުސަތު އޭނާ އަށް ލިބުނީ އެވެ.

ޗެމްޕިއަންސް ލީގުގެ ސްޕޮންސަރެއް ކަމަށްވާ މާސްޓާކާޑް އާއި ބީއެމްއެލް އިން ގުޅިގެން ހިންގި އެ ޕްރޮމޯޝަން އޮތްކަން ސައާދަށް އެނގޭ ނަމަވެސް، އޭނާ ހުރީ އެ ފުރުސަތަށް އެއްގޮތަކަށް ވެސް އުއްމީދުކޮށްގެންނެވެ. މާސްޓާކާޑް ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ބޭރުގެ މުއާމަލާތްތައް ކޮށްގެން ބައިވެރިވޭ ޕްރޮމޯޝަނުގައި، އޭނާ ބައިވެރިވީ ކަމަކާން ފަށާ އެ ނަސީބު ލިބޭނެ ކަމަށް ބަލައިގެނެއް ވެސް ނޫނެވެ.

"މާސްޓާ ކާޑު އަބަދުވެސް ބޭނުންކުރަނީ. ފިހާރަތަކުން ވިޔަފާރިކޮށްލާއިރު ވެސް، ކޮފީއަކަށް ގޮސް ޕޭކޮށްލަން ވެސް އެ ކާޑު ބޭނުންކުރަނީ. އެގޮތުން ބައިވެރިވެވިފައި އޮތީ ޕްރޮމޯޝަނުގައި،" ސައާދު ބުންޏެވެ.

"އެކަމަކު ވިސްނިފައި ވެސް ނެތް، ހިޔާލަށް އައިސްފައެއް ވެސް ނެތް ޕްރޮމޯޝަން ކާމިޔާބުވެގެން މިފަދަ ފުުރުސަތެއް ލިބިދާނެޔޭ،"

ސައާދު (ކ) އަދި ސުމައްޔާ: ލިބުނީ ބޮޑު ޝަރަފެއް.

އެހެން ހުއްޓާ ލިބުނު ނަސީބާ އެކު، އިތުރަށް އުފާވީ، މިއުނިކުގެ އެލިއަންޒް އެރީނާގައި ކުޅޭ ފައިނަލުގައި އޭނާ ސަޕޯޓްކުރާ އެއް ޓީމު ކަމަށްވާ އިންޓަ އެއްކޮޅުން ކުޅޭތީވެ އެވެ. އެކަމަކު އެއަށް ވުރެ ބޮޑު އުފަލަކީ ދަރިފުޅު އުމުރުން 8 އަހަރުގެ ސުމައްޔާ ސައާދު އިބްރާހީމަށް ލިބުނު ފުރުސަތެވެ. މެޗު ފެށުމުގެ ކުރިން ދެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިން ދަނޑުގައި އެތުރިލައި، ޗެމްޕިއަންސް ލީގުގެ ލެޖެންޑަރީ އެންތެމް އަޑުއަހަމުންދާއިރު، އެތަނުން ކޮންމެވެސް ސުޕަސްޓާރަކާ އެކު ހުރުމުގެ ފުރުސަތަކީ، ނާދިރު ފުރުސަތުތަކުގެ ތެރެއިން ވެސް ފުރުސަތެކެވެ.

"ދަރިފުޅަށް ފުރަތަމަ ނުވެސް އެނގޭ ކިހާ ބޮޑު ޝަރަފެއްކަމެއް މި ލިބެނީ،" އިންޓަ އަތުން 5-0 އިން ޕީއެސްޖީ މޮޅުވެ ޗެމްޕިއަންކަން ހޯދި މެޗުން ލިބުނު ފުރުސަތާ ބެހޭގޮތުން ސައާދު ބުންޏެވެ.

"އެކޮޅަށް ގޮސް ރިހާސަލްގައި ބައިވެރިވި ހިސާބުން އޭނާ އަށް ވެސް އެނގުނު ބޮޑުކަމެއްކަން މިއީ."

ނަސީބު ދިމާކުރި ގޮތުން ސުމައްޔާ އަށް ލިބުނީ މެޗުގައި ދެ ގޯލު ޖަހައި، މޭން އޮފް ދަ މެޗުގެ މަގާމު ހޯދި ޕީއެސްޖީގެ ޑޭޒީރޭ ޑޫއޭގެ މެސްކޮޓަށް ވުމުގެ ފުރުސަތެވެ. އެހެންކަމުން، އެއީ ވެސް ތާރީހީ ކަމެކެވެ. ފްރާންސްގެ ޒުވާން ކުޅުންތެރިޔާގެ ފެންވަރު މުޅި ދުނިޔެ އަށް ދައްކާލި މެޗުގައި އޭނާއާ އެކު، ލައިންއަޕް ސެރަމަނީގައި ސުމައްޔާ އަށް ބައިވެރިވެވުނީ އެވެ.

"މެޗަށް ފަހު އިނާމު ދިނުމުގެ ރަސްމިއްޔާތާ އެއްޗެހި ފެނުނީމާ ދަރިފުޅަށް އަސްލު އެނގުނީ މި ލިބުނީ ކިހާ ބޮޑު ޝަރަފެއްކަން،"

ސުމައްޔާ އަކީ، އޭޝިއާ އިން މި ފުރުސަތު ލިބުނު ހަމައެކަނި ކުއްޖާ އެވެ. ދެން ތިބީ ހުސް ޔޫރަޕަށް ނިސްބަތްވާ ކުދިންނެވެ. ސައާދު ބުނީ، އެ ހިސާބުން މިކަމުގެ ހާއްސަކަން އިހުސާސްކުރެވި ފަހުރުވެރިވެވުނު ކަމަށެވެ.

"އަޅުގަނޑު ހީކުރީ މި ސަރަހައްދުގެ އެހެން ކުދިން ވެސް ތިބޭނެ ކަމަށް. އެކަމަކު ރާއްޖެ އަށް އެކަނި ދިން ފުރުސަތެއް މިއީ. އެހާ ހާއްސަ ފުރުސަތެއް ވީމާ ވަރަށް އުފާވި،"

ސުމައްޔާ (ވ-3) ޕީއެސްޖީގެ ޑޫއޭއާ އެކު.

ޔޫރަޕަށް މީގެ ކުރިން ދަތުރުކޮށްފައިވީ ނަމަވެސް، މިއީ ޔޫރަޕުގެ ފުޓްބޯޅަ މެޗެއް ބަލަން ސައާދު ސްޓޭޑިއަމަށް ވަން ފުރަތަމަ ފަހަރެވެ. އެހެންވެ އޭނާ އަށް ވެސް މިއީ އުމުރަށް ހަނދާން ހުންނާނެ ފަދަ ކަމެކެވެ.

"ކުރިން ޓީވީން ފެންނަ މަންޒަރުތައް އަސްލަށް، ހަމަ ލޮލަށް ފެނުނީ. ވަރަށް އުފާވި. އަނެއްކާ ދުނިޔޭގެ އެންމެ ބޮޑު އެއް ސްޓޭޑިއަމަށް ވަދެވި، އެތަނުގެ ފުރިހަމަ އިންތިޒާމާ މިކަންކަން ތަޖުރިބަކޮށްލަން ވެސް ލިބުނު،"

ސައާދު ވަނީ އޭނާ އަށާއި، ދަރިފުޅަށް ބީއެމްއެލް އިން ހޯދައިދިން މި ފުރުސަތަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފަ އެވެ. ހާއްސަކޮށް ވިސާ ނެގުމުން ފެށިގެން، ދަތުރުކުރުމާއި، އެކޮޅުގައި ތިބުމުގެ އިންތިޒާމު ހަމަޖައްސާފައިވާލެއް ފުރިހަމަކަން އޭނާ ފާހަގަކުރި އެވެ.

"ވަރަށް ބޮޑަށް އެޕްރިޝިއޭޓްކުރަން މިކަން،" ސައާދު ބުންޏެވެ.

"ބީއެމްއެލް އިން މިދިނީ އަބަދުވެސް ހަންނާން ހުންނާނެ ފަދަ ހަދިޔާއެއް."

0 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 3%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 70%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454