ލިވަޕޫލުގެ މިލުކުވެރިކަން އޮންނަ ފެންވޭ ސްޕޯޓްސް ގްރޫޕު ހިއްސާދާރުން ޓޮމް ވާނާ (ކ-2) ޖޯން ޑަބްލިއު ހެންރީ (ވާތްފަރާތުން ދެވަނަ): ފޭންވޭ ސްޕޯޓްސް ގުރޫޕުން ދަނީ ލގެޓާފޭ ގެންނަން ވާހަކަ ދައްކަމުން --- ފޮޓޯ: ގެޓީ އިމޭޖަސް
30 ޖުލައި 2025 - 11:18
ލިވަޕޫލްގެ މިލުކުވެރިކަން އޮންނަ ފެންވޭ ސްޕޯޓްސް ގުރޫޕުން ގެޓާފޭ ގަންނަން ވާހަކަތައް ފަށައިފި އެވެ.
އެފްއޭއެސްޖީގެ ސީއޯއާގެ މަގާމާ މާޗް 2024 ގައި މައިކަލް އެޑްވާޑްސް، ހަވާލުވުމަށް ފަހު އޭނާ ވަނީ އެ ގުރޫޕްގެ ކުޑައިގެދަށަށް އިތުރު ފުޓްބޯޅަ ކްލަބްތައް ގެނައުމުގެ ހިޔާލު ގެންގުޅެމުންނެވެ. އެމެރިކާގެ ބޭސްބޯލް ލީގު ބޯސްޓަން ރެޑް ސޮކްސްގެ އޯނަރަކީ ވެސް އެފްއެސްޖީ އެވެ.
ފްރާންސްހެ ބޯޑޯ އާއި ސްޕެއިންގެ މަލާގާ ވެސް އެފްއެސްޖީގެ ކުޑައިގެ ދަށަށް ގެނައުމަށް، އެ ކްލަބްތަކުގެ ވެރިންނާ އެކު ވެސް އެފްއެސްޖީން ކުރިން ވާހަކަ ދެއްކި އެވެ.
އެކަމަކު އެ ދެ ކްލަބަށް ވުރެ، މިހާރު އެފްއެސްޖީން އިސްކަން ދެނީ ގެޓާފޭ އަށެވެ. ސަބަބަކީ އެއްވަނަ ޑިވިޝަނުގައި އެ ކްލަބް އޮތުމެވެ. ބޯޑޯ އާއި މަލާގާ ވެސް އޮތީ ދެވަނަ ޑިވިޝަނުގަ އެވެ.
ގެޓާފޭގެ މިހާރުގެ ރައީސް އެންހަލް ޓޯރޭޒް، 2002 ގައި އެ ކްލަބް ގަތުމަށް ފަހު އޭނާ ވަނީ ކުޑަ ބެޖެޓަކުން އެ ކްލަބްގައި ކާމިޔާބު ޕްރޮޖެކްޓްތަކެއް ހިންގައިފަ އެވެ.
ކްލަބް ރަނގަޅަށް ހިންގައި، އެކަޑަމީ ހަރުދަނާކޮށްފަ އެވެ. އެކަޑަމީން އުފެއްދި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ސްޕެއިންގެ މިހާރުގެ ކެޕްޓަން އަލްވާރޯ މޮރާޓާ، އެސްޓަން ވިލާގެ މިޑްފީލްޑަރު އެމީ ބުއެންޑިއާ އަދި ނައިޖީރިއާގެ ތަރި ކްރިސްޓިއަން އުޗޭ ވެސް ހިމެނެ އެވެ.
އެ ކްލަބް ވިއްކާލަން އުޅޭ ވާހަކަ މިދިޔަ މަހު ސްޕެއިންގެ މީޑިއާތަކުން ރިޕޯޓް ކުރި އެވެ. އެކަމަކު އޭރު ޓޯރޭޒް، އެ ވާހަކަތައް ދޮގު ކުރި އެވެ.
އުމުރުން 73 އަހަރުގެ ޓޯރޭޒް ބުނީ ކޮންމެ ވެސް ދުވަހަކުން އޭނާ ގެޓާފޭ ދޫކޮށްލަން ޖެހޭނެ ކަމަށެވެ. އެކަމަކު އެހިސާބަށް ދާން އަދި ވަރަށް ގިނަ ދުސް އެބައޮތް ކަމަށް އޭނާ ބުންޏެވެ.
މީޑިއާތަކުން ބުނާގޮތުގައި އެފްއެސްޖީގެ ދަށަށް ގެޓާފޭ ގެންދަން، ޓޯރޭޒް ކުރިން ކީ އަގު ވެސް މިހާރު ވަނީ ކުޑަކޮށްފަ އެވެ. އެ ކްލަބްގެ އާ ސްޓޭޑިއަމް އިމާރާތްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. ސްޓޭޑިއަމްގެ މަސައްކަތް 2028 ގައި ނިމޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy