ކުޅިވަރު / ފީފާ

ފީފާއާ ދެކޮޅަށް މަލްޓިބިލިއަން ޕައުންޑުގެ ދައުވާއެއް

06 އޯގަސްޓް 2025 - 07:32

ނެދަލެންޑްސްގެ ޖަމިއްޔާއެއް ކަމަށްވާ ޖަސްޓިސް ފޯ ޕްލޭޔާސް (ޖޭއެފްޕީ) އިން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއާ ދެކޮޅަށް މަލްޓިބިލިއަން ޕައުންޑުގެ ދައުވާއެއް ކޮށްފި އެވެ.

ނެދަލެންޑްސްގެ މިޑެން ޑިސްޓްރިކްޓް ކޯޓަށް ހުށަހަޅާފައިވާ މި ދައުވާއާ އެކު، ފީފާ އަށް ވަނީ ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ ބޮޑު ގާނޫނީ ގޮންޖެހުމާ ކުރިމަތިލާން ޖެހިފަ އެވެ. ފީފާގެ އިތުރުން ފްރާންސާއި ޖަރުމަނާއި ބެލްޖިއަމާއި ޑެންމާކް އަދި ނެދަލެންޑްސްގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ވެސް ޖޭއެފްޕީން ވަނީ މި ދައުވާ އަމާޒު ކޮށްފަ އެވެ.

ގާތްގަނޑަކަށް 100،000 ކުޅުންތެރިން ތަމްސީލުކުރާ ޖޭއެފްޕީން މި ދައުވާ ކޮށްފައި ވަނީ، ފީފާގެ ގިނަ ދުވަސްވީ ޓްރާންސްފާ ގަވާއިދުތަކުގެ ބައެއް ކަންކަން ގާނޫނާ ހިލާފު ކަމަށް ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ނިންމި ނިންމުމާ ގުޅިގެންނެވެ. ޖޭއެފްޕީން ބުނާގޮތުގައި ފީފާގެ ގަވާއިދުތަކާ ގުޅިގެން 2002 ވަނަ އަހަރުން ފެށިގެން ޔޫރަޕިއަން ޔޫނިއަން އާއި އިނގިރޭސި ވިލާތުގެ ކުޅުންތެރިންނަށް މުސާރައިން އެވްރެޖްކޮށް އަށް ޕަސެންޓް އުނިވެ އެވެ.

ޔޫރަޕިއަން ކޯޓުގެ ނިންމުމަށް ފަހު، ފީފާއިން ވަނީ ޓްރާންސްފާގެ ބައެއް ގަވާއިދުތަކަށް އިސްލާހު ގެނެސްފަ އެވެ. ނަމަވެސް ބައިނަލްއަގްވާމީ ކުޅުންތެރިންގެ ޔޫނިއަން، ފީފްޕްރޯ އިން އަދި ފީފާ އިން އިސްލާހު ކޮށްފައިވާ އެ އޮނިގަނޑު ފާސްކޮށްފައެއް ނުވެ އެވެ.

މި ދައުވާގައި، ގެއްލުން ލިބުނު ފަރާތްތަކަށް މާލީ ގޮތުން ބަދަލު ހޯދުމަށް އެދިފައިވީ ނަމަވެސް، ޖޭއެފްއޭ އިން ބުނެފައި ވަނީ، މައްސަލައަކީ ހަމައެކަނި ފައިސާއެއް ނޫން ކަމަށެވެ. އެ އެސޯސިއޭޝަނުން ބުނީ، ކުޅުންތެރިންގެ ޓްރާންސްފާތަކާއި ކެރިއަރުގެ ކޮންޓްރޯލް ބޮޑަށް އޮންނަނީ ކުލަބުތަކަށް ކަމަށާއި އޭގެ ސަބަބުން ކުޅުންތެރިންގެ އަސާސީ ހައްގުތަކެއް ގެއްލި، ގިނަ ކުޅުންތެރިން ތިބީ ތާށިވެފައި ކަމަށެވެ.

މި މައްސަލައާ އެންމެ ގުޅުން ހުރި މަޝްހޫރު މައްސަލައަކަށް ފާހަގަ ކޮށްފައި ވަނީ، ޗެލްސީ އާއި އާސެނަލް އަދި ރެއާލް މެޑްރިޑާއި ޕީއެސްޖީގެ ކުރީގެ މިޑްފީލްޑަރު ލަސާނާ ޑިއާރާގެ ކޭސް އެވެ. ފީފާ އިން ވަނީ 2016 ވަނަ އަހަރު، އޭގެ ދެ އަހަރު ކުރިން ޑިއާރާ ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ ގައި މުސާރަ ކުޑަކުރަން އެއްބަސް ނުވެ، ތަމްރީނަށް ދާން ދެކޮޅު ހެދުމުން 10 މިލިއަން ޔޫރޯއަށް ވުރެ ބޮޑު ޖޫރިމަނާއެއް ކުލަބަށް ދައްކަން އަންގައި، މުސާރަ ނުހިނގާ ގޮތަށް 15 މަހުގެ ދިގު މުއްދަތެއްގެ ސަސްޕެންޝަނެއް ވެސް ދީފަ އެވެ. އަދި ބެލްޖިއަމްގެ ޝާލެރޯއި އާ ގުޅުމަށް އިންޓަނޭޝަނަލް ޓްރާންސްފާ ސެޓްފިކެޓް (އައިޓީސީ) ދިނުމަށް ފީފާ އިން ދެކޮޅު ހެދި އެވެ.

ފީފާ އަށް ކުރާ ދައުވާގައި ލިބިފައިވާ ގެއްލުންތަކަށް ބިލިއަނުން ބަދަލު ދައްކަން ޖެހެ އެވެ. މިއީ ކޮމްޕަސް ލެކްސެކޯން ކިޔާ މާލީ ލަފާދޭ ކުންފުންޏަކުން ކޮށްފައިވާ މިނިވަން ތަހުލީލަކުން ރެކޯޑް ކުރެވުނު އަދަދެއް ކަމަށްވެ އެވެ.

ދައުވާ ލިބޭ ފަރާތްތަކުގެ ތެރޭގައި އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަން ހިމެނިފައި ނެތަސް މައްސަލައިގެ ކޮންމެވެސް ހިސާބަކުން އެ އެސޯސިއޭޝަނަށް އަމާޒު ވާނެ ކަމަށް މީޑިއާތަކުން ބުންޏެވެ. މިވަގުތު ލީގަލް ނޯޓިސް ފޮނުވާފައިވާ ފަސް އެސޯސިއޭޝަނާއި ފީފާ އަށް ޖަވާބުދާރީ ވުމަށް އަންގާފައި ވަނީ އަންނަ މަހުގެ ނިޔަލަށެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 17%
icon inlove icon inlove 33%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454