12 އޯގަސްޓް 2025 - 06:39
މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުންގެ މެދުގައި ހިޔާލުތަފާތުވެ، ކްލަބްގެ ވެރިންނާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާ ކެންސަލް ކޮށްފި އެވެ.
ޔުނައިޓެޑްގެ ސަޕޯޓަރުންގެ ގުރޫޕް "1958" ކްލަބްގެ ވެރިންނާ ދެކޮޅަށް މުޒާހަރާ ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. އެ މުޒާހަރާ ބާއްވަނީ ސީޒަން ފެށުމާ ދިމާކޮށެވެ. މިފަހަރުގެ މުޒާހަރާ ތާވަލު ކުރީ އަންނަ އާދިއްތަ ދުވަހަށެވެ. ޔުނައިޓެޑުން ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ކުޅޭ ފުރަތަމަ މެޗުގައި އާސެނަލްއާ ދެކޮޅަށް އެ ދުވަހު ނުކުންނާނެ އެވެ.
ސަޕޯޓަރުންގެ ގުރޫޕުން އެ މުޒާހަރާ ބާއްވަނީ ކްލަބްގެ ވެރިންގެ ނިންމުންތަކުގެ ސަބަބުން ޓީމަށް ލިބޭ ގެއްލުންތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުންނެވެ. މިދިޔަ އަހަރުގެ މުޒާހަރާގައި ކޯ އޯނަރު ޖިމް ރެޓްކްލިފާ ދެކޮޅަށް ވެސް މުޒާހަރާ ކުރި އެވެ.
އެކަމަކު މިފަހަރުގެ މުޒާހަރާ ކެންސަލު ކުރީ ރެޓްކްލިފާ ދެކޮޅަށް އަޑުއުފުލަން ބައެއް ސަޕޯޓަރުން ދެކޮޅު ހެދުމުންނެވެ.
ސަޕޯޓަރުންގެ ގުރޫޕްގެ އޮފިޝަލު ބުނީ ދުނިޔޭގެ އެންމެ ގިނަ ސަޕޯޓަރުން ހިމެނޭ ކްލަބެއްގައި އެތައް ހިޔާލުތަފާތުތަކެއް އޮންނާނެ ކަމަށެވެ.
ސަޕޯޓަރުންގެ ގުރޫޕްގެ މެންބަރުންގެ މެދުގައި ނެގި ޕޯލްގައި ގިނަ މެންބަރުން ހިޔާލު ދިނީ ރެޓްކްލިފަށް އިތުރު ވަގުތު ދިނުމަށެވެ. ޔުނައިޓެޑްގެ މައިނޯރިޓީ ހިއްސާ ރެޓްކްލިފް ގަތީ ފެބްރުއަރީ 2024 ގަ އެވެ. ޖުމުލަ 28.94 ޕަސަންޓްގެ ހިއްސާއާ އެކު ފުޓްބޯޅައިގެ ހުރިހާ ބާރުތަކެއް ކޮންޓްރޯލް ކުރުމުގެ ހައިސިއްޔަތު އިނގިރޭސި ބިލިއަނަރަށް ލިބެ އެވެ.
ސަޕޯޓަރުންގެ ގުރޫޕްގައި ރަޖިސްޓަރީކޮށްފައިވާ މެންބަރުންނަށް ހުޅުވާލި ޕޯލްގައި 23،000 މީހުން ވޯޓް ދިނެވެ. އޭގެތެރެއިން 63 ޕަސަންޓް މީހުން ބުނެފައި ވަނީ ރެޓްކްލިފްގެ ނިންމުންތަކާ ދެކޮޅަށް އޭނާ ޒިންމާދާރުކުރަން އަޑުއުފުލަން ޖެހޭ ކަމަށެވެ.
އެކަމަކު 68 ޕަސަންޓް މީހުން ބުނެފައި ވަނީ ރެޓްކްލިފަށް އިތުރު ވަގުތު ދޭން ޖެހޭ ކަމަށެވެ.
"ސަޕޯޓަރުންގެ ހިޔާލުތައް އެގޮތަށް ހުރުމުން އަހަރެމެން ބޭނުންނުވީ ރެޑްސް [މެންޗެސްޓާ ޔުނައިޓެޑްގެ] ސަޕޯޓަރުންގެ އެތެރޭގެ ކުރިމަތިލުމެއް އުފެދޭނެ ޖާގަ ނުދިނުމަށް. އެހެންވެ މި ފަހަރުގެ މުޒަހާރާ ކެންސަލް ކުރީ،" 1958 ގުރޫޕްގެ އޮފިޝަލް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޒުލް މަޖީދު
12 August 2025
އެހެންވީމަ މިފަހަރު ވޯޓުލީ މީހުންގެ އިންސައްތައަކީ %131 ދޯ