23 އޯގަސްޓް 2025 - 08:48
ލަންޑަން (އޮގަސްޓް 23) - ކޯލް ޕާމާ އަށް އަނިޔާވެގެން ފަހު ވަގުތު ފުރަތަމަ 11 އިން ފުރުސަތު ލިބުނު އެސްޓަވާއޯ ވިލިއަމްސްގެ މޮޅު ކުޅުމާ އެކު އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ ފަހަތުން އަރައި 5-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލި ކޮށްފި އެވެ.
މެޗުގައި ފަށާ ގޮތަށް ހަމަޖެހުނު ޕާމާ އަށް އަނިޔާވީ ޕްރީމެޗް ވޯމްއަޕްގަ އެވެ. މިއާ ގުޅިގެން އެންޒޯ މަރެސްކާ ވަނީ އެސްޓަވާއޯ ފުރަތަމަ ފަހަރަށް މެޗެއްގައި ސްޓާޓް ކުރުވަން ނިންމައިފަ އެވެ. ލީގުގެ ފުރަތަމަ މެޗަށް ނުކުތް އިރު ވެސް ޕާމާ މުޅިން ފިޓް ނޫން ކަމަށް މަރެސްކާ ހާމަކޮށްފައިވެ އެވެ.
އެސްޓާވާއޯ ވަނީ އުމުރުން 18 އަހަރާއި 120 ދުވަހުގައި، ޗެލްސީ އަށް ލީގުގައި އެސިށްޓް ކޮށްދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އެސްޓަވާއޯ ވަނީ ފުރަތަމަ ހާފުގައި ޗެލްސީގެ ތިންވަނަ ލަނޑު ޖަހަން އެންޒޯ ފެނާންޑޭޒް އަށް އެހީވެފަ އެވެ. ފެނާންޑޭޒް އަށް ބޯޅަ ދިނީ ވެސްޓް ހޭމްގެ ކުޅުންތެރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ ގޯލު ކުރިމައްޗަށް ހުސްކޮށްލާފަ އެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެސްޓް ހޭމް އެވެ. ހަވަނަ މިނިޓުގައި ލޫކަސް ޕަކޭޓާ ވެސްޓް ހޭމަށް ލީޑު ނަގައިދިން ނަމަވެސް 15 ވަނަ މިނިޓުގައި ޗެލްސީ ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. ކޯނަރެއްގައި މާކް ކުކުރެލާ ބޮލުގައި ޖެހިފައި ލިބުމާއެކު މި ލަނޑު ޖެހީ ޖާއޯ ޕެޑްރޯ އެވެ.
އޭގެ ތިން މިނިޓު ފަހުން ނިކްލަސް ފުލްކްރޫގްގެ ލަނޑަކުން ވެސްޓް ހޭމަށް އަލުން ލީޑު ލިބުނު ކަމަށް ހީވިއަސް ވީއޭއާރުން ވަނީ އޮފްސައިްޑް ކަމަށް ބަލައި ގޯލު ބަލައި ނުގަންނަން ނިންމައިފަ އެވެ. އޭގެ ފަސް މިނިޓު ފަހުން ޖާއޯ ޕެޑްރޯ ދިން ބޯޅައަކުން ޗެލްސީއަށް ލީޑު ނަގައިދިނީ ޕެޑްރޯ ނެޓޯ އެވެ.
ދެވަނަ ހާފުގައި އެންޒޯ ނެގި ކޯނަރެއް ވެސްޓް ހޭމްގެ ކީޕަރަށް މާ ރަނގަޅަށް ކްލިއާ ނުކޮށްލެވުމުން އޭގެ ފައިދާ ނަގައި ޗެލްސީގެ ހަތަރުވަނަ ލަނޑު ޖެހީ މޮއީސެސް ކައިސޭޑޯ އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން، ފަހު ލަނޑު ޖަހައިދިނީ ޓްރެވޯ ޝަލަބާ އެވެ.
ވެސްޓް ހޭމްގެ ކޯޗަކީ ޗެލްސީއަށް ކުރިން ކޯޗު ކޮށްދިން ގްރަހަމް ޕޮޓާ އެވެ. ޕޮޓާގެ ކުރިން ޗެލްސީގައި ހުރި ކޯޗު ތޯމަސް ޓުޗެލް ވެސް ވަނީ މި މެޗު ބަލަން ދަނޑަށް ގޮސްފަ އެވެ. ޓުޗެލް އަކީ މިހާރު އިނގިރޭސި ގައުމީ ޓީމުގެ މެނޭޖަރެވެ.
މިއީ ދެ މެޗުން ޗެލްސީ ހޯދި ފުރަތަމަ މޮޅެވެ. ފުރަތަމަ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ވެސްޓް ހޭމް މިވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy