އެއާޕޯޓަށް ފުރަން ގޮސް ހުރި ކަމަށް ބުނެ ވެލެންސިއާ އަށް އޯލުވާލައިގެން ނައިޖީރިއާގެ ދެ ކުޅުންތެރިން ވަނީ ފިލާފަ
ގޮޑްފްރީ އޮބާއޮބޯނޯ
18 ސެޕްޓެމްބަރ 2025 - 00:13
ވެލެންސިއާގެ ޓްރެއަލް އަކަށް އައި ނައިޖީރިއާގެ ދެ ކުޅުންތެރިން ފިލި މައްސަލަ އެ ކްލަބުން އިމިގްރޭޝަނަށް ހުށަހަޅައިފި އެވެ.
"އަސްލު ޓީވީ" އިން މިއަދު އާންމު ކުރި ވީޑިއޯއެއްގައި އޭގެތެރެއިން އެއް ކުޅުންތެރިޔަކު ވަނީ ވާހަކަ ދައްކައިފަ އެވެ.
ގޮޑްފްރީ އޮބާއޮބޯނޯ، އަސްލު ޓީވީގެ ވީޑިއާގައި ބުނީ ވެލެންސިއާގެ ޓްރެއަލް އަށް އައީ އެ ކްލަބުން ދައުވަތު ދީގެން ކަމަށެވެ. އެކަމަކު ބޭއްވި ޓްރެއަލްގައި އޭނާގެ ފެންވަރު ނެތުމުން ވެލެންސިއާއިން އޭނާ ފުރަން އެންގި ކަމަށެވެ.
އެކަމަކު އޭނާ ބުނީ އޭނާގެ ވިސާގައި މުއްދަތު އޮތުމުން މަގުމަތިން މަސައްކަތެއް ހޯދައިގެން ފައިސާ ހޯދަން ނުކުތީ ކަމަށެވެ.
ވެލެންސިއާގެ އޮފިޝަލް ބުނީ ނައިޖީރިއާގެ ކުޅުންތެރިން ރާއްޖެ އައީ އެ ކުޅުންތެރިންގެ އަމިއްލަ ހަރަދުގައި ޓްރެއަލް އަށް ކަމަށެވެ. ކުޅުންތެރިންނަށް ދިން އިންވިޓޭޝަނަކީ ޓްރެއަލް އަށް ރާއްޖެ އަންނަން ވިސާ ފުރިހަމަ ކުރުމަށް ބޭނުންވާ ލިޔުން ކަމަށް، އޭނާ ބުންޏެވެ.
އެކަމަކު ކުޅުންތެރިންގެ އެޖެންޓުންނާ އެކު އެއްބަސްވެފައި ވާނީ ކުޅުންތެރިޔާގެ ފެންވަރު ރަނގަޅު ނަމަ، ރާއްޖެ އަންނަން ކުރި ހަރަދު ވެސް ދިނުށް ކަމަށް އޮފިޝަލް ބުންޏެވެ.
އެއް ހަފުތާގެ ޓްރެއަލް އަށް ފަހު އެ ދެ ކުޅުންތެރިންގެ ކިބައިގައި އެކަށީގެންވާ ފެންވަރެއް ނެތުމުން ފުރަން ތައްޔާރުވުމަށް އެނގި ކަމަށް ވެސް ވެލެންސިއާއިން ބުންޏެވެ.
"އެ ދެ ކުޅުންތެރިން ތިބީ ވެސް އަޅުގަނޑުމެން ހަމަޖެއްސި އެޕާޓްމެންޓްގައި ރާއްޖެއިން އަނބުރާ ފުރަން ޓިކެޓް ވެސް ހަމަޖައްސާފަ، އަޅުގަނޑުމެންގެ އޮފިޝަލެއް އެ ކުޅުންތެރިން ފުރުވާލަން އެއާޕޯޓަށް ދާ ގޮތަށް ހަމަޖެހިފައި އޮތީ،" ވެލެންސިއާގެ އޮފިޝަލް ބުންޏެވެ.
އޭނާ ބުނީ ކުޅުންތެރިން އެއާޕޯޓަށް ގެންދަން، ކްލަބްގެ އޮފިޝަލް، އެޕާޓްމެންޓަށް ދިޔަ އިރު ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ ލަގެޖް ވެސް އެތަނުގައި ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ އޮފިޝަލް ދެން އެ ކުޅުންތެރިންނަށް ގުޅީމަ އެ މީހުން ބުނީ ތިމަންނަމެން މިތިބީ އެއާޕޯޓަށް ފުރަން އައިހޭ،" ވެލެންސިއާގެ އޮފިޝަލް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފުރަން އޮތް ގަޑީގައި ފުރަން އެއާޕޯޓަށް ގޮސް ހުރިކަން އެންގުމުން، ފުރައިގެން ދިޔައީކަމަށް ގަބޫލު ކުރި ކަމަށެވެ.
"އެކަމަކު މިއަދު މި ޚަބަރު ލިބުނީ އެ ކުޅުންތެރިން ރާއްޖެއިން ފުރައިގެން ނުދާކަން. އަދި ފުރަން ގޮސް ހުރި ކަމަށް ބުނެ ކްލަބަށް ވެސް އޮޅުވާލިކަން. އެކަން އެނގުނު ހިސާބުން އަޅުގަނޑުމެން ވާނެ. އެ ކުޅުންތެރިންގެ މައްސަލަ އިމިގްރޭޝަނަށް ވެސް ހުށަހަޅާފަ،" ވެލެންސިއާގެ އޮފިޝަލް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓުރައި
18 September 2025
ޓުރައިލަކައް ވެސް ދިވެއްސަކައް ނުދޭތި ފުރުސަތެއް.. އަޅުގަނޑު މީ ވެލެންސިއާ އޮފިސިއަލް އެފްބީ ޕޭޖައް މެސެޖް ކުރި މީހެއ އަޅާ ކަހާވެސް ނުލާ