މިނިވަން ޗެމްޕިއަންޝިޕާއި މާލޭ ލީގުގެ ސްޕޮންސަރަކަށް އެސްޓީއޯ

ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމަށް ކުޅޭ މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި އެސްޓީއޯ އިން ސްޕޮންސާކޮށްފި އެވެ.


ފާއިތުވި ދެ އަހަރު ވެސް މިނިވަން ޗެމްޕިއަންޝިޕްގެ ސްޕޮންސަރަކީ އެސްޓީއޯ އެވެ. އެފްއޭއެމުން ވަނީ މީގެ ކުރިން މިނިވަން ޗެމްޕިއަންޝިޕް ބޭއްވިއިރު އެސްޓީއޯއާ ގުޅިގެން ބައެެއް ރަށްތަކުގެ ދަނޑުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިނިވަން ޗެމްޕިއަންޝިޕަކީ ރާއްޖޭގެ އެންމެ ގިނަ ޓީމު ބައިވެރިވެގެން އެންމެ ފުޅާކޮށް ކުރިއަށްގެންދާ ފުޓްބޯޅަ މުބާރާތެވެ. މި ފަހަރުގެ މުބާރާތުގައި 81 ޓީމަކުން ވާދަކުރާއިރު މުބާރާތް ކުރިއަށްދާނީ ތިން ބުރަކަށެވެ. އެއީ އަތޮޅުތަކުގެ ޓީމުތަކުގައި ކުޅެވޭ ބުރާއި ޒޯން ބުރާއި މާލޭގައި ލީގު އުސޫލުން ކުޅޭ ފަހު ބުރެވެ.

ފުޓްބޯޅަ ފޯމެޓަށް ގެނެވުނު ބަދަލާ އެކު ފުރަތަމަ ޑިވިޝަން އަށް ޓީމު ފުރަތަމަ ވާދަކުރާނީ މާލޭ ލީގުގަ އެވެ. އޭގެ ތެރެއިން ގަދަ ހަތަރެއްް ދާނީ ޕްރިމިއާ ލީގަށެވެ. ޕްރިމިއާ ލީގުގައި ވާދަކުރާނީ މާލޭ ލީގުގެ ގަދަ ހަތަރު ޓީމާއި މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމެވެ.

އެފްއޭއެމުން މި އަހަރު ވަނީ ފުޓްބޯޅަ ޓީމުތަކަށް ހަރަދު ކުރުމަށް ކުންފުނިތަކާ ގުޅިގެން މަސައްކަތް ފަށައިފަ އެވެ. އެގޮތުން ފުރަތަމަ ޑިވިޝަންގެ އަށް ކްލަބާއި ދެ ވަނަ ޑިވިޝަންގެ 10 ކްލަބަށް ހަރަދު ކުރާނީ ކުންފުނިތައް މެދުވެރިކޮށެވެ. އަދި ޕްރިމިއާ ލީގަށް މިނިވަން ޗެމްޕިއަންޝިޕުން ކޮލިފައިވާ ހަތަރު ޓީމަށް ވެސް މާލީ އެހީތެރިކަން ދިނުމަށް ނިންމާފައިވަނީ ކުންފުނިތައް މެދުވެރިކޮށެވެ.