ފައިނަލް މެޗަށް ފަހު ފާޒިލް އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
02 އޮކްޓޯބަރ 2017 - 11:17
ސީލައިފް ސްޕޯޓްސް ކްލަބް ބަލިކުރުމަށް ފަހު ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބުން ހޯދި އިރު އެއް ކަމެއް ފާހަގަވި އެވެ. މޯލްޑިވިއަންގެ ކާމިޔާބީ ފަހަތުގައި އެންމެ ބޮޑު ހިއްސާއެއް އޮތް ކުޅުންތެރިއަކީ އެ ޓީމުގެ ޕާކިސްތާނުގެ ގައުމީ ޓީމުގެ ކުޅުންތެރިއާ މުރާދު ޖީހާން ކަމާ މެދު ގިނަ ބަޔަކު އެއްބަސްވާނެ އެވެ. އެހެން ނަމަވެސް މުޅި މުބާރާތަށް ބެލިޔަސް އެ ޓީމުން އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ އަހުމަދު ފާޒިލް އެވެ.
މުބާރާތުގެ ފައިނަލަށް މޯލްޑިވިއަން ދިޔައީ ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެގެންނެވެ. އެ ޓީމު ބަލިވީ ހަމައެކަނި ދެ ވަނަ ބުރުގެ ފަހު މެޗުގައި ސީލައިފް އަތުންނެވެ. މުބާރާތުގައި މޯލްޑިވިއަން ކުޅުނު ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިއަކީ ފާޒިލް އެވެ. އޭނާ ވަނީ އެ ފޯމު މުބާރާތުގެ ހުރިހާ މެޗެއްގައި ދަމަހައްޓައިފަ އެވެ.
މުބާރާތުގެ ފައިނަލު މެޗުގައި ސީލައިފް އަތުން 3-1 ސެޓުން މޯލްޑިވިއަން ކުރިހޯދިއިރު، މުހިއްމު ވަގުތުތަކުގައި ފާޒިލް ވަނީ މޮޅަށް ކުޅެ ޓީމަށް އެހީތެރިވެދީފަ އެވެ. އަދި ތިން ވަނަ ސެޓުގެ މެދުތެރެއިން ލިބުނު އަނިޔާއަކަަށް ފަރުވާ ހޯދައިގެން އަލުން އަރައި ވެސް ޓީމަށް އެހީތެރިވި އެވެ.
ފައިނަލް މެޗުގެ ތެރެއިން ފާޒިލް (ކ) އެ ޓީމުގެ ކުޅުންތެރިންނާ އެކު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މުބާރާތުގެ ޑްރީމް ޓީމުން ފާޒިލް އަށް ޖާގަ ނުލިބުމަކީ ގިނަ ބަޔަކަށް ލިބިގެންދިޔަ ހައިރާން ކަމެކެވެ. ހާއްސަކޮށް މުޅި މުބާރާތުގައި ފާޒިލް ދެއްކި ކުޅުމަށް ބަލާއިރު އޭނާ އަށް މަގާމެއް ހައްގު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
"ހަގީގަތުގައި މުޅި މުބާރާތަށް ބެލިޔަސް އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކަށް ފާޒިލް ވާނެ. އޭނާ އަށް މަގާމެއް ނުލިބުނީ ކީއްވެ ކަމެއް ބުނާކަށް ނޭނގެ. އެކަމަކު އެނގޭ ކަމަކީ ދެއްކި ކުޅުމަށް ބަލާއިރު އޭނާ އަށް މަގާމެއް ލިބެންޖެހޭކަން. އެއީ އެ ވަރުގެ ކުޅުމެއް އޭނާގެ ފަރާތުން ފެނުނު،" ފާޒިލްގެ ކުޅުމާ ބެހޭ ގޮތުން މޯލްޑިވިއަންގެ އެސިސްޓެންޓް ކޯޗު އިބްރާހިމް ޝިހާމް (ސަޑިއްކެ) ބުންޏެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)، އާދަމް ފައިރޫޒް، ހުސެއިން ވިޝާމް (ބުޅިކެ)، އިބްރާހިމް އާދިލް އަދި ސީލައިފްގެ އަލީ ހުޒާމް، ހަސަން ނިލާމް އަދި އަލީ އާމިރު އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ ޕޮލިހުގެ ޝުވައިބު އަބްދުލް ލަތީފް އެވެ.
ޒުވާން އުމުރުގައި ގައުމީ ޓީމުން ޖާގަ ހޯދި ފާޒިލް ވަނީ އެންމެ ފަހުން ރާއްޖޭގައި އޮތް ބައިނަލްއަގްވާމީ މުބާރާތުގައި ވާދަކުރި ގައުމީ ސްކޮޑުގައި ހިމެނިފަ އެވެ. އެ މުބާރާތުގެ ގިނަ މެޗުތަކުގައި ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް މިހާރު ހުރި ފޯމުގައި މި ސީޒަނުގެ ކުރިއަށް އޮތް މުބާރާތްތަކުގައި އޭނާ ކުޅެފި ނަމަ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ވެސް އޭނާ އަށް ލިބޭނެ ކަމާ މެދު ޝައްކެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި ޑީއެންއޭ
02 October 2017
ތިޔާ ދިވެހިންގެ ޑީއެންއޭ ގަ ހިމެނޭ ކަމެއް! "ވަރަށް ވާހަކަ"!
ދަނބިދޫ
02 October 2017
ވޮލީބޯޅަ އައިޑަލް އޭ ކިޔައިގެން ދޭން އުޅޭ އެވޯޑަށް ވެސް ވަނީ ހަމަ ތިހެން. ބޭނުން ބަޔަކަށް ދެނީ. ހުސް ގޭސް ތި އަނބުރަނީ!
ކަރުދާސް
02 October 2017
އެހެންވީމަ މީގެން މިއިނގެނީ ވޮލީ ކިތަންމެ މޮޅަށް ކުޅުނަސް ތަފާތު ދެއްކިޔަސް ވަނަތައް ލިބެނީ ހިތައް އެރިބަޔަކަށް ކަން.
މާލި
02 October 2017
ކަލޯ ކަލެމެންނަށް ހަމަ އަދިވެސް ނެގޭ ދޯ މި ވާނުވާ. ކިތަންމެ ތަފާތު ދެއްކިޔަސް ތިޔަ ވަނަތައް ދޭނީ “ފެވަރިޓުންނަށް”. މީހަގީގަތް.