ކުޅިވަރު / އަބުދުﷲ ހަނީފު (ބެންޖޯ)

ބެންޖޯގެ ލީޑަޝިޕަށް ނިޒާމްބެގެ ތައުރީފް

މާޒިޔާގެ ކެރިޗަށް (ކ) ލިބުމުގެ ކުރިން ޓީސީގެ ބެންޖޯ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޓީސީ ސްޕޯޓްސް ކްލަބުން ގެނައި ކުޅުންތެރިންގެ ތެރެއިން އަބްދުﷲ ހަނީފް (ބެންޖޯ) އަކީ ކެރިއަރުގެ ފަހު ދުވަސްތައް ގުނަމުން އަންނަ ކުޅުންތެރިއެކެވެ. އެކަމަކު ޓީސީން މި ސީޒަނުގެ މިހާތަނަށް ހޯދަމުން އަންނަ ރަނގަޅު ނަތީޖާތަކުގެ ފަހަތުގައި ބެންޖޯގެ ދައުރު ބޮޑެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ދެކޭ ގޮތުގައި ބެންޖޯގެ ލީޑަޝިޕް ޓީސީ ކަހަލަ ޅަ ޓީމަކަށް ވަރަށް މުހިއްމެވެ.

ސީޒަނުގައި ޓީސީން ކުރިމަތިލި ފުރަތަމަ މުބާރާތަކީ ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ޓީސީން ހޯދިއިރު ޖުމްލަކޮށް އެއް ފެންވަރެއްގައި ހުރިހާ މެޗެއްގައި ކުޅުނު އެއް ކުޅުންތެރިއަކީ ބެންޖޯ އެވެ. އެ މުބާރާތުގައި ބެންޖޯ ގިނައިން ކުޅުނީ ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގަ އެވެ.

ޝެއިހް ކަމާލް ކަޕުގެ ކާމިޔާބީ އަށް ފަހު ޓީސީން އެސްޓީއޯ މާލޭ ލީގު ފެށީ ރަނގަޅު ފޯމެއްގަ އޮވެ އެވެ. އެހެން ނަމަވެސް ގައުމީ ޓީމަށް ފުރުސަތުދޭން އައި ބޮޑު ބްރޭކަށް ފަހު ޓީސީގެ ކުޅުން ދަށްވި އެވެ. އެހެން ނަމަވެސް މާލޭ ލީގުގެ ދެ ވަނަ ބުރުގައި ދެއްކި ތަފާތު ހިތްވަރާ އެކު ޓީސީން ދިވެހި ޕްރިމިއާ ލީގުގެ ފުރުސަތު ހޯދި އެވެ.

ފާއިތުވި ދެ އަހަރު ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމު ހޯދި ޓީސީ މި ފަހަރު ލީގަށް ކުރިމަތިލިއިރު، އެ ޓީމަކީ ލީގަށް ވާދަކުރާނެ ޓީމެއް ނޫން ކަމަށް ހީވި އެވެ. އެހެން ނަމަވެސް އެކަން ފެނުނީ މުޅިން ތަފާތު ކޮށެވެ. ލީގުގެ މިހާ ހިސާބަށް 10 މެޗު ކުޅެވުނުއިރު ލީގުގެ ކުރީގައި އޮތް ނިއު ރޭޑިއަންޓަށް އެންމެ ބޮޑަށް ވާން ކޮށްފައި އޮތް ޓީމަކީ ޓީސީ އެވެ.

ލީގުގައި ފަހަކަށް އައިސް ކުޅުނު މެޗުގައި ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ބެންޖޯ އެވެ. ނިޒާމްބެ ބުނީ ލީޑަރެއްގެ ޒިންމާ ބެންޖޯ ވަރަށް ރަނގަޅަށް އަދާކުރަމުން އަންނަ ކަމަށެވެ.

މާޒިޔާގެ ރަކިޗް (ކ) އަތުން ބޯޅަ ހޯދަން ޓީސީގެ ބެންޖޯ ޓެކުލް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ބެންޖޯގެ ދައުރު ވަރަށް މުހިއްމު. ދެން ބެންޖޯ އެކަންޏެއް ނޫން. ސީނިއާ ކުޅުންތެރިންނަށް ބަލާއިރު ފައްރަ (ފައްރާހު) ވެސް. މި ދެ ކުޅުންތެރިންގެ ދައުރު ވަރަށް ބޮޑު. އެއީ ޓީމެއްގެ ގޮތުގައި ކުޅުންތެރިން އެއްކޮށްގެން މަސައްކަތް ކުރަން. ފޮރިން ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިންގެ ގެޕް ކުޑަކުރަން ދަނޑުތެރެއިންނާއި ދަނޑު ބޭރުން ވެސް މަސައްކަތް ކުރޭ،" ލީގުގައި އެންމެ ފަހުން ކުޑަހުވަދޫ އަތުން މޮޅުވި މެޗަށް ފަހު ނިޒާމްބެ ބުންޏެވެ.

ލީގުގެ މިހާތަނަށް ބެންޖޯގެ ފަރާތުން ފެނުނު ކުޅުން ރަނގަޅު ލެވެލެއްގައި ހުރުމަކީ ނިޒާމްބެ އަށް ލިބުނު އަނެއް ހިތްހަމަ ޖެހުމެވެ.

"ބެންޖޯ ދެ ޕޮޒިޝަނަށް (މަގާމަށް) މި ކުޅުވީ މިހާތަނަށް. އެއީ ބެންޖޯ އާންމުކޮށް ކުޅޭ ދެތަން. ވަރަށް ރަނގަޅަށް މި ލީގުގައި މިހާތަނަށް ބެންޖޯ އަންނަނީ ކުޅެމުން. އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" އޭނާ ބުންޏެވެ.

މިދިޔަ ސީޒަނުގައި ނިއު އަށް ކުޅުމުގެ ކުރިން ބެންޖޯ ވަނީ އައިއެފްސީ އާއި ވީބީ އައްޑޫ އެފްސީ އާއި ކްލަބް ވެލެންސިއާ އަދި ކްލަބް އީގަލްސް އަށް ވެސް ކުޅެފަ އެވެ. ވީބީ އައްޑޫ އެފްސީގެ ކެޕްޓަނެއްގެ ގޮތުގައި ހުރެ އެ ޓީމާ އެކު ބެންޖޯ ވަނީ ކާމިޔާބު ހޯދައިފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް 2009 ވަނަ އަހަރު ފުރަތަމަ ފަހަރަށް ކުޅުނު ބެންޖޯ އަށް އޭގެ ފަހުން ފުރުސަތު ލިބުނީ 2011 ވަނަ އަހަރު އެވެ. އެ އަށް ފަހު މިދިޔަ ހަ އަހަރެއްހާ ދުވަހު އުމުރުން 33 އަހަރުގެ ބެންޖޯ އަށް ގައުމީ ޓީމުން ފުރުސަތު ނުލިބެ އެވެ.

1 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ައަލީ

28 October 2017

ބެންޖޯމެން ކަހަލަ ކުޅުން ތެރިންނަށް ގައުމީ ޓީމުން ޖާގަ ދީގެން ގައުމީ ޓީމް ޑިފެންސް ރަގަޅުވާނީ....ހިޔާލެއް....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454