ކީޕަރު އިޔާން ލިބުނު ފުރުސަތުގައި ތަފާތު ދައްކައިފި

ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި އިއްޔެ ޕެނަލްޓީ ޖަހައިގެން ޖޭޖޭ ސްޕޯޓްސް ކްލަބް އަތުން ދަ ގްރާންޑޭ އަމީގޯސް ނިއުޖެނެރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް) މޮޅުވިއިރު، އެންމެ ގިނަ ބަޔެއްގެ ލޯ އަމާޒުވީ މި މުބާރާތުގެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި ހދ. ނޮޅިވަރަމް އަށް އުފަން އިޔާން އަބްދުލް އަލީމް (ޗިކީ) އަށެވެ. މާޒިޔާގެ ލޯން އެއްބަސްވުމެއްގެ ދަށުން ދަ ގޭންގަށް ބަދަލުވެ އިޔާން ދެއްކީ ތައުރީފް ހައްގު ކުޅުމެކެވެ.


މާޒިޔާއާ 2014 ވަނަ އަހަރު ގުޅުމަށް ފަހު އެ އަހަރު އޮތް ތިން ވަނަ ޑިވިޝަން މުބާރާތުގައި ލޯން އެއްބަސްވުމެއްގެ ދަށުން އިޔާން ކުޅުނެވެ. ޖެހިގެން އައި އަަހަރު މަހިބަދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗެއްގެ 25 މިނިޓް އިޔާން ވަނީ އެ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ.

"އަސްލު ދަ ގޭންގުން ފުރުސަތު ލިބުނީ ރައްޓެއްސެއްގެ ކައިރީގައި އަމިއްލަ އަށް ބުނެގެން. މާޒިޔާ އިން ލޯނެއްގައި ދޫކޮށްލުމުން ދެ ވަނަ ޑިވިޝަން ކުޅެލަން މިއައީ. ދަ ގޭންގުން މި ފުރުސަތު ދިނީމަ ޝުކުރު އަދާކުރަން،" އުމުރުން 24 އަހަރުގެ އިޔާން "މިހާރަ"ށް ބުންޏެވެ.

މިދިޔަ ދެ އަހަރު މާޒިޔާގައި ވާދަވެރި މެޗެއް ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް މި ފަހަރު ދަ ގޭންގުން ލިބުނު ފުރުސަތާ އެކު އިޔާން ހުރީ ރަނގަޅު ކުޅުމެއް ދައްކަން އަޒުމްކަނޑައަޅައިގެންނެވެ. މުބާރާތުގައި ކުޅުނު ފަސް މެޗުން އިޔާން ކައިރިން ވަނީ ދެ ގޯލެވެ. ފައިނަލް މެޗުގައި ޖޭޖޭގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއްގެ ހުރަހަކަށްވީ އިޔާން އެވެ.

ޕެނަލްޓީގައި ޖޭޖޭ އިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ނެދަލެންޑްސްގެ ފޯވާޑް ލިއަންޑްރޯ ރެސީޑާ އާއި ކެޕްޓަން އަބްދުއްރަޝީދު މާހިރު (އަބޫ) ފޮނުވާލި ދެ ޕެނަލްޓީ އިޔާން މަތަކުރި އެވެ. އެއް ޕެނަލްޓީ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު، ޖޭޖޭ އިން ކާމިޔާބުރި ހަމައެކަނި ޕެނަލްޓީން މިދުހަތު ފަހުމީ (ބިޗަޑް) ފޮނުވާލި ބޯޅަ ގޯލަށް ވަނީ އިޔާން އަތުގައި ޖެހިފަ އެވެ.

"މިއީ ތަފާތު ތަޖުރިބާއެއް. މުޅިން އަލަށް ދެ ވަނަ ޑިވިޝަނުގައި ކުޅެފައި މި ކާމިޔާބު ލިބުނީ. މިހާ ހަމައަށް އާދެވުނީމަ ވަރަށް އުފާކުރަން،" އިޔާން ބުންޏެވެ.

މާޒިޔާގެ ގޯލު ބަލަހައްޓަމުން އަންނަނީ ސްޕެއިނުގެ ގޯލްކީޕަރު މައުރޯ ބޮއެޗިއޯ އެވެ. މާޒިޔާގެ ދެ ވަނަ ކީޕަރަކީ ގައުމީ ޓީމުގެ ކީޕަރު ހުސެއިން ޝަރީފް އެވެ. އިޔާންގެ އަޒުމަކީ މާޒިޔާ ޓީމަށް އެރުމެވެ.

"އުއްމީދަކީ މާޒިޔާ ޖާޒީގައި ކުޅެން ލިބުން. އަސްލު މިއީ ޓީމުގައި ކުރި ހިތްވަރު. ދުވަހަކު ވެސް ޕްރެކްޓިސް ކަޓުވާނުލަން. އަބަދުވެސް ގަޑިއަށް ދަން،" އިޔާން ބުންޏެވެ.

މާޒިޔާގައި އެންމެ އެކަށީގެންވާ މިންވަރަށް އިޔާން އަށް ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް އޭނާ އަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ އެޓީމުގެ ކުޅުންތެރިންނާއި އެސިސްޓަންޓް ކޯޗު މުހައްމަދު ސުވެއިދު (ސުވެޓޯ)ގެ ފަރާތުންނެވެ.

"ޓީމުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ. ހާއްސަކޮށް ސުވެޓޯގެ އެހީތެރިކަން ލިބޭތީ މި ފުރުސަތުގައި ޝުކުރު އަދާކުރަން." އިޔާން ބުންޏެވެ.

މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގައި އެއް ފެންވަރެއްގައި ހުރިހާ މެޗެއްގައި ކުޅުނު ކުޅުންތެރިންގެ ތެރޭގައި އިޔާން ހިމެނެ އެވެ. އޭނާ ދެއްކި ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފަ އެވެ.